މިނިސްޓްރީތަކުގެ މެދުގައި މުޢާމަލާތުކުރާނެ ކޮމިއުނިކޭޝަން ސްޓްރެޓެޖީ ޕްލޭނެއް ނެތް:  ކޮމިޓީ ރިޕޯރޓް

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މިނިސްޓްރީ ތަކުގެ މެދުގައި މުޢާމަލާތުކުރާނެ ކޮމިއުނިކޭޝަން ސްޓްރެޓެޖީ ޕްލޭނެއް އެކުލަވާލާފައި ނުވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯރޓްގައި ބުނެފިއެވެ. ނުފަދަ ޙާލަތެއްގައު މިނިސްޓްރީތަކުގެ މެދުގައި މުޢާމަލާތު ކުރާނެ އެފަދަ ޕެލޭނެއް ނެތުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ރިޕޯރޓްގައި ވެއެވެ. 

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްވަރުގައި މިނިސްޓްރީތަކުން ދެމުންދާ މަސައްކަތްތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަމަށް ވެސް ކޮމިޓީއަށް ހޯދި މަޢުލޫމާތުން އެނގެން އޮތްކަމަށް ވެސް ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ.

"މި ދަނޑިވަޅަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތަކެއް ފޯރުކޮށްދޭންވީ ވަގުތެއްކަމުން، ސަރުކާރުގެ ވުޒާރާތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އުޞޫލުތައް ހަމައެކަނި ގެޒެޓްގައި ޝާއިޢު ކުރުމުގެ ބަދަލުގައި މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެވޭނެ ގޮތްތަކެއް ރޭވިފައި އޮތުން މުހިންމުކަމަށް ކޮމިޓީއަށް ހޯދުނު މަޢުލޫމާތުން އެނގެން އޮންނަކަން" ރިޕޯރޓްގައި ވެއެވެ. 

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެއާ ޙަވާލުކުރެވުނު މަސައްކަތްތައް ދިރާސާކުރުމަށްފަހު، ސަރުކާރުގެ ވުޒާރާތަކުން ހޯދި މަޢުލޫމާތުގެ އަލީގައިހަތް ހުށަހެޅުމެއް ރިޕޯރޓްގައި ހުށަހަޅުއްވައިފައި ވެއެވެ. 

ކޮމެޓީގެ ފުރަތަމަ ހުށަހެޅުމަކީވެސް ކޮމިއުނިކޭޝަން ސްޓްރެޓެޖީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް މިނިސްޓްރީތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނާ ޙިއްޞާކުރެވޭނެ ގޮތްތަކެއް އެކަށައަޅުމެވެ. އަދި އެ މަޢުލޫމާތު މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. 

ދެވަނަ ހުށަހެޅުމަކީ މިނިސްޓްރީތަކުން ދެމުންގެންދާ ޚިދުމަތްތަކާއި ހުއްޓިފައިވާ ޚިދުމަތްތަކާއިބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މިނިސްޓްރީއަކުން ފޯކަލް ޕޮއިންޓެއް ހަމަޖައްސައި އެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރުމެވެ. ތިންވަނަ ހުށަހެޅުމަކީ މިދުވަސްވަރު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ޤާއިމްކުރެވިފައި ހުރުމެވެ. 

އެސް.އޯ.ޕީތަކުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީތަކުން ޢަމަލުކުރަމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީތަކާ ބައްދަލުކޮށް މިނިސްޓްރީތައް ޖަވާބުދާރީ ކުރުވުން ވެސް ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ. މިނިސްޓްރީތަކުން ދެމުންގެން ދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޤާއިމްކުރުން ވެސް ހިމެނެއެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް މެދު ނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން އެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހުށަހެޅުން ތަކުގެ ތެރޭގައި ހިމެނެއެވެ. 

ކޮމެޓީގެ އެންމެ ފަހު ހުށަހެޅުމަކީ ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިސްކަންދީ، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ފާހަގަކޮށް، އެ އާ އެއްގޮތަށް މިނިސްޓްރީތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބަޖެޓް އަލުން އެކުލަވާލުމެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.