މި ފަސްގަނޑުން އެހެން ދީންތަކަށް ޖާގަ ހޯދަން ކުރާ މަސައްކަތާމެދު ހޭލުންތެރިވާންޖެހޭ: އެމްއާރުއެމް

އެމްއާރު އެމްގެ ވަގުތީ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް

އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެ ތިބުމަށް އެމްއާރުއެމްއިން ގޮވާލައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީންކަމަށެވެ.

ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށެވެ. "ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީންއޮތުމެވެ. މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރެއެވެ." އެބަޔާނުގައިވެއެވެ. އެހެންކަމުން ދިވެހީންގެ މެދުގައި މިހާރު މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކުރަންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި ހިންގާ ދީނާދެކޮޅު ހުރިހާކަމަކަށް އަބަދުވެސް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެބަޔާނުގައިވެއެވެ.

ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި އަބަދުވެސް ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ދިވެހީންނަށް ލިބުން ކަމަށާއި، ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމް ދީނުގެ އުސޫލުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އުޅުމަށް އެކިއެކި ފަރާތްތަކުން ގޮވާލަމުންދާކަމީ މިއަދު ދިވެހީންނަށް ފެންނަން އޮތް ހަޤީޤަތެއް ކަމަށް ބުނެފައިވެއެވެ.

ހަރުކަށިފިކުރުގެ ޖަމާއަތްތަކުގެ މަސައްކަތް ރާއްޖޭގައި ފެތުރި އިސްލާމްދީނުގެ އަސްލު އޮޅޭގޮތަށް އެޖަމާއަތްތަކުގެ މަސައްކަތުން އެތައް ދިވެހީންގެ ހިތްތަކުގައި އިސްލާމީ ރިވެތި އުސޫލުން ބޭރުން ކަންކަން ކުރުމަށް ބާރުއަޅާ ބަޔަކުވެސް ރާއްޖޭގެ އެކިހިސާބު ތަކުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެފަދަ ކަންކަމުގައި މަދުބަޔަކުނަމަވެސް ބައިވެރިވަމުންދާކަމީ ހިތާމަހުރި ކަމެއް ކަމަށާއި އެފަދަ ޢަމަލުތައް ހިންގާފަރާތްތައް ހޯދައި، އެފަރާތްތަކަށް ނަސޭހަތްތެރި ވުމަށް ޤައުމީފެންވަރުގައި މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ.

ޓެރަރިޒަމާ އިސްލާމް ދީނާ ގުޅުވައިގެން ބަޔަކު ވާހަކަ ދައްކަމުން ދަނީ އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށެވެ. އެކަމަކު އެފަދަ ދޮގު ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ބައެއް ދިވެހީން އަމަލު ކުރަމުންދާ ކަމީވެސް ހަޤީޤަތެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. "ނަމަވެސް ޓެރަރިޒަމްގެ އަމަލުތަކަކީ އިސްލާމްދީން ކަނޑައެޅިގެން މަނާ ކުރާ ކަންތައްތަކެވެ އަދި އެފަދަ ތުހުމަތުތަކަކީ ހަގީގަތެއް ނޫން ކަން މުޅި ދުނިޔެ އަށް ދައްކައިދޭން އަޅުގަނޑުމެން އެންމެންނަށް އެބަޖެހެއެވެ. އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަމާއި، އަޅުގަނޑުމެން ދުނިޔެ އަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމާއި، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަމެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.