މުޅިރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރ ކަމަށް ކޮވިޑް 19 އާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ކަނޑައަޅުއްވައިފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
އެއީ ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލުތަކުގައި ހުރި ވެންޓިލޭޓަރތަކާއެކު މުޅި ރާއްޖޭގައި މިވަގުތު ހުރި ވެންޓިލޭޓަރުގެ ޢަދަދު ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ތަކުގެ ތެރޭގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް 200 ވެންޓިލޭޓަރ ހަމަކުރުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. 70 ވެންޓިލޭޓަރ ގެނައުމުގެ މަގުމަތީގައިވާކަމަށް މަބްރޫކް ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް- 19 އަށް 17 މީހުން ޕޮސިޓިވް ވެފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ އެންމެ ފަހުން ބައްޔަށް ޕޮޒިޓިވްވި ދެ ދިވެހީންނަށެވެ. ރާއްޖޭގެ ޕޮސިޓިވް ކޭސްތަކުގެ ތެރޭގައި ކަރަންޓީންގައި ތިބުމަށްފަހު އެނބުރި އީޓަލީއަށް ދިޔަ އެޤައުމުގެ ދެ ފަތުރުވެރިން ވެސް ހިމެނެއެވެ. މިބައްޔަށް ޓެސްޓް ކުރަން ނަގައި ލެބާ ހަމައަށް ފޮނުވާފައިވާ ސާމްޕަލް ތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލި ވަނީ 11 ސާމްޕަލެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.