މީގެ ދެއަހަރުކުރީން، 2018 ވަނަ އަހަރު ގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރޭ ކުއްލިނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާނުކޮށް އެދުވަހަކީ ޤާނޫނުއަސާސީ ވަކިބޭފުޅެއްގެ އެއްޗަކަށް ހަދާލި ދުވަހެއް ކަމަށް މޯލްޑިވްސް ރިފޯމްމޫވްމަންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.
މިއަދަކީ އެދުވަހަށް ދެއަހަރު ފުރުނު ދުވަސް ކަމަށާއި އެ ފަހަރު ކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރީ، ރާއްޖޭގެ ޤާނޫނު އަސާސީގެ އުޞޫލުތަކާ ޚިލާފަށް އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައްވެސް ނަގާލައި ޢަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށް އެމްއާރުއެމުން ވަނީ ވިދާޅުވެފައެވެ.
އެފަހަރު ކުއްލި ޙާލަތު އިޢުލާން ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކޮށް، ދޫނިދޫ ޖަލަށް ގެންދިޔައީ އެ ޕާޓީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް އެވެ. އެއަށްފަހު އެމަނިކުފާނުގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ކަމަށް އެޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. "އެދުވަހު ޤާނޫނު އަސާސީ ވަކި މީހެއްގެ މިލްކަކަށް ހަދައި، ޤާނޫނުގެ ބާރު ކަނޑުވާލައި ދިވެހިރާއްޖޭގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއްކަން އެދުވަހުވެސް ދިވެހި ރައްޔިތުން ޤަބޫލު ކުރިއެވެ." އެބަޔާނުގައި ވެއެވެ.
"މިއަދު މިދެންނެވި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރިތާ ދެ އަހަރު ފުރޭއިރު، މުޅި ދިވެހި ޤައުމަށް ހާމަވެގެން ގޮސްފައިމިވަނީ އެޙާލަތުގެ ދަށުން ބަންދުކުރެވުނު ބޭފުޅުންގެ އިސްތަށި ފުޅުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު އިލްޒާމް ތަކެއްކަމެވެ. އަދި އެއީ ވަކިބައެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ޤާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ޣައިރު ޤާނޫނީ މަސައްކަތެއްކަމެވެ."
އެ ދުވަހު ކުއްލި ޙާލަތު އިޢުލާން ކުރެއްވިއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް މައުމޫން ގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެހެންނަމަވެސް އެމަނިކުފާނު މިހާރު އޮންނެވީ ޖަލުޙުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.
އެމްއާރުއެމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެ ދުވަހަކީ ރާއްޖޭގެ ޤާނޫނުއަސާސީއަށް ފައިންއަރައި ޗިސްކޮށްލި ދުވަސްކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީ އާއި ޚިލާފަށް އަނިޔާވެރި އެ ޢަމަލުހިންގި ދައުލަތުގެ އިސް މަޤާމު ތަކުގައި އޭރު ތިއްބެވި ބޭފުޅުންގެ މައްސަލަ ބައްލަވައި، އިންސާފުވެރި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާ ތަކަށް އެބަޔާނުގައި ވަނީ ގޮވައިލައްވައިފައެވެ. "އެހެންނޫނީ ކުރިޔަށް އޮތްތާނގައިވެސް ރައްޔިތުންގެ ވޯޓުން ބާރުދީފައި ތިބޭ ވެރިން މިބާވަތުގެ އަނިޔާވެރި ޣައިރު ޤާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެވެ." އެބަޔާނުގައިވެއެވެ.