ކޮމަންވެލްތާ އަލުން ގުޅުމަކީ ލިބުނު ރަނުގެ ފުރުސަތެއް: އެމްއާރުއެމް

އެމްއާރުއެމްގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް

ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަކީ ބަވަނަވަމުންދާ ދުނިޔެއެއްގައި އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.

އެ ޕާޓީން މިހެން ވިދާޅުވެފައިވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމުން އެކަމަށް މަރުހަބާ ކިޔައި ނެރުއްވާފައިވާ ބަޔާނެއްގައެވެ.

"ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމާއި ގުޅިގެން ދިވެހިރައްޔިތުންނަށް މިޕާޓީން ވަރަށް ބޮޑަށް މަރްޙަބާ ކިޔަމެވެ. ވަކިން ޚާއްސަކޮށް މި އުފާވެރި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަމެވެ. ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުން ވެގެންދާނީ ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ." އެ ބަޔާނުގައިވެއެވެ.

ކޮމަންވެލްތުގައި ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ އެމްއާރުއެމްގެ އެންމެ އިސްލީޑަރު ރައީސް މައުމޫންގެ ޒަޢާމަތުގައެވެ. އޭރު ދިވެހިރާއްޖޭން ކޮމަންވެލްތާއި ގުޅުމަށް ނިންމީ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެތަކެއް ގިނަގުނަ ފައިދާތަކެއްވާނެކަން ފެންނަން އޮތުމުން ކަމަށް ވެސް އެބަޔާނުގައި ވެއެވެ. އަދި އޭގެ ސަބަބުން ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި، ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ޙަރަކާތްތެރިވުމަށް ވެސް އޭގެ ސަބަބުން ފުރުސަތު ލިބުނު ކަމަށް އެބަޔާނުގައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ގަދަރާއި ޢިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވައި ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަކީ ވެސް ކޮމަންވެތާ ގުޅުމުގެ އެއް މަޤްސަދު ކަމަށް އެމްއާރުއެމް ގެ ބަޔާނުގައިވެއެވެ.

"ދެހާސް ސޯޅަ ވަނަ އަހަރާއި ހަމައަށްވެސް ކޮމަންވެލްތުގެ ފަރާތުން ދިވެހިރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން، ގިނަ ގުނަ އެހީތެރިކަން ލިބިފައިވެއެވެ. އެގޮތުން ކޮމަންވެލްތުން އިސްކަން ދޭ ކަންކަމުގެ ތެރޭގައި ، މޫސުމީ ބަދަލުތަކުގެ މައްސަލަ ތަކާއި، ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، ވިޔަފާރި އާއި ޒުވާނުން ބާރުވެރި ކުރުވުމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާއާއި މިނޫންވެސް އެތަކެއް ރޮނގަކުން ރާއްޖެއަށް އެހީތެރިކަން ލިބިފައިވެއެވެ."

އޭގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށްދެވި، ރާއްޖޭގެ އިގްޠިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން ވެސް ކޮމަންވެލްތުގެ ސަބަބުން އިތުރު ވެގެންދިޔަ ކަމަށް އެބަޔާނުގައިވެއެވެ.

ކޮމަންވެލްތުގެ ޤައުމަކަށް ދިވެރިރާއްޖެވުމަށް އޭރު ވަރަށް ގިނަގުނަ އަދި ބުރަ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށް އެމްއާރުމުން ވިދާޅުވެފައިވެއެވެ. އެމަސައްކަތްތަކުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ރާއްޖޭގައި އެންމެ ދިގުމުއްދަތަކަށް ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ، ކުރީގެ ޚާރިޖީ ވަޒީރު އަލް މަރުހޫމް ފަތުހުﷲ ޖަމީލެވެ. މި ފުރުސަތުގައި އެމަނިކުފާނުގެ ވަޒީރު ކަމުގައި ދިވެހިރާއްޖެ މިދެކޭ ތަރައްގީ ގެނެސްދެއްވުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާ ކަމަށް ވެސް އެމްއާރުއެމުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.