ޔޫކްރެއިންގެ މަތިންދާބޯޓު ވެއްޓުނީ އެ ގައުމުގެ ހަމަލާއަކުން ކަމަށް އީރާނުން އެއްބަސްވެއްޖެ

ޔޫކްރެއިންގެ މަތިންދާބޯޓު ވެއްޓުނީ ގަސްތަކާ ނުލައި އީރާނުން ދެވުނު ހަމަލާއަކުން ކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ. ރޫޙާނީ ވިދާޅުވީ އެއީ އޮޅުމެއްގެ ސަބަބުން ދިމާވީ ހިތާމަވެރި ހާދިސާއެއްކަން އެނގުނީ އީރާނުގެ ސިފައިން ހިންގި ތަފުސީލީ ތަހުގީގަކުންނެވެ.

ބޯޓުން ދަތުރުކުރި 176 މީހުން މަރުވެފައި ވާތީ ހިތާާމަކުރާ ކަމަށް އީރާނުން ވަނީ ބުނެފައެވެ. ފަސިންޖަރުންގެ ތެރޭގައި ގިނައީ އީރާނުގެ ރައްޔިތުންނެވެ.

އީރާނުން ބުނާ ގޮތުގައި އޮޅިގެން ހަމަލާ ދެވުނީ އީރާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އެމެރިކާގެ މަތިންދާބޯޓުތައް މާ ގިނައިން އުދުހުމާއި ރާޑަރުގެ ހަރަކާތްތަ މާ ގިނަ ވެގެން ދިއުމުގެ ސަބަބުންނެވެ. ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ފްލައިޓް 752 އިމާމް ޚުމެއިނީ އެއަރޕޯޓުން ފުރައިގެން ދަތުރުކުރީ ތިރިން، އެމެރިކާގެ ވައިގެ ހަރަކާތްތައް ހިނގަމުން ދިޔަ ސަރަހައްދުގެ ތެރެއިން ކަމަށްވެސް އީރާނުން މިހާރު  ބުނެއެވެ.

ހާދިސާ ހިނގުމާއެކު އެމެރިކާއިން ވަނީ އެއީ އީރާނުގެ ހަމަލާއެއް ކަމަށް ބުނެފައެވެ. އޭގެ ފަހުން ކެނެޑާއިންވެސް ބުނަމުން ދިޔައީ އީރާނުގެ ހަމަލާއެއް ކަމަށް ޝައްކު ކުރެވޭ ވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން ވަނީ މަތިންދާބޯޓަށް ވައިގެ ތެރޭގައި ހަމަލާއެއް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ.

މި ތުހުމަތުތަކަށް އެންމެ ފރަތަމަ އީރާނުން ދެކޮޅު ހެދިއެވެ. އެއީ އެމެރިކާއިން ފަތުރާ ދޮގު ޚަބަރުތަކެއް ކަމަށްވެސް ބުންޏެވެ. އެކަމަކު މަްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.