އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން އަހަރަކު 50 މިލިއަންނަށްވުރެ ގިނަ ޑޮލަރު ޤައުމުން ބޭރުވާކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުޙައްމަދު ފަލާޙު ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުއްވި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލްގެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ބިދޭސީން ކޮންޓްރޯލްކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މެމެބަރ ފަލާޙު ވިދާޅުވީ ޒަމާނުންސުރެ އެކައުންޓިނގ ދާއިރާގައި މަސައްކަތް ކުރަމުންދާތަން ފެންނަނީ ބިދޭސީން ކަމަށެވެ. ދިބެހިންނާ ގުޅިގެން އޮޑިޓް ފާމްތައް ހަދައިގެން އެކައުންޓިން ދާއިރާ ކޮންޓްރޯލް ކުރަމުން ދަނީ ބޭރުމީހުން ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭން ގިނަ ޢަދަދަކަށް ބޭރު ފައިސާ ޤައުމުން ބޭރުވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އަހަރެއްގެ މައްޗަށް 50 މިލިއަނަށްވުރެ ގިނަ ޑޮލަރު އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ބިދޭސީންގެ ފަރާތުން ޤައުމުން ބޭރުވަމުންދާކަމަށެވެ. އެފައިސާ ބޭރުނުވެ ރާއްޖޭގައި ހުފެހެއްޓޭނަމަ އެކަމުގެ ފައިދާ ރާއްޖޭގެ އިޤްތުޞާދަށް މާބޮޑަށް ވެސް ކުރާނެކަމަށް މެމްބަރ ފަލާޙް ފާހަގަ ކުރެއްވިއެވެ.
ވެލިދޫ ދާއިރޭގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވީ މީރާއަށް ޓެކްސް ދައްކާއިރު އެކައުންޓެންޓުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ 52 އިންސައްތަ އަކީ ބޭރު މީހުންކަމަށެވެ. މި ދާއިރާއިން ތަމްރީނު ވެފައިވާ ދިވެހިން މަދު ނޫން ކަމަށާއި ނަމަވެސް ދިވެހިންނަށް ފުރުޞަތު ގެއްލި ފައިވަނީ ބިދޭސީން އެދާއިރާ ކޮންޓްރޯލް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް އެކައުންޓެންސީ ބިލުން އެމަށް ޙައްލު ހޯދައިދޭނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
"ދިވެހިންނާ ނުލައި ދިވެހިންނަށް ފުރުޞަތު ނުދީ މިމަސްކަތް ނުކުރެވޭނެގޮތް ބިލްގެ ސަބަބުން ވެގެންދާނެ" މެމްބަރ ޝަފީޤް ވިދާޅުވިއެވެ.
ދިވެހިންނަށް ފުރުޞަތު ދޭންޖެހޭނެ ކަމަށް ބުނެ، ޤާނޫނާއި ޤަވާއިދު ހެދިފައިވާކަން ފާހަގަ ކުރައްވައި މެމްބަރ ޝަފިޤް ވިދާޅުވީ ނަމަވެސް އެކަން މޮނިޓަރ ކުރެވޭނެ އުޞޫލެއް ނެތްކަމަށެވެ. ރިސޯރޓްތަކުގައި ދިވެހިނަށް ނޫނީ ނުކުރެވޭނެ ކަމަށް ބުނާ އެތައް ކަމެއް، މޮނިޓަރ ކުރެވޭނެ އުޞޫލެއް ނެތުމުން ބިދޭސީންގެ އަތް މަތީގައިވާކަމަށެވެ. އެހެންކަމުން އެކައުންޓެންސީއާ ބެހޭ ބިލް ޤާނޫނަކަށް ވެގެން ދާއިރު ޢަމަލީ ގޮތުން އެކަން މޮނިޓަރ ކުރެވޭނެ އުޞޫލެއް ޤާއިމްވެގެންދާންޖެހޭނެކަމަށެވެ. އެހެންނޫންނަމަ މިފަދަ ޤާނޫނެއް ގެނައުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ކޭޝިއަރުންގެ ގޮތުގައިވެސް ބޭރުމީހުންނަށް ނުތިބެވޭނެ ގޮތަށް ލިޔުމުގައި އޮތަސް އެކަންވެސް މޮނިޓަރ ކުރެވޭނެ ގޮތެއް ނެތުމުން ކޭޝިއަރުން ގޮތުގައި ތިބޭތަން ފެންނަނީ ބިދޭސީން ކަމަށެވެ. ޑޮލަރު ނުލިބޭ ވާހަކައާއި ދިވެހިންގެ ތެރެއިން ފަންނީ މީހުންނަށް ފުރުޞަތު ނިލިބޭ ވާހަކަދައްކާއިރު، ފަންނީ ދިވެހިން ތިއްބައި ބޭރުމީހަކަށް އެފަދަ ފުރުޞަތު ލިބިގެން ނުވާނެކަމަށް އޭނާ ވިދާޅުވުއެވެ.
ބިލްގައި ބުނާގޮތުން ވަކީ ޤާނޫނީ ޞަޙްސެއްގެ ގޮތުގައި އެކައުންޓެންސީއާ ބެހޭ އިންސްޓިޓިއުޓެއް އުފައްދަންޖެހޭނެއެވެ. ބިލް ހުށަހެޅުއްވި ދާންދޫ ދާއިރާގެ މެމްބަރ ޔަޢްޤޫބް ޢަބްދުﷲ ވިދާޅުވީ ބާކައުންސިލަށް ދިމާވި ފަދަ މައްސަލަ ތަކެއް މި ބިލްގެ ސަބަބުން އެކައުންޓެންސީ ދައިރާއަށް ވެގެން ނުދާނެކަމަށެވެ. އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން އިންތިޤާލީ ބާބެއްވެސް ހިމަނައިފައިވާނެކަމަށެވެ.
"މިކަން ބޭރުމީހުން ކުރާގޮތަކީ އެކައުންޓިންދާއިރާ ނޫނީ އެނޫންވެސް ގުޅުންހުރި ދާއިރާއިން ފްރެޝް ގަރެޖުއޭޓުން ކުޑަ މުސާރައަކަށް ގެންނަނީ. ގެނެސް ރާއްޖޭގައި އެމީހުންލައްވާ ދެ އަހަރު ވަންދެން އެއޮޑިޓް ފާރމްތަކުގައި ވާރކްކުރުވައިފައި މުހިންމު ކީ އިންޑަސްޓްރީތަކުގެ މުހިންމު ވަޒީފާތަކަށް އެމީހުން ޕްލާންޓް މިކުރަނީ. މީގެ ބޭނުމަކީ މިދާއިރާގެ އެއްވެސް މަސައްކަތެއް އަދި އޭގެ އިތުރަށް ރާއްޖޭގެ މިއިޤްތުޞާދުގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް އެފަދަ މުހިންމު މަސައްކަތެއް ދިވެހި އެއްވެސް ފަރާތަކަށް ނުލިބި އެމީހުންނާ ގުޅިގެން ނޫން ގޮތަކަށް އެމީހުން ބޭނުންނޫން ފަރާތަށް އެކަން ނުދިއުން. މިކަމަކީ މީގެ އެތައް އަހަރު ކުރިން ވަރަށް ޕަލޭންކޮށް ކުރެވެމުން އަންނަކަމެއް. ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގައި އެކައުންޓިން، ޕަރޮކިއުމަންޓާ ގުޅޭ ކަންކަމުގައި ހަމައެންމެ އިސްމުވައްޒަފުންނާއި އޭގެ ދަށުގެ މުވައްޒަފުންގެ ގޮތުގައި ވެސް ތިބީ ރާއްޖޭން ބޭރުގެ ފަރާތްތައް" މެމްބަރ ޔަޢްޤޫބުގެ ކަންބޮޑުވުންތައް ހާމަކުރައްވަމުން ވިދާޅުވިއެވެ.
ބިލް ހުށަހެޅުއްވި ދާންދޫ ދާއިރާގެ މެމްބަރ ޔަޢްޤޫބް ޢަބްދުﷲ ވިދާޅުވީ އެކައުންޓިން ދާއިރާއަކީ ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ދާއިރާއެއް ކަމަށެވެ. މިހާރު އެދާއިރާއިން ތަމްރީނުވެފައިވާ ގިނަ ޢަދަދެއްގެ ދިވެހިން އެބަ ތިބިކަމަށެވެ. ނަމަވެސް އެފަދަ ފަންނީ ދިވެހިންނަށް ފުރުޞަތު ލިބިފައި ނުވަނީ ބިދޭސީން އެދާއިރާ ކޮންޓްރޯލް ކުރާތީކަމަށް އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު މެމްބަރ ޔަޢްޤޫބު ވިދާޅުވިއެވެ.