އޭނާ ދެ ލޯ މަރާލިއެވެ. އެއާއެކު ހަށިގަނޑުން ވަރު ދޫކޮށްލާފައި ފުންކޮށް ނޭވާއެއް ލިއެވެ. މެރިފައިވާ ދެލޮލުގެ ކުރިމަތިން ފެންނަމުން ދިޔަ ރަތް އޮރެންޖު ކުަލައިގެ ތެރޭ ކަޅު ކުލައިގެ ތިކިތަކެއް ނަށަމުން ދިޔައެވެ. ހަށިގަނޑަށް އިޙުސާސްވަމުން ދިޔައީ އަރާމު ފިނިކަމެކެވެ. އަދި ނޭވާލަމުން ދިޔަ ވައިގެ ތާޒާކަމެވެ.
އިރުކޮޅަކުން ލޯ ހުޅުވާލިއެވެ. ހާދަހާ ސާފު ނުލެކެވެ. ރީތިކަމުން ގޮސް ހިތްފުރޭހާވެއެވެ. ކުޑަ ކުޑަ ތަންތަން ކޮޅުގައި ސާފު ހުދުކުލައިގެ ކުދި ކުދި ވިލާކޮޅުތައް ހުރުމުން އަދި ވަކިން ރީއްޗެވެ. މި މަންޒަރު ބަލާފައި މީހުން ފިކުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟ މިއީ ކޮންފަދަ ކުޅަދާނަ ފަރާތެއްގެ ކުޅަދާނަ ފަރުމާއެއް ތޯ އެމީހުންގެ ހިތަށް ހަމަ ނާރަނީހެއްޔެވެ؟ ކިތައް ކިތައް ފަންނާނުން އެމީހުންގެ ފިހިގަނޑު ތަކުން މި އުޑުގެ ރީތިކަން ނަކަލު ކޮށްދޭން މަސައްކަތް ކޮށްފައިވޭހެއްޔެވެ. ކިތައް ސްކްރީންތަކުން މި މަންޒަރުަތައް ދައްކާ ހެއްޔެވެ. ނަމަވެސް އުޑު ދަށުގައި ހުރެ ހަމަލޮލުން އެއުޑަށް ބަލާއިރު އެ ފެންނަ ރީތިކަމާ ހިތަށް އަރާ ފައިބާ ޝުޢޫރުތައް އޭގެން ހަމަ އެކައްޗަކަށް ވެސް އިޙުސާސްކޮށް ނުދެވެއެވެ.
ޚިޔާލުުތައް މިހާހިސާބަށް ދިޔަތަނާ ރަނގަބީލެއްގެ އަޑު އިވެން ފެށިއެވެ. އެއާކު ރީޙާން ވަރަށް އޮމާންކޮށް އަނެއް ފަރާތަށް ފުރޮޅިލިއެވެ. އަދި ބާރަށް ފާތާފައި އެއްގަމަށް މިސްރާބު ޖެހިއެވެ. ވަރަށް އަވަދިނެތި އުޅެންޖެހުނު ދުވަސްތަކަކަށް ފަހު މިއަދު ރީޙާނަށް ކުޑަ ހުސް ވަގުތުކޮޅެއް ލިބުމާއެކު އޭނަ އަވަސް ވެގަތީ މޫދަށް ދާށެވެ. ނަމަވެސް އަނެއްކާވެސް ޑިއުޓީއަށް ދާންޖެހޭތީ އޭނަ އައީ އޭނަގެ ފޯނު އެލާމްކޮށްފައި ގޮނޑުދޮށުގައި ބާއްވާފައެވެ.
އެއްގަމަށް އަރައި ދެ އަތް ފަހަތަށް ފޮޅަމުން ހިނގާފައި ގޮސް ތުވާއްޔެއްގެ މަތީގައި ބާއްވާފައި އޮތް ފޯނު ތުވާއްޔާއެކު ނަގައި ފޯނުގެ އަޑު ނިއްވާލިއެވެ. އަދި ތުވާލިތެރޭ ފޯނު އޮޅާލަމުން އޭނަގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ދެ ބުމަ ގޮށްޖަހައިގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ދުރުގައި އިން ނަތާޝާއާ އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކެއް ރީޙާން އަކަށް ނުފެނެއެވެ.
*** *** *** ***
ކިހާ ވަރުގަދަ އިއްތިފާޤެއް ހެއްޔެވެ؟ އިސްކޮޅާއި ރޫފަ އާއި މޫނުގެ ބައްޓަމާއި ރާޅުބާނި އިސްތަޑިގަނޑާއި ދަތްދޮޅީގައާ ވާތު ކޮލުގައި ހުރި އަޑިކޮޅަށް ދާންދެން ދެންމެ އެ ފެނުނު ޒުވާނާއެކޭ އޭނަގެ ބައްޕައެކޭ ތަފާތެއް ނެތެވެ. ތަފާތީ ހަމައެކަނި ކުލައެވެ. އެކަކުގެ ލޮލާއި އިސްތަށިގަނޑާއި ހަމުގެ ކުލަ އަނދިރިވެފައި އަނެކަކުގެ ކުލަ އަލިކަމެވެ.
ނާންނަން ހުރެފައިވެސް ނަތާޝާ ރާއްޖެ އައީ އޭނަގެ އެންމެ ގާތް ރަޙްމަތްތެރިޔާ ރޭޗަލް އޭަނަ ކައިރީ ރާއްޖެ އަންނާށޭ ކިޔައި އާދޭސްކުރާ ވަރުންެ ނުހުރެވިގެންނެވެ. އޭނަގެ ޙަޔާތުގެ އެންމެ ނުބައި، އެންމެ ހިތާމަވެރި ދުވަސްތައް ހިނގި ތަނާއި މިހާ ތަފާތު، މިހާ ދުރު ތަނެއްގައި އެކަންތައްތައް އަލުން ހަނދާންކުރަން އޭނައަށް މަޖުބޫރުވާނެކަން އޭނައަށް އިނގޭނީ ކިހިނެތް ހެއްޔެވެ؟
ތޭރަ އަހަރުވަންދެން އޭގެ ހަނދާން ހިތާއި ސިކުނޑީގެ އެންމެ އަޑިއަށް ލައި މަތިޖަހާފައިވާ ޒަޚަމް އެއްވެސް އިންޒާރަކާނުލާ ފަޅައިގެން ދިޔައީއެވެ.
*** **** **** *****
ނަތާޝާއާ ރޭޗަލް އާ ދެ މީހުން އުޅެ ބޮޑުވި އެމެރިކާގެ ނިއުޖަރޒީގެ މަޝްހޫރު ހޮޓަލެއްގެ ވަޒީފާގައި ހުރި ރޭޗަލް އަށް އެ ހޮޓެލް އިން ރާއްޖޭގައި ހިންގާ ރިޒޯޓުގެ ވަޒީފާއަކަށް ބަދަލު ވުމުގެ ހުށަހެޅުން މީގެ ދެ އަހަރު ކުރިން ލިބުނެވެ. ރޭޗަލް އަކީ ކުޑަ އިރުއްސުރެ "ޓްރޮޕިކަލް" ރަށެއްގައި އުޅުމުުގެ ހުވަފެން ދެކެމުން އަންނަ މީހަކަށްވާތީ އޭނަ ފުންމައިގެންގޮސް ފުރުޞަތުގެ ބޭނުން ހިފިއެވެ. އޭނަ ރާއްޖެ އައީއްސުރެ ނަތާޝާ އޭނަގެ ކައިރިއަށް އަންނަން އާދޭސްކުރަމުން ދިޔައެވެ. ސަބަބަކީ އޭނަ އާ ނުލާ ނަތާޝާ ވަރަށް އެކަނިވެރިވާނެކަން ރޭޗަލް އަށް ރަނގަޅަށް އެނގޭތީއެވެ. ރޭޗަލް ގެ މަންމައާ ބައްޕަ ނިޔާވީ ފަހުން ނަތާޝާގެ ހުރިހާވެސް މީހަކީ އޭނާ ކަމަށް ވާތީއެވެ.
ނަތާޝާގެ ބައްޕަ ނޭތަން އޭނާ ވަރަށް ޅަ އިރު އޭނައާ އޭނަގެ މަންމަ ދޫކޮށްފައި ގެއިން ނިކުމެގެން ދިޔައެވެ. އެއާއެކު ނަތާޝާ ބެލުުމުގެ މުޅި ޒިންމާ ކޮނޑުގައި އެޅިތާ މާގިނަ ދުވަހެއް ނުވެ މަސައްކަތް ކުރާ ފެކްޓަރީގައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނަތާޝާގެ މަންމަ ޖޫން އަށް ފުރާނަޔާ ކުޅެލާ ވަރަށް އަނިޔާވިއެވެ. ހޮސްޕިޓަލުގައާއި ގޭގައި ބަލި އެނދުގައި ޖޫން އޮންނަން ޖެހުނު ދުވަސްވަރު ކުުޑަކުޑަ ނަތާޝާ ބަލައިދީ އޭނައާ އެހީތެރިވީ އެމީހުންގެ ގެއާ ޖެހިގެން ހުރި ގޭގައި އުޅޭ ދެމަފިރިން ކަމަށްވާ މާކް އާއި ޖެނީއެވެ. އެމީހުންގެ ދަރިފުޅު ރޭޗަލް އަކީ ނަތާޝާއާ އެއް އުމުރެއްގެ ކުއްޖަކަށް ވުމާއެކު ދެކުދިން އެކުގައި ކުޅެ ގިނަ ވަގުތު ހޭދަކުރަމުން މަޑު މަޑުން ބޮޑުވަމުން ދިޔައެވެ. ނަތާޝާއަށް ތިން އަހަރު ވީއިރު ޖޫން އަށް ފުރޮޅުލީ ގޮނޑިއެއްގައި އިނދެވޭ ވަރަށް ބަލިޙާލު ރަނގަޅުވުުމާއެކު ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ހޯދަން ފެށިއެވެ. ކަން ދިމާވި ގޮތުން ގެއާއި ކައިރީގައި އިން ބޭކަރީއެއްގައި ވަޒީފާއެއް ހުސްވިއެވެ. ޖޫން ގަދައަޅައި މަސައްކަތްކުރަމުން ލޯތްބާއެކު ދަރިފުޅު ބަލައި ބޮޑުކުރަމުން ދިޔައެވެ. އެދެމައިންގެ އުފާވެރި ޙަޔާތް ކުއްލިއަކަށް ބަދަލުވެގެން ދިޔައީ ނަތާޝާއަށް ހައަހަރު ފުރުނު ދުވަހުއެވެ. އެދުވަހު ނޭތަން އެމީހުންގެ ޙަޔާތަށް އެނބުރި އައެވެ. ނަމަވެސް އެއީ ކުރީގެ ނޭތަން އެއް ނޫނެވެ. އޭނަގެ ކިބައިގައި ކުރީގައި ހުރި އަޅާނުލުމާއި ކޮންމެ ކަމެއް ވަރިހަމަވުމުގެ ބަދަލުގައި މިހާރު ހުރީ ޖެއްސުންކުރުމާ އަނިޔާވެރިކަމެވެ. އޭނާގެ އަނިޔާތަކުގެ ޝިކާރައަކަށްވެ ޖޫން އާއި ނަތާޝާ ކޮންމެ ފަހަރަކު ލެއާއި ކަރުނަ އޮހޮރަން ނުޖެހޭ ދުވަސްތައް މަދުވަމުން ދިޔައެވެ.
ދެން އައީ ނަތާޝާ އަށް ތޭރަ އަހަރު ފުރުނު ދުވަހުގެ ކުރީ ދުވަހެވެ. އަނިޔާވެރިކަމުގެ ސިލްސިލާ ނިމުމަކަށް އައިސް އޭގެ ފަހުން ތޭރަ އަހަރުވާންދެން ކަރުނައެއް ނާޅާނެ މީހަކަށް ނަތާޝާ ބަދަލުވެގެން ދިޔަ ދުވަހެވެ.
އެދުވަހުވެސް މަސްތުވެފައި ހުރި ނޭތަން ރުޅި އައިސް ހުރެ ޖޫންގެ ބޮލުގައި ގޮށްމުއްކަވާފައި ޖެހި ޖެހީނުން އޭނާ ވިއްސައިގެން ގޮސް މޭޒެއްގައި ޖެހި މޭޒާއި ގޮނޑިތަކަކާ އެކީ ބާރު އަޑުފަށްގަނޑަކާއެކު ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ސްކޫލުން ގެއަށް އައިސް ވަތް ނަތާޝާއަށް އެ މަންޒަރު ފެނުމާއެކު ހަޅޭއްލަވައިގެންފައި އަތުގައި އޮތް ދަބަސް ބިންމައްޗަށް ވައްޓާލާފައި މަންމަ ކައިރިއަށް ދުއްވައިގަތެވެ. ޖޫންގެ ނޭފަތުންނާ އަނގައިން ހޯސްލާފައި ފައިބަން ފެށި ލޭތައް ފެނިފައި ނަތާޝާ ބާރަށް ރޯން ފެށިއެވެ. އެއާއެކު ނޭތަން ނުބައި ހަޅޭކަކާ އެކު ކައިރީގައި އިން ކުޑަ ކަބަޑުގެ މަތީ އޮތް ވަޅި ނަގައިގެން އެދެމައިންނާ ދިމާއަށް ދުއްވައިގަތެވެ. ނަތާޝާއަށް ސަލާމަތްވާނެ ގޮތެއް ނުހޯދެނީސް އޭނަގެ ބައްޕަ އައިސް އޭނަގެ އަތުގައި ހިފާފައި ދުރަށް ހޫރާލިއެވެ. ނަތާޝާ ވިއްސައިގެން ގޮސް ޖެހުނީ ގެއަށް ވަތް އިރު އޭނަގެ އަތުން ވެއްޓުނު ދަބަސް ކައިރިއަށެވެ. އޭނަގެ ބައްޕަ ވަޅި ހިފައިގެން ހުރި އަތް އޭނަގެ މަންމަގެ މެއާ ދިމާއަށް ތިރިވަމުން ދިޔަތަން ފެނުނެވެ. ނޫނެކޭ ބުނެ ބާރަށް ހަޅޭއްލަވަމުން ދަބަހަށް ޖަހާފައި އިިން ހޮކީ ދަނޑި ނަގައި ގައިގަ ހުރި ބާރެއް ލާފައި ނޭތަން ގެ ބޮލުގައި ޖެހިއެވެ. އެއާއެކު ވަޅީގައި ހިފަހައްޓައިގެން އެހުރިގޮތަށް ހުރެ އެއްފަރާތަކަށް އަރިއަޅާލާފައި ނޭތަން ބިންމައްޗަށް ވެއްޓުނެވެ.
އަތުގައި އޮތް ދަނޑި އެއްލާލާފައި ނަތާޝާ އޭނަގެ މަންމަ ގެ ކައިރިއަށް އަވަސް އަވަހަށް ތިރިވިއެވެ. ދެލޯ މެެރިފައިވާ ޖޫން ނޭވައެއް ނުލައެވެ. ނަތާޝާ ބަލާކަށް ނުހުރެ އޭނަގެ މަންމަގެ ނޭފަތާއި ދަތްދޮޅީގައި ހިފާފައި އަނގައަށް ދެ ނޭވާލިއެވެ. އަދި ޖޫންގެ ހިތާދިމާލުން މެއަށް އަވަސް އަވަހަށް ހައެއްކަ ފަހަރު ފިއްތާފައި އަނެއްކާ ވެސް އަނގައަށް ނޭވާލިއެވެ. ނަތާޝާގެ މޫނާއި ދެއަތުގައި ހުރި އޭނަގެ މަންމަގެ ލޭގެ ސަަބަބުން ރަނގަޅަށް އެކަން ނުކުރެވޭތީ އިރުއިރުކޮޅާ ޔުނިފޯމްގެ އަތުގައި މޫނު ފޮހެފައި ފަސްބައިގައި ދެއަތް ފޮހެމުން ދިޔައެވެ. އޭރު އޭނާގެ ހިތާ ސިކުނޑިއާ މުޅި ހަށިގަނޑުން ގޮވަމުން ދިޔައީ އެންމެ ޖުމްލައެކެވެ. "މަންމާ، ނޭވާލާށެވެ."
އަވަށްޓެރިންެގެ ގެއިން އިވުނު އަޑުފަށްގަނޑަށް މާކް އާއި ޖެނީ ދުވެފައި އައިސް އެ ގެއަށް ވަތް އިރު ފެނުނީ ބިރުވެރިކަމާ ބަލަން އުނދަގޫ ވާފަދަ ހިތާމަވެރިކަމުން ފުރިގެންވީ މަންޒަރެކެވެ. ޖެނީ ދުއްވައިގަތީ ޖޫން ކައިރިއަށެވެ. މާކް އަވަސް އަވަހަށް ނޭތަންގެ ކައިރިއަށް ގޮސް ބެލިއިރު އޭނާ ވަނީ މަރުވެފައެވެ. ޖޫން ގެ ކަރުގަ އާއި އަތުގައި ހިފަހައްޓައިގެން ވިންދު ހުރިތޯ ބަލަމުން ދިޔަ ޖެނީއަށް އޭނާ ބަލައިލުމުން ލޮލުން ކަރުނަ ފައިބާ ޙާލު ބޯ ހޫރާލިއެވެ. އެއާއެކު މާކް ތެދުވެގެން 911 އަށް ގުޅަމުން ބޭރަށް ނިކުތެވެ.
އޭރުވެސް ނަތާޝާ އޭނަގެ މަންމަ ނޭވާލެއްވުމަށް ހުއްޓާނުލާ މަސައްކަތް ކުރަމުން ދިޔައެވެ. "ނަތާޝާ، ދެން ހުއްޓާލާ. މަންމަ މި ދުނިޔެ ދޫކޮށްފި. މަންމަ ބާއްވާ." ޖެނީ މިހެން ބުނުމާއެކު ނަތާޝާގެ ކޮޑުގައި މަޑުމަޑުން ހިފާލިއެވެ. ނަތާޝާއަށް އަޑު އިވުނު ހެނެއް ހިއެއްނުވެއެވެ. ދިހަވަރަކަށް މިނެޓް ފަހުން އެތަނަށް އައި ފުލުހުންނާއި ޕެރަމެޑިކް ޓީމްގެ މީހުން ނަތާޝާ އެނަގެ މަންމަ ކައިރިން ދުރުކުރީ ގަދަކަމުންނެވެ. މަންމަގެ ލެއިން ތަތްތެޅިފައި ހުރި ނަތާޝާ އޭނަގެ މަންމަގެ ހަށިގަނޑު ގެންދާތަން ބަލަހައްޓައިިގެން ބިންމަތީގައި ދެ ކަކޫ ޖަހައިގެން އިނެވެ. އޭނާގެ ލޯ ވަނީ ހިކިފައެވެ. ލޮލަކުން ކަރުނައެއް ނާދެއެވެ. ދުލުން ވަނީ ބަސް ހުސްވެފައެވެ. ވަށައިގެން ތިބި މީހުން ކުރާ ސުވާލަކަށް ޖަވާބެއް ނުދެއެވެ. މަންމަ ލޯ މަތިން ގެއްލުމުން އަތްތިލާގައި ހުރި ލެއަށް ބަލަން ފެށިއެވެ. އެއިން ގޮތަށް އިސް ވެސް އުފުލާ ނުލާ ނަތާޝާ އިނެވެ. އޭނަގެ ބައްޕަގެ ހަށިގަނޑު ނަގައިގެން ދާން ފެށުމުން ވެސް އެ ދިމާލަށް ބަލާވެސް ނުލިއެވެ. އެންމެ ފަހުން ރޭޗަލް އާއި ޖެނީ އައިސް އޭނަގެ ދެއަތުގައި ހިފާފައި ތެދުކޮށްގެން ހިންގާފައި ގޮސް ފުލުހުންގެ ކާރަށް އޭނަ އަރުވާފައި އޭނަގެ ކައިރިއަށް އަރާ އިށީނެވެ. ކާރު ދުއްވާލިއެވެ. ނަތާޝާ އިނީ ކާރުގެ ކުޑަ ދޮރުގެ ބިއްލޫރީގައި ހުރި ފެން ތިކިތަކަށް ބަލަހައްޓައިގެންނެވެ.
އޭނަގެ ވަށައިގެން ވަރަށް ގިނަ ކަންތައްތައް ވަމުން ދާކަން ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ނޯޓުކުރެވެމުން ދިޔައެވެ. ކައިރީގައި އޭނަގެ ދެފަރާތުގައި އިށީނދެ ތިބި ރޭޗަލް އާއި ޖެނީ އޭނަގެ އަތުގައި ހިފަހައްޓައިގެން ތިބެ ކޮންމެވެސް އެއްޗެކޭ ބުނަމުން ދާކަން ވެސް އެނގެއެވެ. އެކަމަކު އޭނާގެ ޙިއްސުތައް އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދެއެވެ. ދޭނީ ކިހިނެތް ހެެއްޔެވެ؟ މުޅި މީހާ ހަފުސް ވެފައި ހުރީ ހިތް އޮތް ދިމާލުން މެދުނުކެނޑި ކުރެވެވެމުން ދިޔަ ވޭންގަދަ ރިހުމެއްގެ އިޙުސާސް ގައެވެ. އޭނަގެ ހިތް ހަމަ ހަޤީޤަތުގައިވެސް ފުނޑުފުނޑު ވީ ކަންނޭނގެއެވެ.