ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓް ކަށަވަރު ކުރައްވައިފި

މިއަހަރު އެޕްރީލް މަހު 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވުމުން މިއަދު ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރެއްވި މައްޗަންގޮޅީ މެދު ދާއިރާގެ ޓިކެޓް އެމަނިކުފާނު ކަށަވަރު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދު ގޮނޑި ކާމިޔާބު ކުރެއްވީ އެމަނިކުފާނާ ވާދަކުރެއްވި ޢާއިޝަތު އަލައިކާ ބޮޑު ތަފާތަކުން ބަލިކުރެއްވުމަށްފަހުގައެވެ. އެމަނިކުފާނަށް ވަނީ 267 ވޯޓު ލިބިވަޑައިގެންފައެވެ. އަލައިކާއަށް ލިބިވަޑައިގެންނެވީ 52 ވޯޓެވެ.

ރައީސް ނަޝީދު ވަނީ 1999 ވަނައަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފައެވެ. އެ މަނިކުފާނުގެ އިތުރަށް މާލޭގެ ދެވަނަ ގޮނޑިއަށް އެފަހަރު އިންތިޚާބުވެ ވަޑައިގެންނެވީ އިލްޔާސް އިބްރާހީމެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ގޮނޑި 2001 ވަނަ އަހަރު ވަނީ ގެއްލިފައެވެ. އެއީ ވައްކަމުންގެ މައްސަލައެއް ސާބިތުވެގެންނެވެ.

ނަޝީދުގެ އިތުރަށް ހެންވޭރު ހުޅަނގު ދާއިރާގެ ޕްރައިމަރީ އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފު ވަނީ ކާމިޔާބު ކުރައްވައިފައެވެ. ޙަސަން ކާމިޔާބު ކުރެއްވީ މުޙައްމަދު ޝަރީފާ ވާދަ ކުރައްވައެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު ޢަލީ ނިޔާޒު ވަނީ ޢަބްދުލް ޚާލީލް ޢަބްދުﷲ އާ ވާދަކުރައްވައި ހުޅުމާލެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފައެވެ. އެމްޑީޕީގެ ލީޑަރޝިޕުން ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން ޕްރައިމަރީ ކާމިޔާބު ނުކުރެވުނީ ސެކެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ސައްތާރަށެވެ. އޭނާ ވާދަކުރެއްވީ މާފަންނު މެދު ދާއިރާއަށެވެ. އެ ދާއިރާ ކާމިޔާބު ކުރެއްވީ އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.