ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ބާއްވާ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އެމްޑީޕީން ބާތިލް ކޮށްފިއެވެ.
ބާތިލް ކޮށްފައިވާ ދެ ކެންޑިޑޭޓުންނަކީ ލ.ކުނަހަންދޫ ކައުސިލް ޕްރައިމަރީއަށް ވާދަކުރާ ކެންޑިޑޭޓު. ކުނަހަންދޫ، މަންޒިލް އަޙްމަދު ޝަރީފާއި، ގއ. ކަނޑުހުޅުދޫ ކައުންސިލް ޕްރައިމަރީގައި ވާދަކުރާ، ކަނޑުހުޅުދޫ، ވާދީ މަދީހާ ޢަބްދުއްﷲ ގެ ކެންޑިޑެސީއެވެ.
އަޙްމަދު ޝަރީފްގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީޢަމަލު ހިންގިކަމުގެ ތުޙުމަތުކުރެވުނު މައްސަލައެއްގައެވެ. އަދި މަދީހާ ޢަބްދުއްﷲ ގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ ޖިންސީ ޢަމަލުގެ ޝިކާރަކަށްވެފައިވާ ތުއްތު ކުއްޖަކާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެޢަމަލު ހިންގިކަމުގެ ތުޙުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކާ މެދު ޙަމްދަރުދީވެ، އެމީހާގެ ދިފާޢުގައި ވާހަކަދެއްކި މައްސަލައެއްގައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ކުޑަކުދިންނާއެކު ޖިންސީޢަމަލު ހިންގުމާއި، އެ ފަދަ މައްސަލަތަކުގައި އެކުދިންނާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ޙަމްދަރުދީވެ އެމީހުންގެ ދިފާޢުގައި ވާހަކަދެއްކުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އެކަމާ ދެކޮޅު ކަމެކެވެ. "އަދި އެފަދަ ޢަމަލުތަކަށް މުޖުތަމަޢުއިން ޖާގަދިނުމާއި ހިތްވަރުދިނުމާ ދެކޮޅު، އަދި އެފަދަ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ސިޔާސަތެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާރޓީއަކަށްވީހިނދު؛
މި ސިޔާސަތު، މި ޕާރޓީގެ ފަރާތުން އެކިއެކި އިންތިޚާބުތަކަށް ނެރޭ ކެންޑިޑޭޓުންގެ މައްޗަށް ތަންފީޒުކުރުމުގެ ގޮތުން ކެންޑިޑޭޓުން ވެޓްކުރުމުގެ މަސައްކަތުގެ ތެރެއިން އެ ދެ ކެންޑިޑޭޓުންގެ މައްސަލަ އެޕާޓީން ވަނީ ބަލައިފައެވެ. އެ ދެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރީ އެމީހުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ބުރަދަނަށް ރިޢާޢަތްކުރުމަށްފަހުއެވެ.