ބޭސް ރައްކާކުރާނެ ގުދަނެއް އެސްޓީއޯއިން އަޅަނީ

ބޭސް ރައްކާކުރާނެ ގުދަނެއް މިއަހަރު ތެރޭ އެޅުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެސްޓީއޯއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ އެކުންފުނީން މިހާރުވެސް އެކިރަށްރަށުގައި 187 ބޭސް ފިހާރަ ހިންގަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް އެތަންތަނަށް ބޭނުންވާ ބޭސް ފޯރުކޮށް ދިނުމަށް މިހާރު ވަރަށްބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ މަގުސަދަކީ ބޭނުންވާ ކޮންމެ ވަގުތަކު ބޭސް ފިހާރަތަކުން ބޭސް ލިބެން ހުރުން ކަމަށެވެ. އެހެންނަމަވެސް ބޭނުންވާ ބޭސް މާލެ ގެނެސް ގުދަންކޮށްފައި ބެހެއްޓުމާއި ރަށްރަށަށް ފޮނުވުމުގައި ވަރަށްބޮޑެތި ދަތިކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން މިހާރު ކުރިއަށް ގެންދަނީ އެކުންފުނީގެ މުވައްޒަފުން ނުނިދާ ތިބެގެން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް ޢަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މެޑިކަލް ވެއާހައުސްއެއް އެޅުން. ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ގެނެސް ރައްކާކޮށް އެއެއްޗެހި ރަނގަޅު ގޮތަށް ޕެކްކޮށް އެއްޗެހި މުޅިރާއްޖެއަށް ޑިސްޓްރިބިޔުޓު ކުރެވޭ ވަރުގެ ވެއާ ހައުސްއެއް މިހަރުތެރޭގައި އަޅަން ރާވާފައިމިވަނީ،" ޢަމްރު ވިދާޅުވިއެވެ.

މިއީ ފިޔަފާރިތައް ރަނގަޅު ކުރުމަށް އެސްޓީއޯއިން މިއަހަރަށް ކަނޑައަޅާފައިވާ ހަތަރު ސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރާކެމެވެ. މެޑިކަލް ވެއާ ހައުސްއެއް އެޅުމުން ވަރަށްބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ޢަމްރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.