އެމެރިކާގެ ތާރީޚު ކަޅުކޮށްލި ރައީސް

ސިޔާސީ ، އިޤްތިޞާދީ އަދި ހަތިޔާރާއި މާލީ ނިޒާމުގެ ހަރުދަނާ ފުދުންތެރިކަމެއްގެ މައްޗަށް ބިނާވެގެން ވެރިކަން ކުރަމުން އަންނަ އާބާދީ ބޮޑު ޤައުމުތައް އެއީ ، ދުނިޔޭގެ ބާރުގަދަ ޤައުމުތައްކަމުގައިވެ ، އަބަދުވެސް ދުނިޔެއަށް ނުފޫޒު ފޯރުވަމުން ގެންދެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބާރެއްކަމުގެ ލަޤަބު ލިބިފައިވާ ޤައުމުތަކާއި ، ސުޕަރ ޕަވަރ ގެ ލަޤަބު ލިބިގެންވާ ނުފޫޒު ގަދަ ޤައުމުތައް ހިމެނެއެވެ. ދުނިޔެއަށް ، ނުފޫޒާއި ބާރު ފޯރުވުމަށްޓަކައި ، މިފަދަ ގިނަ ޤައުމުތަކުން ، ފަޤީރު ޤައުމުތަކަށް މާލީ އެހީފޯރުކޮށްދެއެވެ. ސިޔާސީ ގޮތުން ވާގިދީ އެހީތެރިކަން ފޯރުކޮށްދެއެވެ. ޢަޝްކަރީ ، އިޖްތިމާޢީ އަދި އިޤްތިޞާދާއި ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމުގައި ޢަމަލުކުރަންވީ ގޮތްތައް ކިޔައިދީ ، ކިޔައިދޭ ގޮތްގޮތަށް ޢަމަލު ނުކުރާ ޤައުމުތަކާ ދޭތެރޭ ފިޔަވަޅު އަޅައެވެ.

     އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީގެން ، ދީނީ މިނިވަންކަން ދަމަހައްޓައިގެން ،  ރައްޔިތުންނަށް ސިޔާސީ ހަމަޖެހުން ގެނެސްދީގެން ، ހެޔޮގޮތުގައި ޑިމޮކްރަސީގެ ރީތި ހަމަތަކުން ވެރިކަން ކުރަންވީގޮތް ކިޔައިދެއެވެ. އެހެންނަމަވެސް ، ދުނިޔޭގައި ގޮތްކިޔައި ބާރު ފޯރުވައި ، ސްޕަރޕަވަރ ގެ ފަޚުރާއެކީ ވެރިކަންކުރާ ޤައުމުތަކުގެ ޙާލަތު އޮންނަނީ ، ނިކަމެތި ޤައުމުތަކަށްވުރެވެސް ހަޑިކޮށެވެ. ބޭނުންވެއްޖެ ހިނދެއްގައި ޤައުމަކަށް އަރައިގަނެ ސުންނާފަތިވެސް ކޮށްލަފާނެއެވެ. ދޮގު އިލްޒާމުތަކެއް އަޅުވައި ، ދުނިޔޭގެ ލޯތަކަށް ކުށްވެރި މަންޒަރެއް ދައްކައިގެން ޤައުމުތައް ހަލާކުކޮށް ، އިޖްތިމާޢީ ހަމަނުޖެހުންތަކަށް ޤައުމުތައް ވައްޓާލައެވެ.

ދުނިޔެ ކޮންޓްރޯލްކުރުމަށްޓަކައި އުފައްދާފައި ހުންނަ ، އދ އާއި ޑަބްލިޔޫ އެޗްއޯއާއި ، އައިއެމްއެފް އަދި ވޯލްޑް ބޭންކްފަދަ ، ސިޔާސީ ، މާލީ އަދި ޞިއްޙީ ޖަމާޢަތްތައް މެދުވެރިކޮށް ، ޚާއްޞަކޮށް ފަޤީރު ޤައުމުތަކުގެ ޙާލަތު ކޮންޓްރޯލް ކުރެއެވެ. އެޤައުމުތަކަށް ފަސޭހައިން އަރައި ނުގަނެވޭފަދަ މާލީ އަނދވަޅުތަކަށް ވައްޓާލައެވެ.  އައިއެމްއެފްގެ މުޅި ކޮންޓްރޯލް އޮންނަނީ އެމެރިކާ އަތުގައެވެ. އެއީ 831 ވޯޓާ އެކު 16 އިންސައްތަ ފަންޑް ކޮށްގެންނެވެ. ޗައިނާއަށް އޮންނަނީ 306 ވޯޓެވެ. އެއީ 6 އިންސައްތަ ފަންޑް ކޮށްގެންނެވެ. އިންޑިއާއަށް އޮންނަނީ 132 ވޯޓެވެ. މިއީ ދުނިޔޭގައި އެންމެ އާބާދީ ބޮޑު 3 ޤައުމެވެ.

ދުނިޔޭގެ ނަމޫނާ ޤައުމެއްގެ ގޮތުގައި އަދި އެންމެ ބާރުގަދަ ޤައުމެއްކަމުގައި ދަޢުވާ ކުރާ ޤައުމަކީ އެމެރިކާއެވެ. އެމެރިކާގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ތާއީދުނެތް ވެރިކަމެއް އެމެރިކާއަކު ދެމިއެއް ނޯންނާނެއެވެ. ދުނިޔޭގެ މާލީ ނިޒާމު ކަމުގައިވާ އައިއެމްއެފް ކޮންޓްރޯލް ކުރަނީ   ޔަހޫދީންނެވެ.

އެމެރިކާއަކީ އަބަދުވެސް ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމަށް ދަޢުވާކޮށް ، އެހެން ޤައުމުތަކުގެ މައްޗަށް ބަސްކިޔަމުން އަންނަ ޤައުމެކެވެ. ދުނިޔޭގެ އިޤްތިޞާދުގެ މައިތަނބުކަމަށްވެ ، ދުނިޔޭގެ މާލީ ނިޒާމުގެ ކޮންޓްރޯލް ހިފަހައްޓައި ، ބަރު ހަތިޔާރާއި ލުއިހަތިޔާރު އުފައްދައި ، ނިއުކުލިއަރ ހަތިޔާރުން މުއްސަނދިވެފައިވާ ޤައުމެކެވެ. މީގެ ތިރީހަކަށް އަހަރު ފަހަތަށް ޖެހިލާއިރު ، ދުނިޔޭގެ ބާރުގަދަ ސްޕަރޕަވަރގެ ގޮތުގައި ދަޢުވާކުރަމުން އައީ އެމެރިކާއާއި ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް  ނުވަތަ ޔޫ އެސް އެސް އާރ އެވެ. އާބާދީގެ ގޮތުން އެއިރުވެސް ، އެންމެ މީހުން ގިނައީ ، ޗައިނާގައެވެ. އެއަށްފަހު އިންޑިއާއެވެ. ތިންވަނަޔަށް ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް  ނުވަތަ ޔޫ އެސް އެސް އާރ އެވެ. އާބާދީގެ ގޮތުން މި ހަތަރު ޤައުމަށްވުރެވެސް ފަހަތުގައި އޮތީ އެމެރިކާއެވެ.

1990 ގެ ކުރީކޮޅު ، ޗައިނާގެ އާބާދީއަކީ ، 1 ބިލިއަނެވެ. ޤައުމުއޮތީ 34 ސަރަޙައްދަކަށް ބައިވެފައެވެ. އެއީ ، 23 ޕްރޮވިންސާއި ، މިނިވަން 5 ސަރަޙައްދާ އަދި ސީދާ ކޮންޓްރޯލް ކުރާ 4 ސަރަޙައްދާއި ޚާއްޞަ އިދާރީ 2 ސަރަޙައްދެވެ. އެދުވަސްވަރުވެސް ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤައުމަކީ  ޗައިނާއެވެ.

އެދުވަސްވަރު ، އިންޑިއާގެ އާބާދީއަކީ 891 މިލިއަނެވެ. ވެރިކަން ބެހިގެން ގޮސްފައިވަނީ 28 ސްޓޭޓެއްގެ މައްޗަށާއި 7 ޔުނިއަން ޓެރިޓަރީގެ މައްޗަށެވެ. އިންޑިއާއަކީ ދެވަނަޔަށް އާބާދީ އެންމެ ބޮޑު ޤައުމެވެ.

ހައެދުވަސްވަރަށް ބަލާއިރު ، ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް  ނުވަތަ ޔޫ އެސް އެސް އާރ އަކީ ، 3 ވަނަޔަށް އާބާދީ އެންމެ ބޮޑު ޤައުމެވެ. ބާރުބެހިގެންގޮސްފައިވަނީ 15 ޤައުމެއްގެ މައްޗަށެވެ.

އެމެރިކާގެ އާބާދީ އޭރު އޮތީ ، 4 ވަނައިގައެވެ. އެއީ 253 މިލިއަން މީހުންގެ އާބާދީއެކެވެ. ވެރިކަން ބެހިގެން ގޮސްފައިވަނީ 50 ސްޓޭޓެއްގެ މައްޗަށެވެ.  އެހެންނަމަވެސް ، ދުނިޔޭގެ އެންމެ ބޮޑު ދެބާރުން އެއްބާރަކީ އެއިރުވެސް އެމެރިކާއެވެ.

1990 ގެ އަހަރުތައް ފެށުމާހަމަޔަށް ، ދުނިޔޭގެ ބާރުތަކުގެ ތެރެއިން އެންމެ ބޮޑު ދެބާރު ކަމުގައި ބެލިގެން އައީ އެމެރިކާ އާއި ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް  ނުވަތަ ޔޫ އެސް އެސް އާރ އެވެ. ދުނިޔޭގެ އިޤްތިޞާދާއި ހަތިޔާރުގެ ވާދަވެރިކަމުގައިވެސް އެންމެ ބޮޑު ދެބާރުކަމުގައި މުޅި ދުނިޔެ ބަލަމުން އައީ މިދެޤައުމެވެ. ޔޫ އެ ސް އެސް އާރ އެކުލެވިފައި އޮތީ 15 ސްޓޭޓެއްގެ މައްޗަށެވެ. އަދި އެމެރިކާ އެކުލެވިގެންވަނީ  50  ސްޓޭޓްގެ މައްޗަށެވެ.

ޔޫ އެސް އެސް އާރ ގައި ހިމެނޭ 15 ސްޓޭޓްގެ ތެރޭގައި މުއްސަނދި އަދި ފަޤީރު ސްޓޭޓްތައް ހިމެނެއެވެ. އެންމެ މުއްސަނދި ސްޓޭޓަކީ ، އެސްޓޯނިއާއެވެ. އެސްޓޯނިއާއަކީ ، އިލެކްޓްރޮނިކްސް އާއި ޓެލެކޮމް ދާއިރާގެ ފުޅާ ވިޔަފާރިއެއް ޤާއިމްވެފައި އޮތް ސްޓޭޓެކެވެ. ވިޔަފާރީގެ ގޮތުން އެސްޓޯނިއާ ގުޅިފައި އޮތީ ، ފިންލޭންޑާއި ސްވިޑްން އަދި ޖަރުމަން ވިލާތާއެވެ.

ރޫސީވިލާތް އެކުލެވިފައިއޮތް 15 ޤައުމުގެ އާބާދީ އެމެރިކާގެ އާބާދީއަށްވުރެ 36 މިލިއަން މީހުން ގިނައެވެ. އެމެރިކާ އެކުލެވިފައި އޮތީ 50 ސްޓޭޓެއްގެ މައްޗަށް ކަމުގައިވިޔަސް ، އާބާދީ މަދެވެ. އެހެންނަމަވެސް ، ރޫސީވިލާތް ބައިބައި ކޮށްލުމަކީ އެމެރިކާގެ ރޭވުމުގެ ދަށުން ހިނގި ކަމެކެވެ. އެމެރިކާގެ ބޭނުމަކަށްވީ ، ރޫސީވިލާތް ބައިބައިކޮށް ރޫސީވިލާތުގެ ބާރު ދުނިޔެއިން  ކަނޑުވާލައި ، އެމެރިކާއަކީ ހަމައެކަނި ދުނިޔޭގައިވާ އެންމެ ބާރުގަދަ ކަމުގައި ވުމެވެ.

ރޫސީވިލާތް ރޫޅިގެންދިޔައީ ، 25 ޑިސެމްބަރ 1991 ގައެވެ. ސޮވިއެޓް ޔުނިއަންގެ ރައީސްކަމުން މިޚައިލް ގަރުބަޗޯފް އިސްތިޢުފާ ދެއްވުމުންނެވެ. ގަރުބަޗޯފް ގެ އިސްތިޢުފާ ވެގެން ދިޔައީ ރޫސީވިލާތުގައި ހިމެނޭ 15 ޤައުމަށް މިނިނވަންކަން ލިބި ވަކވަކި ދައުލަތްތަކެއްގެ ގޮތުގައި ވެރިކަން ހިންގުމަށް ލިބިގެންދިޔަ ފުރުޞަތަކަށެވެ. އަލަށް އުފެދުނު މިނިވަން ރަޝިއަން ސްޓޭޓްގެ ރައީސަކަށް ވެވަޑައިގަތީ ބޮރިސް ޔެލްސިން އެވެ. އެހިސާބުން ، އެމެރިކާގެ މަޤްޞަދު ޙާޞިލުވެ ، ދުނިޔޭގައި އޮތް ހަމައެކަނި ސްޕަރ ޕަވަރ ޤައުމަކީ އެމެރިކާ ކަމުގައި ވެގެންދިޔައެވެ. އެމެރިކާގެ ރައީސަކަށް އޭރު ހުންނެވީ ޖޯޖް ޑަބްލިޔޫ ބުޝް އެވެ. ފަހުން ، އެމެރިކާގެ ރައީސަކަށް ވެވަޑައިގެންނެވި ޖޯޖް ބުޝް ގެ ބައްޕަ ބުޝް އެވެ.

މިހިސާބުން ، އެމެރިކާގެ ތާރީޚު ލިޔަންފެށީ ، ދުނިޔޭގެ ހުރިހާ ބާރެއް ލިބިއޮވެ ، ޑިމޮކްރަސީގެ ނަމޫނާ ޤައުމަކަށްވެ އޮވެގެން ، އިޤްތިޞާދީ ، ޢަޝްކަރީ އަދި މާލީގޮތުންނާއި ސިޔާސީ ގޮތުން ، ދުނިޔޭގެ ހުރިހާ ޤައުމަކަށް ބަސްކިޔާ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައެވެ. ދުނިޔޭގެ އަނެއްބާރުގެ ގޮތުގައި ބެލެވުނު ރޫސީ ވިލާތުގެ 15 ޖުމްހޫރިއްޔާ އަކީ އެދުވަސްވަރު ، ދުނިޔޭގެ އެންމެ ބާރުގަދަ ، ނުފޫޒުގަދަ އިއްތިހާދެވެ. އެހެންނަމަވެސް ، ރޫސީވިލާތް ރޫޅުމުން ، އެހުރިހާ ޤައުމުތަކެއްގެ މައްޗަށްވެސް  ބަސްކިޔައި ، އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި މިހާރު އޮތީ އެމެރިކާއެވެ.

އެމެރިކާގެ ބާރު ދުނިޔޭގައި އޮވެމެ ، ޑިމޮކްރަސީ ވަނީ ލަދުވެތިޙާލަތެއްގައެވެ. ޢާންމުކޮށް ، ސުލްޙަ ޤާއިމްކުރެވިފައި އޮންނަ ޤައުމުތަކުގައި ނުހިނގާފަދަ ، އިންސާނީ ޙައްޤުތަކާ ޚިލާފު ، ޑިމޮކްރަސީގެ އުޞޫލުތަކާ ޚިލާފު އެތައްކަމެއް އެމެރިކާގައި މިހާރު އެދަނީ ހިނގަމުންނެވެ. ވެރިކަން އޮތީ ގަޑުބަޑުވެ ، އިޖްތިމާޢީ ފޭރާން ވީދި ކުދިކުދިވެ ، ރައްޔިތުން ލަދުގަންނަ ޙާލަތެއްގައެވެ. ވެރިކަމަށް ދަހިވެތި ވެރިޔަކު ވެރިކަމަށް އެރުވީމަ ، ބުޅާ ގަހަށް އެރުވީމަ ފައިބަން ނޭނގޭ ގޮތަށް މިހާރު ދައުރު ހަމަކުރަމުން ގެންދާ ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސެވެ. 44 ވެރިން ރައީސްކަން ކުރިއިރު ، ދެވަނަފަހަރަށް ވެރިކަމުން ޣަޒަލު ކުރަން ޖެހުނު ވެރިޔަކު ، ޓްރަމްޕް ނޫނީ ނެތެވެ. ވެރިކަމުގެ މުއްދަތު ހަމަވާން ހަފުތާއަކަށް ވީއިރުވެސް ، ގަދަ ދައްކާފަ ވެރިކަމުން ނުފައިބާން  ފައިވިއްދާފަ ހުރި ޓްރަމްޕަކީ ، އެމެރިކާ މީހުންނަށް ލަދަކަށް ވެއްޖެއެވެ. މުޅި ދުނިޔެއަށް އޮތް ބިރަކަށް ވެއްޖެ އެވެ.

ޑޮނަލްޑް ޓްރަމްޕަކީ ، ސިޔާސީ ތަޖުރިބާއެއް ނެތް މީހަކަށް ވިޔަސް ، ހިލަރީ ކްލިންޓަނާ ވާދަކޮށް ، 2016 ގައި ބޭއްވުނު އިންތިޚާބުގައި ރިޔާސީ ރޭސް ކާމިޔާބު ކުރިއެވެ. ރިޔާސީ ކެމްޕޭނުގައި ޓްރަމްޕް ވީ އެއް ވަޢުދަކީ ، އެމެރިކާއަށް މުސްލިމުން ހިޖުރަކުރުން މަނާކުރުމެވެ. އިންތިޚާބުގެ ތެރޭގައި ލީކްވި އޯޑިއެއްގައި ، އަންހެނުންނަށް ބަދުބަސްބުނެ ، ނިކަމެތި ކޮށްލެވޭ ވާހަކަތަކެއް ޓްރަމްޕް ވަނީ ދައްކާފައެވެ. އަދި 2020 ގައި ބޭއްވުނު އިންތިޚާބު ނާކާމިޔާބުވެ ، ބޮޑާހާކައި ، އެމެރިކާފަދަ ޤައުމެއްގެ ވެރިއެއްގެ ފަރާތުން ފެންނަން ރައްޔިތުން ނޭދޭ އެތައްކަމެއް ޓްރަމްޕްގެ ފަރާތުން ދަނީ ފެންނަމުންނެވެ. އެންމެ ފަހުގެ ޙާދިސާއަކީ ، ކޮންގްރެސް އާއި ސެނެޓްގެ ބައްދަލުވުންތައް ބާއްވާ ކެޕިޓަލް ހިލް ގެ ޢިމާރާތަށް ، ޓްރަމްޕަށް ތާއީދުކުރާ މީހުން ވަދެ ހަމަނުޖެހުން ހިނގި ހާދިސާއެވެ. މިކަން ހިނގާފައިވަނީ ވަރަށް ރަނގަޅަށް ރޭވިގެންކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. އެކަމުގެ ހެކިތައްވެސް މިހާރުދަނީ ފެންނަމުންނެވެ.

ޓްރަމްޕްގެ ވެރިކަން ނިމުމަށް ހަފުތާއަކަށް ވެފައި އޮތަސް ، ސެނެޓްގެ އިދިކޮޅު 10 މެންބަރުންގެ ތާއީދާއެކު ، ޓްރަމްޕް ވެރިކަމުން ބާލަން ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް ، މިކަން އެހިސާބުން އަދި ނުނިމޭނެއެވެ. ކޮންގްރެސް ގެ ދަށުގެއިން ފާސްކޮށް ، އެކަން ދެންދާނީ ސެނޭޓަށް ، ކޮންގްރެސް ގެ މަތީގެޔަށެވެ. ޓްރަމްޕް ކުށްވެރިވާކަމަށް ނިންމާނީ ނުވަތަ ވެރިކަމުން ޣަޒަލުކުރަން ނިންމާނީ ސެނޭޓުންނެވެ. ސެނޭޓްގެ 2/3 ގެ އަޣުލަބިއްޔަތެއް ލިބިގެން ނޫނީ އެކަން ފާހެއް ނުވާނެއެވެ. 100 ސެނެޓަރުން ، މަޖިލީހުގެ އެޖަލްސާއަށް ޙާޟިރުވެއްޖެނަމަ ، އެންމެ މަދުވެގެންވެސް ، ޑިމޮކްރެޓުންނާއެކު 17 ރިޕަބްލިކަން އިން ވޯޓުގައި ބައިވެރިވެގެން ނޫނީ އެނިންމުން ފާހެއް ނުވާނެއެވެ.

މިހާރު ކުރިމަތިވެފައި އޮތް މައްސަލަޔަކީ ، ޓްރަމްޕް ޣަޒަލުކުރުމުގެ މައްސަލަ ސެނޭޓުގައި ބަހުސްކުރުން ވަގުތުން ބޭއްވުމަށް ، ރިޕަބްލިކަން ޕާޓީގެ ފަރާތުން ، ސެނޭޓްގެ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ ލީޑަރ މިޗް މެކްނެލް އެއްބަސްވެވަޑައި ނުގަންނަވާ މައްސަލައެވެ. މިޗް މެކްނެލް ބުރަވެވަޑައިގަންނަވަނީ ، ސެނޭޓްގެ ރިސެސް އަށްފަހު ، ޖެނުއަރީ 19 ގެ ފަހުން އެމައްސަލަ ސެނޭޓްގައި ކުރިޔަށް ގެންދިއުމަށެވެ. އެހެންކަމުން ، މިމައްސަލަ ކުރިޔަށްދާނެކަމަށް ބެލެވެނީ ، ޖެނުއަރީ 19ގެ ފަހުގެ ތާރީޚެއްގައި ، ޓްރަމްޕް ވެރިކަމުން ފޭބުމަށްފަހުގައެވެ.

ޓްރަމްޕް ވެރިކަމުން ބާލަން ސެނޭޓުގައި ވަނީ ވޯޓު ނަގާފައެވެ. ޑިމޮކްރެޓުންގެ 222 މެނަބަރުންނާއެކު ރިޕަބްލިކަން 10 މެންބަރުން ބައިވެރިވެގެން ، ޓްރަމްޕް ވެރިކަމުން ޣަޒަލުކުރަން 232 ވޯޓު ލިބިފައި ވެއެވެ. ނުފެންނަކަމަށް ވޯޓު ދީފައިވަނީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ 197 މެންބަރުންނެވެ. އެއްވެސް ކޮޅަކަށް ވޯޓުނުދީ 4 މެންބަރުން ތިއްބެވެ. ކޮންމެއަކަސް ، އެމެރިކާގެ ޑިމޮކްރަސީ މިހާރު އެއޮތީ ލަދުވެތި ގޮތަކަށް ސަންދޯކު އެޅިފައެވެ.

 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.