އެމްއާރުއެމް ވެގެންދާނީ އަންހެނުންނާއި ޒުވާނުންނަށް ފަހިފުރުސަތުއޮތް ޕާޓީއަކަށް: ނާދިރާ

އެމްއާރުއެމް ވެގެންދާނީ އަންހެނުންނާއި ޒުވާނުންނަށް ފަހިފުރުސަތުއޮތް ޕާޓީއަކަށް: ނާދިރާ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ވެގެންދާނީ އަންހެނުންނާއި ޒުވާނުންނަށް ފަހިފުރުސަތުތަކެއް އޮތް ސިޔާސީ ޕާޓީއަކަށް ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ އެއްބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޒުވާނުންނާއި އަންހެނުންނަށް ފުރުސަތު ދެއްވާނެ ކަމަށް މީގެ ކުރީގެ ޕާޓީތަކުންދެއްކީ ވާހަކަ ކަމަށެވެ. އެހެންނަމަވެސް އެމްއާރުއެމްގެ ހިންގާ ގާވާއިދުގައި ވަނީ އެކަންލިޔެ ވާސްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ފުރަތަމަ ކޮންގުރެސް ބޭއްވުމާ ހަމައަށް އިންތިގާލީ މަރުހަލާގައި ކަންކުރާނެގޮތުގެ ބާބާ އެއްގޮތަށް މިހާރު އެމްއާރުއެމް އިންވަނީ އިންތިގާލީ ކައުންސިލެއް އެކުލަވާލައިފައެވެ. އަދި ޕާޓީގެ ރައީސަކަށް ރައީސް މައުމޫން ވަނީ އިންތިޚާބު ކުރައްވައިފައެވެ.

އިންތިގާލީ ކައުންސިލްގެ އިތުރުން 20 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީއެއްވެސް މިހާރުވަނީ އެކުލަވާލައިފައެވެ. އޭގެތެރެއިން ވެސް 10 މީހުންނަކީ އަންހެނުން ކަމަށްވާންޖެހޭ ކަމަށް ނާދިރާ ވިދާޅުވިއެވެ. އަދި އިންތިގާލީ ޒުވާނުންގެ ކައުންސިލަށް 15 ފިރިހެން މެމްބަރުން ހޮވުމާއި އިންތިގާލީ ޒުވާނުންގެ ކައުންސިލަށް 15 އަންހެން މެމްބަރުން ވެސް ވަނީ އިންތިޚާބު ކޮށްފައެވެ. އެމަގާމްތަކަށް އިންތިޚާބު ކޮށްފައިވަނީ އުމުރުން 30 އަހަރު ނުވާ ޒުވާނުންނެވެ. މިއިން ކޮންމެ 15 މެމްބަރެއްގެ ތެރެއިން އެންމެގިނަ ވޯޓުލިބޭ 6 މެމްބަރަކު އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭނެއެވެ. މީގެ އިތުރަށް އިންތިގާލީ އަންހެނުންގެ ކައުންސިލަށް 20 މެމްބަރުންވަނީ އިންތިޚާބު ކޮށްފައެވެ.

ނާދިރާ ވިދާޅުވީ ޒުވާނުންގެ ކައުންސިލަށް ވެސް ދެޖިންސަށް ވެސް ވަނީ ހަމަހަމަ ފުރުސަތު ހުޅުވާލައިފައި ކަމަށެވެ. އެގޮތުން ރައީސަކަށް ފިރިހެނަކު ހޮވިއްޖެ ކަމަށްވާނަމަ ނާއިބުރައީސަކަށް ހޮވޭނީ އަންހެނުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަވޯޓު ލިބޭ މީހާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.