ފަތުރުވެރިކަން އަލުން ފެށުމަށް އެކުލަވާލި ގައިޑްލައިނަށް މަޖިލީހުގެ ލަފާ ހޯއްދަވަނީ

ފަތުރުވެރިކަން އަލުން ފެށުމަށް އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން (އެމްސީޓީޖީ)ގެ ފުރަތަމަ ދެލިކޮޕީއަށް މަޖިލީހުގެ ލަފާ ހޯއްދެވުމަށް ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިގައިޑްލައިނަށް މަޖިލީހުގެ ލަފާ ދެއްވުމަށް އެދި ޓޫރިޒަމް މިނިސްޓަރ ފޮނުވައިފައިވާ ސިޓީފުޅު މަޖިލީހަށް ވަނީ އިއްވައިފައެވެ. ސިޓީ ފުޅުގައި ޓޫރިޒަމް މިނިސްޓަރ އެދި ވަޑައިގެންފައި ވަނީ މަޖިލީހުގެ ލަފާ މިމަހު 25 ގެ ކުރިން އެރުވުމަށެވެ.

ސިޓީފުޅުގައި ވަނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމާ ގުޅިގެން ފަތުރު ވެރިން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. ނަމަވެސް ފަތުރުވެރިކަން އަލުން ފެށުމަކީ ރާއްޖޭގެ އިޤްތުޞާދަށް ކޮންމެހެން މުހިންމުކަމެއްކަމަށް އެ މިނިސްޓްރީއާއި އެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން އިއްތިފާޤުވާ ކަމަކަމަށް ޓޫރިޒަމް މިނިސްޓަރގެ ސިޓީ ފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މޯލްޑިވްސް ސޭފްޓޫރިޒަމް ގައިޑް ލައިން (އެމްސީޓީޖީ) ފުރަތަމަ ދެލިކޮޕީ އެ މިނިސްޓްރީން އެކުލަވާލެއްވީކަމަށް ވިދާޅުވެފައިވެއެވެ.  

ގައިޑްލައިން އެކުލަވާލެއްވުމުގައި ޑަބްލިޔޫއެޗްއޯގެ ގައިޑް ލައިންތަކާއި އެހެން ޤައުމުތަކުން މިކަމުގައި ގެންގުޅޭ މިންގަނޑުތަކަށާއި ޔޫއެން ޑަބްލިޔޫޓީއޯގެ ލަފަޔާއި އިރުޞާދުގެ އިތުރުން އާއްމު ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބައްލަވައިފައިވާނެކަމަށް މިނިސްޓަރގެ ސިޓީފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.  

މި ގައިޑްލައިން ދިރާސާ ކުރުމަށް އިޤްތިޞާދީ ކޮމެޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުއްވައިފައެވެ. މިއަދުން މިއަދަށް ކޮމެޓީން މަސައްކަތް ފަށްޓަވައި މިނިސްޓަރ އެދި ވަޑައިގަންނަވާ ތާރީޚްގެ ކުރިން މަޖިލިހުގެ ލަފާ އެރުވުމަށް މަޖިލީހުގެ ރައީސް އެދި ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.