ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ފެސިލީޓިގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބާރަ މިލިއަންރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އޭނާ މިރޭ ވިދާޅުވީ އޭގެ އިތުރުން އެތަނަށް ބޭނުންވާ މެޑިކަލް އާލާތްތައް ހޯދުމަށް 28 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހަދަމުންދާ މި ފެސިލީޓީ ހުންނާނީ ޓްރީޓޮޕް ހޮސްޕިޓަލް ކުރުމައްޗަށްވާ ކަހަލަ ގޮތަކަށެވެ. އެތަން ހަދާ ނިމޭއިރު 300 އެނދުގެ ޖާގަ ހުންނާނެއެވެ. އޭގެ އިތުރުން ސާވިސް ބިލްޑިންގަކާއި އެކޮމޮޑޭޝަން ބްލޮކެއް ހުންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ސާވިސް ބިލްޑިންގެ ބޭނުމަކީ ދޮވުމާއި، ކުނި އުކުމާއި، ބަދިގޭގެ ޚިދުމަތް ދިނުމެވެ. އެކޮމޮޑޭޝަން ބްލޮކަކީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ތިބުމަށް ހަދާތަނެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ބެހޭ މަޢުލޫމާތު ދެއްވަމުން މަބްރޫކް މިރޭ ވިދާޅުވީ މިހާތަނަށް 2350 ސާމްޕަލެއް ރާއްޖޭގައި ވަނީ ނެގާފައި ކަމަށެވެ. އޭގެ ތެރެއިން 19 ސާމްޕަލް ޕޮޒިޓިވްވެފައިވެއެވެ. 2059 ސާމްޕަލް ނެގެޓިވް ވެފައިވެއެވެ. ނަތީޖާ ނުލިބި 272 ސާމްޕަލް އެބަހުރި ކަމަށް އޭނާ ވިދުވިއެވެ. މިހާތަނަށް ވަނީ އެބަލިން 13 މީހުންނަށް ޝިފާ ލިބިފައެވެ. 4 މީހަކަށް ރާއްޖޭގައި ފަރުވާ ދެމުން އެބަގެންދެއެވެ. އަދި ރާއްޖެއިން ބޭރުގައި 2 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ.
މަބްރޫކް ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހުން މިވަގުތު އެބަތިބި ކަމަށެވެ. ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 1019 މީހުންނެވެ. މިއަދު ކަރަންޓީން ފެސިލީޓީތަކުން 28 މީހުން ދޫކޮށްލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ކަރަންޓީން ފެސިލީޓީތަކުން ދޫކޮށްލުމަށް 200 މީހުންގެ ސާމްޕަލް ވަނީ ނާފައެވެ. މިހާތަނަށް ޖުމްލަ 325 މީހުން ވަނީ ކަރަންޓީން ފެސިލިީތަކުން ދޫކޮށްލެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވަނީ އަންނަ ހަފްތާއަކީ ވެސް ސަރުކާރު ބަންދު ހަފްތާއެއްގެ ގޮތުގައި ނިންމަވާފައި ކަމަށެވެ.