ތޫނު އެއްޗަކުން ހަމަލާދީ ތުރުކީ މީހަކު ޒަޚަމް ކޮށްލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތުރުކީ މީހަކު މިރޭ ޒަޚަމް ކޮށްލައިފި އެވެ. ފުލުހުން ވިދާޅުވީ  ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ޙަމަލާދީފައިވަނީ ނިރޮޅުމަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ރާއްޖޭގައި މަސައްކަތްކުރާ އެމީހާއަށް ޙަމަލާދިން ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. "އަނިޔާ ލިބިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ 33 އަހަރުގެ ތުރުކީ ފިރިހެނެކަށް،" ފުލުހުން ވިދާޅުވިއެވެ.

އެޙަމަލާގައި އެމީހާގެ މެޔާއި ކޮނޑާއި ކޯ ވެސް ވަނީ ޒަޚަމް ވެފައެވެ. "މިޙާދިސާގައި ބިދޭސީ މީހާގެ ވާތްފަރާތު މެޔަށާއި، ކޮލަށާއި ކޮނޑު މައްޗަށް ތޫނުއެއްޗަކުން ޙަމަލާދީފައިވާ ކަމަށް،" ފުލުހުން ވިދާޅުވިއެވެ.

އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެމީހާއަށް މިހާރުގެންދަނީ ފަރުވާ ދެމުންނެވެ.

މިޙަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

މިރޭ ބިދޭސީންތަކެއް މެދުގައި ހިނގި ގުރޫޕް މާރާމާރީއެއްގައި ވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައެވެ. އެހެންނަމަވެސް އެމީހާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.