ކުރުވާހަކަ: ޒަޚަމް

ކޮންމެ ރެއެކޭ އެއްފަދައިން މިރޭވެސް ރާބިޢާގެ ފޮތް ދަބަސް ހިފައިގެން ޙަލީމް އިށީނެވެ.

ޙަލީމްގެ ދަރިފުޅު ރާބިޢާ އަކީ ގްރޭޑް ތިނެއްގެ ދަރިވަރެކެވެ. ކްލާހުގައި ދޭ މަސައްކަތްކުރުމާއި މުދައްރިސުންގެ އަޑު އެހުމަށް ވުރެ ގިނައިން ރާބިޢާ ކުރާ ކަމަކީ ފޮތްތަކުގައި ކުރެހުމެވެ. ހުރިހާ ކުދިންނާއި މުދައްރިސުންގެ ތެރޭގައި ރާބިޢާ ނަންވެފައިވަނީ ކިޔަވަން މަސައްކަތް ނުކުރާ، ނުކިޔަވާ ކޮށި ކުއްޖެއްގެ ގޮތުގައެވެ. ބެލެނިވެރިންގެ ބައްދަލުވުން އޮންނަ ކޮންމެ ފަހަރަކު މުދައްރިސުންގެ ޝަކުވާތައް އަޑުއަހާފައި އޭނާއާމެދު ތަންކޮޅެއް ހަރުކަށިވާން ޙަލީމް ހިތާހިތުން ވަޢުދު ވާނެއެވެ. ނަމަވެސް ރާބިއާ ފެންނަ ކޮންމެ ފަހަރަކު ޙަލީމް އެ ހުރިހާ ވަޢުދެއްގެ މަތިން ހަނދާން ނެތެއެވެ.

ހުޅުވާލާފައިވާ ދަބަހުން ފޮތްތައް ނަގަމުން ފަހަރަކު ފޮތެއް ލަސްލަހުން ބަލަމުން ޙަލީމް ގެންދިޔައެވެ.

ކިޔެވުމުގެ ޝައުޤުވެރިކަން މަޑުމަޑުން ގެއްލެމުން ދިޔަ ރާބިޢާ ކުޑައިރު އުނގުުގައި ބައިންދައިގެން އިނދެ އޭރު ސްކޫލަށް ގެންދާ ފޮތްތަކުގައި ހުންނަ އެއްޗެހި ކިޔައިދީގެން އޭނަ މޮޅުކުރެވޭތޯ ޙަލީމް މަސައްކަތް ކުރެއެވެ. ނަމަވެސް މިހާރު ރާބިިޢާގެ ފޮތްތަކުގައި ޙަލީމް ދަންނަ އެއްޗިއްސަށް ވުރެ ގިނައީ ނުދަންނަ އެއްޗިއްސެވެ. އޭނަ އަކީ މޮޅަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އޭނަ ރުއްއެރުމާއި އެ ނޫންވެސް އެކި އެކި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއިން ރާބިއާގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްފައި އެހެން މީހަކަށް ލާރި ދީގެން ރާބިއާއަށް ޓިއުޝަން ހޯދައިދޭނެ ފެންވަރެއް ވެސް އޭނަގެ ކިބައަކު އަދި ނެތެވެ. އޭނަ އެހީއަށް އެދި ގޮވާލާނެ ގާތްތިމާގެ މީހެއް، ޢާއިލާއެއް ނެތެވެ.

ވީމާ ރާބިއާ އަށް ކިޔެވުމަށް ހިތްވަރުދިނުމުގައި ކުރިއެކޭ އެއްގޮތަށް އެނގޭ މިންވަރަކުން އޭނައަށް އެހީތެރިވާން މަސައްކަތް ކުރުމުގެ އިތުރަށް މިކަމާމެދު ކުރެވޭނެ ކަމެއް ޙަލީމް އަކަށް ނުވިސްނެއެވެ.

ދަރިފުޅާ ދޭތެރޭ އެއްވެސް ވަރަކަށް ހަރުކަށި ވުމަކީ ޙަލީމްގެ ހިތަށް ކެތްކުރެވޭކަމެއް ނޫނެވެ. އެއީ ހަމައެކަނި އެ ދަރިފުޅަށް އެންމެ ފަސް މަހުގައި ދުނިޔެ ދޫކޮށްފައިވާ ނިހާޔަތަށް ލޯބިވި އަނބިމީހާގެ ހަނދާނަކަށް ވާތީ ނުވަތަ އޭނަގެ ހުރި ހަމައެކަނި ދަރިފުޅަކީ ރާބިއާ ކަމަށް ވާތީ އެކަންޏެއްވެސް  ނޫނެވެ. ނަމަވެސް އެއީ، ބަލާލި ކޮންމެ ދިމާލަކުން ހިތަށް ތަދުވާ ފަދަ ބަސްތަކާ އެފަދަ ޅަ ޢުމުރެއްގައި ކުރިމަތި ލުމަކީ ކިހާ ވޭން ހުރި ކަމެއްކަމާ އޭގެ އަސަރު ކިހާ ހިސާބަކަށް ފޯރާނެ ކަން ޙަލީމަށް ތަޖުރިބާ ކުރެވިފައިވާތީއެވެ.

މާނަ ނޭނގޭ ބަސްތަކުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ޙަލީމް ފޮތުގެ ގަނޑުތައް އުކަމުން ދިޔައެވެ.

ގަނޑުތައް އުކަމުން ދިޔަ އިރު މީގެ ކުރިންވެސް އެތަކެއް ހާސް ފަހަރު އޭނަގެ ސިކުނޑީގައި އެނބުރިފައިވާ ވާހަކަތަކެއް އަނެއްކާވެސް އޭނަގެ ސިކުނޑީގައި އެނބުރެން ފެށިއެވެ.

އޭނަގެ ބައްޕައަކީ ކާކު ބާވައެވެ؟ އޭނަގެ މަންމަ އާ ބައްޕައަކީ ކޮން ކަހަލަ ބައެއް ބާވައެވެ؟ އެ ދެމީހުންނަކީ ރަނގަޅު މީހުން ބާވައެވެ؟ އޭނަގެ މައިންބަފަައިން ނަކީ ފާފަ ނުފުއްސަވާނެވަރުގެ ދެ ކުށްވެރީންކަމުގައި މީހުން ބުންޏަސް އޭނައަށް އެވާހަކަ ޤަބޫލެއް ނުކުރެވެއެވެ. އެ ދެމީހުން ޔަޤީނުންވެސް ކުށެއް ކުރިއެވެ. އަދި އޭނަގެ މަންމައަށް އެ ކުށުގެ އަދަބު ވެސް ލިބުނެވެ. އަދި ޅަޒުވާނެއްގެ ގޮތުގައި މި ދުނިޔޭން ވަކިވަންދެން މީސްމީހުން އޭނަގެ ފަސްފަހަތުންނާއި ސީދާ ކުރިމަތީގައިވެސް ދުލުން އުކަމުން ދިޔަ ކުދި ގަލުގެ އަނިޔާ ތަޙައްމަލު ކުރިއެވެ. ޙަލީމް ބަލާބޮޑުކުރި ދެމަފިރިން ބުނާގޮތުން އެ ހުރިހާ ކަމަކާ ކުރިމަތިލީ އެއްވެސް ރުއިމެއް، ޝަކުވާއެއް ނެތި އެއްވެސް ހުތުރު ބަހެއް ނުބުނެ ހަނުހިމޭން ކަމާއެކުގައެވެ. އަދި އެމީހުން ކައިރީ ހުންނަން ފެށީއްސުރެ އެމީހުން ގިނަ ވަގުތު އޭނަ ދެކެނީ ޤުރުއާން ކިޔަވަން އިންދާ ކަމަށާ ކިޔަވަން އިންނަ ގިނަ ފަހަރު ހިމޭން ކަމާއެކު އޭނަގެ ލޮލުން ކަރުނަ ފައިބާ ކަމުގައެވެ. ޙަލީމަށް އެނގިފައި އޮތީ ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވާ ކަމެވެ. ޙަލީމް ޤަބޫލުކުރާ ހިތްއޮތީ އޭނަގެ މަންމައާ ބައްޕަ އެމީހުންނަށް ކުރެވުނު ކުށަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވީ ކަމަށެވެ. އޭނަ އެކަމަށްޓަކައި ދުޢާ ކުރެއެވެ. އެ މީހުންނަކީ ވެސް އިންސާނުންނެވެ. ދެން ތިބީ ވެސް އިންސާނުންނެވެ. އޭނަގެ މަންމަ އާ ބައްޕަ އެ ކުށް ކުރި ކަމަށްވަންޏާ އެހެން މީހުން ކޮންމެވެސް އެހެން ކުށެއް ކުރެއެވެ. ނަމަވެސް އެމީހުންގެ ކުށްތައް ހުރީ ފޮރުވިފައެވެ. އޭނަގެ މަންމަގެ ކުށް ވެސް ފޮރުވިފައިހުރެ ތައުބާވާނެ ފުރުޞަތު ލިބުނު ނަމައެވެ. ނަމަވެސް ތަޤުދީރުގައި އޮތީ އެ ކުށް ހާމައަށް ފެންނާށެވެ.  

ޙަލީމް ގެ މަންމަގެ އުމުރުން ތޭރަ އަހަރުގައި މީހަކާ ނީނދެ ރަށްމެދަށް ވިހައިގެން އޭގެ އަދަބު ލިބިގަތުމަށް ފަހު އަމިއްލަ ރަށުން ބޭރުކޮށް މިރަށަށް އަރުވާލީމަ އެމީހުން ތިބޭނެ ތަނެއް ދިނީ އެރަށުގެ މުސްކުޅި ދެމަފިރިއެކެވެ. އެރަށަށް އައިތާ މާގިނަ ދުވަހެއް ނުވެ ޙަލީމްގެ މަންމަ ނިޔާވުމުން، ދަރިން ނުލިބޭ އެ ދެމަފިރިން އޭނަ ބަލާ ބޮޑުކުރީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެމީހުން އޭނަ ސްކޫލަކަށް ވައްދައިގެން ޒަމާނީ ތަޢުލީމު ދީގެން މޮޅު މީހަކަށް ހަދަން މަސައްކަތްކުރިއެވެ. ނަމަވެސް އެހެން ބަޔަކު ކުރި ކުށެއްގެ އަދަބެއްގެ ގޮތުން ވަރަށް ކުޑައިރު ސްކޫލުުން ނިކުންނަށް ޙަލީމަށް މަޖުބޫރުވުމުން އެމީހުންނަށް އެނގޭ އެއްޗެއް އެމީހުން އޭނައަށް ދަސްކޮށްދިނެވެ. އެންމެ އަސާސީ މިންވަރަށް ލިޔަން ކިޔަން ދަސްވިއެވެ. ނަމާދުކުރާށާއި ޤުރުއާން ތަޖުވީދާއެކު ކިޔަވަން ދަސްކޮށް ދެވުނެވެ. ދެން ދަސްކުރީ އެމީހުން ކާންބޯން ކުރި މަސައްކަތެވެ. ރުއް އެރުމާ، ރުކުރާ އަދި ދިވެހި ހަކުރު ތައްޔާރުކޮށް ވިއްކުމެވެ. އޭނަ އުޅެމުން އައީ އެ ދެމަފިރިން އޭނައަށް ހިބަކޮށްދިން އެމީހުންގެ ކުޑަ ކުޑަ ގޭގައެވެ.

އޭނަގެ ފެންވަރަކީ އެއީކަން އެނގުމަށްފަހުވެސް އަމިއްލަ އަށް ބޭނުންވެގެން އަސްމާ ކަހަލަ ރީތި މޮޅު އަންހެނަކު އޭނައާ ކައިވެނި ކުރީތީ އެންމެން ޙައިރާންވިއެވެ.

ކައިވެނީގެ ހުށަހެޅުން އައި ދުވަހު އޭނަގެ ހިތުގައި ވެސް ސުވާލު އުފެދުނެވެ. އެންމެ ކުޑަ އިރުއްސުރެވެސް އޭނައާ ދުރުދުރުން ރަށުގެ ގިނަ މީހުން އުޅޭކަން އޭނާ ދަނެއެވެ. ނަމަވެސް އޭނަ ފުރާވަރަށް އެރުމުން ބޮޑެތި މީހުންގެ ނުރުހުމުގެ ބެލުންތައް އިތުރުވެ އޭނައާ ކުރިން ގާތްކަން ބޭއްވި މަދު ޢާއިލާތައް ވެސް އޭނައާ ދުރުވެގެން ދިޔަކަން އެނގުނެވެ. ޒަމާނީ ތަޢުލީމާ ޓެކްނޮލޮޖީއާ ބީރައްޓެހި މީހަކަށް ވިޔަސް ޙަލީމަކީ އޭނައަށް ކިޔަން ލިބޭ ފޮތްތައް ކިޔައިގެންނާއި، ކަންކަން ދަންނަ މީހުންގެ ވާހަކަ ތައް އަޑު އަހައިގެން ތަންދޮރު ފިލާފައިވާ މަޢުލޫމާތު މުއްސަނދި މީހަކަށް ވާތީ އޭނަ މުޖުތަމަޢު އިން އެކަހެރި ވެފައިވާ ސަބަބު ރަނގަޅަށް ދަނެއެވެ. އެމީހުންގެ ދަރިން އޭނައާ އެއް ޙާލެއްގައި އެކަހެރިކަމާ ފަޤީރުކަމުގެ ދިރިއުޅުމެއް އުޅެން ދުވަހަކުވެސް ޤަބޫލުނުވާނެކަން އޭނާ ދަނެއެވެ.

އެހެންވެ އަސްމާގެ ހުށަހެޅުން އައި ދުވަހު އޭނަ ވިސްނިއެވެ. ދެވަނަ ފުރުޞަތެއް ލިބުމަކީ ދުރުކަމެކެވެ. އެހެންނަމަވެސް އެނގި ހުރެ މީހެއްގެ ޙަޔާތަށް ހިތާމައާ ވޭން ގެނައުމަކީ އޭނައަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ހަމަ އެރޭ އަސްމާއާ އޭނަގެ ބައްޕަ ކައިރިއަށް ގޮސް އޭނަގެ ނަސްލު ނޭނގޭކަން ސާފުކޮށް ކިޔައިދިނެވެ. އޭނައަކީ ކިޔަވައިގެން ހުރި މީހެއް ނޫންކަމާ އޭނަގެ އާމްދަނީ އަކީ ކުޑަ އެއްޗެއްކަން ކިޔައިދިނެވެ. އެހުރިހާ ވާހަކައަކަށް ފަހު އަނެއްކާ ކައިވެންޏަށް އެދުމުން ޙަލީމް ހަތިޔާރު ބެހެއްޓިއެވެ. ﷲ ދެއްވި ނިޢުމަތް ޤަބޫލުކުރިއެވެ.

ކައިވެނީގެ ޙަފްލާ ބޭއްވީ ޙަލީމްގެ ގޭދޮށުގައި ކުޑަ ގޮތަކަށެވެ. ސަޔަށް ދަޢުވަތު ދިން އެތައް މީހުންނެއްގެ ތެރެއިން އައީ މުސްކުޅި ފަޤީރުންގެ ތެރެއިން މަދު ބަޔެކެވެ. އެހެންވެ ޙަފްލާ ހީކުރި ވަރަށް ވުރެ އަވަހަށް ނިމި އަސްމާގެ މަންމައާ ބައްޕަ އެނބުރި ގެއަށް ދިއުމާއެކު ދެމީހުން އެކަނި ވެއްޖެއެވެ. ފަޅު ގޮތަކަށް އޮތް ގޯއްޗަށް ނަޒަރު ހިންގާލާފައި އޭނަގެ ކައިރީ އިށީނދެ އިން އަސްމާއަށް ބަލައިލިއެވެ.

ދެން އަނެއްކާ އަމިއްލަ ފައިތިލައަށް ބަލަހައްޓައިގެން ހުރެ ވިސްނާލިއެވެ. އަސްމާ ކަހަލަ ކުދިންގެ ޙަޔާތް ކިހާ އުފާވެރި ހެއްޔެވެ. އެމީހުން ބޮޑުވަނީ އެމީހުން މައިންބަފައިންގެ ނަމާއި އަބުރުގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެމީހުން ދުނިޔެއަށް އައީ ފާފައެއްގެ ތެރެއިންނެއް ނޫނެވެ. އަދި އެމީހުން ދުނިޔެއަށް އަންނަން މެދުވެރިވީ ދެމީހުންނަކީ ކޮންބައެއްކަން ނޭނގި އެކަމުގެ ވޭން ތަޙައްމަލު ކުރާކަށް ނުޖެހެއެވެ.

އޭނައަށް މިކުރެވުނީ ރަނގަޅުކަމެއް ބާވައެވެ. އަމިއްލަ އެދުމުން ފޯވެފައި ހުރި ވަރުން އެހެން މީހެއްގެ އުފާވެރި ދިރިއުޅުމަށް ހިޔަނި އަޅަން ނޫނެކޭ ބުނުމުގެ ހިތްވަރުވެސް އޭނަގެ ކިބައިގަ ނެތުނީ ބާވައެވެ.

"މަށާ ކައިވެނި ކުރެވުނު މޮޔަ ހިތަށް އަރަން ފަށައިފިތަ؟" ބޭ އިޚްތިޔާރުގައި ޙަލީމްގެ ދުލުން ބޭރުވި ސުވާލާއެކު އަސްމާއާ ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އަތުގައި އޮތް ފަތެއް ވީދާލަ ވީދާލަ ހުރި އަސްމާ ރީތި ހިނިތުންވުމަކާ އެކީގަ އިސް އުފުލާ ބަލާލުމުން ޙަލީމް އަނެއްކާ އިސްދަށަށް ޖަހައިފިއެވެ.

"ކުޑަކޮށް." އެއާއެކު ޙަލީމް އަށް އިސްއުފުލާލެވުނެވެ. ޙަލީމް ގެ ހިތާމައިން ފުރިފައި ހުރި ދެލޮލާ ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެ ހުރެ އަސްމާ ޙަލީމްގެ އަތުގައި ހިފިއެވެ. އަދި ދެ ބުމަ ހިއްލާލާފައި ސުވާލުކުރިއެވެ. "އަލިމަހެއް ހިފައިގެން ހުރުމަކީ ކިހާ ނުރައްކާ ކަމެއްކަން ނޭނގޭތަ؟ އެހެން މީހަކު ޖަހައިގަންނަން ހިތަށް ނާރައިފިއްޔާ މަގޭ ނަސީބު."

ޚިޔާލުތަކުގެ ތެރޭން ނިކުމެވުނީ ލޮލުން ފައިބަން ފެށި ހޫނު ކަރުނަތައް އަތްތިލައިގަ ޖެހުމުންނެވެ. އެތަކެއް އަހަރު ކުރިން ފުރަތަމަ ފަހަރަށް އެ ޖުމްލަ ކަންފަތުގައި ޖެހުނު އިރުުވެސް އޭނަގެ ލޮލުން ކަރުނަ އައެވެ. ތަފާތަކީ އޭރު އިޙްސާސްކުރެވުނީ އުފާވެރިކަމެވެ. މިހާރު އިޙްސާސް ކުރެވެނީ ހިތާމައާ އެކަނިވެރިކަމެވެ. އޭރު އެ ޖުމްލައިން އޭނަގެ ހިތުގައި ހުރި ޒަޚަމްތައް ފަސޭހަ ވެގެންދިޔަަ އެވެ. ނަމަވެސް މިހާރު އެ ޖުމްލައިގެ ހަނދާންވާ ކޮންމެ ފަހަރަކު ހިތުގައި އުފެދެނީ އާ ޒަޚަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.