އުންމީދު ކުރަނީ ސިޓީއަކަށް ލިބެންވާ ޚިދުމަތް ވިހާސް ވެސް އަވަހަށް ކުޅުދުއްފުށްޓަށް ލިބުން: އެމްއާރުއެމް

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އެމްއާރުއެމް ރަޖިސްޓްރީ ކޮށްދެއްވައި ސެޓުފިކެޓު ޙަވާލުކޮށް ދެއްވަނީ: ފޮޓޯ ވަންއޮންލައިން

ހ.ދ ކުޅުދުފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއި ގުޅިގެން، ލާމަރުކަޒީ ޤާނޫނުން ސިޓީއަކަށް ލިބިދޭންޖެހޭ އެންމެހާ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް އެސިޓީގެ ރައްޔިތުންނަށް ލިބިގެން ދިއުމަކީ އެމްއާރުއެމްގެ އުންމީދު ކަމަށް އެޕާޓީން ބުނެފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ކުޅުދުއްފުށި ސިޓީ އެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު އެކަން އިޢުލާން ކުރަށްވާފައިވާތީ ކުޅުދުފުށީގެ ރައްޔިތުންނަށާއި އެ އަތޮޅުގެ އެންމެހާރައްޔިތުނުނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

"ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ، ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެޅުނު އިތުރު ފިޔަވަޅެކެވެ." އެމްއާރުއެމުން ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ރައްޔިތުން ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށި ސީޓީއަކަށް ބަދަލު ކުރެއްވުމަކީ "ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާއި ގުޅިފައިވާ އެންމެހައި ޤުދުރަތީ ވަސީލަތްތަކުގެ ޙަޤީޤީ މުއްސަދިކަން އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ޔަޤީންކަންލިބިގެން ދިޔަކަމެއް" ކަމަށެވެ.

 އެމްއާރުއެމުން ބުނެފައިވަނީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޙާސިލުކުރަން ޖެހޭ ތަރައްޤީގެ ލަނޑު ދަނޑިތައް ޙާސިލުކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތުގައި އެމްއާރުއެމް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.