(25 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)
ހިނިތުންވެފައި ހުރެ މަރިޔަމް މަޒްހަރްގެ އަތުތެރެއިން އަތް ދަމައިގަތެވެ. މަޒްހަރް ވެސް ބިންމަތިން ތެދުވެ ކެތަރިން ގާތު އިށީނެވެ. "ކޮންކަމަކާތަ ތިވަަރަށް ތިހެނީ؟" ހިނިތުންވެލަމުން އޭނާ އެހިއެވެ. "އަހަރެން ބުނަން އުޅުނީ..." މަޒްހަރު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ހީނލީމާ ވަރަށް ލޯބި..." ވާހަކަ ނުނިންމައި ލާނެއް ފާޑަކަށް ހިނިއައިސްފައި ހުރެ އެހެން ވާހަަކައެއް ފެށިއެވެ. "ތިމަންނައާ އިންނާން ނާހައޭ ބުނެ ޝަކުވާ ކުރީނުން؟ އެހެންވީމާ ރަސްމީކޮށް އެހީ. އަށް މަސްދުވަސް ވަންދެން ކޮންމެ ދުވަހަކު ބައްދަލުކޮށް، ބޭރަށް ގޮސް ހަދާއިރު އަހަރެންގެ ނިޔަތާ މެދު ޝައްކުކުރާ ވާހަކަ ބުނަންތަ ތިއުޅުނީ؟ އަަހަރެން ހީކުރީ ކެތަރިންއާ އިންނާން އަހަރެން ބޭނުންވާކަން ކެތަރިން އަށް ސާފުކަމަށް. އަދި ކެތަރިން ވެސް ކާވެންޏަށް އެއްބަސްކަމަށް."
މީގެ ކުރިން އަބަދު މާޔޫސްވެފައި ހުއްޓަސް ދިރިއުޅުމާމެދު އޭނާ ދެކެމުން އައި ގޮތްބަދަލުވިއެވެ. ކުރިން ހިތްހަމަނުޖެހިފައި ހުރި ހުރިހާ ކަމަކާ މެދު ހިތްހަމަ ޖެހުނެވެ. ގެއަށްދާން އޮންނަ ހަނިހަނި ގޯޅިގަނޑާއި، ގިޓާ ކުޅެން ކަންމަތީގައި އިންނަ މީހާއާއި، މަގުމަތިން ދާއިރު އަވަގުރާނަ ގޮވައި ފޮށޭ ފުރާވަރު އުމުރުގެ ކުދީންނާއި، ސަލާން ޖަހާ މީހުންނައި، އެޕާޓްމަންޓަށް ވަންނާން ކަނު އަނދިރީގައި ހުންނަ ތެތް ސިޑިއާއި، އެޕާޓުމަންޓުގެ ކުޑަދޮރުތަކުގައި ހުންނަ ބިއްލޫރި ތެޅިފައި ހުރުމާއި ފިނިރޭރޭ ވަކިން ފިނި ފެނާއި – މިއިން ކޮންމެ ކަމަކީ ކުރިން އޭނާ ރުޅި އަންނަ ކަންކަން ކަމުގައި ވިޔަސް މިއަދު މި ހުރިހާ ކަމެއްގައި ހިތްގައިމު ގޮތެއް އެބަހުއްޓެވެ.
"ދާދި އަވަހަށް އަހަރެން މިތަނުން ދާނަން... މަޒްހަރާއެކު. މިއަށްވުރެ ރަނގަޅު ތަނަކަށް... ހަޔާތުގެ ބާކީބައި އަހަރެމެން ހޭދަކުރާނީ އެކުގައި..." އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވަނީއެވެ.
ކުޑަދުވަސްކޮޅެއް ފަހުން މަޒްހަރް އެނބުރި ޕާކިސްތާނަށް ހިނގައްޖެއެވެ. "ވަރަށް ހަނދާންވާނެ، ވަރަށް މިސްވާނެ." ކެތަރިން ރޮމުން ބުންޏެވެ. އޭނާ ހުރީ މަޒްހަރް ފުރުވަން އެއާޕޯޓަށް ގޮހެވެ.
"އަހަރެން ހަނދާނެއް ނުވާނެ، އަހަރެން ދާ ކޮންމެ ތާނކު އަހަންނާއެކު ކެތަރިން ވާނެ." މަޒްހަރް ބޯޑިން ގޭޓާ ދިމާއަށް ދާން ހިނގައިގަތެވެ. ފަހަތަށް އެނބުރި ބަލައިވެސް ނުލައެވެ. އޭނާ އެއާޕޯޓު ތެރެއަށް ވަދެވެންދެން ކެތަރިން ބަލަން ހުއްޓެވެ.
***
މަޒްހަރް ޕާކިސްތާނަށް ދިޔަ ފަހުން ދެމަސްވެއްޖެއެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ސިޓީއެއް ނުފޮނުވައެވެ. ފޯނެއް ނުކުރެއެވެ. ކޮންމެ ރެއަކު މަޒްހަރް އޭނާ ގޮވައިގެން އެޕާޓްމެންޓާ ހަމައަށް އާދެއެވެ. އެކަމަކު ދުވަހަކުވެސް އޭނާގެ ކޮޓަރިއާ ހަމައަކަށް ނުދެއެވެ. ލަންޑަންގައި މަޒްހަރް އުޅޭ ގެ އޭނާއަށް އެނގެއެވެ. އެކަމަކު ޕާކިސްތާނުގެ އެޑްރެހެއް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އޭނާއަކީ ފަޓާނީއެއް އެއްކަމާއި އާއިލާ ކަރާޗީގައި ދިރިއުޅޭ ކަމެވެ. އަދި ވަރަށް އަވަހަށް ޕަންޖާބަށް ބަދަލުވާނޭ ކަމެވެ. އޭނާގެ ބައްޕަ މަސައްކަތް ކުރަނީ ގަނޫނީ ދާއިރާގައި ކަންވެސް އެނގެއެވެ. މަޒްހަރް ގާނޫނީ ވަކީލަކަށް ވުމަކީ އޭނާގެ ބައްޕަގެ ހުވަފެނެކެވެ. ވަކީލުކަން ކިޔަވަން މަޒްހަރް ލަންޑަނަށް ދިޔައީ އެހެންވެގެންނެވެ. މަޒްހަރްގެ ޚަބަރު ނުވިއެއް ކަމަކު އެކަމާ ކަންބޮޑުވެގެން ކެތަރިން ނޫޅެއެވެ. މަޒްހަރު ބުނެފައި އޮތީ ތިންމަސް ފަހުން އެނބުރި އަންނަ ވާހަކައެވެ. އަދި ވީ އެންމެ ދެމަހެވެ. ތިންމަސްދުވަހަށް ވުރެ އިތުރަށް މަޑުކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ. އޭނާ އެނބުރި އަންނަނިކޮށް ނިމުނީއެވެ.
އަހަރު ނިމެން ގާތް ވެއްޖެއެވެ. ކްރިސްމަސް ދުވަސް ޖެހެނީއެވެ. ކްރިސްމަސް ފާހަގަކުރުމުގެ ޝައުގެއް އޭނާގެ ނެތެވެ. މިއީ އެޚިޔާލު އައި ފުރަތަމަ ފަހަރެވެ. އަދި އިސްލާމް ދީނަށް ނުވަދެ ހުއްޓަސް އޭނާ ރާވައިގެން ހުރީ މަޒްހަރް އެނބުރި އައުމާއެކު އެ ދީން ޚިޔާރުކުރާށެވެ. އެހެންކަމުން ބަރާބަރަށް އިސްލާމިކް ސެންޓަރަށް ދެއެވެ. ކްރިސްމަސް ދުވަހުގެ އެއް ދުވަސް ކުރީން ހެނދުނު ތެދުވެގެން އޭނާ ބޭރަށް ނުކުތެވެ. މަޒްހަރާއެކު ވަގުތު ހޭދަކުރި ހުރިހާ ތަނަކަށް އޭނާ ދިޔައެވެ. އެތަންތަނަށް ދިއުމުން އުފާވެރި ވަގުތުތަކުގެ ހަނދާންތައް އާވިއެވެ. އެއާކު އޭނާގެ މޫނު ވިދާބަބުޅަން ފެށިއެވެ. ދުވަހަކީ ސްނޯ ވެހިވެހި އޮތް ފިނި ދުވަހެއްކަމުގައި ވީނަމަވެސް މަގުމަތީގައި އާދަޔާ ޚިލާފަށް މީހުން ގިނައެވެ. ޗުއްޓީ ދުވަހެއް ކަމުން އާއިލާތަކުން ބާޒާރުކުރަން ނުކުމެ އުޅޭ ދުވަހެކެވެ. ކުދިންތައް ސްނޯއިން ބޯޅަ ހަދައިގެން ސްނޯބޯޅަ އުކަނީއެވެ. މަގުމަތިން ހިނގާފައި ދާ މީހެއްގެ ގައިގައި އޭގެ ސްނޯބޯޅައަކުން ޖެހިއްޖެނަމަ އެކުދީން ބާރަށް ހީނގަނެއެވެ.
އެރޭ އޭނާ އެޕާޓްމެންޓަށް ދިޔައީ ތަންކޮޅެއް ލަސްވިފަހުންނެވެ. ގިނައިރު ބޭރުގައި އުޅުނެއްކަމަކު ވަރުބަލި ކަމެއް އިހުސާސެއް ނުކުރެވެއެވެ. އެހެންކަމުން ކުޑަދޮރު ކައިރީގައި ހުރެ މަގުމަތިން ލަވަކިޔަމުން ދާ މީހުންތައް ބަލަން ހުއްޓެވެ. "އަހަރެން އެދޭ ކަމެއް މިއަދު ސާންޓާއަށް ކޮށްދެވޭނެނަމަ އަަހަރެން ބޭނުންވަނީ މަޒްހަރް ގެންނާށެވެ." އެހެން ހިތަށް އެރުމުން އޭނާގެ މޮޔަކަން ހިތަށް އަރައިފައި ބާރަށް ހީނގަތެވެ.
ދިހަގަޑި ބައި އެހާކަންހާއިރު އޭނާ ވަރުބަލިވާން ފެށިއެވެ. ކުޑަދޮރު ކައިރީގައި ހުއްޓި ހުންނަތާ ވެސް އެތައް އިރެއްވެއްޖެއެވެ. އޭނާ ކުޑަދޮރު ލައްޕާލާފައި ލުއިކާނާއަކާއި ކޮފިތަށްޓެއް ހިފައިގެން މޭޒުދޮށުގައި އިށީނެވެ. އެގާރަ ޖެހުމުން ނިދަން ތައްޔާރުވިއެވެ. ނިދަން އޮށޯތުމުގެ ކުރިން އިސްލާމިކް ސެންޓަރުން އޭނާއަށް ދަސްވެފައި ހުރި ބައެއް އާޔަތްތަކާއި ދުއާތައް ކިޔެވިއެވެ.
އޭނާއަށް ހޭލެވުނީ ބަޑީގެ އަޑަށެވެ. ތެދުވެ އެނދުގައި އިށީނގެ، އަޑު އަންނަ ދިމާއަކާއި އެއީ ބަޑީގެ އަޑުތޯ ވިސްނަންފެށިއެވެ. "ހަވާ އަރުވަނީ ކަމަށްވާނީ." އޭނާ ހިތްހަމަޖައްސައިލިއެވެ. "މިއީ ކްރިސްމަސް." މިހާރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ބޭރުތެރެ ހިމޭންވެއްޖެއެވެ. ކުރިން އިވުނު އަޑެއް ނީވެއެވެ.
ނިދިނިދި އޮއްވައި އަނެއްކާ އަޑުފައްގަނޑު ގަދަވާން ފެށިއެވެ. މިފަހަރު އެއީ ކޮން އަޑެއްކަން އޭނާއަށް ޔަގީންވިއެވެ. ބަރުބޫޓާއި ދޮރުދޮރުގައި ތަޅާ އަޑެވެ. އެއީ ކޮން އަޑެއްކަން އެނގޭހައި ދުވަހު މިހިސާބުގަނޑުގައި އޭނާއަށް އުޅެވިއްޖެއެވެ. އަބަދު ހިނގާފައި އުޅޭ މީހެއްވީމާ އެނާއަށް ފުލުހުންވެސް އެނގެއެވެ. އެ އަޑު ގާތްވަމުން ދިޔައެވެ. އޭނާ އިނީ ބިރުން ވިރިވިރިއެވެ. އޭނާގެ ދޮރުގައި ޓަކި ޖެހިއިރު އޭނާ އިނީ ތައްޔާރަށެވެ.
"ކާކު؟" އޭނާ އެހިއެވެ. އެއީ ކޮންބައެއްކަން އޭނާއަށް އެނގެއެވެ.
"ސްކޮޓްލެންޑް ޔާޑް." ބަރު އަޑަކުން ޖަވާބު ދިނެވެ. ކެތަރިންގެ ނާރުތަކުގައި ދައުރުވަމުން ދިޔަ ލޭ ގަނޑުވިއެވެ.
(ނުވަވަނަ ބާބު)
އޭނާ މައްޗަށް ބަލައިލިއެވެ. އުޑުމަތީގައި ވަނީ ތަރިތަކުގެ ސާލެއް ފެތުރިފައެވެ. ތަރިތައް ހުރީ ކައިރިކައިރީގައެވެ. އުޑުން ތަރިތައް ބާލާނަމޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ހިނިތުންވެފައި ހުރެ ކުރިއަށް ޖެހިލިއެވެ.
***
މަރިޔަމް ޕްރޮފެސަރ ޢައްބާސްގެ އޮފީހަށް ވަންއިރު ޒަނީން އެތަނުގައި އިށީނދެގެން އިނެވެ. އެ އޮފީހުގައި ހުރި ފަރުނީޗަރެކޭ އޭނާއެކޭ ތަފާތެއް ނެތެވެ.
"ވަދޭ، މަރިޔަމް. މަރިޔަމް މިގެނައީ ޒަނީންގެ އެދުމަކަށް. އޭނަ މަރިޔަމާ ވާހަކަ ދައްކާލަންވެގެން." ޕްރޮފެސަރ ޢައްބާސް ވާހަކަ ފެށިއެވެ.
ޒަނީނާ ދިމާއަށް ކަޅިއަޅަމުން އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި މަރިޔަމް އިށީނެވެ.
"މަރިޔަމް ކުރަހާފައި ހުރި ޕެޓާންތައް އަހަންނަށް ފެނިއްޖެ. އެ ހުރިހާ ފަރުމާއަކާއި އެއަށް ކުލަ ގެނެސްފައި ހުރި ގޮތް އަހަންނަށް ވަރަށް ކަމުދޭ. މަރިޔަމް އަހަންނާއެކު މަސައްކަތް ކުރުމަކީ އަހަރެންގެ އެދުމެއް." ޒަނީން ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން ޒަނީނުގެ މަަަސައްކަތް ކުރާކަށް." މަރިޔަމް ޖަވާބު ދިނެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
"މަރިޔަމް." ޕްރޮފެސަރ ޢައްބާސް ވާހަކަ ދައްކަން ފެށިއެވެ. "މި ދެހަފްތާ ތެރޭ ޒަނީން އުޅުނީ ވަރަށް އަވަދިނެތި. މަރިޔަމާ ބައްދަލުނުކުރެވުނީ އެހެންވީމާ. ޒަނީން އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. މާފަށްވެސް އެދިއްޖެ."
"ވެދާނެ. އަހަރެން މިއުޅެނީ މިހާރު ވަރަށް ބުރަކޮށް. އިތުރު މަަސައްކަތަަށް ވަގުތު ނުދެވޭނެ." މަރިޔަމް ގޮނޑިން ތެދުވިއެވެ.
"މަރިޔަމް، އަހަންނަށް އެނގޭ މަރިޔަމް އަހަރެން ދެކެ ރުޅި އައިސްފައި ހުރިކަން..." ޒަނީން ވާހަކަ ދައްކަން ފެށިއެވެ. އިތުރު ވާހަކައެއް ބުނުމުގެ ކުރިން އޭނާ ޒަނީންގެ ވާހަކަ މެދުކަނޑައިލިއެވެ.
"ކީކޭ؟" މަރިޔަމް ހުރީ ފިނިވެފައެވެ. "ކޮންކަމަކާތަ އަހަރެން ރުޅި އަންނަންވީ؟ ތީ އަހަރެން ދަންނަ މީހެއް ނޫން. ތީ އަހަންނާ އެއް ފަންތިއެއްގެ މީހެއްވެސް ނޫން. އަހަރެމެން ކޮލެޖުގައި އުޅޭ މީހެއްވެސް ނޫން. ތީ އަހަންނާ އެންމެ ފަހަރަކު ދިމާވި ބީރައްޓެއްސެއް. އެހެންވީމާ އަހަރެން ރުޅި އަންނަންވީ ކީއްވެ؟" އޭނާ ދުންޖަހާފައި އޮފީހުން ނުކުމެގެން ހިނގައްޖެއެވެ.
"ބުނީމެއްނު ތިހާ ފަސޭހައިން ކުރެވޭނޭ ކަމެއް ނޫނޭ. އެއީ ކިބުރުވެރިކަން ނުވަތަ ބޯހަރުކަމޭ ކިޔަސް މައްސަލައެއް ނެތް. ކިޔާން ބޭނުން ނަމެއް ކިޔާ. ޒަނީން އޭނާގެ ހިތުގައި ޖައްސައިފި. އޭނާ ޒަނީނަށް މަސައްކަތް ކޮށްދޭނެ އެއްވެސް ހާލަތެއް ނާންނާނެ." ޕްރޮފެސަރ ޢައްބާސް ޒަނީނަށް މަރިޔަމްގެ މިޒާޖު އޮޅުންފިލުވަިއދިނެވެ. ޕްރޮފެސަރަށް ޝުކުރު އަދާކުރުމަށްފަހު ޒަނީން އޮފީހުން ނުކުތެވެ.
***
ޒަނީން އަވަހަށް ކޮރިޑޯއަށް ވަނެވެ. މަރިޔަމާ ބައްދަލުކުރާށެވެ. މަރިޔަމް ކޮރިޑޯއިން ލަނބައިލިތަން އޭނާއަށް ފެނުނެވެ. ޒަނީން ދުއްވައިގަތެވެ.
"މަރިޔަމް، ކަންތައް ހިނގައިދިޔަ ގޮތް އޮޅުންފިލުވައިދޭން ބޭނުން."
"އޮޅުންފިލުވައިދޭންޖެހޭ ކަމެއް ނޯންނާނެ." މަރިޔަމް ބުންޏެވެ. "އަހަންނަށް ތި މީހާ އެނގުނީ ތި މީހާގެ ގޮތުގައި. އިތުރަށް ކިޔައިދޭން ތިއުޅެނީ ކޯޗެއް؟"
"މަރިޔަމް، އަހަންނަށް މަރިޔަމްގެ މަސައްކަތް ވަރަށް ކަމުދޭ. ތީ މޮޅު އާޓިސްޓެއްގެ ގޮތުގައި ބަލައިގަންނަން. ތިހުނަރާއި ގާބިލުކަން ފާހަގަކުރަން. އަހަންނާއެކު މަސައްކަތް ކުރުމަކީ އަހަރެން ވަރަށް ބޮޑަށް އެދޭ ކަމެއް."
"އަހަރެންގެ މަސައްކަތް ކަމުދިޔައަސް ނުދިޔައަސް ފަރުވާލެއް ނެތް. އަހަންނަކީ މޮޅު އާޓިސްޓެއް ކަމަށް ގަބޫލުކުރޭތޯ ނޫންތޯ ބަލާކަށް ނޫޅެން. އަހަރެން ލައްވައި މަސައްކަތް ކުރުވަން ބޭނުންވެދާނެ. އަހަރެންގެ މަސައްކަތް އާދަޔަ ޚިލާފަށް މޮޅުކަން ކަނޑައަޅާކަށް ޒަނީންގެ ހުއްދައެއް ބޭނުމެއް ނުވޭ." ހަށަން ބަނދެގެން އޭނާ ޒަނީނާ ދިމާއަށް ބަލަން ހުއްޓެވެ. އިންޗިއަކަށް ވެސް ދުލެއް ނުދެއެވެ.
ޒަނީން ހިނިތުންވެލިއެވެ. "ތިކަމާ އެއްބަސް. އަހަރެން ބޭނުން މަރިޔަމް އަހަންނަށް މަސައްކަތް ކޮށްދޭން. މަރިޔަމްގެ މަސައްކަތް މޮޅުތޯ ކަނޑައަޅަން އަހަރެންގެ ހުއްދަ ބޭނުންނުވާކަން ވެސް އެނގޭ. މަރިޔަމްގެ މޮޅުކަން ކުރެހުންތަކުން އެހެރީ ފެންނާން."
މަރިޔަމް ހުރީ ދޫދޭގޮތަކަށް ނޫނެވެ. މާފަށް އެދުނަސް، ތައުރީފުކުރިއަސް އޭނާ ހުންނާނީ ގޮތުގައެވެ. "އަހަންނަށް ނޭނގެނީ ޒަނީންގެ ބޮޑާކަން. އާޓުގެ މާ ބޮޑު މީހެއްކަމަށް އަމިއްލައަށް ކިޔާ މީހެއް ތީ، އެކަމަކު އާޓިސްޓުންނަށް ކުޑަވެސް ގަދަރެއް ކުރާމީހެއް ނޫން. އަހަރެން ޒަނީންގެ އޮފީހަށް ދިޔައީ ވަޒީފާ ހޯދާކަށް ނޫން. އަހަރެން ގާތު އޮފީހުން ބައްދަލުރާށޭ ބުނީމާ. އެކަމަކު އަހަރެން ދިޔައިމަ އަހަންނާ މެދު ކަންތައް ކުރީ ސަލާން ޖަހާ މީހުންނާ މެދު ކަންތައްކުރާ އުސޫލުން. އަހަންނާ ބައްދަލުކުރާން ބޭނުން ނުވި. މީ ދޮގެއްތަ؟"
ޒަނީންގެ މޫނުކުލަ ބަދަލުވިއެވެ. އޭނާ ވަރަށް ބޮޑަށް ލަދުގެންފިއެވެ. އެެހެންކަމުން ކަން ހިނގައިދިޔަ ގޮތް މަރިޔަމަށް އޮޅުންފިލުވައިދޭން އޭނާ މަސައްކަތް ކުރިއެވެ. " މަރިޔަމް، މަރިޔަމާ ބައްދަލުވީ ފުރަތަމަ ދުވަހު އަހަންނަށް ހީވީ މަރިޔަމް އެ ޕްރޮޖެކްޓަށް ޝައުގެއް ނެތޭ. ގައިމުވެސް އަހަންނަކަށް ޝައުގެވެރިކަމެއް ނުދައްކާ. އެއްވެސް ސުވާލެއް ނުުކުރޭ. ދެއްކި ހަމައެކަނި ވާހަކައަކީ ފައިސާގެ ވާހަކަ. އަހަންނަށް ހީކުރެވުނީ މަސައްކަތަށްވުރެ މުހިއްމުވީ ފައިސާއޭ. އަހަންނަށް ހީކުރެވުނީ ތީ މަސައްކަތުގެ އަޚްލާގެއް ނެތް ކުއްޖެކޭ. އެެހެންވީމާ ފޫހިވީ. އެކަމަކު މަރިޔަމާ ދިމާއަށް އެހެން ބުނަން ބޭނުން ނުވީ. ބައްދަލުނުކުރީ އެހެންވީމާ. އެކަމަކު މަރިޔަމްގެ މަސައްކަތް ފެނިފައި އަހަންނަށް ކުރެވުނީ ކުށްހީއެއްކަން ގަބޫލުކުރަން."
ޒަނީންގެ ވާހަކަ އަޑުއަހާފައި މަރިޔަމް އިތުރަށް ރުޅި ގަދަވިއެވެ. "އޮފީހަށް ދިޔައިމަ އަހަންނާ ބައްދަލުކޮށްފަ އަހަރެން ލައްވައި މަސައްކަތް ކުރުވަން ބޭނުން ނޫން ވާހަކަ ބުނި ނަމަ އަހަރެން ލަދުގަންނާކަށް ނުޖެހުނީސް. އެކަމަކު އެހެން ބުނާ ވަރަށް ވުރެ މާ ފިނޑި މީހެއް ތީ. އެއީ ތަ ތިބުނާ މަސައްކަތުގެ އަޚުލާގަކީ؟ މަސައްކަތުގެ އަޚުލާގަކީ ތިމާ ބޭނުންވާ ގޮަތަށް އެހެން މީހުން އުޅުންތަ؟ އެއީ އަމިއްލަ މީހާގެ އަޚުލާގާ ގުޅުން އޮންނަ ކަމެއް ނޫންދޯ. މިހާރުވެސް، އަދިވެސް ގޯހެއް ހެދުނު ކަމަށް ގަބޫލުނުކޮށް ބަހަނާ ދައްކައިގެން ތިމާގެ އަޚުލާގު ފޮރުވޭތޯ ތިއުޅެނީ. "އަހަރެން އެހެން... އަހަރެން މިހެން... އަހަރެން ހީކުރީ... އެހެންވީމާ އަހަރެން... ތިމަންނާ ކަންތައް ކުރިގޮތް ތަނގަޅު ނޫންކަމަށް ބުނަން ކެރޭނެތަ؟ އަހަންނާ ދޭތެރޭ ކަންތައް ކުރީ ގޯސްކޮށް ކަމަށް ބުނަން ކެރޭނެތަ؟ ބިޒްނަސް މީޓިންތައް ބާއްވާނެ ގޮތާ މެދު އިތުރަށް ދަސްކުރަންޖެހޭ އެއްޗެހި ވަރަށް ގިނަ. ކޮންމެ މީހަކީ އަގެއް އޮންނަ މީހެއްކަން ދަސްކުރަންޖެހޭ. މަސައްކަތުގެ އަޚުލާގުވެސް ދަސްކުރަންޖެހޭ..."
"ތިހުރިހާ ކަމަކަށް އެއްބަސް." ޒަނީން އޭނާގެ ކުރިމަތީގައި ދެއަތް ޖޯޑުކުރަމުން ބުންޏެވެ. "މަރިޔަމާ ދޭތެރޭ އަހަރެން ކަންތައް ކުރީ ވަރަށް ގޯސްކޮށް. އަހަންނަށް މާފުކުރޭ."
"...ކަލޭމެން ބޭނުންވަނީ ފަންނާނުން ލައްވައި ޚައިރާތަށް މަސައްކަތް ކުރުވަން." މަރިޔަމްގެ ރުޅި މަތިރިއެއް ނުވެއެވެ. ޒަނީންގެ ވާހަކަ އިވުނު ކަމަށް ވެސް ނަހަދައެވެ. "ޒަނީން ގަބޫލުކުރާ ހަމައިން ނަމަ އާޓިސްޓުން އެއްގޮތަކަށް ވެސް މަސައްކަތުގެ އުޖޫރައިގެ ވާހަކަ ދައްކައިގެން ނުވާނެ."
(ނުނިމޭ)
މަރިޔަމް ހާދަ ގަދައޭ
V. Reethi
Ooh haadha cute zuvaab gandekey
Maryam varah gadha