މުގާބިލާ - 3

(2 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އިބިލީސް އޭނާގެ ތަގުރީރު ފަށައިފިއެވެ. "ލޯބިވާ ދަރިންނޭ. މިއަދަކީ އަހަރެމެންނަށް އައި ވަރަށް ބަރަކާތްތެރި ދުވަހެއް. އުފާވެރި ދުވަހެއް. މިއަދު ސަނަދު ލިބިގަންނަ ހުރިހައި ދަރިވަރުންނަށް އަހަރެން ތަހުނިޔާ ކިޔަން. އަދި ކިޔަވަމުންދާ ދަރިވަރުންނަށް ހިތްވަރާއި ވިސްނުންތެރި ކަމާއެކު ކިޔަވަމުން ގެންދިއުމަށް ނަސޭހަތްތެރިވަން. އަމަލީ މައިދާނަށް ނުކުމެ އަހަރެންގެ ނަން އިތުރަށް ކަޅު ކުރުމުގެ މަސައްކަތް ކުރެވޭނޭ ގޮތަކީ އެއީ."

"ހުރިހައި ދަރިވަރުން ސިކުނޑިން ފިލައިގެން ނުދާނޭހައި ބޮޑަށް ހަނދާނުގައި ހަރުލައްވާން ޖެހޭ ކަމެއްގެ ވާހަކަަ މިއަދުވެސް ބުނެލާން ބޭނުން. ހަނދާން ކުރާތި. އާދަމުގެ ދަރީންނަކީ އަހަރެމެންގެ އަޒަލީ ދުޝްމިނުން. ދާއިމީ ހަތުރުން. އަހަރެމެން ދިރިދެމި ތިބެނީ އެމީހުންގެ ދެކޮޅުވެރީންގެ ގޮތުގައި. އަހަރެން ގިޔާމަތާ ހަމައަށް ލަހައްޓަވާން ނިންމަވައިފައި ވަނީ އެހެން ވެގެން. އާދަމުގެ ދަރީން އުފެއްދެވުމުގެ ކުރީން އަހަރެންގެ މަގާމަކީ... އަހަރެންގެ މަގާމަކީ ހާދަހާމަތިވެރި މަގާމެކޭ." އައި ވަރުގަދަ ޖޯޝަކާއެކު އިބިލީސް މޭގައި އަތުން ތަޅައިގެންފިއެވެ. "އޭރު އަހަންނަކީ މުޢައްލިމުލް މަލަކޫތު. މަލާއިކަތުންގެ އެދުރު. އެފަދަ މަތިވެރި ދަރަޖައެއްގައި ހުއްޓައި ކުއްލިއަކަށް އަހަންނަށް އެންގެވީ ނަޖިސް މަށިގަނޑަކަށް ސަޖިދަ ޖަހާން. އެއީ އަހަންނަށް ކިހިނެއް ކުރެވޭނޭ ކަމެއް؟ އަހަރެން އިންކާރު ކުރީމާ އުރެދުނު މީހެއް ކަމުގައި އަހަރެން ލެއްވީ. އެ ވަގުތުން ފެށިގެން އަހަރެން މި ގެންދަނީ އާދަަމުގެ ދަރީންގެ ކިބައިން ބަދަލު ހިފަމުން."

ފައިތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިލިއެވެ. އަޑު ކެނޑޭންދެން އިބިލީސް އިންތިޒާރު ކުރިއެވެ. އެޔަށް ފަހު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދަރީންނޭ. ކަލޭމެން އެންމެންނަކީ ފުރިހަމަ މިނިވަނުން. އިންސާނުންނަށް ލިބިފައިވާ ވަސީލްތަކަށްވުރެ ކަލޭމެންނަށް ލިބިފައިވާ ވަސީލަތްތައް ފުރިހަމަ. ކަލޭމެންގެ މައްޗަކަށް އެއްވެސް ހުރަހެއް، ހިފެހެއްޓުމެއް ނެތް. ބޭނުން ކޮންމެ ކަމެއް ކުރަންވީ. ހެޔޮ އަމަލާއި ރަނގަޅު ކަންތައް ފިޔަވައި އެހެން އެއްވެސް ކަމެއް ކުރުން މަނައެއް ނޫން. ކަލޭމެންގެ ތެރެއިން ކޮންމެ އަންހެނަކީ ފިރިހެނުންގެ ހައްގެއް. ކޮންމެ ފިރިހެނަކީ އަންހެނުންގެ ހައްގެއް. ހަނދާން ކުރާތި. ނުބައި ކަންތަކާއި، އަނިޔާވެރިކަމާއި، ނަޖިސްކަމާއި، ފާފަ... މިހިރީ ހައްތަހައިވެސް އާދަމުގެ ދަރީން ބަލިކަށި ކޮށްލާ ކަންތައްތައް. އެކަމަކު މިކަހަލަ ކަންތައްތައް ކަލޭމެން ކުރީމާ ކަލޭމެންގެ ބާރު ގަދަ ވާނެ. އެހެންވީމާ މި ހުރިހައި ކަމެއް ކަލޭމެން ކުރާން ވާނެ. ބާރުގަދަ ވާނީ އޭރުން. އިންސާނުންނަށް މިކަހަލަ ކަންތައްތައް ދަސްކޮށް ދެވޭނީވެސް އޭރުން."

"ދެން ދައްކާން އޮތީ ވަރަށް މުހިއްމު ވާހަކައެއް. މާ ގިނަ ދުވަސްތަކެއް ނުވެ އަހަރެމެންނަށް ބޮޑު ނުފޮރުއްޕާނަކަށް ވާ ކަހަލަ މައްސަރެއް ފެށޭނެ. އެއީ އާދަމަގުގެ ދަރީންނަށް އޮތް ރަހުމަތުގެ މައްސަރެއް. އެ މައްސަރުގެ ތެރޭގައި އަހަރެމެންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. ދުނިޔެއަށް ދިއުމާއެކު އަހަރެމެންގެ ބާރު ކަނޑުވައިލެވޭނެ. އެހެންވީމާ އެ މައްސަރުގެ ތެރޭގައި އަހަރެމެން ދުނިޔެއަކަށް  ނުދަމު. އެކަމަކު މައްސަރު ފެށުމުގެ ކުރީން އަހަރެމެންގެ ކިބައިގައި ހުރި ވަރެއް ދައްކާލަމު. އަހަރެމެން ކުރާ ކަމަކީ އިންސާނުންގެ ތެރެއަށް އަހަރެމެންގެ މަންދޫބުންގެ ގޮތުގައި އިންސާނުން ފޮނުވުން. އެއީ ފާފައިގެ ސިލްސިލާ މެދުކެނޑުނަ ނުދޭން ވެގެން. އެކަމަކުވެސް އަހަރެމެންގެ މަސައްކަތް އެ މައްސަރުގެ ތެރޭގައި ވަރަށް ބަލިކަށިވޭ." އޭނާ ދަތް ކާރުވާން ފަށައިފިއެވެ. "އެ މައްސަރު ނުލެއްވި ނަމަ އިންސާނީ ތާރީޚު މިހާރު އޮންނާނި ބަދަލު ވެފައި. ކަނުލައި އަޑު އަހާ... އެ މައްސަރުގެ ތެރޭގައި ކިޔަވާ ކުދީންނަށް ޚާއްސަ ޕުރޮގްރާމުތަކެއް ހިންގާން ވާނެ. އީދު ދުވަހަކީ އިންސާނުންނަށް އޮންނަ އުފާވެރި ދުވަހެއް. އެކަމަކު އެއީ އަހަރެމެންނަށް އޮންނަ ހިތާމައިގެ ދުވަހެއް. އެ ދުވަހު ވީހައިވެސް ގިނަ ފާފަ ކުރެވޭނޭ މަގު ތަނަވަސްކޮށްދޭން ވާނެ. އެ މަސައްކަތް މިހާރުއްސުރެ ފަށާ. އެ މައްސަރުގެ ތެރޭގައި މަސައްކަތް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫން. ހުރިހައި ދަރިވަރުންނަށް ކަޅު، މުޑުދާރު ދުވަސްތަކަކަށް އެދެން..."

ތަގުރީރު ނިމުމާއެކު ހުރިހައި ދަރިވަރުން އެއް އަޑަކުން ގޮވަން ފެށްޓިއެވެ. "ކާމިޔާބު... ކާމިޔާބު... ކާމިޔާބު..."

ވައިސް ޗާންސެލަރު އިސްޓޭޖަށް އަރައި، އަޑު މަޑު ކުރާން އަތުން އިޝާރާތް ކޮށްލިއެވެ. އަޑު މަޑުވެ ހިމޭން ވީމާ އޭނާ ބުންޏެވެ. "ދެން އޮތީ ދަރިވަރުންގެ އެދުމެއް ފުރިހަމަ ކޮށްދިނުން. އެއީ ހުރިހައި ފަރުދާއަކާއި ހުރަހެއް އެއް ފަރާތް ކުރެއްވުމަށް ފަހު ޢިއްޒަތްތެރި ޗާންސެލަރުގެ މާތް މޫނުފުޅު ހުރިހައި ދަރިވަރުންނަށް ދެއްކެވުން."

އެޔާއެކު އިބިލީސް އޭނާގެ އަސްލު ސޫރައިގައި ކަޝްފު ވެގެންފިއެވެ. އޭނާގެ ސިފައަކީ މީހަކަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ބިރުވެރި، ހުތުރު ސިފައެކެވެ. އެ މަކުރޫހަ ސިފަ އެއްވެސް އިންސާނަކަށް ފެނިއްޖެ ނަމަ އެމީހަކު މަރުވާނެއެވެ. ނުވަތަ ހޭނެތިގެން ވެއްޓޭނެއެވެ. އޭނާގެ ކިބައިން ފެންނާން ހުރީ ދުނިޔޭގައި ލެއްވިހައި ހުތުރުކަމަކާއި، ވިޔާނުދާކަމަކާއި، އައިބެކެވެ.

އެކަމަކު ހުރިހައި ޝައިޠާނުންނާއި ޝައިޠާނުންގެ ދަރީން އޭނާގެ ކުރިމަތީގައި ސަޖިދައަށް ތިރިވިއެވެ.

* * *

އޮފީސް ބަންދު ކުރުމާއެކު ތިން އެކުވެރިން އާދައިގެ މަތީން ނުކުމެގެން ހިނގައިގެންފިއެވެ. އެމީހުން ގެއަށް ދާ ބަހަށް އަރަނީ އޮފީހާ ތަންކޮޅެއް ދުރުގައި ހުންނަ ބަސް ހުއްޓާ ތަނަކުންނެވެ. އެތަނަށް ދާ މަގުމަތީގައި މިސްކިތަކާ ދިމާވެއެވެ.

ރިޟްވާން ބުންޏެވެ. "އަހަރެން އަސުރު ނަމާދު ކޮށްގެން އަންނާނަން."

"ތިޔައީ ނަމާދު ކުރާ ގޮތްތަ؟" ސުލައިމާން ނުރުހިފައި ބުނެލިއެވެ. "އަސުރަށް ގޮވީ ހަތަރެއް ޖެހި އިރު. މިހާރު ފަހެއް ޖަަހައި ފަހެއް ހިނގައިފި."

"އެހެންވީމާ..؟" ރިޟްވާން ދެލޯ ބޮޑު ކޮށްލިއެވެ.

"އޮފީހަށް ވަފާތެރިވެގެން ވަގުތަށް ނަމާދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫން." ސުލައިމާން މަލާމާތް ކޮށްލިއެވެ.

"އޮފީހުގައި މިސްކިތެއް ހުންނަ ނަމަ ވަގުތަށް އެރީމުސް. މިސްކިތަށް ގޮސް ނަމާދު ކޮށްގެން އެނބުރި ދާއިރު އޮފީސް ބަންދު ކުރާ ގަޑި ޖެހިދަނެ."

"ބިރު ގަންނަނީތަ؟"

"ރިޒުގާ ގުޅޭ ކަމަކަށް ވާތީ ފަރުވާތެރި ވާން ވާނެއެއްނު؟ ކަލޭމެން ދަންނަމުތަ؟ މުސާރަދޭ މީހާގެ ރުހުން ނެތިއްޔާ ނަމާދު ފަސް ކޮށްލެވިދާނެ."

"ދެން އަހަރެމެންގެ ބޯ ހަލާކު ކުރޭ."

"ބޯ ހަލާކު ވަންޏާ ކަލޭމެން ގެއަށް ދޭ." ރިޟްވާން ތުން އަނބުރައިލިއެވެ.

"ތިޔަ ކަމެއް ނުވާނެ." ސުލައިމާން މިހެން ބުނެފައި ޢަދްނާނާ ދިމާއަށް ބަލައިލިއެވެ. "ހިނގާ... ދެމީހުން ހޮޓަލަށް ގޮސް ސައިބޯން."

ރިޟްވާން ދިޔައީ މިސްކިތަށެވެ. ސުލައިމާނާއި ޢަދްނާނާ ދެމީހުން އެރީ ހޮޓަލަށެވެ.

ދިހަ ވަރަކަށް މިނިޓުގެ ތެރޭގައި ރިޟްވާން ނަމާދު ކޮށްގެން އަތުވެއްޖެއެވެ. އެނބުރި އައީމާ އޭނާއަށްވެސް ސައި ގެނެސްފިއެވެ.

"ރިޟްވާން. ސުލައިމާން އެ ބުނީ ރަނގަޅަށް." އަދްނާން ބުންޏެވެ. "އަސުރު ނަމާދު ޖަމާއަތުގައި ކުރާނަމަ މަޣްރިން ނަމާދު ގަޟާ ކުރާކަށް ނުޖެހުނީސް. މިހާރު މިވާ ގޮތުން މަޣްރިބް ނަމާދު ވަގުތު ފާއިތުވާ އިރު ކަލޭ ހުންނާނީ ދަތުރުމަތީގައި، ބަހުގައި."

"ދެން ކީއްކުރާނީ." ރިޟްވާން ސައި ކޯވަރެއް ބޮއިލިއެވެ.

"އަހަރެން މިއީ ނަމާދު ކުރާ ހިތްވާ މީހެއް ނަމަ ވަޒީފާގެ ފިކުރެއް ނުކުރީމުސް." ސުލަައިމާން ބުންޏެވެ.

"އެކަން އަހަންނަށް އެނގޭ. ޖާހިލަކަށް ވީމާ ވާނީ ތިޔަހެން." ރިޟްވާން ފަރުވާލެއް ނެތޭ ބުނާ ކަހަލަ ރާގަކަށް ބުނެލިއެވެ.

"ކޮންމެ ކަމަކަށް ބެއްޔަސް ކަލެއަށް ވުރެ އަހަރެން މޮޅު ވާނެ. އަޅެ ހަރާދުކިޔާބަލަ." ސުލައިމާން ބުންޏެވެ.

"ނޫނޭ. ކަލޭ ތާއަބަދު ތިޔަ ހަރާދުކިޔުމަކުން ނާރައިގެން ތިޔަ އުޅެނީޔޯ؟ އެއީ ބޮޑު ވެގެންވާ ފާފައެއް. ހަރާން ކަމެއް."

އެއީ ތެދެކެވެ. ކޮންމެ ކަމަކާ ގުޅިގެންވެސް ހަރާދުކިޔުމަކީ ސުލައިމާންގެ އާދައެކެވެ. ހަރާދުކިޔައިގެން އޭނާ ބަލީވަނީ ވަރަށް މަދު ފަހަރަކުއެވެ. އޭނާގެ އެއް ހުނަރަކީ ހަރާދުކިޔަން އެހެން މީހުންނަށް މަޖޫބުރު ކުރުވުމެވެ. އެ ޝައުގުވެރިކަންއުފެއްދުމެވެ.

"ދަމާ ހިނގާ. މާ ލަސްވެސް ވެއްޖެ." ޢަދްނާން ބުންޏެވެ.

ތިން މީހުން އެކީގައި ހޮޓަލުން ނުކުމެއްޖެއެވެ. ކުއްލިއަކަށް ސުލައިމާން މިސްރާބު ޖެހީ ބާޒާރާ ދިމާއަށެވެ.

"ތިޔަ ދަނީ ކޮންތާނކަށް؟" ރިޟްވާން އަހައިލިއެވެ.

"ނޭނގޭ ކަަމަށް ހެދެނީ ކީއްކުރަން؟ މިއީ އާދައެއްނު؟"

"މުޅި ދަތުރު ސުންޕާ ކުރަން ތިޔަ އުޅެނީ ކީއްކުރަން؟"

"ތިޔަ ހީކުރާ ކަހަލަ އެއްވެސް ކަމެއް ނުވާނެ. އަންނާން ބޭނުމިއްޔާ އާދޭ. އެހެން ނޫނީ ކަލޭމެން ދޭ."

"ނުވެގެން އުޅޭ ކަމަކީ ތިޔައެއްނު." ތިން މީހުން އެކީގައި ބާޒާރާ ދިމާއަށް ހިނގައިގެންފިއެވެ.

އެ ތިން މީހުންގެ އެކުވެރި ކަމަކީ އަޖައިބެއް ފަދަ އެކުވެރި ކަމެކެވެ. ތިން މީހުންގެ މިޒާޖު މުޅީން ތަފާތެވެ. ރިޟްވާނަކީ ނުލާހިކު ހެޔޮލަފާ މީހެކެވެ. ދީނީ ކަންކަމަށް ފަރުވާތެރިވާ މީހެކެވެ. ސުލައިމާނަކީ ދިމާ އިދިކޮޅު މީހެކެވެ. ނުބައި ކަމެއް ނަމަ އެ ކަމެއްގެ ތެރެއަށް އޭނާ ބޯ މަހައިލާނެއެވެ. ނުބައި ކަންކަމަށް އާދަވެސް ވަނީ އެހައި އަވަހަށެވެ. ޢަދްނާނަކީ އެ ދެމީހުންގެ މެދުގައި ހުންނަ މީހެކެވެ. ދީނާ ދިމާއަކަށް މާ ބޮޑަކަށް ނުލެނބެއެވެ. އަދި ނުބައި ކަމަކަށްވެސް އެހައި ބޮޑަކަށް ޝައުގުވެރިއެއް ނުވެއެވެ. އެހެންވީމާ ދެ މީހުންނާއެކުވެސް ހަަމަޖެހިގެން އުޅެވެއެވެ.

ތިން މީހުންގެ އެއްގޮތް ކަންތައްތަކެއްވެސް އެބަ ހުއްޓެވެ. އެކުވެރިކަން ބަދަހިކޮށް އޮންނަ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. ތިން މީހުންނަކީވެސް މުޅީން އެކަނި އުޅޭ ތިން މީހުންނެވެ. ވައިރޯޅިހައި  މިނިވަނެވެ. ތިން މީހުންކުރެ މީހެއްގެ މައެއްބަފައެއް، އައުލާދެއް، ވާލެއްއިޔާރެއް ނެތެވެ. ތިން މީހުންމެ މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. ދިރިއުޅެނީ އޮފީހުން ދީފައި ހުންނަ ފުލެޓެއްގައެވެ. ތިން މީހުންމެ އަދި ޒުވާނެވެ. ހުސްހަށިބައެވެ. ލިބޭ މުސާރައިން އުޅެވޭ ވަރު ވެއެވެ. ހަރާދުކިޔައިގެން ސުލައިމާން އިތުރަށް ފައިސާ ހޯދައެވެ. ބެލުމެއް ސިހުމެއް ނެތި އެ ލިބޭ އެއްޗެއް ޚަރަދުވެސް ކޮށްލައެވެ. ތިން މީހުންގެ ސަޔާއި މަޖަލަށް ކުރާ ކަންތައްތަކުގެ ޚަރަދުބަރަދު ބަލަަހައްޓަނީ ސުލައިމާނެވެ.

ހަވީރުގެ ވަގުތަށް ވުމާއެކު ބާޒާރުމަތި އޮތީ ގަރަނބު ވެފައެވެ. ބާޒާރު ކުރާން ނުކުމެ އުޅޭ އަންހެނުން ވަރަށް ގިނައެވެ. ކުލަކުލައިގެ ހެދުމުގެ ސަބަބުން މުޅި ސަރަހައްދު ވަނީ ކާނިވަލަކަށް ބަަދަލު ވެފައެވެ. ވަށައިގެން ތިބި ސެންޓުން ބާޒާރުމަތި ވަނީ އެއްވަސްވެފައެވެ.

ކުއްލިއަކަށް ސުލައިމާންގެ ލޮލުގައި އަޅައިގަތީ އެކަނި އިން ރީތި އަންހެން ކުއްޖެކެވެ. އޭނާ ރިޟްވާންގެ ގައިގައި ކޮއްޓައިލައިފައި އެ އަންހެން ކުއްޖާޔާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. "އެހެރަ އަންހެން ކުއްޖާ މަޅީގައި ޖައްސަންތަ؟"

"މިހާރު ތިޔަ ފެށީ ކޮން ކަހަލަ ވިޔާާނުދާ ވާހަކައެއް؟؟" ރިޟްވާން ނުރުހުންވިއެވެ. "ތިޔައީއަކީ ވާނޭ ކަމެއް ނޫން."

"ހަރާދުކިޔަމާ ހިނގާ. ދިހަ ރުފިޔާއަށް..."

އެ ވަގުތު އަންހެން ކުއްޖާ އެމީހުންނާ ދިމާއަށް ބަލައިލިއެވެ. އޭނާ ބަލަން ހުރީ ސީދާ ސުލައިމާނާ ދިމާއަށެވެ. ލޮލުން ފެންނަނީ އާދަޔާ ޚިލާފު ޝައުގުވެރިކަމެއްގެ އަސަރެވެ.

އަންހެން ކުއްޖާ ހިނިތުންވެލިއެވެ. އޭނާ އެ ހިނިތުންވަނީ ސުލައިމާނާ ދިމާއަށްކަން ރިޟްވާނަށް ޔަގީނެވެ. "ލާޙަވްލަ ވަލާ ޤުއްވަތަ..." ރިޟްވާނަށް މަޑުމަޑުން ކިޔައިލެވުނެވެ.

(ނުނިމޭ)

4 ޚިޔާލު

  1. Varah ran'galhu vaahaka eh iblees bunefa eothee.roadha mas feshen vaairah eki zaaizaathuge mubaaraaiy thakaa munifoohifiluvumuge
    ekan mikamun roadha mahuge reythah onnanee furaalaafa.dhanvi dhanvihen foari gadhavaa gothah.visnaalun ran'galhu vaahaka kolheh

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.