ކޮވިޑް 19 އާގުޅިގެން އިޤްތިޞާދަށް ކުރިމަތިވާނެ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ތަޢާރަފްކޮށްފި

ފައިނޭންޝަލް ޕެކޭޖުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނަށް ވަޒީފާ ގެއްލުނަ ނުދިނުން  

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް 19 އާގުޅިގެން އިޤްތިޞާދަށް ކުރިމަތިވާނެ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ އިކޮނިމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން ތަޢާރަފް ކޮށްފި އެވެ. މިކަން ސަރުކާރުން އިޢްލާން ކުރެއްވީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކްސް މިނިސްޓްރީއާއި މަރުކަޒީ ބޭންކް، އެމްއެމްއޭ ގުޅިގެން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ފިނޭން މިނިސްޓްރ ވިދާޅުވީ މިރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރީތަކަށް ވާރކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތައް ބައެއް ބޭންކްތައް މެދުވެރިކޮށް ހޯދައި ދިނުމަށް ނިންމާފައިވާކަމަށެވެ. ލޯނުދޫކުރުމަށް ނިންމަވައިފައި ވަނީ ހަ ޕަސަންޓް ގެ އިންޓަރެސްޓާއެކު ތިން އަހަރުން އަނބުރާ ދައްކާގޮތަށް ހަމަމަހުގެ ގްރޭސް ޕީރިއެޑަކާއެކުގައިކަމަށް ވެސް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ލޯނު ދޫކުރަނީ މި ދަނޑިވަޅުގައި ވޯކިން ކެޕިޓަލަށް ދިމާވާ ދަތިތައް ހައްލު ކުރަން ކަމަށެވެ. އަދި މި ޕެކޭޖްގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމުގެ ސަބަބުން ދިވެހިންގެ ވަޒިފާ ގެއްލުމުގެ ފުރުޞަތާއި ޕްރައިވެޓް ސެކްޓަރގެ މުސާރަތައް ކުޑަކުރުމަށް އޮވެދާނެ ފުރުޞަތުތައް ކުޑަކުރުންކަމަށް ވެސް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ. ލޯނު ނަގާ ވިޔަފާރިތަކުން އެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

 މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގައިފައިވާ ލޯނުތައް އަދާކުރުމަށް ހަމަސް ދުވަހުގެ ލުޔެއް ފޯރުކޯށް ދެއްވުމަށްވެސް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ލޯންތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ރޭޓް ހަމަސް ދުވަހަށް ލަސްކޮށް ދިނުން ފާހަގަ ކުރެއްވިއެވެ. މިކަން ކުރިއަށް ގެންދަވާނެ ގޮތް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ހަފަތާގެ ތެރޭގައި އިޢުލާން ކުރައްވަމުން ގެންދަވާނެކަމަށް ވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ތަޢާރަފް ކުރެއްވި އިކޮނިމިކް ރިކަވަރީ ޕެކޭޖުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނީ ހަމަ އެކަނި ޓޫރިޒަމް އިންޑަސްޓްރީއަށް ނޫންކަމަށް އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވިއެވެ. އިޤްތިޞާދީ އެހެން މަސައްކަތްތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ފާހަގަ ކުރެއްވިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ދެ ދާއިރާކަން ފާހަގަ ކުރެއްވިއެވެ. މިޕެކޭޖްގެ ސަބަބުން ވަރަށް ބޮޑު މިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ މާލީ އެހީތެރިކަން ނުހޯދާ ވިޔަފާރިތަކުން ވަޒީފާގެ ފުރުޞަތު ގެއްލޭ ދިވެހިންނަށް ވެސް ސަރުކާރުން ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިކޮނިމިކް މިނިސްޓަރ ދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.