(25 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
"ރަނގަޅު. ތިޔަ ގުޅުއްވީ ކާކަށްތޯ؟"
"މި ގުޅީ ހަމަ ތިޔަ ބޭފުޅާއަށް. ތިޔައީ ރިޟްވާނެއް ނޫންތޯ؟"
"މިއީ ރިޟްވާން. ތިޔައީ ކޮން ބޭފުޅެއްތޯ؟"
"ރިޟްވާނަކަށް އަޅުގަނޑު އެނގިވަޑައެއް ނުގަންނަވާނެ. އެކަމަކު އަޅުގަނޑު ރިޟްވާން ދަންނަން."
"ވިދާޅުވޭ... އަޅުގަނޑަށް ކޮށް ދެވޭނީ ކޮން ކަމެއްތޯ؟"
"ތިޔަހައި ރަސްމީކޮށް ވާހަކަ ނުދައްކަވާ. އަޅުގަނޑު މި ފޯނު ކުރީ ނުލާހިކު ލޯތްބާއި އިޚްލާސްތެރިކަމާއެކު." އަނެއްކޮޅުން ހީނގެންފައި ބުންޏެވެ.
"މާފު ކުރައްވާ." ރިޟްވާން ބުންޏެވެ. "ވެގެން އުޅޭ ގޮތެއް އަޅުގަނޑަކަށް އަދިއެއް ނުއެއް ވިސްނޭ. މީހަކު ފޯނެއް ކޮށްފާނޭ ކަމަކަށް..."
"އަޅުގަނޑަށް ކޮށްދެއްވާނީ ކޮން ކަމެއްތޯ ނާއްސަވާ. ޚިދުމަތް ކުރުމަކީ އަޅުގަނޑުމެންގެ ކަމެއް."
ރިޟްވާނަކަށް އެ ކުއްޖާ އެ ދައްކާ ވާހަކައެއް ހަމަ އެއްގޮތަކަށްވެސް ފަހުމެއް ނުވިއެވެ. "އަދިވެސް އަޅުގަނޑަކަށް ނުވިސްނޭ."
"އަޅުގަނޑަކީ މަސައްކަތްތެރިއަކީމު. ވަރުބަލިވެފައިވާ ހަށިތަކަށް އަރާމާއި އުފާވެރިކަން ގެނެސްދިނުމަކީ އަޅުގަނޑުމެންގެ މަސައްކަތް."
ރިޟްވާންގެ ޝައުގުވެރިކަން ޖެހޭން ފަށައިފިއެވެ. "އެއީ ކިހިނެއްތޯ؟"
"އަޅުގަނޑުމެންގެ މުވައްޒަފުންނަކީ ތަމްރީނު ލިބިފައިވާ މީހުން. ވަރުބަލިކަން ލިބެނީ ހަށިގަނޑުގެ ކޮން ގުނަވަނަކަށްކަން އެމީހުން ވަރަށް ރަނގަޅަށް ދަންނާނެ. މާލީސް ކުރާންވީ ކޮން ތަނެއްކަން އެމީހުންނަށް އެނގޭނެ."
"ތިޔަ ވިދާޅުވާ އިދާރާއަކީ ކޮބައިކަމެއް އަޅުގަނޑަކަށް އަދިވެސް ނޭނގޭ." ރިޟްވާން ބުނެލިއެވެ.
"ސިންޑްރެއްލާގެ ނަމުގައި ހުންނަ މާލީސްކުރާ ތަނަކީ އަޅުގަނޑުގެ ތަނެއް. ރިޟްވާން ތިޔަ އުޅުއްވާ ހިސާބުގައި އުޅޭނީ ހައްތަހާވެސް ބޮޑެތި ވިޔަފާރިވެރިން. އެއީ ތަންތަނަށް ގޮސް އުޅޭނޭ ފުރުސަތެއް އޮންނަ ބައެއް ނޫން. އެހެންވީމާ އެމީހުން މަސައްކަތުން ނިމިގެން ގެއަށް އައިސް ހަމަޖެހިލީމާ ރޭގަނޑު އަޅުގަނޑުމެން އެމީހުންގެ ޚިދުމަތަށް މާލީސްކުރާ މީހުން ފޮނުވައިދެން. ރިޟްވާން ތިޔަ ވަޑައިގެންނެވީ އަލަށް. އެހެންވީމާ އެފަދަ ޚިދުމަތެއް ބޭނުންފުޅުތޯ އޮޅުންފިލުވައިލުމުގެ ގޮތުން ގުޅައިލީ."
"އާދެ... އާދެ... ބޭނުން" ރިޟްވާން ބޯ ކަހައިލިއެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރޭގައި އެކި ކުލައިގެ އެކި ގައުމުގެ މީހުން އުޅޭނެ. ބޭނުންފުޅުވާ ވައްތަރެއް ވިދާޅުވޭ."
އެ ކުއްޖާ އެބުނާ ސިންޑްރެއްލާއަކީ އެންމެ މި ޒަމާނުގެ ރަންޑީޚާނާއެއްކަން ރިޟްވާނަށް އެނގި ނިމިއްޖެއެވެ. "މި ގައުމުގެ ދޭސީ ކުއްޖަކު ފޮނުއްވައިދެއްވާ. ކަމަނާގެ ހޮއްވެވުމުގައި ހުރި ވަރެއްވެސް ބަލައިލާން ވާނެތާ."
"މިހައިތަނަކަށް އަދި އެއްވެސް މީހަކު ޝަކުވާއެއް ކޮށްފައެއް ނެތް." އެ ކުއްޖާ ހީނގަތެވެ. "އެންމެ ރަނގަޅު. ގަޑިއެއްހައި އިރުގެ ތެރޭގައި ޚިދުމަތްތެރިޔަކު ދާނެ."
"އަޅުގަނޑު އިންތިޒާރު ކުރާނަން. ކަމަނާގެ ނަން ވިދާޅުވާނުތޯ؟"
"އަޅުގަނޑަށް މީހުން އާއްމުކޮށް ކިޔައި އުޅޭ ނަމަކީ މެޑަމް ޒޫބީ."
ފޯނު ބާއްވައިފިއެވެ. އެއް މައްސަލައިގެ ހައްލު މި ލިބުނީ އިނގިއްޔެއްވެސް ހިއްލައިލުމަކާ ނުލައި ވަރަށް ފަސޭހައިންނެވެ. އޭނާގެ ހިތަށް އެރިއެވެ. ފައިސާއަކީ ހާދަހައިވާ ބާރުގަދަ އެއްޗެކެވެ.
އޭނާ ދޮރުފާރަވެރިޔާއަށް ގުޅާފައި އަންހެނަކު އަންނާނެ ވާހަކައާއި ސުވާލަކާ ނުލައި އެތެރެއަށް ފޮނުވާށޭ ބުނެފިއެވެ.
އެއްގަޑިއިރު ފަހުން ފެނުނު މަންޒަރުގެ ސަބަބުން އޭނާގެ ހިތަށާއި ސިކުނޑިއަށް ލިބުނު އުފާވެރިކަމަކީ ބަޔާން ކުރާން އުނދަގޫ އުފާވެރިކަމެކެވެ. އެއީ ހޫރެއް ފަދަ ރީތި ކުއްޖެކެވެ.
* * *
މެޑަމް ޒޫބީ ސުލައިމާނަށްވެސް ފޯނު ކުރިއެވެ. އެކަމަކު އޭނާގެ ފަރާތުން ލިބުނީ މާކަ އެދެވޭ ޖަވާބެއް ނޫނެވެ. "ހަށިގަނޑުގެ ވަރުބަލިކަމޭ..؟ އަހަރެން ދުވާލު ހަތަރުދަމު އަރާމު ކުރަނީ. ބޭނުންހައި އެއްޗެއް ގެނެސްގެން ކަނީ. އަހަރެން ވާންވީ ކޮން ވަރުބައްޔެއް؟ ކަލޭމެން އަހަންނަށް ދޭނީ ކޮން ޚިދުމަތެއް؟"
"އެހެންތޯ؟ އެހެން ވެއްޖެއްޔާ ތިޔަ އުޅުއްވަނީ ކަންނެތްކަމުގެ ބައްޔެއްގެ ތެރޭގައި." މެޑަމް ޒޫބީ އުއްމީދު ކަނޑައެއް ނުލައެވެ. "ތިޔަކަމުގެ ތަމްރީނު ހޯދައިފައި ތިބި މީހުންވެސް އަޅުގަނޑުމެން ގެންގުޅެން. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަންނެތްކަން ފިލުވައި ލޭ ހިނގުން ރަނގަޅުކޮށް ނޭވާ ތާޒާކޮށްލަދޭނެ." އެ ދައްކަނީ އަންހެން ކުދިންގެ ވާހަކަކަން ވިސްނޭ ގޮތަށް މެޑަމް ޒޫބީ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެކަމަކު ސުލައިމާނަކީ ތަފާތު މިޒާޖެއްގެ މީހެއްކަން ދެނެގަންނާކަށްވެސް އުނދަގުލެއް ނުވިއެވެ. އެހެންވީމާ އޭނާ ވާހަކަ ދެއްކީ ފަރުވާތެރިކަމާ އެކީގައެވެ. އެއީ ކޮންމެހެން ފުލުހުން ދެކެ ގަންނަ ބިރަކުން ނުވަތަ ސަރުކާރުގެ އެހެން ބަޔަކު ދެކެ ގަންނަ ބިރަކުންނެއް ނޫނެވެ. އޭނާގެ ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ސަރުކާރުގެ ބޮޑެތި މީހުންވެސް ހިމެނެއެވެ. ފުލުހުންގެ އިސް ސަފުގެ އޮފްސަރުންވެސް ހިމެނެއެވެ.
"އަހަރެންގެ ކަންނެތްކަމަކީ ޖިސްމާނީ ކަންނެތްކަމެއް ނޫން. އަހަރެން ބޭނުންވަނީ ރޫޙާނީ ފަރުވާ. ތިޔަ ތާނގައި ޞޫފީ އިމާމަކު، ދަންނަބޭކަލަކު ހުރިއްޔާ ފޮނުވާ."
"ތިޔައީވެސް ކުރެވިދާނޭ ކަމެއް. އެކަމަކު މަނިކުފާނަށް ވިސްނިވަޑައިނުގަތަސް މައްސަލައަކީ ހަމައެކަނި ރޫޙާނީ ކަންނެތްކަމެއް ނޫން. ޖިސްމާނީ ފަރުވާވެސް ބޭނުންފުޅުވާނެ."
"ތިޔަކަމާ ފިކުރު ނުކުރޭ. އަހަރެން މިއީ ޤަދީމީ ޒަމާނުގެ ވަހުޝީ އިންސާނަކީން. މަސްވިއްކާ ފިހާރައިން ގަންނަ މަހާއި ހޮޓަލުގައި ކައްކާފައި ހުންނަ ކާނާ އަހަންނަކަށް ކަމަކު ނުދޭ. އަހަރެންގެ އަރުން ހިނގާނީ ޝިކާރަކޮށްގެން ކާ އެއްޗެހި. ފައިސާ ދީފައި އަހަރެން ގަންނަނީ ފަރުނީޗަރު ކަހަލަ ސާމާނު."
"މަނިކުފާނު ތިޔަ ދައްކަވަނީ އަޅުގަނޑު މާޔޫސް ވާ ކަހަލަ ވާހަކަ." މެޑަމް ޒޫބީއަކީ މާޔޫސް ވާކަހަލަ މީހެއް ނޫނެވެ. "އެންމެ ފުރުސަތެއް ދެއްވާ. ހުރިހައި ނަސްލެއްގެ ހުރިހައި ކުލައެއްގެ ކުދިން މިތާނގައި އެބައުޅޭ." މި ފަހަރު އޭނާ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ބުނެލިއެވެ.
"ތިޔަ ކަމަކާ އަހަރެން ޝައްކެއް ނުކުރަން." ސުލައިމާން ބުނެލިއެވެ. "ފޯނު ނަންބަރު ދީ. ބޭނުމެއް ޖެހިއްޖެއްޔާ އަހަރެން ގުޅައިލާނަން."
މެޑަމް ޒޫބީ އޭނާގެ ފޯނު ނަންބަރާއި އެޑްރެސް ސުލައިމާނަށް ދިނުމަށް ފަހު ބުނެލިއެވެ. "ޝިކާރަ ކުރައްވަން ބޭނުންފުޅިއްޔާ ވަރަށް ރީތި ފުއްލާއެއްގެ ފޯނު ނަންބަރު އަރުވައިފާނަން. އަމިއްލަފުޅަށް ގުޅުއްވައިގެން ޝިކާރަ ކުރައްވާ."
"ޝުކުރިއްޔާ. ބޭނުމެއް ނޫން." ސުލައިމާން ބުންޏެވެ. "ތިޔަ ދައްކަނީ ފުއްލާގެ ވާހަކައެއްނު؟ އަހަރެން މިއީ މިނިކާވަގުގެ ޝިކާރަވެސް ވަގުބުޅަލުގެ އެހީގައި ކުރާ މީހަކީމެއް ނޫން. އަދި އެހެން ވާހަކައެއްވެސް ބުނެލަން ބޭނުން. އަހަންނަކީ ޝިކާރަކޮށްގެން ލިބޭ އެއްޗެއް ޖަންގަލީ ޖަނަވާރުގެ ކުރިމައްޗަށް އެއްލައިލުމާވެސް ދެކޮޅު ހަދާ މީހަކީން."
މެޑަމް ޒޫބީގެ ހިތަށް އެ ވަގުތު ހުތުރު އެތައް އެއްޗެއް އެރިއެވެ. އެކަމަކު ދުލާ ހަމައަށް އައީ އެހެން ޖުމުލައެކެވެ. "އަޅުގަނޑުގެ ވާހަކަ އަޑު އެއްސެވީތީ ޝުކުރިއްޔާ."
ސުލައިމާން ފޯނު ބާއްވައިފިއެވެ.
އޭނާގެ ވާހަކަ އަޑުއަހާން އިން ޢަދްނާން އަހައިލިއެވެ. "ކާކު؟"
"މިޒަމާނުގެ ދައްލާލެއް."
"ފައިސާވެރިއަކަށް ވީމާވެސް ކަލެއަކަށް އެއްވެސް ބަދަލެއް ނާދޭ. އަދިވެސް ހަމަ އެކަހަލަ..."
"ލުއްޗާއެއް ދޯ؟" ޢަދްނާންގެ ޖުމުލް ފުރިހަމަ ކޮށްދިނީ ސުލައިމާނެވެ. "ފައިސާގެ ސަބަބުން އަހަރެން ބަދަލު ނުވަނީ ދެ ސަބަބަކާ ހުރެ. އެއް ސަބަބަކީ އަހަންނަށް ފައިސާ ލިބުނީ އަހަރެންގެ އެދުމެއްގެ މަތީން ކަމުގައި ނުވުން. އަހަރެން މިއީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހަކީމެއް ނޫން. ދެވަނަ އަށް... ފައިސާގެ ސަބަބުން ވާ ކަމަކީ ކޮބާ؟ މީހާ ވިޔާނުދާ ވުމެއްނު ދޯ؟ އަހަރެން މިއީ ފައިސާ ނެތް އިރުވެސް ވިޔާނުދާ މީހަކީން؟ އެހެންވީމާ އަންނާން އޮންނާނީ ކޮން ބަދަލެއް؟"
"ކަލޭގެ ފަލްސަފާ އަހަރެންގެ ބޮލަކަށް ކުއްލިއަކަށް ނުވަދޭ. ވިސްނުނަސް ވިސްނެނީ ތަންކޮޅެއް ފަހުން." ޢަދްނާން ބުންޏެވެ.
"ފަހުން ވިޔަސް ވިސްނޭތީ ޝުކުރު ކުރޭ. ޤުދުރަތުން އަހަރެން ދުނިޔެއަށް ފޮނުއްވައިފައި މި ވަނީ ވަގުތަށް ވުރެ ކުރިން... ދެން އެ ވާހަކަ ބާއްވާ. އަހަރެމެން ވިސްނަމުން ދިޔައީ ކުރާނޭ ވިޔަފާރިއަކާމެދު."
"ތިޔައީ ވިސްނަން ޖެހޭ ކަމެއްތަ؟ ކޮންމެ ކަމެއްވެސް ކުރެވިދާނެނު؟"
"ތިޔައީވެސް ދޮގެއް ނޫން. ކަލެއަށް ފެންނަ ގޮތުގައި އަހަންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ. އެކަމަކު ހުރަހެއްވެސް އެބައޮތް. މި ފައިސާ އަހަންނަށް ލިބުނީ ކިހިނެއްކަން ކަލެއަށް ނޭނގުނަސް އަހަންނަށް އެނގޭ."
"އެހެން ވެއްޖެއްޔާ ބުނެބަލަ. ކިހިނެއް ލިބުނު ފައިސާއެއް؟" ޢަދްނާން ސުވާލު ކުރިއެވެ. ސުލައިމާނަށް ލިބުނު ކުއްލި މުއްސަނދިކަމާމެދު އޭނާގެ ހިތުގައި މީގެ ކުރިއަކުން ޝައްކެއް ނުއުފެދެއެވެ.
"މިއީ ޝައިޠާނާ ދިން ފައިސާ."
ޢަދްނާން އޭނާގެ އެކުވެރިޔާ އާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އޭނާގެ މޫނުމައްޗަކުން ސަމާސައިގެ އަސަރެއް ނުފެނެއެވެ. "މިއީ ޝައިޠާނާ ކަލެއަށް ހޯދައިދިން މުއްސަނދި ކަމެއް؟"
"ނޫނޭ. އަހަރެން މިއީ ކުރީއްސުރެ ޝައިޠާނާގެ ބައިވެރިއަކީން. މިއީ އެކަލޭގެ ރިޟްވާނަށް ހޯދައިދިން މުއްސަނދިކަމެއް. އަހަންނަށް މި ފައިސާއާއި ގެ ލިބުނީ ރިޟްވާންގެ ސަބަބުން."
"ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ." ޢަދްނާން ހައިރާންވެފައި ބުނެލިއެވެ.
ސުލައިމާން އޭނާއަށް ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދީފިއެވެ.
ޢަދްނާންގެ ހައިރާންވީ ވަރުން އަނގަ ހުޅުވުނެވެ. "އެކަމަކު ރިޟްވާނާއި ކަލެޔާ ދެމީހުންނަކީ ދުޝްމިނުންނެއް ނޫނެއްނު؟"
(ނުނިމޭ)
Rilvaan bismi kiyan paree eh kahala kujjeh.
Dhevana thajuribaa kuree faharaa nubadhdhalu.hooreh kahala kujjeh.thinvana fahareh athuvejjeyyaa kihaa varakun dhaanebaa.hehe
Haadha kurey.
Hafthaa aku eh faharu liyaa iru dhigukoh genesdhevunas komme dhuvahaku genesdheyn veema evaru nuve hin-gaidhaane .liyuntherin kuraanee hama ekani mi maskkaiy noon viyyaa dhoa.aharemen kiyuntherin maruhabaa kiyaanamu dhuvaalu dhe dhalhayah genayas..e hama kiyaahiy vaathee vaavaru.
Vaahaka hurithoa dhethin faharu belijje..
shukran?.varah shauguveri hisaabakah vaahaka gossa miothee mihaaru.avahah kiyaalaanan
?
??
ޝައިތާނާ އުޅެއުޅެވެސް ކުރިން ނުބައި މަގުގައި ހިނގި ސުލައިމާން ލަންބައި ލެވޭގޮތެއް ނުވި.އެކަމަކު ދީނަށް އުޅުނު ރިޟްވާން ގެ ބުރަކަށި މައްޗަށް އެރޭ ވަރަށް ގުދު ކުރާކަށް މާކަބޮޑު ތުރާލެއް އުފުލާކަށް ނުޖެހުނު.ސަހަރޯ!ޢިބްރަތުން ފުރިފައިވާ ވާހަކައެއް.ނަޢީމްބޭބެ ގެ މި ހުށަހެޅުން ވަރަށް ކަމުދޭ.ނަޢީމްބޭބެ މަސައްކަތުގައި ބަރަކާތް ލައްވާ އަދަށްވުރެ ފަހި މާދަމަ އެއް ދެއްވާށި