ސަރުކާރަށް އަހަރު ފުރުނުއިރުވަނީ ކާމިޔާބީތަކެއް ހާސިލް ކޮށްފައި: އެމްއާރުއެމް

އެމްއާރުއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫން، ރައީސް އިބްރާހީމް މުހައްމަދު ސާލިހާ، ސަލާމް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލޙުގެ ސަރުކާރަށް އެއް އަހަރު މިއަދު ފުރުނުއިރު ފާއިތުވި އަހަރުގައި ސަރުކާރުން ވަނީ ކާމިޔާބީތަކެއް ވެސް ޙާސިލް ކުރައްވައިފައި ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ސަރުކާރަށް އެއް އަހަރުފުރުން ފާހަގަކުރުމާ ގުޅިގެން އެމްއާރުއެމްއިން ނެރެފައިވާ ތަހުނިޔާގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރަށް އެއް އަހަރުފުރި ދެވަނަ އަހަރަކާ ކުރިމަތިލިއިރު ފާއިތުވި އަހަރުގައިވަނީ ރާއްޖޭގައި ޞުލްޙަމަސްލަސްކަމާއި އަމަން އަމާންކަން ޤާއިމުކުރެވިފައި ކަމަށެވެ. އަދި ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތް ކުރެވެމުން އަންކަމަށް ވެސް ބުނެފައިވެއެވެ. މިއީ ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެމަނިކުފާނު ކޯލިޝަންގެ އަސާސްތަކާއި ސިޔާސަތުތައް، ދަމަހައްޓަވާ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅުގެ ނަތީޖާ ކަމަށް ވެސް ބުނެފައިވެއެވެ.

"މިއަދު ޤައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރެވެ. ތަރައްޤީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުގައެވެ." އެބަޔާނުގައި ވެއެވެ.

ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. ސަރަހައްދީ ޤައުމު ތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަވަމުން ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުމާއި އަދި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ރައީސް އިބްރާހީމް ކުރައްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ސަރުކާރަކީ އެމް.އާރް.އެމް އަށްވެސް ނިސްބަތްވާ ސަރުކާރެއް ކަމަށެވެ. އެކަން އެހެން އޮތުމަކީ އެ ޕާޓީއަށް ލިބޭ އުފަލަކާއި ޝަރަފެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

"ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި މަނިކުފާނު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި މިޕާޓީގެ ރައީސް އަދި މިޕާޓީގެ ލޮބުވެތި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުމެ ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން މިފުރުޞަތުގައި އަރުވަމެވެ. އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާއަކީ، މަނިކުފާނުގެ ސަރުކާރަށް އިތުރު ކާމިޔާބު އަހަރުތަކެއް މިންވަރު ކުރެއްވުމެވެ." އެމްއާރުއެމް އިން ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.