އެއީ ދުނިޔޭގެ އެންމެ ގަދީމީ ޔުނިވަރުސިޓީއެވެ.
މިއަދަކީ އެ ޔުނިވަރުސިޓީގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ދުވަހެވެ. ގްރެޖުއޭޝަންގެ ދުވަހެވެ. ސަނަދު ދިނުމުގެ ދުވަހެވެ. ތައުލީމުގެ ދައުރު ނިމުނީއެވެ. ކުރިއަށް އޮތީ އަމަލީ މަސައްކަތުގެ ދައުރެވެ. އެންމެންމެ ތިބީ ހިތް އަވަސް ވެފައެވެ. ސޯޅަ އަހަރު އެމީހުން ވޭތުކުރީ ދުނިޔެއާއި ދުނިޔޭގެ ކުލަވަރާ ދުރުގައެވެ. އެ ސޯޅަ އަހަރުގެ ތެރޭގައި ދުނިޔޭގެ ކަންތައްތަކުގެ ތެރެއަށް ވަންނާނޭ ފުރުސަތު ލިބިފައި ވަނީ މަދު ފަހަރަކުއެވެ. އެއީ ކޮންމެވެސް ކަހަލަަ އަމަލީ މަސައްކަތެއް ކުރުމަށްޓަކައި ވަގުތީ ގޮތުން ކޮށްލާ ޒިޔާރާތެއްގެ ގޮތުގައެވެ. އެހެން ނޫނީ ތާއަބަދު އުޅޭން ޖެހިފައި އޮތީ ޔުނިވަރުސިޓީގެ ހަތަރު ފާރުން އެތެރޭގައެވެ. ކުލާހުން ނިމިގެން ގޮސް ތިބެނީ ދަނާާލުގައެވެ. ގެޔާއި މައިންބަފައިންގެ ތަސައްވުރެއް ނެތެވެ. ޗާންސެލަރަކީ އެމީހުންގެ ބަފައެވެ. މަޔަކީ ވައިސް ޗާންސެލަރެވެ.
އެ ޔުނިވަރުސިޓީ ދުނިޔޭގެ އެންމެ ގަދީމީ ޔުނިވަރުސިޓީއަށް ވެފައި އެ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. އެއީ ދުނިޔޭގެ އެންމެ ބިޔަ ޔުނިވަރުސިޓީވެސްމެއެވެ. ދުނިޔޭގެ އެހެން އެއްވެސް ތަނަކާއި އެ ތަނާ އަަޅައި ބެލުމަކީ ކުރެވޭނޭ ނޫނެވެ. ހުރިހައި ޔުނިވަރުސިޓީއަކުން ކިޔަވައި ނިމިގެން ނުކުންނަ ކުދިން އެއްކޮށްލީމާވެސް އެ ޔުނިވަރުސިޓީން އެކަނި ނުކުންނަ ކުދީންގެ އަދަދާ ނުބައްދަލެވެ.
ދަރިވަރުން މިއަދު އުފަލުން ފޮޅިފައި އެތިބީ މިއަދު ޗާންސެލަރުގެ "ފައިންޕުޅު" ފެންނާނެތީއެވެ. އެ ކުދިން ސޯޅަ އަހަރުގެ ދުވަސްތައް ވަކިވަކީން ގުނަމުން އައީ މި ދުވަހުގެ އިންތިޒާރުގައެވެ. އިންތިޒާރު ނުކުރާންވީވެސް ކީއްވެގެން ހެއްޔެވެ؟ އެ ކުދީންގެ ބަފައި ޗާންސެލަރަކީ ދުނިޔޭގައި ހުރި އެންމެ ރީތި މީހާއެވެ. އެންމެ ބާރު ގަދަ މީހާއެވެ. އޭނާގެ ކިބައިގައި ނެތް ހުނަރެއް ނުހައްދަވައެވެ. ނެތް ރީތި ސިފައެއް ނެތެވެ.
ދަރިވަރުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދަނީ ޖަލްސާ ފެށޭނޭ ވަގުތަކަށެވެ. އެ ކުދިންގެ މެދުގައި ނުތަނަވަސްކަމެއް ނެތް ނަމަވެސް އިންތިޒާމީން ތިބީ ކަންބޮޑު ވެފައެވެ. ގަޑި ޖެހުނު އިރުވެސް ޗާންސެލަރެއް ނާދެއެވެ.
ޢުމްރާނިއްޔާތު ފެކަލްޓީގެ ޑީން، ވައިސް ޗާންސެލަރާ މުޚަތަބުކޮށް ބުނެލިއެވެ. "މަަސައްކަތްޕުޅުގެ ބުރަކަމާއެހުރެ ޖަލްސާއަށް ވަގުތުކޮޅެއް ހުސް ކުރެއްވުމަކީވެސް ޗާންސެލަރަކަށް ފަސޭހަފުޅު ކަމެއް ނޫން."
"ކަން ބޮޑު ނުވޭ. އިސާހިތަކު ވަޑައިގެންފާނެ."
"ޖަލްސާގެ ރިޔާާސަތު ވައިސް ޗާންސެލަރާ ހަވާލު ނުކުރައްވަނީ ކީއްވެގެން ބާވައޭ އަޅުގަނޑުގެ ހިތަށް އަރާ." މަޢާޝިޔާތު ފެކަލްޓީގެ ޑީން ބުނެލިއެވެ.
ވައިސް ޗާންސެލަރުގެ ނިތްކުރިއަށް ދެތިން ރޫ އެރިއެވެ. "ޗާންސެލަރަށް ތިޔަހެން ފާޑު ނުކިޔާ."
"އަޅުގަނޑު އެހެން ދެންނެވީ ފާޑު ކިޔުމުގެ ގަސްތަކު ނޫން." ޑީން ބިރުގެންފިއެވެ.
ވައިސް ޗާންސެލަރުގެ ރާގަށް މަޑުމައިތިރިކަން ވެރިވެއްޖެއެވެ. "މި ޖަލްސާއަކީ އެ މަނިކުފާނަށް ކިހައި މުހިއްމު ޖަލްސާއެއް ކަމެއް ކަލޭމެންނަކަށް ނޭނގޭނެ. ޖަލްސާގެ ސަބަބުން އެ މަނިކުފާނަށް އިތުރު ޔަގީންކަމަކާއި ހިތްވަރެއް ލިބިވަޑައިގަންނަވާނެ. މިއީ އެ މަނިކުފާނުގެ މަސައްކަތްޕުޅުގެ ބިންގާ. ކޮންމެ އަހަރަކު ކިޔަވައި ނިންމާ ކުދިންނާ ސީދާ ވާހަކަފުޅު ދެއްކެވުމަކީ އެ މަނިކުފާނަށް ވަރަށް މުހިއްމު ކަމެއް."
"އާދެ... އާދެ. އަޅުގަނޑަށްވެސް އެކަން އެނގޭ." ޑީން ވަރަށް ދެރަ ވެފައި ބުނެލިއެވެ. "އެކަމަކު ތިޔައީ ޗުއްޓީގެ ދުވަސްވަރުވެސް ކުރެއްވިދާނޭ ކަމެއް ނޫންތޯ؟"
"މިކަހަލަަ ކަންތައްތަކެއް ކަލޭމެންނަކަަށް ނޭނގޭނެ." ވައިސް ޗާންސެލަރު ފުން ނޭވައެއް ލިއެވެ. "އެ މަނިކުފާނުގެ ވިސްނުންފުޅު ހުންނާނީ ވަރަށް ދުރަށް. އެ މަނިކުފާނަށް ކަމެއް އެނގިވަޑައިގަންނަވާ ވަރަކަށް ކަލޭމެންނަކަށްވެސް އަދި އަހަންނަކަށްވެސް ނޭނގޭނެ. ކިޔަވައިގެން މިއަދު އެ ނުކުންނަ ކުދިންނަށް އެ މަނިކުފާނު އެ ދެއްވާ ހިތްވަރަކީ އެހެން މީހަކަށް ދެވޭނޭ ހިތްވަރެއް ނޫން."
"ޝައްކެއްވެސް ނެތް." ޖުރުމިޔާތު ފެކަލްޓީގެ ޑީން ވައިސް ޗާންސެލަރަށް ތާއީދު ކުރުުގެ ގޮތުން ބޯ ޖަހައިލިއެވެ. "ދަރިވަރުންވެސް އެ ތިބެނީ މި ފުރުސަތުގެ އިންތިޒާރުގައި. އިނގިލި މަޅައިގެން ދުވަސް ގުނާލަގުނާލާ."
ވައިސް ޗާންސެލަރު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ކަނޑައެޅިފައިވާ ގަޑި ޖެހިގެން އިތުރަށް ދިހަ މިނިޓު ހިނގައިފިއެވެ. އޭނާ އެތާނގައި ތިބި މީހުން ދެކެ ރުޅި އަންނާން ފަށައިފިއެވެ. ކުޑަކޮށް ކަންބޮޑު ވާންވެސް ފަށައިފިއެވެ. ތަބީއީ ގޮތުންވެސް އެހެން މީހުންނަށްވުރެ މާ ބޮޑަށް އޭނާ ކަންބޮޑު ވެއެވެ. ޗާންސެލަރު ވީ ތަނެއްވެސް އެނގެނީއަކީއެއް ނޫނިއްޔާއެވެ.
އެކަމަކު ކޮންމެވެސް ބޮޑު ކަމެއްގައި އަވަދި ނެތި އުޅެނީކަން ވައިސް ޗާންސެލަރަށް ޔަގީނެވެ.
* * *
އެ ހުވަފެން ނަޢީމް ޔަޒްދާނީގެ ސިކުނޑީގައި ހަރުލައިފައި ހުރެއްޖެއެވެ. ހަނދާން ނައްތައިލާން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. އެއީ އޭނާގެ ވިޔާނުދާ ޚިޔާލުގެ ސަބަބުން ފެނުނު ހުވަފެނެއް ނޫންކަން ޔަގީނެވެ. އެއީ މާނައިން ފުރިގެންވާ ތެދު ހުވަފެނެކެވެ. ހުވަފެނުގައި ފެނުނު ކަންތައްތައް ވަރަށް ސާފުކޮށް ހަނދާން އެބަހުއްޓެވެ. ތައުބީރަކަށް އެދި މީހެއް ގާތު އެ ހުވަފެނުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ތައުބީރުވެސް އެހައި ފާޅުކަން ބޮޑުކޮށް ފެންނާން އެބައޮތެވެ. އެންމެ ބޮޑު ކަމަކީ ހުވަފެނުގެ ސަބަބުން އޭނާ ގަތް ބިރެވެ. ދުވަހަކުވެސް ނުގަންނަ ވަރުގެ ބޮޑު ބިރެއް އޭނާ ގެންފިއެވެ.
އޭނާ ހަމަހިމޭނުން އިނދެގެން ހުވަފެނާ މެދު ވިސްނައި ފިކުރު ކުރަނީއެވެ. އޭނާއަށް ހުވަފެން ފެންނަނީ ވަރަށް މަދުންނެވެ. ފެނުނު ނަމަވެސް ލޯ ހުޅުވައިލެވުމާއެކު ހުވަފެނުގައި ފެނުނު ހުރިހައި އެއްޗެއް ހަނދާން ނެތިދެއެވެ. ކުނޑިފުކެއްގެ މިންވަރުވެސް ހަނދާނެއް ނުހުރެއެވެ. ހުވަފެނުގައި ފެންނަ އެއްޗެއްގެ ވާހަކަ ހެނދުނު މީހެއް ގާތު ބުނެގެން ތައުބީރެއް ހޯދޭތޯ މަސައްކަތް ކުރުމުގެ ނިޔަތް އަބަދުވެސް އޮވެއެވެ. އެކަމަކު ހޭލެވޭއިރު ހުވަފެނުގައި ފެނުނު އެއްޗެއްވެސް ހުންނަނީ ފޮހެވިގެން ގޮސްފައެވެ.
އެހެންނަމަވެސް މި ހުވަފެނުގެ ކޮންމެ ދަނޑިވަޅެއް، ކޮންމެ މަންޒަރެއް އޭނާގެ ހަނދާނުގައި ސާފުކޮށް ހަރުލައިފައި އެބަހުއްޓެވެ. ދުވަހަކުވެސް ފިލައިގެން ނުދާ ވަރަށް ބާރަށް ތަތްލައިފައެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހުވަފެނުގެ ވާހަކަަ ހިތާހިތުން އެތައް ފަހަރަކު ދެއްކިއްޖެއެވެ. އެއިން ކޮންމެ ފަހަރަކު ހަށީގަނޑުގައި ބާވަތެއްގެ ތުރުތުރެއް ހިނގައިގަނެއެވެ. ހުވަފެން ފެނިގެން ހޭލެވުނު ވަގުތު ހަށިގަނޑުގައި ހުރި ކަހަލަ ތުރުތުރެކެވެ. ގަތް ބިރެއްގެ ސަބަބުން ހޭލެވުނު ފަހުން މާ ގިނަ ވާހަކައެއް ނުދައްކައެވެ. ދުނިޔޭގެ އެއްވެސް ކަމަަކަށް ކުޑަވެސް ޝައުގުވެރިކަމެއް ނެތީ ކަހަލައެވެ.
އެއީ އަޖައިބެއް ކަހަލަ ހުވަފެނެކެވެ. ބިރުވެރި ހުވަފެނެއް ނޫން ނަމަވެސް ބިރު ގަތީ އިންތިހާއަށެވެ. ހުވަފެނުގައި ފެނުނީ އޭނާގެ ގޭގައި އެކަނިމާއެކަނި އިންދައެވެ. ކުއްލިއަކަށް އިވުނީ ގޭގެ މައިދޮރުގައި ޓަކި ޖެހި އަޑެވެ. ދޮރު ހުޅުވައިލީ އިރު ދޮރުމަތީގައި މީހަކު ހުއްޓެވެ. އެއީ އޭނާ ދަންނަ މީހެއް ނޫނެވެ. ދުވަހަކުވެސް ދުށް މީހެއް ނޫނެވެ.
"ކިހިނެއް ވީތޯ؟" އޭނާ އަހައިލިއެވެ.
"ބޭރަށް ހިންގަވަބައްލަވާ." އެމީހާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "އެ ދިމާއިން މަގުމަތީގައި ތިބި ބަޔަކު ނަޢިމަށް އެބަ ގޮވާ."
އެއީ އާދަޔާ ޚިލާފު ވާހަކައެކޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެމީހާޔާއެކު ނުކުމެގެން ހިނގައިގެންފިއެވެ. "ކިހިނެއް ވީތޯ؟" އޭނާ އަނެއްކާވެސް ހަމަ އެ ސުވާލު ކޮށްލިއެވެ.
"ކޮންމެވެސް މީހަކު މަރުވީ. ކަށުނަމާދާއި ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދާން ޖެހުނީ."
"ކާކު މަރުވީ؟" ނަޢީމު އަހައިލިއެވެ.
"އެޔެއް އަޅުގަނޑަކަށް ނޭނގޭ."
މަގުމައްޗަށް ނުކުތް އިރު ސާޅީހަކަށް ގަޒު ދުރުމިނުގައި ތިން މީހަކު ތިއްބާ އޭނާއަށް ފެނުނެވެ. އެމީހުން ތިބީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ތިން މީހުންގެ މޫނުވެސް ވަރަށް ސާފުކޮށް ނަޢީމަށް ފެނެއެވެ.
ދެމީހުން ގޭގެ ދޮރާ ދެތިން ފޫޓު ދުރުގައި މަޑުކޮށްލިއެވެ. މަގުގެ އަނެއް ފަޅީގައި ތިބި ތިން މީހުންނަށް އަތުންއިޝާރާތް ކޮށްފައި އެއްކަލަ މީހާ ވަރަށް ބާރަށް ބުންޏެވެ. "މިހިރީ އޭނާ ގެނެސްފައި."
އެ ތިން މީހުންގެ މޫނުމަތީން ނުރުހުމުގެ އަސަރު ފެނުނެވެ. އެތަނުން އެކަކު ވަރަށް ބާރަށް ބުނެލިއެވެ. "ތިޔައީ ކަމުދާާ މީހެއް ނޫން."
ނަޢީމަށް ތައުހީނުގެ އިހުސާސް ކުރެވުނެވެ. އޭނާ މަގު ހުރަހެއް ނުކުރެއެވެ. "އެޔޯ؟ އަހަރެން ކަމު ނުދާންވީ ކީއްވެގެން؟ އަހަރެންގެ ކިބައިގައި ހުރީ ކޮން އުނިކަމެއް؟" އޭނާ އަރައިރުންވާ ކަހަލަ ރާގަކަށް ސުވާލު ކުރިއެވެ.
"އަހަރެމެން ބޭނުން ވަނީ މުސްލިމެއް." މަގުގެ އަނެއް ފަޅީން ގޮވައިލިއެވެ.
"އަހަރެން މިއީ މުސްލިމެއް." ނަޢީމު މޭ ފުއްޕައިލުމަށް ފަހު ކޮށި އަރާވަރަށް އަތުން މޭގައި ޖަހައިލިއެވެ.
"އައްދޭ... ތިޔައީ މުސްލިމުން ތިބޭ ގޮތްތަ؟" އަނެއް ފަޅީން މަލާމާތުގެ ރާގަކަށް ގޮވައިލިއެވެ.
ނަޢީމުގެ ގާތަށް ރުޅި އަތުވެއްޖެއެވެ. މުސްލިމަކަށް ވާއިރުވެސް އޭނާ އެއީ މުސްލިމެއް ކަމަަކަށް އެމީހުން ގަބޫލެއް ނުކުރިއެވެ. އެއީ ތައުހީނުގެ މައި ތައުހީނެވެ. އޭނާ އިސްޖަހައިލިއެވެ. އަދި އަމިއްލަ ނަފުސު މުއާއިނާ ކޮށްލިއެވެ. އޭނާ ލައިގެން ހުރީ ގަމީހަކާއި ފަޓުލޫނެކެވެ. އެކަމަކު ލައިގެން ހުންނަ ހެދުމަށް ބަލައިފައި އޭނާއަކީ މުސްލިމެއް ނޫން ކަމަށް ކަނޑައެޅުމަކީ އިންސާފެއް ނޫނެވެ. "އަޅައިގެން ހުންނަ ހެދުމަށް ބަލައިފައި މުސްލިމަކު ކާފަރަކަށް ހަދާކަށް ކަލޭމެން ލަދެއް ނުގަނޭތަ؟" އޭނާ ހަޅޭއް ލަވައިގަތެވެ.
"ކަަމަކު ނުދާނެ. އެއް ގޮތަކަށްވެސް ކަމަކު ނުދާނެ. އަހަރެމެން ބޭނުން ވަނީ މުސްލިމެއް. ކަލޭ ކަމަކު ނުދާނެ." އެމީހާ ވާހަކަ ތަކުރާރު ކުރަމުން ގެންދިޔައެވެ.
ނަޢީމު އެ ވަގުތު ދުލަށް އައިހާ ހުތުރު އެއްޗެއް އަމުނާން ފަށައިފިއެވެ.
"ހިނގާ ދާން. ވަގުތު ނަގައިލާނޭ ކަމެއް ނެތް. އަހަރެމެން ބޭނުން ވަނީ މުސްލިމެއް." އެތަނުން އެކަކު ބުންޏެވެ. އެޔާއެކު ތިން މީހުން އަނބުރައިލާފައި ހިނގައގެންފިއެވެ.
އޭނާގެ ކިބައިގައި ކޮންމެވެސް އުނި ކަމެއް އެބަހުރި ކަމުގެ އިހުސާސް ނަޢީމަށް ކުރެވުނެވެ. އޭނާއަކީ މުސްލިމަަކަށް ވެހުރެވެސް މުސްލިމެއް ނޫނެވެ. މި ޚިޔާލު ކުރެވުމާއެކު އޭނާ ރޫރު އަޅާން ފަށައިފިއެވެ.
ކުއްލިއަކަށް އޭނާއަށް ހޭލެވިއްޖެއެވެ. އޭރު ހަމަ ހަގީގަތުގައިވެސް އޭނާ ރޫރު އަޅަނީއެވެ.
ހުވަފެނުގައި ފެނުނު ކަންތައްތައް ހަނދާންވީމާ މިހާރުވެސް އޭނާ އެހެރީ ތުރުތުރު އަޅައަޅައެވެ.
ހޭލެވުނީމާ އޭނާގެ ހިތަށް އެރިއެވެ. އޭނާ އެއީ މުސްލިމެއް ނޫން ކަމަށް އެމީހުން ބުނީ ކީއްވެގެން ހެއްޔެވެ؟ ދެތިން މިނިޓުގެ ތެރޭގައި އެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އޭނާގެ ހަނދާނަށް އައީ ދުވަސްކޮޅެއް ކުރީން ފޮތަކުން ކިޔައިފައި އޮތް ވާހަކައެކެވެ. މުއުމިނަކާއި ކާފަރަކާ ދެމެދު އޮންނަނީ ނަމާދު ގާއިމު ކުރުމުގެ ފަރަގެވެ.
ހޭލެވުނީއްސުރެ އޭނާ ވިސްނަމުން ދިޔައީ އެ ހުވަފެނާ މެދުގައެވެ. ފާއިތުވެ ދިޔަ ވަގުތުތަކުގައި އޭނާ ދެން ވިސްނީ އޭނާގެ ދިރިއުޅުމުގައި ފާއިތު ވެގެން ދިޔަ ދުވަސްތަކާ މެދުގައެވެ. ފުރާވަރަށް އަޅައިގަތީއްސުރެ މިއަދާ ހަމައަށް އޭނާ ދުވަހަކުވެސް ނަމާދެއް ނުކުރެއެވެ. ހުކުރު ދުވަހު މިސްކިތެއް ނުވެސް ދެކެއެވެ. ދުވަހަކުވެސް ރޯދައެއް ނުހިފައެވެ.
ހުވަފެނުގެ މާނަ މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އެއީ އޭނާއަށް ދެއްކެވި އިންޒާރެކެވެ. ނަމާދު ކުރާން ނުފެށިއްޔާ މުސްލިމެއްގެ ގޮތުގައި މަރުނުވާނޭ ކަމުގެ އިންޒާރެވެ. އެއީ ހުވަފެނެއްގެ ސިފައިގައި ﷲ އޭނާއަށް ދެއްކެވި ހިދާޔަތެކެވެ. އެކަމަކު އޭނާ ފަދަ މަގުފުރެދިފައިވާ މީހަކަށް ﷲ ހިދާޔަތެއް ދެއްވީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއަކީ ލަފާދާރު މީހެއް ނޫނެވެ. ދީނާ މެދު ދުވަހަކުވެސް ވިސްނި މީހެއް ނޫނެވެ. އެކަމަކު އޭނާއަކީ މުސްލިމަކަށް ވީތީ ފަޚުރުވެރިވާ މީހެކެވެ. އެ ހިދާޔަތެއް އައީ އެހެން ވެގެން... އޭނާ އެ ޚިޔާލު ބޮލުން ފޮޅުވައިލިއެވެ. ޢާލަމްތަކުގެ ވެރި ﷲ ހަމަ ކޮންމެ މީހަކަށްވެސް ހިދާޔަތު ދެއްވައިފާނެއެވެ. ކާފަރަކަށްވެސް ދެއްވައިފާނެއެވެ. އޭނާއަކީ ކާފަރެއް ނޫނެވެ. ނަމުގައި ކަަމަށް ވިޔަސް މުސްލިމެކެވެ. ތިމަންގެ އަޖަލު އައިސް ޖެހެނީއޭ ނަޢީމުގެ ހިތަށް އެރިއެވެ. ދިރިއުޅުމުގައި ބާކީ ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. މިހާރު ނަމާދު ކުރާން ނުފަށައިފިއްޔާ މަރުވާނީ ޣައިރު މުސްލިމެއްގެ ގޮތުގައެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އަނެއްކާވެސް އޭނާ ތުރުތުރު އަޅާން ފަށައިފިއެވެ.
ހުވަފެން ފެނުނުތާ މިހާރު ތިން ދުވަސް ވެއްޖެއެވެ. އޭނާ ބޭނުން ވަނީ ނަމާދު ކުރާން ފަށާށެވެ. އެކަމަކު އެއީ ކުޑަ ކަމެއް ނޫނެވެ. ނަމާދު ކުރާ ގޮތް އޭނާ ހަނދާން ނެތިއްޖެއެވެ. މީހެއް ގާތު އެ ވާހަކަ ދެއްކުމަކީ އަގު ވެއްޓި، ބޭޒާރު ވެދާނޭ ފަދަ ކަމެކެވެ.
މިހާރުވެސް އޭނާ ވިސްނަމުން އެ ގެންދަނީ ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅާ މެދުގައެވެ. މިއީ އޭނާގެ ދިރިއުޅުމުގެ އެންމެ ފަހުގެ ވަގުތުކޮޅު ކަމުގައިވެސް ވެދާނެއެވެ. އޭނާ މަރު ވާނީ ޣައިރު މުސްލިމެއްގެ ގޮތުގައި ހެއްޔެވެ؟
އެ ވަގުތު ބަންގި ގޮވާން ފަށައިފިއެވެ. މުއައްޒިނު ﷲ ގެ ގޮވައިލެއްވުން އިއްވަނީއެވެ. ފަލާހުގެ މަގަށް އަންނާށެވެ. އޭނާގެ ހިތަށާއި ސިކުނޑިއަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރުވާން ފަށައިފިއެވެ. ނަމާދު ކުރާން ނޭނގުނަސް ފަރުވާލެއް ނެތޭ އޭނާގެ ހިތަށް އެރިއެވެ.
އޭނާ ގެއިން ނުކުމެގެން ހިނގައިގެންފިއެވެ. އެއްވެސް އިޚުތިޔާރެއް ނެތި އޭނާގެ ފިޔަވަޅުތައް ސީދާވީ މިސްކިތާ ދިމާއަށެވެ.
* * *
އަލަށް މަސައްކަތު ނުކުތް ޚާއްސަ ދަރިވަރުގެ މައްޗަށް މާ ބޮޑު ސަމާލުކަމެއް ދެވެނީ ކީއްވެގެން ކަމެއް ޚުދު ޗާންސެލަރަކަށްވެސް ވިސްނައެއް ނުގަނެވުނެވެ. އޭނާ ޔުނިވަރުސިޓީން ޑިގްރީ ނިންމީ މިދިޔަ އަހަރުއެވެ. އެ ދުވަހުން ފެށިގެން ޗާންސެލަރު ގެންދިޔައީ އޭނާގެ މައްޗަށް ޚާއްސަ ނަޒަރަކުން ބަލަމުންނެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ ސީދާ ޗާންސެލަރުގެ ބެލުމުގެ ދަށުންނެވެ. މިހައި ތަނަކަށް އޭނާ ކަތި ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
މިހާރުވެސް ޗާންސެލަރު އެހެރީ އެ ކުޅަދާނަ ދަރިވަރަށް އަމަލީ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގައި އަވަދިނެތިއެވެ. ޗާންސެލަރުގެ ވާހަކައިން ފައުޅުވަނީ އިންތިހާ ދަރަޖައިގެ ކިބުރުވެރިކަމެވެ. އަމިއްލަ މަސައްކަތުގެ ފުރިހަމަކަމުގެ ވާހަކަ ދައްކަމުން އެހެރަގެން ދަނީ ބޮޑާކަމާ އެކުގައެވެ. އެފަަދަ ދަނޑިވަޅުތަކުގައި އޭނާ ހުންނަނީ މި ދުނިޔެއާއި އާފާގީ ދުނިޔޭގެ މަތީންވެސް ޣާފިލު ވެފައެވެ. އެހެން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ ޗާންސެލަރު ދެކޭ ގޮތުގައި އޭނާއަކީ އާލަމްތަކަށް އުފަންވީ އެންމެ މަތިވެރި މަޚުލޫގެވެ. އަޗާ ތެޅުމުން އެ ލިބޭ ހިތްހަމަ ޖެހުން އެހެން އެއްވެސް ކަމަކުން ނުލިބެއެވެ.
ސަޅިބައިސާގެ ތެރެއަށް ގެއްލިފައި ހުރިވަރުން ކައިރީގައި ހިނގާ ކަންތައްތަކުގެ ޚަބަރެއްވެސް ޗާންސެލަރަކަށް ނުވެއެވެ. ޚާއްސަ ދަރިވަރު މިހާރު އެ އާފުރުނީ ސައްބީސްވަނަ ފަހަރު ކަމެއްވެސް ރޭކައެއް ނުލައެވެ. އާއްމު ދަރިވަރުން އާފުރުނު އަދަދެއްވެސް ނޭނގެއެވެ.
އެންމެ ފަހުން ޚާއްސަ ދަރިވަރުގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. "މާތް މަނިކުފާނު. ތިޔައީ ތިންވަނަ ކުލާހުގައި އަޅުގަނޑުމެންނަށް ވިދާޅުވެ ދެއްވައިފައި ހުރި ވާހަކަތަކެއް ނޫންތޯ؟"
ޗާންސެލަރު ދިޔައީ ސިއްސައިގެންނެވެ. ހިތަށް އެރިއެވެ. އެ ކުރި ކަމެއް ނިކަން ބަލައިބަލާށެވެ. ޚާއްސަ ދަރިވަރަށް ގަންނަ... އެ ވަގުތު އޭނާ ގެނބިފައި ހުރި ފޮނި ޖާޑިން އެރެވުނީމާ މުހިއްމު ކަމެއް ހަނދާނަށް އަތުވެއްޖެއެވެ. "އަހާނ... ސަނަދު ބަހާ ޖަލްސާއަށް އަހަރެން ދާން އެބަޖެހޭ ދޯ؟"
"އާދެ... އާދެ." ޚާއްސަ ދަރިވަރު ހިނިތުންވެލިއެވެ.
"ކަލެއަށް އެނގޭ އިރުވެސް އަހަންނަށް ހަނދާންކޮށް ނުދީ އިނީ ކީއްވެގެން؟" ޗާންސެލަރު ގާތަށް ރުޅި އަތުވެއްޖެއެވެ.
"ހަނދުމަފުޅުކޮށް އަރުވާން އުޅެގެން މަނިކުފާނުގެ އަބުރުފުޅަށް ތިތްކެއް ބުރައިފާނެތީ ނުކެރުނީ."
"އަހަރެންގެ އުފާވެރި ދުނިޔެ ގަޑުބަޑުކޮށް ޚަރާބު ކޮށްލައިފީމު. އެއީ އަބުރަށް ތިކި ބުރާނޭ ކަމެއް ނޫނީތަ؟" ޗާންސެލަރު ދެލޯ ބޮޑުކޮށްލިއެވެ.
"އަޅުގަނޑު ބޭނުންވީ ދެން އަޅުގަނޑުމެންނަށް ތަންކޮޅެއް މަތީ ފެންވަރުގެ ފިލާވަޅެއް ދެއްވާށޭ ދަންނަވާން."
"ހޫނ... އެކުން މާ އަނގަ ގަދަ ނުކުރޭ."
ޚާއްސަ ދަރިވަރަކަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.
ޗާންސެލަރު ތެދުވެގެން މަޑުމަޑުން ހިނގައިގެންފިއެވެ. ޚާއްސަ ދަރިވަރު އޭނާގެ ފަހަތުން ހިނގައިފައި ދެއެވެ. އޭނާގެ މޫޑު އަދިވެސް ރަނގަޅެއް ނުވެއެވެ.
"މާތް މަނިކުފާނު. ތަންކޮޅެއް ބާރަށް ވަޑައިގަންނަވާން ވީ ނޫންތޯ؟" ޚާއްސަ ދަރިވަރު ބިރުން ހުރެ ބުނެލިއެވެ. "ޖަލްސާގެ ވަގުތު ޖެހިގެން އިތުރަށް ދިހަ މިނިޓު ހިނގައިފި."
"ކަލޭގެ އަނގަ ހާދަހާ ގަދަ ވެއްޖެއޭ." ޗާންސެލަރު ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. އެޔާއެކު ހިނިތުންވެސް ވެލިއެވެ. "އަހަރެން މިއީ ގަޑިއަށް ފަރުވާތެރިވާ މީހެއް ނޫން. އެއީ އަހަރެންގެ ޚާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފަ. އަހަރެން ބޭނުން ވަނީ އެހެން މީހުންގެ ކިބައިގައިވެސް މި ސިފަ އަށަގަންނުވާން."
(ނުނިމޭ)
Interesting.
Muazzin akee mudhimu dheththoa.magey fageeru baskoshaarah ithuruvi aa baheh.
?Thank you, Aafathis n Naeem
ވަރަށް ރީތި ވާހަކައަކަާ ވައްތަރު.
ނަޢީމުގެ ވާހަކައެއް?
ފުރަތަމަ ބަޔާއެކު މިވާހަކައަށް ހިޠްޖެހިއްޖެ.ވަރަށް ނަލަ، އިބުރަޠްތެރި ވާހަކައަކަށް ވާނެހެން އެބަހީވޭ
ވ. ޢިބްރަތްތެރި ވާނެ ވާހަކައެއް