ފިޔާ، އަލުވި، ބިސް ވިއްކުން އެސްޓީއޯއިން ކޮންޓްރޯލް ކޮށްފި

އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ގެންދާ ފިޔާ، އަލުވި، ބިސް މި ތިންބާވަތް އިއްޔެއިން ފެށިގެން ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިސަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ އެގޮތަށް ކޮންޓްރޯލްކުރި މައިގަނޑު ސަބަބަކީ ބާޒާރުގައި އެތަކެތި އަގުބޮޑުވެފައިވާތީ ރައްޔިތުންނަށް އަގުހެޔިކޮށް އެތަކެތި ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ އިއްޔެއިން ފެށިގެން ކޮންމެ އައިޑީކާޑަކަށް ވިއްކާނީ ބިސްޓްރޭއަކާއި، ފިޔާ، އަލުވި، ބިސް މިއިން ކޮންމެ ބާވަތަކުން ކިލޯއެއް ކަމަށެވެ. އެތަކެތި ވިއްކާ މިންވަރު ކޮންޓްރޯލް ކުރިޔަސް އަގަށް އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެއެވެ.

އެސްޓީއޯ އިން މިހާރު ވެސް ފިޔައާއި، އަލުވި ވިއްކަނީ ކިލޯއެއް 12 ރުފިޔާއަށެވެ. ބިހެއް ދޮޅު ރުފިޔާއަށެވެ. އެހެންމަވެސް ބާޒާރުގައި އާންމުކޮށް ފިޔާކިލޯއެއް ވިއްކަނީ 30 ރުފިޔާއަށް 40 ރުފިޔާއަށެވެ. ބިހެއް ވިއްކަނީ ދެރުފިޔާ ބަޔަށެވެ.

އެސްޓީއޯގެ އަމިއްލަ ބޯޓު މުދާހިފައިގެން އަންނަމަހު ތިނެއްގައި މާލެ ވަންނާނެއެވެ. އެއީ މިމަހު 30 ގައި ރާއްޖެއަށް އަންނަން އޮތް ބޯޓެކެވެ. އެހެންނަމަވެސް އައި މަގުމަތީގައި އިތުރު ބަނދަރަކުން ކާޑުއަރުވަން މަޑުކުރުމުން ކުޑަ ލަސްވުމެއް މިވަނީ އައިސްފައެވެ.

އެސްޓީއޯއިންވަނީ ކޮވިޑްގެ މިހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހުސްވިޔަނުދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އިތުރުކާޑުތައް ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސަވަމުން ގެންދަވާ ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. ކުރިއެކޭ ވެސް އެއްގޮތަށް މިހާރުވެސް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އަވަށްޓެރި އިންޑިއާއިން ވެސް ދީފައެވެ. އެގައުމުން ވަނީ 20 ދުވަހަށް ބޭނުންވާ ކާޑު ރާއްޖެއަށް ފޮނުވައިފައެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި އެސްޓީއޯ އިން ކާބޯތަކެތި ހުސްނުވެ ލިބެން ހުންނާނެ އެވެ. ނަމަވެސް ލިމިޓު ކުރަން ޖެހުނީ އެސްޓީއޯއިން އަގުހެޔޮކޮށް ގަނެގެން ބާޒާރުގައި އަގު ބޮޑުކޮށް ތަކެތި ވިއްކަމުން އަންނަކަން ފާހަގަކުރެވޭތީ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.