މުގާބިލާ - 17

(31 ޖަނަވަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ސަގީލާއަކީ ބޭރުފުށުން ފެންނަހައި މައުސޫމު ކުއްޖެއް ނޫންކަން ރިޟްވާނަށް އެނގިއްޖެއެވެ. އަވަށު މީހުންގެ ބޮލަށް ސަވާރުވެ އެމީހުންގެ މައްޗަށް ބާރު ފޯރުވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އޭނާ އެމީހުންނަށް ކިޔައި ދިނީ ގަބޫލު ކުރެވޭ ކަހަލަ ވާހަކައެކެވެ. އެކަކަށްވެސް ކުޑަކޮށްވެސް ޝައްކެއް ނުވެއެވެ. އެހެންވީމާ އެކަކުވެސް ސުވާލެއް ނުކުރެއެވެ. އެންމެން ހަަމަޖެހިލައިގެން އުޅެމުން ގެންދަނީއެވެ. ސަގީލާއަކީ އޭނާގެ ހަލާލު އަނބިމީހާއޭ ބައެއް ފަހަރަށް ރިޟްވާންގެ ހިތަށްވެސް އަރައެވެ.

އަވަށްޓެރިން ހިތް ހަމަ ޖައްސައިލައިގެން ތިބި ނަމަވެސް އަދި އެވަރުން ފުއްދައެއް ނުލެވޭނޭކަން އޭނާއަށް އެނގެއެވެ. އޭނާގެ އެކުވެރިންނަށް ގަބޫލު ކުރެވޭ ކަހަލަ ވާހަކައެއް ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެމީހުން އެ ގެއަށް އަންނާނޭކަން ގައިމެވެ. މި ވަގުތު އެމީހުންނަށް އެނގިފައި އޮތް ގޮތުގައި އޭނާ ވީ ރަށުން ބޭރުގައެވެ. މިހާރު ޗުއްޓީ ހަމަވާން އެއް ހަފުތާއަށް ވެއްޖެއެވެ. އެހެންވީމާ ދެން މި އޮތް ދުވަސްކޮޅުގެ ތެރޭގައި އެމީހުން ގަބޫލުކުރާ ކަަހަލަ ކަންތައްތަކެއް ރާވައި ނުލެވުނިއްޔާ ބޮނޑިއެއް ލިބިދާނެއެވެ.

އޭނާ އެ ދުވަހު ހަވީރު ސައިބޯން އިނދެފައި ސަގީލާއާ ވާހަކަ ދައްކާން ފަށައިފިއެވެ. "މިހެން ތާއަބަދަކު ނުތިބެވޭނެ."

"ދެން ހަދާނީ ކިހިނެއް؟" ސަގީލާގެ ބަހުރުވަ މިހާރު އާދައިގެ ބަހުރުވައަށް ވެއްޓިއްޖެއެވެ.

"ދެމީހުން އަވަހަށް އިންނާންވީ."

"ތިޔައީ ކިހިނެއް ވާނޭ ކަމެއް؟" ސަގީލާ ވިސްނައިލާން ހިނދުކޮޅަކަށްވެސް މަޑުކޮށްލުމެއް ނެތި ބުނެލިއެވެ.

"ކިހިނެއްވީ؟ މިހާރުވެސް އަހަރެމެން މި އުޅެނީ ދެމަފިރިން އުޅޭހެންނެއް ނޫންތަ؟"

"އެއީ މުޅީން އެހެން ކަމެއް. ކާވެންޏަކީ ވަކި ކަމެއް. މި ވަގުތު އަހަރެން ބޭނުން ވަނީ ބޯހިޔާވަހިކަމެއް. މިހެން މި އުޅެނީ އެހެން ވެގެން."

"ތިޔަ ބުނިއެއްޗެއް ނުވިސްނުނު." ރިޟްވާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"ރިޟްވާންގެ މުސާރައަށް ލިބެނީ ކިހައިވަރެއް؟"

"ހުރިހައި އެއްޗެއް އެއްކުރީމާ ހަތަރުހާސް ފަސް ސަތޭކަވަރު ޖެހޭ."

"އަހަރެން އެންމެ ފިހާރައަކަށް ވަދެފައި ނުކުންނަ އިރު ތިޔަ ފައިސާކޮޅު ހުސްވެދާނެ. އަމިއްލައަށް ވިސްނައިލަބަލަ."

"ހުރިހައި އެއްޗަކީ ފައިސާއެއް ނޫނެއްނު؟" ރިޟްވާން ހިތުގައި ޖެހިއްޖެއެވެ.

"ހުރިހައި އެއްޗަކީ ފައިސާ. ޚާއްސަކޮށް ފައިސާގެ ތެރޭގައި އުޅެ ބޮޑުވެފައިވާ މީހަކަށް..." މި ފަހަރު ސަގީލާގެ އަޑުގައި ހިސާބެއްގެ ކިބުރުވެރިކަމެއްގެ އަސަރު ހުއްޓެވެ. "ދެންމެ ތިޔަ ދެއްކި ވާހަކައަކީ ފަގީރުން ދައްކައި އުޅޭ އާއްމު ވާހަކައެއް. އެއީ ކަންތައް އޮންނަ ގޮތެއް ނޫން."

"އަހަރެން ހީކުރީ ސަގީލާ އަހަރެން ދެކެ ލޯބިވާ ކަމަށް."

"ލޯބި... އަހަރެން ބޭނުން ވަނީ މި ލޯބި ދެމި އޮންނާނޭ ގޮތެއް ވާން." ސަގީލާ ވާާހަކަ ދެއްކީ ކުޑަކުއްޖަކަށް ވިސްނައިދޭން ވާާހަކަ ދައްކާ ކަހަލަ ގޮތަކަށެވެ. "ނިކަން ވިސްނާލަބަލަ. ރިޟްވާން އަހަންނަށް އުޅޭނޭ ތަނެއް ފަހިކޮށް ދިނީ. އަހަރެން މިހިރީ މަޖުބޫރީ ހާލަތެއްގައި. އެހެންވީމާ ރިޟްވާން ކޮށްދިން ކަންތައް އަހަރެން ދެކެނީ ހެޔޮ ކަމެއްގެ ގޮތުގައި. ރިޟްވާންގެ ކިބަޔަކުން ވަކި ކަމަަކަށް އަހަރެން ނޭދެން. އަހަންނަށް ކޮށްދިނުން ލާޒިމު ކަންތައްތަކެއް ހުރި ކަމަކަށް ގަބޫލެއް ނުކުރަން. އެކަހަލަ ވިސްނުމެއްވެސް ނެތް. އެކަމަކު އަތްނބަކަށް ވީމާ އަހަރެން އެދޭނީ އަހަރެންގެ ފެންވަރުގެ ކަންތައްތަކަށް. އެއީ ރިޟްވާނަކަށް ކުޅަދާނަ އެދުންތަކަކަށް ނުވާނެ. އަހަރެން މި ވާހަކަަ ދައްކަނީ ރިޟްވާނަށް ހަަމަ ހަގީގަތުގައިވެސް ހެޔޮ އެދޭތީ."

ސަގީލާގެ ކޮންމެ ލަފްޒެއް ތޫނު ތީރެއްހެން ރިޟްވާންގެ މޭ ފޫއަޅުވަމުން ދިޔައެވެ. އޭނާ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "އަހަރެންގެ އާމްދަނީ އިތުރުވެސް ކުރެވިދާނެ."

"ތިޔަހެން ވޭތޯ މަސައްކަތް ކޮށްލާ. އާމްދަނީ އިތުރު ކޮށްފައި ދައްކާ. ކާވެނި ކުރާާނީތޯ ނޫންތޯ ކަނޑައަޅާނީ އޭގެ ފަހުން."

ވާހަކަ ހުއްޓުނީ ބޭރު ދޮރުގައި މީހަކު ޓަކި ޖަހައިލީ އަޑު އިވުމުންނެވެ. އެކަމަކު އޭރު ދައްކާން ހުރި ވާހަކަ ދައްކައި ނިމިއްޖެވެސް މެއެވެ.

* * *

ރިޟްވާން ބޭރު ބަލާން ހުންނަ ލޯވަޅުން ބަލައިލިއެވެ. އޭނާގެ ސިކުނޑި ނޭފަތު ހިނދުރިން ލާފައި ބޭރަށް ފުންމައިނުލީ ކިރިޔާއެވެ. ދޮރުމަތީގައި ތިބީ ސުލައިމާނާއި ޢަދްނާނާއެވެ.

އެ ވަގުތު ރިޟްވާނަކަށް އެއްވެސް އެއްޗެއް ވިސްނައިގަނެވޭ ގޮތެއް ނުވިއެވެ. ސިކުނޑި ހުސްވެއްޖެއެވެ. އޭނާ ދޮރު ހުޅުވާކަށް ނޫޅެއެވެ. ލޯވަޅުގައި ލޯ ޖެހި ގޮތަށް ބުދެއްހެން ގައު ވެފައި ހުރެއްޖެއެވެ. އެކުވެރިން ގެއަށް އަތުވެދާނެއެކޭ އޭނާގެ ހިތަކަށް ފަަހަރެއްގައިވެސް ނާރައެވެ. ރަށުން ބޭރަށް ދާ ވާހަކަ ބުނެފައި އޮތުމާވެސް އެކީގައެވެ.

ސުލައިމާން އަނެއްކާވެސް ރަނގަބީލަށް ފިތައިލިއެވެ. ރަނގަބީލުގެ އަޑަށް ރިޟްވާން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެއްވެސް އިޚްތިޔާރަކާ ނުލައި ކަހަލަ ގޮތަކަށް ދޮރު ހުޅުވައިލެވިއްޖެއެވެ. "ކަލޭމެން..." އޭނާގެ އަޑުގައި ހުރީ ހައިރާންކަމުގެ އަސަރެވެ.

ރިޟްވާން ހުއްޓިގެން ހުރީ ސީދާ ދޮރުމަތީގައެވެ. ސުލައިމާން އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލު ވެފައެވެ. "އަހަރެމެން އެތެރެއަށް ވަނުން މަނައީތަ؟ ފަރުދާ ކުރީތަ؟" ސުލައިމާން އަހައިލިއެވެ.

"އާނ... ނޫން... ނޫނޭ... ކަލޭމެންނަށް އޮންނާނީ ކޮން ފަރުދާއެއް؟" ރިޟްވާނަކަށް ރަނގަޅަކަށް ވާހަކައެއްވެސް ނުދެއްކުނެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގެ ތެރޭގައި ހަމަޖެހިގެންފިއެވެ. "އަހަރެން މި ހުންނަނީ ކަލޭމެންގެ ފަހަރި ގޮވައިގެން ބައްދަލު ކުރަން ދާން ގަސްތު ކޮށްގެން."

"ފަހަރިއޭ؟" ޢަދްނާން ހައިރާން ވެފައި އަހައިލިއެވެ.

"ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދޭނަން. އެތެރެއަށް ވަދޭ." ރިޟްވާން އެއް ފަރާތަށް ޖެހިލިއެވެ.

ދެމީހުން އެތެރެއަށް ވަދެއްޖެއެވެ. ރިޟްވާން ދޮރު ލައްޕައިލިއެވެ. އެއަށް ފަހު އެ ދެމީހުން ގޮވައިގެން ކޮޓަރިއަށް ވަދެ ސަގީލާއާ ބައްދަލު ކުރުވައިފިއެވެ.

"ތަހުނިޔާ... ކަލޭގެ ނަސީބުގެ ތަރި އެރީތާ!" ޢަދްނާން ބުންޏެވެ.

"އެކުވެރިންނާ ބައްދަލު ކުރުވާށޭ އަހަރެން ކިޔާތާ ކޮން ދުވަހެއް؟" ސަގީލާ ލަދުރަކި ގޮތަކަށް ބުނެލިއެވެ. "އަހަރެން ހީކުރީ ރިޟްވާންގެ އެކުވެރިޔަކު ނުވެސް ހުންނަނީ ކަމަށް."

"ތިޔައީ ވަރަށް ބޮޑު ތެދެއް." ސުލައިމާން ސާދާ ގޮތަކަށް ބުނެލިއެވެ. "އޭނާގެ މީހަކު މި ދުނިޔެއަކު ނެތް. އެއީ އެކަނިމާއެކަނި ހުރި ނަފުސެއް."

"ރުޅި އައީތަ؟ މަޖުބޫރުވީއޭ... އެހެން ނޫންނަމަ ކަލޭމެންނާ ނުލައި އަހަރެން އެއްވެސް ކަމެއް ކުރާނަންތަ؟" ރިޟްވާން ދިފާޢުވެލިއެވެ.

"ތިޔަ ވާހަކަ ބާއްވާ. ސިއްރުން ކާވެނި ކުރުމަކީ މަޖުބޫރީއަކަށް ވެދާނެ. އެކަަމަކު އޭގެ ފަހުން ހަފުތާއެއް ވީއިރުވެސް އަހަރެމެންނަކަށް ނާންގާ... އަދި ރަށުން ބޭރަށް ދަނީއޭ ކިޔާފައި ދޮގުވެސް ހެދީނު؟ އެއީ..." ސުލައިމާން ދައްކާން އުޅުނު ވާހަކަ ނުދައްކައި ހުއްޓައިލިއެވެ.

ސުލައިމާނަށް އެހައި ގިނަ މައުލޫމާތު ލިބިފައި ހުރިކަން އެނގުނީމާ ރިޟްވާން ހިމޭން ވެއްޖެއެވެ. ދޮގު ހެދި ސަބަބު އެމީހުން ގާތު ބުނާނީވެސް ކިހިނެއް ހެއްޔެވެ؟

އޭނާ ސަލާމަތް ކޮށް ދިނުމުގެ ގޮތުން ވާހަކަ ފެއްޓީ ސަގީލާއެވެ. "ސުލައިމާންބޭބޭ. އޭނާގެ އެއްވެސް ކުށެއް ނެތް. ކަންތައް ވީގޮތް އަހަރެން ކިޔައި ދީފާނަން."

އޭގެ ފަހުން އޭނާ އެހެރަ އަމުނައިލީ ދޮގު ފަތިވަރުގެ ސަބަބުން ޢަދްނާން ހަމަ ގައިމުވެސް ލަދު ގަތެވެ. ދެމީހުންކުރެ މީހަކަށް ބުނާނޭ ހަމަ އެކައްޗެއްވެސް ނޭނގުނެވެ.

އެކަމަކު ސުލައިމާންގެ ހިތެއް މުޅިއަކުން ހަމައެއް ނުޖެހުނެވެ. "ނުރައްކަލަކާ ކުރިމަތި ނުވާނެއެކޭ އަހަރެންވެސް ނުބުނަން. އެކަމަކު އެކަހަލަ ހާލަތެއް މެދުވެރި ވިޔަސް ރިޟްވާނަށް އަހަރެމެން ގާތު ބުނެވެންވާނެ."

"އޭގައިވެސް އޮތީ އަހަރެންގެ ކުށް. އޭނާ ފުރަތަމަވެސް ބޭނުންވީ ސުލައިމާންބޭބެމެންގެ އެހީތެރިކަން ހޯދަން. އެކަމަކު އެހެން ހަދާނެ ކަމެއް ނެތޭ ބުނީ އަހަރެން."

"އެންމެ ރަނގަޅު. ދެން އެ ވާހަކަ ބާއްވާފައި ސައި ދީ."

ސަގީލާ ސައި ހަދާން ބަދިގެއަށް ވަދެއްޖެއެވެ.

ރިޟްވާން ވަރަށް ދެރަވެފައި ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް ލަދު ގެންފި. އަހަންނަށް މާފު ކުރޭ."

"މާފު ކޮށްފިން. ހީކުރާ ގޮތް އުތަ؟" ސުލައިމާން މޭ ފުއްޕައިލިއެވެ.

ރިޟްވާންގެ ބޮލުން ބޮޑު ބުރައެއް އުފުލިއްޖެއެވެ. އެކަމަކު ސައި ބުއިމުގެ ތެރޭގައި ސުލައިމާނާއި ސަގީލާއާ ދެމީހުން މާ ގާތްކޮށް ވާހަކަ ދައްކާން ފެށީމާ އޭނާއަށް އުނދަގޫވާގޮތް ވިއެވެ. ސުލައިމާނަކީ އަންހެނުންގެ ކަންތަކުގައި ވަރަށް ޗާލާކު މީހެކެވެ. ސަގީލާގެ ފަހަތުން އަޅުވައިނުލާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެހެންވީމާ އެ ދެމީހުންގެ ވާހަކައަށް ހުރަސް އެޅޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ސައިބޮއި ނިމިގެން ގެއަށް ދާން ސުލައިމާނާއި ޢަދްނާނާ ދެމީހުން ތެދުވެއްޖެއެވެ. ރިޟްވާނަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އަންހެނެއްގެ ކަންތައްތަކުގައި އޭނާ އެހައި ދެރަވަރު ވެދާނެއެކޭ ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. އޭނާގެ އެކުވެރިންނަށް ދާންދެން އެތިބީ ޝައްކުގެ މަތީގައެވެ. މިހާރުވެސް އޭނާގެ ލަދު އެބަގަނެއެވެ.

* * *

"ރިޟްވާނަކީ ހަމަ ހަގީގަތުގައިވެސް ނަސީބު ގަދަ ގޮލައެއް. ލިބިފައި އެހެރީ ޕަރީއެއް ކަހަަލަަ ރީތި އަތްނބެއް." ގެއަށް ދިޔަ މަގުމަތީގައި ޢަދްނާން ބުނެލިއެވެ.

"ތިޔަހައި ޔަގީންކަމާއެކު ވާހަކަ ނުދައްކާ." ސުލައިމާން ދިމާކޮށްލިއެވެ.

"ކީކޭ؟"

"ކަލޭގެ އެއް ވާހަކަ ތެދު. އެއީ ވަރަށް ރީތި ކުއްޖެއް. އެކަމަކު އެއީ ރިޟްވާންގެ އަނބިމީހާއޭ ބުނުމަކީ އަދި ކޮށްގެން ވާނެ ކަމެއް ނޫން. އެ ދެމީހުން އަދި ނީންނަ ކަމަށް އަހަރެން ހުވައި ކޮށްފާނަން."

"ކަލޭ ތިޔައީ އަޖައިބެއް ކަހަލަ މޮޔަ ވާހަކަ ދައްކާ މީހެއް." ސުލައިމާން ދެއްކި ވާހަކައެއް ޢަދްނާނަށް ކަމުނުދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ސުލައިމާން ވާހަކަ ދެއްކީ ވަރަށް ޔަގީންކަމާ އެކީގައެވެ. "ރިޟްވާންގެ ނަސީބު ރަނގަޅު ކަމުގެ ވާހަކަ ކަލޭ ތިޔަ ފެށްޓީ މާ އަވަހަށް... ދެން ބުނެބަލަ... ކީކޭ ބުނަން އުޅުނީ؟"

"ބުނާނީ ކީކޭ؟ ކަލެއަކީ ވަރަށް އަވަހަށް މީސްމީހުނާ މެދު ގޮތްގޮތް ނިންމާ މީހެއް. އަދި ކިރިޔާ އަހަންނަށް އެކަން މި ފާާހަގަ ކުރެވުނީ." ޢަދްނާން ބުންޏެވެ.

"އަހަރެން މި ދައްކަނީ ބުއްދި ގަބޫލުކުރާ ވާހަކަ. ހަމަބުއްދީގެ ވާހަކަ."

"ކޮން ބުއްދިއެއް؟"

"އަހަރެމެން ދެމީހުންނަކީ ރިޟްވާންގެ އެންމެ ގާތް ދެ އެކުވެރިން. އަހަރެމެން ފިޔަވައި އޭނާގެ ގާތް މީހަކު މި ދުނިޔެއަކު ނެތް. ގައިގައި މަދިރިއެއް ހެފިޔަސް އޭނާ އަހަރެމެން ގާތު ބުނޭ. ހަމަ ހުރެފައި ކުއްލިއަކަށް އޭނާ މީހަކާ ނީންނާނެ. އިން ނަމަ އަހަރެމެން ގާތު ބުނީސް... އެންމެ ރަނގަޅު... އިނީ ކަމަށް ބަލަމާ ހިނގާ. އިނުމަށް ފަހު އޭނާ އެންމެ ފުރަތަމަ އަންގާނީ އަހަރެމެންނަށް. އެކަމަކު އެހެންނެއް ނުވެއެއްނު؟ އަނެއްކޮޅުން ރަށުން ބޭރަށް ދަނީއޭ ކިޔާފައިވެސް ހެދި ބޮޑު ދޮގެއް. އެއީވެސް އަހަރެމެން އެގެއަށް ހިނގައިދާނެތީ ހެދި ދޮގެއް."

"ރަށުން ބޭރަށް ދާ ވާހަކަ ދެއްކި އިރު އަދި މީހަކާ ނިންނަނީ ކަމަށް ވެދާނެ. އޭރު އަދި ފަހަރިއާ ދިމާނުވަނީ ކަމަށްވެސް ވެދާނެ."

"އަނެއްކާ... ބަލަ ކޮން އިނުމަކާ ފަހަރިއެއްގެ ވާހަކައެއް ތިޔަ ދައްކަނީ؟" ސުލައިމާން ތުން އަނބުރައިލިއެވެ. "ކަލޭގެ ވިސްނުން މުޅިން ނުބައި. އޭނާ އަހަރެންގެ އަތުން ދެހާސް ރުފިޔާ އަތުލީއަކީ ރަށުން ބޭރަށް ދާކަށް ނޫން. އެއީ ގޭގެ ޚަރަދަށް އަތުލީ ފައިސާ. އެ ދެމީހުން ނީންނަ ކަމުގެ އަނެއް ހެއްކަކީ ރިޟްވާންގެ އަމަލުތައް ހުރި ގޮތް. އަހަރެމެން އެގެއަށް ދިޔައީމާ އޭނާ ހުރީ ކަންބޮޑު ވެފައި. އެ ކުއްޖާޔާ އަހަރެމެން ވާހަކަ ދެއްކީމާވެސް އޭނާ ހިތްހަމަ ނުޖެހޭކަން ސާފުކޮށް އެނގޭ. މޫނުމަތީން އެކަން ނިކަން ރަނގަޅަށް ފެންނާން ހުރި. އަހަރެމެން ނުކުތީމާ އޭނާގެ ހިތްހަމަ ޖެހުނުކަންވެސް އެނގުނު."

"އެހެން ވެދާނެ. އެއީ ކަލޭގެ ގޮތް އޭނާ ދަންނާތީ ވީ ގޮތެއް. ކަލެއަކީ އަންހެނުންގެ ކަންތަކުގައި ނުލާހިކު ނުރައްކާތެރި މީހެއް."

"އަހަރެން މިއީ އެކުވެރިންގެ އަބުރަށް އަރައިގަންނަ މީހެއް ނޫންކަންވެސް އޭނާ ދަންނާނެ. ކަލޭ ތިޔަ ދެއްކި ވާހަކަޔާ ގުޅިގެން އަހަރެން ހިތް ބަރެއް ނުކުރާނަން. އެކަމަކު ބުނަންތަ؟ މިކަހަލަ ކަންތައްތައް އަހަރެން ދަންނަ ވަރަކަށް ކަލެއަކަށް ނޭނގޭނެ. ފިރިހެނުން އާއްމު ގޮތެއްގައި ބޮޑަށް ހަސަދަވެރި ވާނީ ނާޖާއިޒު ގުޅުމުގެ ތެރޭގައި އުޅޭއިރު. މީހަކާ އިނދެގެން އުޅޭއިރަކު ނޫން. ރިޟްވާން އުޅެނީ އެ މަންޖެޔާ އިނދެގެން ނަމަ ވަަރަށް ފަޚުރުވެރިކަމާއެކު އަހަރެމެންނާ ބައްދަލު ކުރުވީސް. އެއީ ކީއްވެގެންކަން އެނގޭތަ؟ ފިރިހެނުން މީހުނާ އިނދެގެން ހޭދަކުރާ ފުރަތަމަ ދުވަސްކޮޅު އަނބިމީހާއަށް ވަރަށް ބޮޑަށް އިތުބާރު ކުރާނެ. އެކަމަކު ރިޟްވާން އެ ކުއްޖާއަކަށް އިތުބާރެއް ނުކުރޭ. ދޮންވެ ފައްކާވެފައި އޮތް މޭވާއެއްހެން އޭނާގެ އުނގަށް ވެއްޓުނު ގޮތަށް އެ މަންޖެ އެހެން މީހެއްގެ އުނގަށް ވެއްޓިގެންފާނެތީ އޭނާ އެ ހުންނަނީ ބިރުން ފިތްކެނޑިކެނޑި."

ޢަދްނާން އޭނާގެ ވާހަކަ އަޑު އަހާން ހުރެފައި ބަލިކަށި ރާގަކަށް ބުނެލިއެވެ. "އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ."

"ދެން އޮތީ ނަސީބުގެ ވާހަކަ. އަހަންނަށް ފެންނަ ގޮތުގައި ރިޟްވާން އެ ނުކުތީ ބަރުބާދީގެ މަގަކަށް. އެ މަންޖެ ރީތި މިންވަރަށް ވިޔާާނުދާވެސް ވާނެކަން އަހަންނަށް ޔަގީން. ރިޟްވާން ނަށާނީ އެ މަންޖެ ޖަހާާ ބެރަކަށް. އޭނާގެ ދުވަސް މި ފަހަރު ދާނެ."

"މިހާރު ތިޔަ ގެންދަނީ މާ މައްޗަށް." ޢަދްނާން ދެކޮޅު ހެދިއެވެ.

"އަހަރެން މި ދައްކަނީ ރަނގަޅު ވާހަކަ. އަންހެނުންނާ ބެހޭ ގޮތުން ހުރިހައި ކަމެއް ނޭނގުނަސް އަހަންނަށް ވަރަށް ގިނަ ކަންތައް އެނގޭ. އަންހެނެއްގެ ގޮތް އެނގޭނީ ދައްކާ ވާހަކައިންނާއި އުޅޭ ގޮތުންނާއި ވާހަކަ ދައްކާ ގޮތަކުން. މިކަހަލަ ކަންތައްތަކުގައި ކަލެއަކީ މުރައްކަބު ޖާހިލެއް."

"އަމިއްލަ ޚިޔާލާއި ވަހުމުގެ ތެރެއިން ލާފައި ކަލޭގެ ވާހަކަ ތިޔަ ގެންދަނީ މާ ދުރަށް."

"އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރެވެންޏާ ހަރާދު ކިޔަމާ ހިނގާ. ކޮންމެ ފަަދަ ޝަރުޠަކަށްވެސް އަހަރެން ގަބޫލު."

"އަހަންނަށް މާފު ކުރޭ." ޢަދްނާން ދެއަތް ޖޯޑުކޮށްލިއެވެ.

"އަދި ބުނަންތަ؟ ރިޟްވާން މަޑުމަޑުން ވިޔާނުދާ ބަމުންދާތަން ކަލެއަށް ރީތިކޮށް ފެންނާނެ."

* * *

އެ ރޭ ރިޟްވާން އުޅުނީ ކުޑަކޮށް ހާސްކަންމަތީގައެވެ. ކާވެނީގެ ވާހަކަ ދެއްކީމާ ސަގީލާ އެކަމަށް އިންކާރުކޮށް ތަންކޮޅެއް ހަރުކަށިކޮށް ވާހަކަ ދެއްކީ ގަސްތުގައެވެ. ސުލައިމާނާ މާ ގާތްކޮށް ވާހަކަދެއްކީވެސް ރިޟްވާންގެ ހިތުގައި ޖެއްސުމުގެ ބޭނުމުގައެވެ. ރިޟްވާންގެ ހިތުގައި މިހާރު އަނދަމުން ދަނީ ނުރައްކާތެރި އަލިފާނެކެވެ. އެންމެ ގާތް އެކުވެރިޔާ ދެކެވެސް ރުޅި އަންނާން ފަށައިފިއެވެ.

ސަގީލާއަށް އޭނާގެ ހާލަތު ވަރަށް ރަނގަޅަށް ވަޒަން ކުރެވިއްޖެއެވެ. "ކިހިނެއްވީ؟ އަހަރެން ދެކެ ނުރުހިފައިތަ؟" އޭނާ ރިޟްވާނާ ކައިރިވެލިއެވެ.

"ނޫނޭ. އެކަހަލަ ކަމެއް ވީއެއް ނޫން."

"އަހަރެން ދެއްކި ވާހަކައެއް ނޫނީ ކުރި ކަމެއް ކަމުނުދިޔައީތަ؟"

"ނޫން."ރިޟްވާން ބުނެލިއެވެ. އެކަމަކު އެ ވާހަކަ ނުދައްކައެއް ކެތެއް ނުކުރެވުނެވެ. "ސަގީލާއަކީ މައުސޫމު ކުއްޖެއް. އެކަމަކު އަހަރެންގެ އެކުވެރިޔާއަކީ ކިހައި ވަރެއްގެ މީހެއް ކަމެއް ނޭނގޭނެ. އެއީ ވަރަށް ނުލަފާ މީހެއް. އަންހެނުންގެ ކަންތަކުގައި ރަނގަޅު މީހެއް ނޫން."

"ތިޔަ ދައްކަނީ ކާކުގެ ވާހަކައެއް؟"

"ސަގީލާއަށް އެނގޭނެ. އަހަރެން މި ދައްކަނީ ސުލައިމާނުގެ ވާހަކަ."

"ނޫނޭ... އެއީ ނުލާހިކު ރަނގަޅު މީހެއް. ވާހަކަވެސް ދެއްކީ ނުލާހިކު ލޯބިން." ސަގީލާާ ބުނެލިއެވެ.

"އޭނާގެ ގޮތް އަހަރެން މާ ރަނގަޅަށް ދަންނަން."

"އަހަރެން ހީނހީނފައި އޭނާޔާ ވާހަކަ ދެއްކީ ރިޟްވާންގެ ރައްޓެއްސަކަށް ވާތީ. އެއީ އަހަރެންގެ އާދަ. އެކަމަކު ދެން އޭނާޔަކާ ވާހަކައެއް ނުދައްކާނަން. އޭނާ ގާތު ސީދާ އެހެން ބުނެފައި..."

"ތިޔަ ކަހަލަ ކަމެއް އޮޅިގެންވެސް ނުކުރާތި. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ." ރިޟްވާން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"އަހަރެން މިއީ މުނާފިގެއް ނޫން. ސީދާ ތެދު ބަހުން ވާހަކަ ދެއްކުމަކީ އަހަރެންގެ އާދަައެއް."

"އެންމެ ރަނގަޅު. އަހަރެން ދެއްކި ވާހަކަތައް ހަނދާން ނައްތައިލާ."

"އެއީ ހަނދާން ނައްތައިލާ ކަހަލަ ވާހަކަތަ؟" ސަގީލާ ދުލެއް ނުކުރިއެވެ. "ރިޟްވާން އަހަންނަށް ތައުހީނުކުރީ. އަހަންނަށް މެދުވެރިވީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ރިޟްވާނަށް އަހަރެން ލިބުނީ މުޅީން ހިލޭ. އަހަރެން މިއީ ގޮނޑުން ހޮވި އެއްޗެކޭ ހިތާން ފެށީ އެހެން ވެގެންތާ. އަހަރެން މިއީ ފެންނަ ކޮންމެ މީހަކާ ހިތާވާ މީހަކަށް ހެދީނު؟ ރިޟްވާން ތިޔަ ދެއްކީ ވަރަށް ވިޔާނުދާ ވާހަކައެއް. އަހަންނަށް ޝައްކުވެސް ކުރާން ފެއްޓީ."

"ނޫނޭ... ނޫނޭ... ސަގީލާ. އަހަންނަށް މާފުކުރޭ." ރިޟްވާން ހާސްވެއްޖެއެވެ. "އެއީ ތިޔަ ހީކުރާ ކަހަލަ ނިޔަތެއްގައި އަހަރެން ދެއްކި ވާހަކައެއް ނޫން."

ސަގީލާ ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ. ރިޟްވާންގެ ހާސްކަން ބޮޑު ވެއްޖެއެވެ. ސަގީލާ ގަޔާލައި ބޮނޑިކޮށްލިއެވެ، ސަގީލާ ބޭނުންވީ ގޮތަކީވެސް އެއީއެވެ. އެ ގާތްކަމުގެ ތެރެއިންވެސް ރިޟްވާން އަސްލު ވާހަކަ ހަނދާން ނައްތައެއް ނުލައެވެ. "ސަގީލާ. އަހަންނާ އިނދޭ. ހިނގާ ދެމީހުން ކާވެނި ކުރަން."

"ތިޔަ ވާހަކައަށް އަހަރެން ޖަވާބެއް ދީފިން."

"ހެޔޮ ނުވާނެ... ތިޔަހެން ނުހަދާ. ސަގީލާއާ ނުލައި އަހަންނަކަށް ނޫޅެވޭނެ."

ސަގީލާ ހިނިތުންވެލިއެވެ. "ސަބަބުވެސް އަހަރެން އޮންނާނީ ބުނެފައި."

"އަހަރެން ވަރަށް ބައިވަރު ފައިސާ ހޯދާނަން."

"އަހަރެން ދެކެ ލޯބި ވަންޏާ ކޮންމެވެސް ކަމެއް ކުރޭ. މޮޅު ކަމެއް ކޮށްފައި ދައްކާ. އޭރުން އަހަރެން ވިސްނާނަން. އެހެން ވާހަކައެއްވެސް ބުނެލާނަން. އަހަރެންވެސް ރިޟްވާން ދެކެ ލޯބިވޭ."

ކުރިއަށް ކުރާނޭ ކަމެއް ހަމަ އެ ވަގުތު ރިޟްވާން ކަނޑައަޅައިފިއެވެ.

(ނުނިމޭ)

19 ޚިޔާލު

  1. ފުސްބިއްލޫރި ވެސް އެނިމުނީ.ދެން މުގާބިލާ ވާހަކަ ކޮންމެ ދުވަހަކު ގެނެސްދެއްވަންވީ ނޫންތޯ.ހަފްތާއަކު އެއްދުވަހު ގެނެސްދެއްވަން ނިންމެވީ ކިޔުންތެރިންގެ ޚިޔާލަށް ބައްލަވާފަ. ގައިމުވެސް ބައިތަކުގެ ދޭތެރެ ދުރުކަމުގެ ޝަކުވާ މިހާރު ވަރަށް ފެނޭ.

  2. Mi vaahaka feshunu hisaabun dhimaavi Naeem e Rilvaan haa dheenah ulhunu meeheh ves noon.ekamaku eeman kan Rilvaanah vure maa varugadha imthihaanaa kurimathi vi iru.mulhi
    umuru heyokan kuramun ai Rilvan ge hurihaa kameh beykaaru evee budhdhi faskurumun.Ran'galhu filaavalheh libidhey vaahaka eh.

  3. ވަރަށް ޝައުގުވެރި ހިސާބަކުން މެދުކަނޑާލަން މިޖެހުނީ. ކިހިނެއް ހަދާނެބާ!! މަގުން ކައްސާލާފަ އެހުރި ރިޟްވާނު ކޮންމެފަދަ ނުބައިކަމެއްވެސް މިހާރު ކޮށްލަފާނެ

  4. މިވީހާތަނަކަށް މިކަހަލަ ވާހަކައަކާ އަދި ހަމަ ލައްވައެއްނުލާ . ވަރަށް ތަފާތު ވާހަކައެއް. އިބުރަތްތެރިވެފަ ސަޅިވެސްމެ.ސްޓޯރީލައިން ވަރަށް ގަދަ..ލިޔުނުމީހާ ހަބޭސް.ނަޢީމަށް އައްސަރިބަހާ ސާބަސް..އާބަޔަށް ކުރަންޖެހޭ އިންތިޒާރުގެ ދިގުކަން ހިތަށް ތުރާކުރިޔަސް، ކުރެވުނު އިންތިޒާރުގެ އަގު އާބަޔާއެކު ލިބިދޭ?

  5. ވަރަށް ޝައުގުވެރި.ނަޢީމުބޭބެ ގެ ތަރުޖަމާކުރުން ވަރަށް ހިތްގައިމު..ކުރަކި ކަމެއްނެތް،އޮމާން ތަރުޖަމާކުރުމެއް.ބޭނުންކޮށްލާ ލަފުޒުތައް ވެސް ދޯ.ސަތޭކަ ދޭނަން??

  6. ވަރަށް ޢިބްރަތްތެރި ރީތި ވާހަކައެއް❤
    ދެންއޮތްބައި ހުކުރު ދުވަހު ވަރަށް އަވަހަށް ކިޔަންލިބޭނެކަމުގެ އުއްމީދާއެކު ވާހަކައަށް އިންތިޒާރުކުރަން.

  7. މިކަހަަލަ ވާހަކައެއް އަދި ދުވަހަކުވެސް ނުކިޔަން. ޝައުގުވެރި ރީތި ވާހަކައެއް. ކޮންމެ ދުވަހަކު އާ ބައެއް ކިޔާާލަން ލިބޭނެ ގޮތެއް ނުހެދޭނެތަ. މިހުރީ ވާހަކައަކީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.