ކޮރޯނާވައިރަސްއާ ގުޅިގެން 5556 ފަތުރުވެރިންގެ ބުކިން ކެންސަލްކޮށްފި

ކޮރޯނާވައިރަހާ ގުޅިގެން 5556 ފަތުރުވެރިންގެ ބުކިން ކެންސަލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްޓްރާއި ހެލްތް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރ އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން ނިންމެވި ބައެއް ނިމެވުންތައް ހާމަކުރައްވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިއްޔެއާ ހަމައަށް 5556 ފަތުރުވެރިން ބުކިން ކެސަލްކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ޗައިނާގެ  3693 ފަތުރުވެރިންނާއި އިޓަލީގެ 393 ފަތުރުވެރިންނާއި ޖަރުމަނުގެ 187 ފަތުރުވެރިންނާއި އިނގިރޭސި ވިލާތުގެ 162 ފަތުރުވެރިން ކަމަށެވެ. މިމަހު 26 ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް މިނިސްޓްރީގައި ސިޗުއޭޝަން ޔުނިޓެއް ޤާއިމްކުރައްވައި ކޮރޯނާ ވައިރަހާ ގުޅިގެން ފަތުރުވެރިކަމަށް އަންނަ ލޮޅުންތައް ދެނެގަތުމުގެ މަސައްކަތް ވަނީ ފަށްޓަވައިފައެވެ. މިޙާލަތުގައި ކޮންމެ ދުވަހަކުވެސް ފަތުވެރިކަމަށް އަންނަ ލޮޅުންތައް ބަލަމުން ގެންދަވާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ވައިރަހާ ގުޅިގެން ކެންސަލޭޝަން އުޅުނު ކަމުގައި ވިއަސް ޖެނުއަރީގައި އަލަށް ބުކިން ހަދައިފައިވެސް ވާހަކަމަށެވެ. ނަމަވެސް އެ ޢަދަދުތައް ހާމައެއް ނުކުރައްވައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް އިއްޔެއިން ފެށިގެން ހުއަޓާ ލައްވައިފައެވެ. ސިދާދަތުރުތައް ހުއްޓާލުމާއެކު މޯލްޑިވިއަން އިން ފެބުރުއަރީގައި ރާއްޖެއަށް ޒިޔާތްކުރުމަށް ހަމަޖެހިފައިވާ 954 ފެތުވެރިން ދަތުރުތައް ކެންސަލްވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. ޗައިނާއަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލުމަށް ސަރުކާރުން ނިންމެވީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުވެރިންގެ ސަލާމަތަށްޓަކައިކަމަށް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. މިފިޔަޅު އެޅުމުގައި ރާއްޖޭޑގެ ފަތުވެރިކަމުގެ ސިނާޢަތުގެ އެންމެހާ މަސްލަޙަތުވެރިންގެ ތާއީދުއޮތްކަން ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކުލަވާލައްވައިފައިވާ ޤައުމީ ޓާސްކްފޯހުގެ އިތުރުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް ޓާސްކްފޯހެއް ވަނީ އެކުލަވައިލައިފައެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެ ލޮޅުންތަކާ ބެހޭ ކަރުދާހެއް އެކުލަވާލައްވައި އިކޮނިމިކް ކައުސިލަށް ވެސް ހުށަހަޅައިފައިވާކަމަށް މިނިސްޓަރ ޢަލީ ވަހީދު ކުރިން ވަނީ ވިދާޅުވެފައެވެ. މިވައިރަހާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރު ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޓޫރިޒަމް ސިނާޢަތުގެ މަސްލަޙަތުވެރިންނާވެސް ބައްދަލު ކުރައްވައިފައެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިންވެސް މިހާރު ވަނީ ފެނިފައެވެ. މިކަން އިޢުލާން ކުރެއްވީ ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު މީހާއަށް މާލެ ކައިރީގައި އޮންނަ ފުނަދޫގައި އެކަހެރިކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މިބައްޔަށް ޝައްކުކުރެވިގެން ފަރުވާ ދެމުން އަނަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަކީ ޗައިނާއިން ރާއްޖެއަށް އައި މީހެކެވެ. އޭނާގެ ސާޕަލްނަގައި ޓެސްޓް ކުރަން ފޮނުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. މިއަދުގެ ވަގުތެއްގައި ޓެސްޓްގެ ނަތީޖާ ލިބޭނެކަމަށް ހެލްތް މިނިސްޓަރ ރޭ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ޓެސްޓްތައް ހެދެން ނެތުމުން ރާއްޖެއާ އެންމެ ކައިރިން ޓެސްޓްތައް ހަދަން ފޮނުވަން ޖެހެނީ އިންޑިއާގެ ޕޫނޭއަށް ކަމަށް ހެލްތް މިނިސްޓަރ ކުރިން ވަނީ ވިދާޅުވެފައެވެ. އިންޑިއާ އިން ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.