އީރާނުން ރައްދެއް ދީފި - ހަނގުރާމައެއް ފެށިދާނެތަ؟

އެމެރިކާއިން އީރާނުގެ އަސްކަރީ ލީޑަރެއް ކަމުގައިވާ މޭޖަރ ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ނަމުގައި އީރާނުން ދިން ހަމަލާއަކީ ބަޔަކު މަރައިލާން ދިން ހަމަލާއެއް ހެންނެއް ހިޔެއް ނުވެއެވެ. އީރާނުން ކުރިން ބުނެފައި ވަނީވެސް ހަމަލާދޭނީ އަސްކަރީ ޖަގަހަތަކަށާއި މަރުކަޒުތަކަށް ކަމުގައެވެ.

އެއީ ބަޔަކު މެރުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ނަމަ ކީއްކުރަން ދިން ހަމަލާއެއް ބާވައެވެ؟ ބައެއް ދިރާސާވެރިން ލަފާކުރާ ގޮތުގައި އެއީ ބޮޑު ހަމަލާއެއް ދެވިދާނެކަން އަންގައިލުމުގެ ގޮތުން ދިން ހަމަލާއެކެވެ. އެހެން ކަމަށް ވާނަމަ އެމެރިކާގެ ރައްދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އީރާނުން ޢިރާޤްގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ސިފައިން ތިބި ދެ ތަނަކަށް ދިން މިސައިލް ހަމަލާޔާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ "ހުރިހައި ކަމެއް ރަނގަޅު' ކަމުގައެވެ. އަދި ލިބުނު ގެއްލުންތައް ބަލަމުން ގެންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ރަސްމީ ބަޔާނެއް ނެރުއްވާނީ ގެއްލުންތައް ބަލައި ނިމުނީމާ ކަމަށް ވެއެވެ. މިހައިތަނަށް ލިބިފައިވާ ޚަބަރުތަކަށް ބުރަވާނަމަ އެ ހަމަލާތަކުގައި އެއްވެސް މީހަކު މަރެއް ނުވެއެވެ.

ޑޮންލްޑް ޓްރަމްޕް ކުރީން ވިދާޅުވެފައި ވަނީ ސުލައިމނީ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ހަމަލާއެއް ދީފިނަމަ އެމެރިކާއިން ވަރުދަ ހަމަލާތަކެއް ދޭނޭ ކަމަށެވެ. ހަމަލާދޭނެ 52 ތަނެއް ފަހަކަ ކުރަައްވައިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެ 52 ތަނުގެ ތެރޭގައި އަސާރީ ސަގާފީ ތަންތަން ހިމެނެއެވެ. އެފަދަ ތަނަކަށް ހަމަލާއެއް ދީފިނަމަ އެއީ ހަނގުރާމައިގެ ކުށަކަށް ވާނެއެވެ.

ރައްދު ދެއްވާނޭ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް އިރާނުން މި ވަނީ ހަމަލާ ދީފައެވެ. ދެން ޓްރަމްޕް ހައްދަވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

ސުލައިމާނީއަވަހާކަރަކޮށްލާން ދިން ހަމަލާއަކީވެސް ކޮންގްރެސްގެ ހުއްދަޔަކާ ނުލައި ދިން ހަމަލާއަކަށް ވާތީ ޑިމޮކްރަޓުންގެ ރުޅިވެރިކަން ވަނީ ފެނިފައެވެ. އަސްކަރީ ކަންކަމުގައި އެމެރިކާގެ ރައީސަކީ ހުރިހައި ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ.

އެމެރިކާގެ ގާނޫނު އަސާސީ ބުނާާ ގޮތުގައި ސީދާ އަސްކަރީ ހަމަލާގެ ބާރު އޮންނަނީ ރައީސާއި ކޮންގްރެސްއާ ދެމެދު ހިއްސާވާ ގޮތަކަށް ބެހިފައެވެ. ހަނގުރާމަ އިއުލާނު ކުރުމަކީ ހަމައެކަނި ކޮންގްރެސްއަށް އޮންނަ ބާރެކެވެ. ގައުމު ދިފާއު ކުރުމުގެ ގޮތުން އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން ރައީސަށް ލިބިވަޑައިގެންފައިވާ ބާރެކެވެ.

ބޭރުގެ ގައުމުތަކަށް އެމެރިކާގެ ސިފައިން ފޮނުއްވުމަކީ އެމެރިކާގެ ރައީސަށް ކުރެއްވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ ސުވާު އުފައްދައި ބަހުސު ކުރެވެމުންދާތާާ ކިތަންމެ ދުވަހެކެވެ. ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް މެންބަރުން ވިދާޅުވާ ގޮތުގައި އެއީ ރައީސަށް ކުރެއްވޭޭ ކަމެއް ނޫނެވެ.

ހަނގުރާމައިގެ ބާރުތައް ދެ ފަރާތަކަށް ބެހިގެންދާ ގޮތަށް ގަރާރެއް ފާސްކޮށްފައި ވަނީ 1973 ވަނަ އަހަރުއެވެ. އެ ގަރާރަށް މިހާރު ކިޔާ ނަމަކީ ހަނގުރާމައިގެ ބާރުގެ ގާނޫނެވެ. އެއީ އެ ދުވަސްވަރު އެމެރިކާއިން ވިއެޓްނާމާ ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމައިގައި އެމެރިކާއަށް ގެއްލުންވެ ބަލިވަމުން ދިއުމާއެކު އޭރުގެ ރައީސް ރިޗަރޑް ނިކްސަން ގެ ބާރުތައް ހަނި ކުރުމުގެ ގޮތުން ކޮންގްރެސް އިން ފާސްކުރި ގަރާރެކެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި އެމެރިކާއިން ބޭރަށް ނުރައްކާތެރި ސަރަހައްދަކަށް ނުވަތަ ދެކޮޅުވެރި ސަރަހައްދަކަށް ސިފައިން ފޮނުވާނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. ކުއްލިއަކަށް ދިމާވާ ކަމެއްގައި ރައީސް އަޅުއްވާ ކުއްލި ފިޔަވަޅެއްގެ ތެރެއިން އެފަދަ ސަރަހައްދަކަށް ސިފައިން ފޮނުއްވާން ޖެހިވަޑައިގެންފި ނަމަ، ފޮނުއްވައިފައި 48 ގަޑި އިރުގެ ތެރޭގައި ކޮންގްރެސްއަށް ރިޕޯޓެއް ފިނުއްވާން ވާނެއެވެ. އަދި އެ ފޮނުއްވާ ސިފައިން 60 ދުވަހުގެ ތެރޭގައި (ބައެއް ހާލަތުގައި 90 ދުވަހުގެ ތެރޭގައި) އަނބުރައި ގެންނާން ވާނެއެވެ. އެހެންނޫނީ ކޮންރްެސްއަށް ހުށަހަޅުއްވައިގެން މުއްދަތު އިތުރު ކުރުވާން ވާނެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިދާނޭ ކަމަށް ބައެއް ދިރާސާވެރިން ލަފާކުރެއެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި ސުލައިމާނީ އަވަހާރަކޮށްލުމަކީ ސީދާ ހަނގުރާއިގެ އަމަލެކެވެ. އެއީ ހަނގުރާމަ އިއުލާނު ކުރުމެވެ. އަނެއްކޮޅުން އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި ސުލައިމާނީ އަވަހާރަކޮށްލުމާ ދެކޮޅު ހެދުމުގެ ގޮތުން އީރާނުން އެމެރިކާގެ މަސްލަހަތު ހިމެނޭ ތަނަކަށް ނުވަތަ އެމެރިކައަށް ދޭ ހަމަލާ ވެގެން ދާނީ ހަނގުރާމަ އިއުލާނު ކުރުމަކަށެވެ.

މި ވަގުތު އެމެރިކާގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު ހަނގުރާމައިގެ ހާލަތުގައި ރައީސަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކުރާން ޑިމޮކްރަޓުން މަސައްކަތް ކުރާނެއެވެ. ދިމޮކްރަޓުންދެކޭ ގޮތުގައި ސުލައިމާނީ އަވަހާރަކޮށްލުމަކީ ކޮންގްރެސްގެ ހުއްދަޔާ ނުލައި ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެ ހަމަލާގެ ސަބަބުން އެމެރިކާއާއި އެމެރިކާގެ ރައްޔިތުން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ޚާއްސަކޮށް ރގައުމުން ބޭރުގައި ތިބި އެމެރިކާގެ ސިފައިންނާއި އާއްމު ރައްޔިތުންގެ ފުރާނައަށް ވަނީ ނުރައްކާ ވެފައެވެ. އެހެންވީމާ ޑިމޮކްރެޓުން ތިބީއަކީ ހަނގުރާއިގެ ބާރުތައް ރައީސަށް ދޭން ތައްޔާރަކަށް ނޫނެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަަނަ ދުވަހު އަލްޤައިދާއިން އެމެރިކާއަށް ދިން ހަމަލާޔާ ގުޅިގެން އަފްޣާނިސްތާނާއި އަލްޤާޢިދާގެ ހަރަކާތްތައް ހިނގާ އެހެން ތަންތަނަށް ހަމަލާ ދޭން ކޮންގްރެސް އިން ފާސް ކުރިއެވެ.

2002 ވަަނަ އަހަރު އެމެރިކާއިން ޢިރާޤަށް ހަމަލާ ދިނީވެސް ކޮންގްރެސް އިން ފާސްކޮށްގެންނެވެ.

އޮބާމާއާއި ޓްރަމްޕްއާ ދެބޭފުޅުންވެސް ގަބޫލުފުޅު ކުރައްވަނީ މަތީގައި މި ދެންނެވުނު ދެ ހުއްދައަކީ ދައިމީ ހުއްދަތަކެއް ކަމުގައެވެ. އޮބާމާ 2014 ވަނަ އަހަރު އައިސިސް އާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅުއްވީ އެހެން ވިދާޅުވަމުންނެވެ. މިހާރު ޓްރަމްޕް މި ހައްދަވާ އެއްޗެއް ހައްދަވަނީވެސް އެ ހުއްދަތަކާ ހަވާލާ ދެއްވަމުންނެވެ.

ކޮންގްރެސް ގައި މިހާރު ކުރާ އެއް ބަހުސަކީ އެފަދަ އަމަލުތައް ނުވަތަ އެފަދަ ފިޔަވަޅު އެޅުމުގެ ބާރު ހަނި ކުރުމުގެ ވާހަކައެވެ.

މައުލޫމާތު: އަލްޖަޒީރާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.