ފުސްބިއްލޫރި - 36

(8 ފެބްރުއަރީ 2020) ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

މިދުވަސްކޮޅު ޚަދީޖާ ހުންނަނީ މަރިޔަމާ މެދު ވަރަށް ފިކުރު ބޮޑުވެފައެވެ. އޭނާގެ ބޮޑާ ހޭކުމާއި ރުޅި ބޭލުން އެތައް ގުނައެއް އިތުރުވިއެވެ. އެ ޕްރޮޖެކްޓަކަށް އޭނާ އެންމެ ބޭނުންވި ޕްރޮޖެކްޓު އޭނާއަށް ނުލިބުމުން މޫޑު އިތުރަށް ގޯސްވިއެވެ. ވީ ކީއްކަމެއް މަންމައަށް ސާފުކޮށް ނުދީ ޕްރޮޖެކްޓު ނުލިބުމުން އެކަން ވެސް އެޅުވީ މަންމަގެ ބޮލުގައެވެ. އޭނާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިނުދިން ކަމަށް ބުނެ އަބަދު ހަޅޭއްލަވަނީއެވެ. އެހައިތަނަށް މަރިޔަމްގެ ހުރިހާ ކަމެއް ތަހައްމަލު ކުރަމުން އައިސް މިހާރު މަރިޔަމް ކަންތައް ކުރަންފެށި ގޮތުން ދެން އިތުރަށް ކެތްކުރާނެ ހިތްވަރެއް ނެތެވެ.

އެ ހިތާމައިގައި އުޅެނިކޮށް އެއް ރޭ ދަންވަރު އޭނާ ދަމު ނަމާދުން ނިމިގެން މުސައްލަ މަތީގައި ލޯ މަރައިގެން އިންދާ ރޮމުން ރޮމުން އައިސް މަރިޔަމް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. މަރިޔަމް އެދުނީ އޭނާއަށް ދުއާކޮށްދިނުމަށެވެ. ޒަނީންގެ ވާހަކަ ޚަދީޖާ ގާތު މަރިޔަމް ބުނި ފުރަތަމަ ފަހަރަކީ އެއީ އެވެ. ޚަދީޖާ އެއްވެސް ސުވާލެއް ނުކުރެއެވެ. އޭނާވީ ހައިރާނެވެ. އިތުރަށް އޮޅުންފިލުވާނެ އެއްޗެއް ނެތެވެ. އެއީ އޭނާގެ ދަރިފުޅު، ޒަނީންގެ ވާހަކަ ކަން ޔަގީންވިއެވެ. އެނޫން ކުއްޖަކަށް ނުވާނެއެވެ. މަރިޔަމް އިންނާން ބޭނުންވި މީހަކީ އެއީއެވެ.

ޚަދީޖާ ނޫރަށް މަޒްހަރް އެނގެއެވެ. މަޒްހަރްގެ މުޅި އާއިލާ އެނގެއެވެ. ނޭނގެނީ ޒަނީން މަރިޔަމް ދެކެ ލޯބިވާ ކަމެވެ. ނުވަތަ މަރިޔަމާ މެދު ޒަނީން އެއްވެސް ވަރަކަށް ވިސްނާ ކަމެވެ. އެނގޭހައި ވެސް އެއްޗަކީ މަރިޔަމް ޒަނީނާ އިންނަން ބޭނުންވާ ކަމެވެ. އެރޭ އޭނާ ﷲގެ ހަޒްރަތުގައި ދުއާ ދެންނެވިއެވެ. މަރިޔަމްގެ އެދުން ފުއްދަވައި ދެއްވުން އެދިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާގެ ދަރިފުޅަށް އެދި އިބަރަސްކަލާނގެ ހަޒްރަތުގައި ފަންސަވީސް އަހަރުވަންދެން ދެންނެވީމެވެ. މިއަޅާގެ ދުއާ އިޖާބައެއް ނުކުރައްވައެވެ. މިއަޅާގެ ދަރިފުޅު މިއަޅާއަކަށް ނުލިބުނެވެ. އެކަމާ ދުވަހަކުވެސް ޝަކުވާ އެއް ނުކުރަމެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު، މިއަޅާގެ ދުއާ އިޖާބަކުރައްވާނދޭވެ. މިއީ މަރިޔަމް އޭނާއަށް ދުއާއެއް ކޮށްދޭން އެދުނު ފުރަތަމަ ފަހަރެވެ. މިއަޅާ ކުރާ ދުއާ އިޖާބަ ނުކުރައްވައިފިނަމަ މަރިޔަމް ހީކުރާނީ އޭނާ އެދޭ ކަމެއްގެ ވާހަކަ މިއަޅާ އިބަރަސްކަލާނގެއަށް ނުދަންނަވަނީ ކަމަށެވެ. އޭނާ އެބުނަނީ ރަނގަޅު ވާހަކައެކެވެ. މިއަޅާއަކީ ހަމައެކަނި އަންހެނަކީމެއް ނޫނެވެ. މިއަޅާ އަކީ މައެކެވެ. މިއަޅާގެ ކުރިމަތީގައި މިވަނީ އެއްވަރުގެ ބޮޑު ދެ އިމްތިހާނެވެ. އަންހެނެއްގެ ހައިސިއްޔަތުން މިއަޅާއަށް ކުރިމަތިވާ އެންމެހައި އިމްތިހާނުތަކަށް ކެތްކުރެވިދާނެއެވެ. ނަމަވެސް މައެއްގެ ހައިސިއްޔަތުން ކެތެއްނުކުރެވޭނެއެވެ."

"މަރިޔަމާއި މިއަޅާއާ އޮންނަ ގުޅުން މަޒްހަރަށް އެނގިއްޖެނަމަ އޭނާ ދުވަހަކުވެސް މި ކާވެންޏާ ނުރުހޭނޭކަން މިއަޅާއަށް އެނގެއެވެ. ޒަމާނުއްސުރެ، އެ އާއިލާގެ ނަސަބާއި ހަސަބު ދެމެހެއްްޓުމަށާއި، ގަދަރު ހިފެހެއްޓުމަށްޓަކައި، މަރިޔަމްގެ ކާވެންޏާ ދެކޮޅަށް މުޅި އާއިލާ ތެދުވާނެކަން އެނގެއެވެ. ޒަނީންވެސް މަރިޔަމަށް ޝައުގުވެރިވާ ކަމެއް ނޭނގެއެވެ. މިއީ ނާމުމްކިން ކަމެކެވެ. މި ކާވެންޏަށް އެ އާއިލާގެ ރުހުން ހޯދޭނޭ އެއްވެސް އިންސާނަކު ނުހުންނާނެއެވެ. މިއަޅާ އެކަމަށް މިއެދެނީ އިންސާނެއްގެ ގާތަކު ނޫނެވެ. އިބަރަސްކަލާނގެ ހަޒްރަތުގައެވެ. އިބަރަސްކަލާނގެެއަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ކަމަކަށް އިރާދަފުޅުކުރައްވައިފިނަމަ ވާށޭ ވަޙީ ކުރެއްވުމާއެކު އެކަމެއް ވެދެއެވެ. ނާމުމްކިން ކަންކަން މުމްކިން ކަންކަމަށް ވެދެއެވެ. މިއަޅާގެ ދުއާ އިޖާބަކޮށްދެއްވުން އެދި މި ދަންނަވަނީ އިބަރަސްކަލާގެ ހަޒްރަތަށެވެ. މިއަޅާ މި އެދެނީ ސުވަރުގެއަަކަށް ނޫނެވެ. މި ދަންނަވަނީ މިއަޅާގެ ދަރި މަރިޔަމް ހިތާމަ ކުރާނޭ ގޮތް މެދުވެރި ނުކުރައްވަތްތޯއެވެ. ޔާ ﷲ! ޒަނީންގެ ހިތް މަރިޔަމަށް ލަންބަވައިދެއްވާނދޭވެ. ކާވެނީގެ ގޮތުން ޒަނީނާ ގުޅުމަށް މަރިޔަމަށް ހުރި ހުރިހައި ހުރަހެއް ނެތި ކުރައްވައި، މަރިޔަމް އެދޭ ގޮތަށް ކަންކަން ހިއްމަވައި ދެއްވާނދޭވެ."

މަންމަ މުޅި ރޭ ހޭދަކުރީ މަރިޔަމަށްޓަކައި ދުއާކުރުމުގައެވެ. އިރު ފެންމަތިވުމުން މުސައްލަ މަތިން ތެދުވެގެން ގޮސް މަރިޔަމަށް ގޮވިއެވެ. ހެނދުނު ނާސްތާ ކުރަން ތިބެފައި ޒަނީންގެ ވާހަކަ މަރިޔަމް ގާތު އެހިއެވެ. މަރިޔަމް އޭނާއަށް އެނގޭ މިންވަރަށް ކިޔައިދިނެވެ. އެދުވަހު ނާސްތާ ކުރަން މަރިޔަމް އިނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ކުރީ ރޭ ރުއިރުއިމުގެ އަސަރެއް ނެތެވެ. ނަަމަވެސް މޫނުމަތިން އަދިވެސް މޮޅިވެރިކަމުގެ އަސަރު ފާޅުވެއެވެ.

ވިދިގެން އައި ރޭ ވެސް މަރިޔަމަށްޓަކައި މަންމަ ދުއާކުރިއެވެ. އެ ދުވަހު ގޭގެ ދޮރުގައި މީހަކު ޓަކި ޖެހިއެވެ. ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ޒަނީނެވެ. ޒަނީން ފެނުމާއަކު އޭނާގެ ދުއާ އިޖާބަކުރެއްވިކަން ޚަދީޖާއަށް އެނގުނެވެ. އުމުރުން އެއް އަހަރުގައި އޭނާގެ އަތުން ގަދަ ކަމުން ފޭރި ގަނެގެން މަޒްހަރް ގެންދިޔަ ކުއްޖާއަކީ މިއަދު ބޮޑު ފިރިހެނެކެވެ. ޒަނީނާ ދިމާއަށް ނޫން ތަނަކަށް ޚަދީޖާ ނުބެލެއެވެ. އޭނާ އުޅެމުންދިޔަ ފުސްބިއްލޫރިގަނޑެއް ފަދަ ނުސާފު ދުނިޔެ މުޅިން ސާފުވިއެވެ. ބަނަވެފައި އޮތް ދުނިޔެ އަލިވިއެވެ.

ދެވަނަ ދުވަހު ޒަނީން އެގެއަށް ދިޔައީ މަރިޔަމާ އިންނަން މަންމަގެ ރުހުން ހޯދާށެވެ. ޒަނީނަށް ނޫނެކޭ ބުނަން ޖެހުމުން ޚަދީޖާގެ ހިތް ކުދިކުދިވިއެވެ. ނަމަވެސް ޒަނީންގެ އާއިލާގެ ރުހުން ހޯދަން ބާރު އެޅުމުގެ ގޮތުން ނޫނެކޭ ބުނީއެވެ. އޭނާގެ ހިތި ތަޖުރިބާގެ އަލީގައި ޚަދީޖާ ބޭނުންވީ ފިރިމީހާ މަރިޔަމްގެ ޒިއްމާ ނަގާށެވެ. އެއާއެކު އެ އާއިލާގެ މެންބަރަކަށްވެސް މަރިޔަމް ހަދާށެވެ. އޭނާގެ ދަރިފުޅުގެ އުފަލަށްޓަކައި މަރިޔަމްގެ އުފާ ނަގައިލެވެން ވެސް ނެތީއެވެ. މަރިޔަމް ކަރުނަ އަޅަން ފެށުމުން ކާވެންޏަށް މަގުފަހިކޮށްދެއްވުން އެދި އަނެއްކާވެސް ﷲގެ ހަޒްރަތުގައި ދެންނެވިއެވެ.

ޒަނީން އާއިލާގެ ރުހުން ހޯދީ ކިހިނެއް ކަމެއް ޚަދީޖާއަކަށް ނޭނގެއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ކާވެންޏަށް އާއިލާ އެއްބަސްވީ ވާހަކަ ޒަނީން ޚަދިޖާ ގާތު ބުންޏެވެ. އަދި ކާވެނީގެ އިންތިޒާމު ހަމަޖެއްސުމަށް އޭނާގެ މަންމައާއި ދައްތަ އެގެއަށް ދާނެ ވާހަކަ ބުންޏެވެ.

(ފަންސަވީސްވަނަ ބާބު)

ބާރު ދުވެލީގައި ދުއްވާފައި ޒަނީން މަންމަގެ ގެއަށް އައެވެ. ގެއަށް ވަންނަ ދޮރު ހުރީ ތަޅު ލާފައެވެ. ހާސްވެ، ފިކުރު ބޮޑުވެފައި ހުރެ އޭނާ އަވަށްޓެރިއެއްގެ ގޭގެ ދޮރުގައި ޓަކި ޖެހިއެވެ. "ސުރައްޔާ އާއި ޝަފީގް ޚަދީޖާ ގޮވައިގެން ހޮސްޕިޓަލަށް ހިނގައްޖެ." އަވަށްޓެރިޔާ ބުންޏެވެ. "މިއަދު ހެނދުނު ޚަދީޖާއަށް ގޮވާލަން އެގެއަށް ވަދެލިން. ދިިޔައިރު ދޮރު ހުރީ ހުޅުވާފައި. އެތެރެއަށް ވަން އިރު ޚަދީޖާ އުޅެނީ ރަނގަޅަށް ނޭވޭ ނުލެވިގެން، މޭގައި ރިއްސާތީ. އެހެންވެ ވަގުތުން ޚަދީޖާ ގޮވައިގެން ހޮސްޕިޓަލަށް ދާން ޝަފީގު ގާތު ބުނިން. ޝަފީގާއެކު ދިޔައީ ސުރައްޔާ. ދިޔަފަހުން އަދި ޚަބަރެއް ނުވޭ." އަވަށްޓެރިއާއަށް ޝުކުރު އަދާކޮށްފައި ޒަނީން އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އޭނާއަށް އެ ހިސާބަށް ފޯރީ އިރު އޮއްސުނު ފަހުންނެވެ. އެތެރެއަށް ވަނުމުން މަންމަ ބާއްވާފައި އޮތީ އައިސީޔޫގައި ކަން އެނގުނެވެ. އިރުކޮޅެއް ވަންދެން ބިއްލޫރި ފާރެއްގެ ފުރަގަހުން މަންމަ ބަލައިލަން ޑޮކްޓަރު އޭނާއަށް ހުއްދަ ދިނެވެ. މަންމަގެ ހަށިގަނޑު އޮތީ ހަރަކާތް ހުސްވެފައެވެ. ފުރާނަ ހުރި ހެނެެއް ހިއެއް ނުވެއެވެ. އޮކްސިޖަން މާސްކް އަޅާފައި އޮތް އިރު ފުރާނަޔާ ހަގުރާމަކުރަމުންދާތަން ފެނެއެވެ. ނޭވާ ލެވެނީ އެހައި އުނދަގުލުންނެވެ. "ހިތުގެ މައްސަލައެއް ހުރޭތަ؟" ޑޮކްޓަރު އެހިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ޒަނީން ބޯ ހޫރައިލިއެވެ. އެއަށްފަހު އިތުރުފަރުވާއަށް އެހެން ތަނަކަށް ގެންދެވިދާނެތޯ ޑޮކްޓަރާ ސުވާލުކުރިއެވެ.

"ެއަދި ނުގެންދެވޭނެ." ޑޮކްޓަރު ބުންޏެވެ. "ތަންކޮޅެއް ރަނގަޅު ވަންދެން ބަލަމާ، ރަނގަޅު ވާން ފެށީމާ ބަދަލުކުރެވިދާނެ."

"މިތަނުން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ މަންމައަށް ލިބޭނެކަން ކަށަވަރުކޮށްދިނިއްޔާ ވަރަށް ރަނގަޅު. ދެވެން އޮތް ހުރިހާ ފަރުވާ އެއް ދީ. އެކަމަށް ކުރަންޖެހުނު ކޮންމެ ޚަރަދެއް ކުރާނަން." ޑޮކްޓަރު ގާތު ޒަނީން ބުންޏެވެ. އަދި އެހެން ކާޑިއޮލޮޖިސްޓަކަށް ދައްކައި އޭނަގެ ރައުޔު ހޯދަން ޑޮކްޓަރުގެ އިޒުނަ ހޯދިއެވެ.

ޒަނީން އެރޭ ހޭދަކުރީ ހޮސްޕިޓަލުގައެވެ. އޭނާ ބުނެބުނެ ސުރައްޔާއާއި ޝަފީގް ވެސް ގެއަކަށް ނުދިޔައެވެ. މަންމަގެ ހާލު ބަލައިލަން އިރުއިރުކޮޅާ އަވަށްޓެރިން ހޮސްޕިޓަލަށް ވަދެ ނުކުމެއެވެ.

***

ޒަނީނާއެކު މަންމަ ހޭދަކުރި ދޮޅު މަސްދުވަހަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. މި ދުނިޔެ މަތީގައިވާ އެންމެ މުގައްދަސް ބިމުގައި އޭނާ ދުވަސްތައް ހޭދަކުރީ އޭނާގެ ލޯބިވާ ދަރިފުޅާ އެކުއެވެ. އެއީ ރަހްމަތުގެ ދުވަސްކޮޅެކެވެ. އެހެން އިނދެފައި އިރުއިރުކޮޅުން އަތްތިލައަށް ބަލައިފައި އަތްބަލާ މީހަކު ބުނި ވާހަކަ ހަނދާން ކުރެއެވެ. އޭނާ ފަޚުރުވެރި ވާނެ ފަދަ ފިރިހެން ދަރިއެއް ލިބޭނެއޭ އެމީހާ އޭނާ ގާތު ބުންޏެވެ. އެ މާތް ބިމުގައި ދަރިފުޅުގެ އަތުގައި ހިފައިގެން ދަރިފުޅާއެކު އެކި ތަންތަނަށް ދިޔައިރު ހަގީގަތުގައި ވެސް އޭނާ ފަޚުރުވެރިވިއެވެ.

"އަހަރެން ކަލާނގެ ހަޒްރަތުން އިތުރަށް އެދޭންވީ ކޮން ކަމަކުހެއްޔެވެ؟" ދޭތެރެދޭތެރެއިން ޚަދީޖާގެ ހިތަށް އަރައެވެ. "އަހަރެން ބޭނުންވި ހުރިހާ އެއްޗެއް އަހަންނަށް ލިބިއްޖެ. އަހަރެންގެ އީމާންތެރިކަން އެބަހުރި،،، ހައްޖު... ޖިހާދު... އަހަރެންގެ މުޅި ދިރިއުޅުމަކީ އަމިއްލަ ނަފްސާ ކުރި ޖިހާދެއް – ބިރާއި ޝައްކުން ފުރިގެންވި ދިރިއުޅުމަކާއި، ކުރިމަތިވި އެހެން ހުރިހާ މުސީބާތަކުން އަރައިގަންނަން ކުރި ޖިހާދެއް. އެ ހުރިހާ ކަމެއްގެ ތެރޭގައި ވެސް އަހަރެންގެ އަގީދާއަށ ް ތެދުވެރިވެ އީމާންކަން ހިފެހެއްޓިން."

ހަޔާތުގައި އެބައެއްގެ ނުފޫޒު ނުވަތަ އަސަރު އޭނާއަށް ފޯރުވި އެންމެންގެ މަތިން ޚަދީޖާ ހަނދާންކުރިއެވެ. މަންމަ ރުތު ބްރައުން، ތަހައްމަލު ކުރަން ޖެހުނު ހިތާމަތަކަށް ފަރުވާ ހޯދީ ރަލުގެ މަސްތުގައި ޖެހިގެންނެވެ. ބައްޕަ، ޢަލީމް ސާޖިދުގެ ސަބަބުން މަންމަގެ ދިރިއުޅުން ނަރަކައަކަށް ބަދަލުވިއެވެ. އެންމެ ފުރަތަމަ އޭނާއަށް އިސްލާމް ދީނަށް މަގު ދައްކައި، އަދި ފަހުން ނަގައި އެއްލާލައި ދިރިއުޅުން ބަރުބާދުކުރީ މަޒްހަރް ޚާނެވެ. އާސިމަކީ އޯގާތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ހިތުގައި ނެތް މީހެކެވެ. ސާޖިދާއަކީ ގިނަ މީހުން ހެން އޭނާގެ ނާޖާއިޒު ފައިދާ ނަގަން އުޅުނު މީހެކެވެ. ޝުޖާއުއަކީ ހިތްތިރި މަޑުމައިތިރި، އޯގާތެރިއެކެވެ. އޭނާއަށްޓަކައި ޚަދީޖާވަނީ އުމުރަށް ދަރަނިވެރިވެފައެވެ. ދުނިޔެއިން އޭނާ އެންމެ ބޭނުންވި ކަންތައް ފުއްދައިދިނީ މަރިޔަމެވެ. ޒަނީނަކީ ޝިފާއެއް ނުލިބި ފަންސަވީސް އަހަރު ވަންދެން އޭނާގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލިބުނު ފަރުވާއެވެ. ފުސްބިއްލޫރި ގަނޑެއްހެން ކުރިމަތިން ފެންނާން އޮތް މަގު ސާފުކޮށް ފުސްކަން ފިލުވައިލަ ދިން އޭނާގެ ލޮލުގެ ނޫރެވެ.

މައްކާގައި ހޭދަކުރި ދޮޅުމަސް ދުވަހުގެ ތެރޭގައި އެއްދުވަހަކު އޭނާ ޒަނީން ގާތު ވަރަށް ބޮޑު ކަމަކު އޭނާ އެދުނެވެ. އޭނާ މަރުވީމާ ޝުޖާޢުގެ މަހާނަޔާ ޖެހިގެން އޭނާ ވަޅުލައިދޭށެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ އާއިލާ މީހުން ގާތު މަންމަ ވަޅުލަން." ހިމޭނުން އެތައް އިރަކު އިނދެފައި ޒަނީން ބުންޏެވެ.

"ނޫން ދަރިފުޅާ، މަންމަ މީ ދަރިފުޅުގެ އާއިލާ މީހެއް ނޫން. މަންމަ ބޭނުންވަނީ ޝުޖާއު ގާތު އޮންނާން." އޭނާ ބުންޏެވެ.

"އެހެންވެއްޖެއްޔާ، އަހަރެން ބޭނުންވަނީ އަހަރެން މަރުވާ ދުވަހަކުން މަންމަ އޮތް ގަބުރުސްތާނެއްގައި މަންމަގެ މަހާނައާ ޖެހިގެން އޮންނާން." ޒަނީން ބުންޏެވެ.

ޒަނީނާއެކު އޭނާ ހޭދަކުރި ދެ އަހަރުތެރޭގައި އޭނާއަށް އަބަދުވެސް ފެންނަނީ ޒަނީން ކަރުނަ ބާލަމުން ރޯ މަންޒަރެވެ. އެމަންޒަރު ބަލަން ޚަދީޖާގެ ހިތަކަށް ކެތެއް ނުކުރެވެއެވެ. ޒަނީންގެ ކޯތާފަތުން ކަރުނަ ފޮހެދެމުން އޭނާ ބުނެއެވެ. "ދަރިފުޅާ، ކެތްތެރިވޭ. ތިހެން އަބަދު ރޯކަށް ނުވާނެ."

ޒަނީން އެއަކަށް އެއްޗެއް ނުބުނެއެވެ.

***

ޒަނީން ކޮޓަރިން ނުކުމެގެން ދިޔައީ ކޮން އިރަކު ކަމެއް މަރިޔަމަކަށް ނޭނގެއެވެ. އޭނާ އެ އިނީ ކޮންތާކު ކަމެއް ވެސް ނޭނގެއެވެ. މަރިޔަމް ބޭނުންވީ ހަގީގަތް ހޯދާށެވެ. އެކަމަކު ފަރުދާގެ ފުރަގަހުގައި ފޮރުވިފައި ހުރި ހަގީގަތެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ މުޑުދާރު ކަމާއި، ކުށް ފަރުދާވެފައި ހުރި ކަމެއްވެސް މީގެ ކުރިއަކުން ނޭނގެއެވެ. މިހާރު ފަރުދާ ހިއްލި، ހަގީގަތް ހާމަވެ، އޭނާ އޮރިޔާންވީ އެވެ. މުޅި ދުނިޔެއަށް އޭނާގެ މުޑުދާރުކަމާއި ހުތުރު ކަން ހާމަވިއެވެ. ފަޟީހަތްވީއެވެ.

"ޒަނީން ބުނީ ރަނގަޅު ވާހަކައެކެވެ. ކުރަހަން އަހަންނަށް ހިތްވަރު ލިބުނީ މަންމަގެ ފަރާތުންނެވެ. އޭރުވެސް އަހަރެންގެ ކުރެހުންތަކުން އަަހަރެން މަޝްހޫރުވިއެވެ. ދިރިއުޅެން ފުދޭ ވަރަށް ފައިސާ ލިބުނެވެ. އެކަމަކު އެއަށްވުރެ އިތުރަށް އަހަރެން ބޭނުންވީއެވެ. އަހަރެން ބޭނުންވީ ދުނިޔެ ނަގައި އަހަރެންގެ ފައިތިލަ މަތީ ބާއްވާށެވެ. އެވެސް ހިނދުކޮޅަކުންނެވެ. ލިބޭ މިންވަރަށް ފުދިގެން ހުރިނަމަ ޒަނީން ހޯދަން ކެތްމަދުވެގެން އުޅުނީ ކީއްވެހެއްޔެވެ؟ ޒަނީން ލިބުމުން އެވަރުން ނުފުދުނީ ކީއްވެހެއްޔެވެ؟

މަރިޔަމް އޭނާގެ މާޒީއާ މެދު ވިސްނަމުންދިޔައެވެ. "އެއީ ދުވަހަކުވެސް ލިބޭ މިންވަރަށް ޝުކުރު ނުކުރީތީއެވެ. އަބަދުވެސް އިތުރަށް ބޭނުންވީތީއެވެ. އެކަމަށްޓަކައި އަހަންނަށް ފަހިވެފައި ހުރި ހުރިހާ މަގެއްގެ ބޭނުން ހިފީމެވެ. އަހަރެންގެ ކުރެހުމުގެ ހުނަރާއި، މަންމައާއި، ފިރިމީހާ ގެ ބޭނުން ހިފީމެވެ. ކުރިމަގުގައި އަމިއްލަ އެދުން ހާސިލުކުރުމަށް އަމިއްލަ ދަރިވެސް ބޭނުންކުރީހެވެ. އަހަރެން ދުވަހަކުވެސް އެހެން މީހަކު އުފަލުގައި ބަހައްޓާކަށް މަސައްކަތެއް ނުކުރަމެވެ. މަންމައާއި ފިރިމީހާގެ އުފަލަކަށް ނުވިސްނަމެވެ. އަހަރެންގެ އަމިއްލަ އެދުން ފުއްދުމަށްޓަކައި ދަރިފުޅުވެސް ގުރްބާން ކުރީސް ކަން ކަށަވެރެވެ."

"މަންމާ، އަހަންނަށް މަންމަގެ މާޒީ ކުރިން ކިޔައިދިން ނަމައޭ ހިތަށް އަރާ. ކިޔައިދިން ނަމަ... ނޫން... އެކަމުން ވާނީ ކޮންތަފާތެއް؟ އޭރުން އެވެސް ބޭނުންކުރީހީ މަންމައާ ދެކޮޅަށް."

"މަންމައާއި ޒަނީންގެ ހިތުގައި ޖެއްސުނީތީ އެކަމާ މަރިޔަމް ވަރަށް ދެރަވިއެވެ. ކަންބޮޑުވިއެވެ. މަންމައާއި ޒަނީން ފެންނަ ހިސާބަށް ދާން ވެސް އަހަންނަކަށް ދެން ނުކެރޭނެއެވެ. މާފަށް އެދެންވެސް ލަދުގަނެއެވެ. މާފުކުރުމަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ. މާފުކުރުމަކީ ކޮބައިހެއްޔެވެ؟"  

( ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.