އެޑިޓޯރިއަލް: އާއްމު ސިއްހަތުގެ އަހަރު – މުހިއްމު ނިންމެވުމެއް

2020 ވަނަ އަހަރަކީ އާއްމު ސިއްހަތުގެ އަހަރު ކަމަށް ނިންމެވި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިއްމު، ހަރުދަނާ ނިންމެވުމެކެވެ.

ސިއްހަތު ސަލާމަތުން އޮތުން ބިނާވެފައި އޮންނަނީ އާއްމު ސިއްހަތު ނުވަތަ ޕަބްލިކް ހެލްތުގެ މައްޗަށެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބޮޑެތި މީހުންނަށް ކަމުގައި ވިޔަސް އެކި ކަހަލަ ބޮޑެތި ބަލިބަލީގެ ވެކްސިން ދިނުމަކީ އާއްމު ސިއްހަތުގެ ބައެކެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖޭގައި ސިއްހީ މައްސަލަތައް ގިނަ ވެގެންދާ އެއް ސަބަބަކަށް އާއްމު ސިއްހަތާ މެދު އަޅާނުލައި ދޫކޮށްލެވިފައި އޮތުން ވާނެއެވެ. ރާއްޖޭގެ ޒަމާންވީ އާދައަކީ ރަށްރަށުގައި ތިބޭ ހެލްތު ވޯކަރުންނާއި ސިއްހީ އެހީތެރިން މެދުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމާއި ވެކްސިން ދިނުން ފަދަ ކަންތައްތައް ކުރަމުން ދިއުމެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތަށް ވަރަށް ބޮޑު ބުރުލެއް އަރައިގެން ދިޔަތަން ފެނުނެވެ.

އާއްމު ސިއްހަތު އޮޔާދާން ދޫކޮށްލެވުނީ ނުބައި މަގުސަދެއްގައެއް ނޫނެވެ. ވިސްނުން އޮތީ މާލޭގެ ފެންވަރުގައި މުޅި ރާއްޖެއަށް ސިއްހީ ޚިދުމަތް ދިނުންކަމުގައި ވެދާނެއެވެ. އެކަމަކު ނަތީޖާ ނުކުތީ އެހެންނެއް ނޫނެވެ. މުޅި ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ފުނޑުފުނޑުވެގެން ދިޔައީއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނު ކުރެއްވި މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވިއްޖެނަމަ ރާއްޖޭގެ އާއްމު ސިއްހަތުގެ ހާލަތު ރަނގަޅު ވެގެންދާނޭ ކަމާމެދަކު ޝައްކެއް ނެތެވެ. އެކަމަކު މިއީ ހަމައެކަނި ރައީސްގެ އިއުލާނަަކުން ނިންމައިލާ ކަމަކަށް ވެގެން ނުވާނެއެވެ. މުޅި ސިއްހީ ދާއިރާ އެކީގައި ތެދުވެ އެއް އަޑަކުން އެއް ލަވައެއް ކިޔާން ވާނެއެވެ. އެހެން ނޫނީ ކާމިޔާބެއް ނުވާނެއެވެ.

އާއްމު ސިއްހަތުގެ ހާލަތު ރަނގަޅު ކުރެވިގެން ނޫނީ ގައުމުގެ ސިއްހަތު ދުޅަހެއު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.