އީރާނުގެ އާ ރައީސު އިބްރާހީމް ރައީސީ މަގާމާ ހަވާލުވެވަޑައިގެންފި

އީރާނުގެ ގާނޫނުހަދާ މަޖިލީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި އިބްރާހީމް ރައީސީ ރައީސުކަމުގެ ހުވައިކުރައްވަނީ

އިރާނުގެ އާ ރައީސު އިބްރާހީމް ރައީސީ މަގާމުގެ ހުވައިކުރައްވައި ރަސްމީ ގޮތުން މަގާމާ ހަވާލުވެވަޑައިގެންފިއެވެ. ޝަރުއީ ދާއިރާގެ ވެރިޔާގެ މަގާމު ކުރިން ފުރުއްވާފައިވާ ރައީސީ ހުވައިކުރެއްވީ މިއަދު އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އޭނާ ރައީސުކަމާ ހަވާލުވެވަޑައިގަތުމާއެކު އީރާނުގެ ވެރިކަމުގެ ތިން ބާރުގެ ވެސް ވެރިކަން ހަރުކަށި ޚިޔާލުގެ ބޭފުޅުންނަށް ލިިބިވަޑައިގަތީއެވެ.

ހުޅަނގަށް އިތުބާރުކުރެއްވުން ކުޑަ ރައީސީ އީރާނުގެ ރައީސުކަމަށް މި ވަޑައިގަތީ ސަރަހައްދުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގައެވެ. އެެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދޫދޭން އެެމެރިކާއިން ދެކޮޮޅުހަދަމުން ދާތީ، އީރާނާ ދުނިޔޭގެ ބާރުތަކުން ސޮއިކޮށްފައިވާ ނިއުކުލިޔާ އެެއްބަސްވުން ސަލާމަތްކުރުމުގެ އުއްމީދު ކުޑަވަމުންދާ މި ދަނޑިވަޅުގައި މެދުއިރުމަތީގެ މަސްރަހުވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭ. މި ލަނޑުދަޑި ހާސިލުކުރުމަށް މަގުފަހިކޮށްދޭ ކޮންމެ ޑިޕްލޮމެޓިކް ޕްލޭނަކަށް އަހަރުމެން ތާއީދުކުރާނަން." މަގާމުގެ ހުވައިކުރެއްވުމަށް ފަހު ދެއްވި ބައިގަޑި އިރުގެ ތަގުރީރުގައި ރައީސީ ވިދާޅުވިއެވެ.

އޭނާ ވަނީ އީރާނުގެ ނިއުކުލިޔާ ޕްރޮގްރާމަކީ ސުލްހަވެރި މަގުސަދަކަށް ހިންގާ ޕްރޮގްރާމެއް ކަން ވެސް ޔަގީންކޮށްެދެއްވާފައެވެ.

"އަހަރުމެންގެ ނިއުކުލިޔާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް. ނިއުކުލިޔާ ހަތިޔާރަކީ އަަހަރެމެންގެ އަގީދާގައި ހަރާމް އެއްޗެއް. އަހަރުމެންގެ ސްޓްރެޓެޖީގައި އެއަށް (ނިއުކުލިޔާ ހަތިޔާރަށް) ފައިތިލަ ސާބިތުކުރުމުގެ ޖާގައެއް ނުއޮންނާނެ." ރައީސީ ވިދާޅުވިއެެވެ.

ސަރަހައްދުން ބޭރުގެ ބާރުތަކުން ސަރަހައްދުގެ ކަންކަމާ ބެހުމާ ދެކޮޅަށް ވެސް އެނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"މިި ސަރަހައްދުން ބޭރުގެ ބާރުތަކުން ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ވަދެގެން އެއްވެސް މައްސަލައެއް ހައްލުނުވާނެ. އަދި ކިއެއްތަ، އެއީ ހަގީގީ މައްސަލައަކީ." އީރާނުގެ އާ ރައީސު ވިދާޅުވިއެވެ.

އާޔަތުﷲ ޢަލީ ޚާމަނީއަށް ފަހު އީރާނުގެ ދީނީ ޒައީމުގެ މަގާމަށް އިސްވެވަޑައިގަންނަވާނެކަމަށް އެންމެ ބޮޑަށް ބެލެވޭ، އުމުރުފުޅުން 60 އަހަރުގެ ރައީސީ ވަނީ އިރާނުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދަމަަހައްޓައި، ބޭރުގެ ފިއްތުންތަކަށް އިޖާބަނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އާޔަތުﷲ ޚާމަނައީއަކީވެސް ރައީސުކަމުގެ މަގާމު ފުރުއެްވުމަށް ފަހު ދީނީ ޒައީމުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

މައިގަނޑު ގޮތެއްގައި އީރާނާ ވާދަވެރި ފަރާތްތަކަށް ހަރުކަށި ބަސްތަކެއް ރައްދުކުރެއްވި ތަގުރީރުގައި ރައީސީ ވަނީ ވާދަވެރިންނަށް ރަހްމަތްތެރިކަމުގެ އަތްޕުޅުވެސް ދިއްކުރައްވާފައެވެ.

"ހުރިހާ ގައުމަކަށް، ވަކިން ޚާއްސަކޮށް ސަރަހައްދުގެ ގައުމުތަކަށް، ރަހުމަތްތެރިކަމާ އުޚުއްވަތްތެރިކަމުގެ އަތް އަހަރެން ދިއްކުރަން." ރައީސީ ވިދާޅުވިއެވެ.

ފާއިތުވި ޖޫން މަހުގެ 18 ވަނަ ދުވަހު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބު އިބްރާހީމް ރައީސީ ކާމިޔާބުކުރެއްވީ ވޯޓުގެ %72 ހޯއްދަވައިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.