އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ލިސްޓް ހޯމަ ދުވަހު ޢާއްމު ކުރަނީ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ލިސްޓް އަންނަ ހޯމަދު ދުވަހު ޢާއްމު ކުރައްވާނެ ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެފަހު ވަގުތު ރޭ 9:00 ގައި ހަމަވެފައިވާ ކަމަށެވެ. މުއްދަތު ހަމަވިއިރު 1400 އަށްވުރެ ގިނަ މީހުންވަނީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައި ކަމަށް އެޕާޓީން ވިދާޅުވެފައިވެއެވެ.

އެމްޑީޕީން ވަނީ ލޯކަލްކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމަވައިފައެވެ.

މިއީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. މި ގާނޫނަށް އިސްލާހު ގެނެސް މިހާރުވަނީ އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ކަށަވަރު ކޮށްދެއްވައިފައެވެ.

މާލޭ ސިޓީގެ 18 ދާއިރާގެ ތެރެއިން 6 ދާއިރާއެއްވަނީ އަންހެނުންނަށް ޚާއްސަ ކޮށްފައެވެ. އައްޑޫ ސިޓީގެ 12 ދާއިރާގެ ތެރެއިން 4 ދާއިރާ ވަނީ އަންހެނުންނަށް ޚާއްސަ ކޮށްފައެވެ. ފުވައްމުލަކު ސިޓީގެ 6 ދާއިރާގެ ތެރެއިން ތިން ދާއިރާއެއް ވަނީ އަންހެނުންނަށް ޚާއްސަ ކޮށްފައެވެ. ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިއުލާން ކުރުމާއި އަންހެނުންނަށް ޚާއްސަ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގުރުއަތު ނެގުން ރޭވަނީ ބާއްވައިފައެވެ.

ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 31 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.