(5 ފެބްރުއަރީ 2020ގައި ޝާއިއުކުރި ބަޔާގުޅޭ)
ޝުޖާއު އަކީ ސާދާ، ހިތް ތިރި މީހެކެވެ. މުޅި އުމުރު އޭނައަށް ލިބުނު އާމްދަނީ ދިނީ އެ ވަގުތަކު ގޭގެ ކަންކަން ބަލަހައްޓަން ހުންނަ މީހެއްގެ އަތަށެވެ. ފުރަތަމަ މަންމަ އަތަށެެވެ. ދެން އޭނާގެ ކޮއްކޮމެން އަތަށެވެ. އެއަށްފަހު އޭނާގެ ފުރަތަމަ އަނބިމީހާ އަށެވެ. ފިހާރައިން ލިބޭ އެއްޗެއް މިހާރު ދެނީ ޚަދީޖާ އަތަށެވެ.
ޝުޖާއު ޚަދީޖާގެ އަތަށް ފައިސާ ދިން ފުރަތަމަ ދުވަހު މަޒްހަރްގެ މަތިން އޭނާ ވަރަށް ހަނދާންވިއެވެ. އެ ފައިސާއަށް ބަލަހައްޓައިގެން ހުރެ އޭނާގެ ހިތް ފުރިގެން ބަންޑުންވިއެވެ. އެކަހަލަ ހިތްހެޔޮ ފިރިއެއް ލިބުނީތީއެވެ. ޚަދީޖާ ގުދުވެފައި ޝުޖާއުގެ އަތުގައި ބޮސްދިނެވެ.
ޝުޖާއުއަކީ އޭނަ ބޭނުންވި ފަދަ ރަނގަޅު ފިރިއެކެވެ. އެކުގައި ހޭދަކުރި ދުވަސްތަކުގައި ދުވަހަކުވެސް ޚަދީޖާއާ ދިމާއަށް ބާރަށް އެއްޗެއް ނުބުނެއެވެ. އަވަށްޓެރިންނަށް ވެސް އޭނާ އެނގެނީ އޯގާތެރި، މަޑުމައިތިރި މީހެއްގެ ގޮތުގައެވެ. އެހައި އަވަހަށް އަވަށްޓެރިން ޚަދީޖާ ބަލައިގަތް ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ. އިނގިރޭސިއެއްކަން އެނގިތިބެ ޚަދީޖާއަކީ އަމިއްލަ މީހެއްގެ ގޮތުގައި ދެކެން ފެށިއެވެ. ޚަދީޖާގެ އަޚުލާގުގެ ވެސް ސަބަބުންނެވެ. ގެއަށް އަންނަ މެހްމާނުންނަށް ކަމޭ ހިތައެވެ. ނެތިމޮށުމާއި ދެބައޮޑުވުމުގައި ބައިވެރިއެއް ނުވެއެވެ. ޝުޖާއުގެ ކޮއްކޮމެންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާ ޚިލާފަށް އެ ހިސާބު މީހުން ޚަދީޖާ ބަލައިގަތެވެ. މާގިނަ ދުވަހެއް ނުވެ ރަށުގެ އާދަކާދައާއި އެއްގޮތަށް ޚަދީޖާ ވެސް ޚާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން އަވަށްޓެރިންނާ ކާނާ ބަދަލުކުރަން ފެށިއެވެ. ޝުޖާއު ނިޔާވިއިރު އޭނާ ވަނީ އަވަށްޓެރިންނާ ގުޅުން ބަދަހި ކޮށްފައެވެ. އެހެންކަމުން އޭނާއަށް ފިހާރަ ކުއްޔަށް ދެވި އާމްދަނީ އެއް ލިބެންދެން އަވަށްޓެރިން އޭނާއަށް ފައިާގެ އެހީތެރިކަން ފޯރުކޮށްދިނެވެ.
ޝުޖާއު އަކީ ބަސްމަދު މީހެކެވެ. އެހެންކަމުން ޚަދީޖާ ދެކެ ވާ ލޯބި ފާޅެއް ނުކުރެއެވެ. ނަމަވެސް އޭނާ އޭނަގެ އަމަލުން އެކަން ދެއްކިއެވެ. މޭވާއަކީ ޚަދީޖާއަށް ވަރަށް ކަމުދާ އެއްޗެެކެވެ. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ޝުޖާއު އޭނާ ގަނެގެން އަންނަ މޭވާގެ ތެރޭގައި ހުންނަ އެންމެ ތާޒާ މޭވާތައް ހޮވައި ރައްކާކުރެއެވެ. ގެއަށް އެނބުރި އައިސް ޚަދީޖާ ކާން ނުފަށަނީސް އޭނާ ބަތެއް ނުކައެވެ. ޚަދީޖާއަށް މީރު އެއްޗެއް ކައްކައިފިނަމަ ޝުޖާއު ކަނީ ވަރަށް މަދުންނެވެ.
ދަރިފުޅު މަތިން ހަނދާންވެގެން ޚަދީޖާ ރޯން ފަށައިފިނަމަ ޝުޖާއު އޭނާ މަސަލަސް ކުރެއެވެ. އެކަނިވެރިކަން ފިލުވުމަށްޓަކައި ޖަނަވާރު ގެންގުޅޭން ޚިޔާލު ދިނީ ޝުޖާއު އެވެ. އަދި ޝުޖާއު އާ ޚަދީޖާއަށް ދަރިން ނުލިބުމުން އަވަށްޓެރިއެއްގެ ދަރިއަކާ ހަވާލުވާން ނިންމީ ވެސް ޝުޖާއުގެ އެދުމުގެ މަތިންނެވެ. އުއްމު މަރިޔަމަށް އެގެއަށް އާދެވުނު ގޮތަކީ އެއީއެވެ. އޭނާ ގެނައި އިރު އުމުރަކީ އެންމެ ތިން އަހަރެވެ. އޭނާގެ ބައްޕަ މަންމަ ވަރިކުރީ ކާވެނީގެ ރަނުގެ ގޮތުގައި ފުދޭވަރަށް އެއްޗެހި ނުދިނުމުންނެވެ. އެހެން އުޅެނިކޮށް އޭނާއާ އިންނާނެ މީހަކު ވިއެވެ. އެކަމަކު އެމީހާ ހުރީ އުއްމު މަރިޔަމްގެ ޒިއްމާ ނަގާ ގޮތަކަށް ނޫނެވެ. މަރިޔަމްގެ ބެލެނިވެރިކަން އެހެން ބަޔަކާ ހަވާލުކުރެވުނީ އެސަބަބަށްޓަކައެވެ. އަމިއްލަ ދަރިއެއްގެ ގޮތުގައި ޚަދިޖާ އާއި ޝުޖާއު މަރިޔަމް ބަލައިގަތީ ނުހަނު އުފަލާއެކުއެވެ. އެމީހުންގެ ހަޔާތަށް ވެރިވެފައިވި ހަމައެކަނި ހުސްކަން ފުރައިލަދިނީ އުއްމު މަރިޔަމެވެ.
ބައެއްފަހަރު ޚަދީޖާ އޭނާގެ މާޒީއާ މެދު ވިސްނައިލައެވެ. މަރިޔަމް ގެނައުމުން އޭނާގެ ދިރިއުޅުމަށް އުފާވެރިކަން ވެރިވިއެވެ. ޝުޖާއު އަކީ މާ ދީންވެރިއެއް ނޫނެވެ. ނަމަވެސް އޭނާގެ އަންހެނުން ބަރާބަރަށް ދީނީ ވާޖިބު އަދާކޮށް ދީނުގެ އުސޫލުތަކަށް އުޅޭތީ އެކަމާ އޭނާ އުފާވެއެވެ. އެންމެ ފަހަރަކުވެސް ޚަދީޖާގެ މާޒީއާ ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ. މަޑުމަޑުން ޚަދީޖާގެ ހިތުގައި ޝުޖާއުއަށްޓަކައި ލޯބި އުފެދެން ފެށިއެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ނިންމާފައި ޝުޖާއު އަންނަންވާއިރަށް ރީތިވެގެން އިންތިޒާރުގައި ޚަދީޖާ އިނދެއެވެ. ޝުޖާއު އަށް ކޮށްދޭ ކުދިކުދި ކަންކަމުންވެސް އޭނާއަށް އުފާވެރިކަން ލިބެއެވެ. ޚަދީޖާ ކަމަކު ބުނެފިނަމަ ޝުޖާއު ވެސް އެކަމެއް ކޮށްެދެނީ އުފަލާއެކުއެވެ. ޝުޖާއުގެ ފަރާތުން ޚަދީޖާއަށް ވަރަށް ގިނަ ކަންކަން ދަސްވިއެވެ. ކެތްތެރިކަމާއި، މީހުންނަށް އިހްތިރާމު ކުރުމާއި، އަމިއްލަ ނަފްސަށް ވުރެ އެހެން މީހުން އިސްކުރުމާއި، ލިބޭ މިންވަރަށް ޝުކުރު ކުރުމާއި، ކަންކަން ތަހައްމަލު ކުރުން ފަދަ ކިތަންމެ ކަމެކެވެ. މި ހުރިހާ ކަމެއް އޭނާއަށް ދަސްވީ މާ ބޮޑު އިލްމެއް ހިލްމެއް ލިބިފައި ނެތް ނިކަމެއްޗެއްގެ ފަރާތުންނެވެ.
ބައެއްފަހަރު ޚަދީޖާ އެކަނި ގޭގައި އިންނަ އިރު، މުޅި އުމުރަށް އޭނާގެ ހަޔާތް ބަދަލުކޮށްލި ރޭގެ މަތިން ހަނދާންވެއެވެ. މަޒްހަރް ނުކުމެގެން ދިޔައީ ޒަނީން ގޮވައިގެންނެވެ. ގެއިން ބޭރަށް ނުކުމެ ސްނޯގެ ތެރޭގައި އިނދެ އޭނާ އެތައް އިރަކު ރުއެވެ. ފިރިމީހާ އާއި، ދަރިފުޅާއި ، ގެއާއި ހުރިހާ އެއްޗެއް އަތުން ބީވެ ދިޔައީއެވެ. އެ ހިތާމައިގައި ދުވަސްތައް ހޭދަކުރި އިރު، ދުވަހަކުވެސް ފިރިއެއްގެ ލޯތްބާއި، އާއިލާއަކާއި ގެއެއްގެ ފޮނިމީރުކަން ލިބޭނެއެކޭ ހިތަކަށް ނާރައެވެ. ކުރިމަގާ މެދު އަބަދުވެސް ވިސްނެއެވެ. އަބަދު އިންނަން ޖެހުނީ މަންމަ އުޅެން ޖެހުނު ނިކަމެތި ހާލުގައި ތާއަބަދު އުޅެންޖެހިދާނެތީ އެކަމާ ފިކުރު ބޮޑުވެފައެވެ. ނުވަތަ ބަނޑުފުރާނަ މުއްތިކުރަން، ހަށިވިއްކަން ޖެހިދާނެތީ އެކަމާ ކަންބޮޑުވެފައެވެ. ނުވަތަ މަގުމަތީގައި ސަލާންޖަހަން ޖެހިދާނެ ކަމަަށް ބިރުގެންފައެވެ.
ނަމަވެސް ޝުޖާއު އާ މަރިޔަމާއެކު އެއްކޮޓަރީގެ ޖިފުޓިއެއްގައި އޭނާ އުޅެނީ ވަރަށް އުފަލުގައެވެ. ބޯހިޔާވަހިކަމާއި، ފިރިއަކާއި ދަރިއެއް އެބަހުއްޓެވެ. ދެ އިރު ކާން ލިބެއެވެ. އޭނާ އުޅެނީ ފުދިގެންނެވެ. ހިތްހަމަޖެހިގެންނެވެ. ކަލާނގެ ރަހްމަތްފުޅާއެކު އޭނާއަށް ކުރިމަތިވި ގިލަންވެރިކަމުން އަރައިގަނެވުނެވެ. ސަލާން ޖަހާކަށްވެސް، ހަށިވިއްކާކަށްވެސް ނުޖެހުނެވެ.
ސްކޫލަށް ދާ އުމުރަށް އެޅުމުން ޚަދީޖާ ނޫރް މަރިޔަމް ސްކޫލަށް ވެއްދިއެވެ. ޚަދީޖާގެ އާދޭހާއެކު މަރިޔަމަށް ސްކޫލުން މަހު ފީ މާފުކޮށްދިނެވެ. އަދި އެހެން އިނާޔަތްތައް ވެސް މަރިޔަމަށް ލިބުނެވެ. މާއްދީގޮތުން އޭނާއަށް މަރިޔަމަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަން ޚަދީޖާ އަށް އެނގުނެވެ. މަރިޔަމް ވެއްދި ސްކޫލުގެ އިރުޝާދީ ބަހަކީ އިނގިރޭސި ބަހެވެ. މަރިޔަމަކީ ފަރިތަކަމާއެކު ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ކުއްޖަކަށް ވުމުން އުނގެނުމުގައި އެއްވެސް ދައްޗަކާ ކުރިމަތިލާކަށް ނުޖެހުނެވެ.
***
ޝުޖާއު ނިޔާވުމުގެ ކުރިން ޖިފުޓިއާއި، މޭވާ ވިއްކާ ކަޑަ ޚަދީޖާ ނޫރްގެ ނަމަށް ބަދަލުކުރިއެވެ. ވާރުތަ މުދަލުން ކޮއްކޮމެންނަށް ލިބެންވާ ބައިވެސް ދިނެވެ. އެހެންކަމުން އޭނާ ނިޔާވުމުން މުދަލުގެ މައްސަލައެއް ނުނުކުމެއެވެ. ނަމަވެސް ޝުޖާއު ނިޔާވުމުން ޚަދީޖާއަށް އެތައް ދައްޗެއް ކުރިމަތިވިއެވެ. އޭނާއަށް އެކި ގޮތްގޮތުން އަވަށްޓެރިން އެހީތެރިކަން ފޯރުކޮށްދިނެވެ. މަރިޔަމް ފުރާވަރު އުމުރަށް އަޅައި، އޭނާއަށް އިތުރު ޚަރަދުކުރަން ޖެހުމުން އެ ޚަރަދު ފޫބެއްދުމުގެ ގޮތުން އަވަށްޓެރިންގެ ކުދީންނަށް އިނގިރޭސި ޓިއުޝަން ދޭން ޚަދީޖާ ފެށިއެވެ.
މަރިޔަމަކީ މޮޅު ކުއްޖެކެވެ. އޭނާގެ ނަތީޖާ ރަނގަޅެވެ. ކިޔެވުމަށް މޮޅުވުމުގެ އިތުރުން ޅަ އުމުރުގައި އާޓަށް ޝައުގުވެރިވާން ފެށިއެވެ. މަރިޔަމްގެ ހުނަރު ޚަދީޖާއަށް ފާހަގަ ވުމުން ކުރަހަން ބޭނުންވާ ތަކެތި ގަނެދީ ކުރަހަން ބާރު އަޅަން ފެށިއެވެ. ސްކޫލަށްވެސް މަރިޔަމްގެ އާދަޔާ ޚިލާފު ހުނަރު ފާހަގަ ކުރެވުނެވެ. އެހެންކަމުން ސްކޫލަށް ޒިޔާރަތްކުރާ މެހްމާނުންނަށް އޭނާގެ ކުރެހުންތައް ވިއްކައެވެ. އެހައި ޅަ އުމުރުގައި ކުރެހުމުގެ ދާއިރާއިން މަރިޔަމް ހޯދި ކާމިޔާބީއާ މެދު ޚަދީޖާ ނޫރް ފަޚުރުވެރިވެއެވެ.
މަރިޔަމަކީ ގެންގުޅެން އެހާ ފަސޭހަ ކުއްޖެއް ނޫނެވެ. ނަމަވެސް ޝުޖާއު އާއި ޚަދީޖާ ވެސް އޭނާގެ ރުއިމާއި ބޮޑާހޭކުން ތަހައްމަލުކުރިއެވެ. ފުރަތަމަ ކޮޅު މަރިޔަމް ޚަދީޖާއާއި ޝުޖާއު ދެކެވެސް ލޯބިވިއެވެ. ނަމަވެސް ކަންކަން އެނގޭ އުމުރަށް އެޅުމުން ޝުޖާއަށް ނަފްރަތު ކުރަން ފެށިއެެވެ. ޝުޖާއަކީ ރަނގަޅަށް ލިޔަންކިޔަން ނޭނގޭ މީހަކަށްވާތީ އާއި، ތަރުކާރީ އާއި މޭވާ ވިއްކާ މީހަކަށް ވާތީއާއި، އެހައި ފުދުންތެރި މީހަކަށް ނުވާތީއެވެ. ޚަދީޖާ ނޫރްއާ ކޮންމެވެސް ވަރަކަށް ގާތްކަން ބޭއްވިއެވެ. އެކަމަކު ވެސް ޝުޖާއާ ޚަދީޖާއަކީ އޭނާގެ މަންމައާއި ބައްޕަ ނޫންކަން އެނގޭތީ މާ ގާތްވެގެނެއް ނޫޅެއެވެ.
އެން.ސީ.އޭ. އޭގައި ކިޔަވަން ފެށި ފަހުން އެއް ދުވަހަކު މަރިޔަމް ގެއަށް އައިސް ޚަދީޖާއާ ކުރިމަތިލިއެވެ. އޭނާ ބޭނުންވީ އޭނާގެ ބެލެނިވެރިކަމުގެ ގާނޫނީ އިޖުރާތު ތައް ފުރިހަމަކޮށް ބެލެނިވެރިކަމާ ޚަދީޖާ ހަވާލުވުމަށެވެ. އޭރުން އޭނާއަށް އިންގްލެންޑަށް ހިޖުރަ ކުރެވޭނެއެވެ. "މަންމާ، ގާނޫނީ ގޮތުން އަހަރެންގެ ބެލެނިވެރިކަމާ މަންމަ ހަވާލުވެއްޖެނަމަ އަހަރެމެންނަށް އިންގްލެންޑަށް ހިޖުރަ ވެވޭނެ. އަހަރެމެންގެ އެއްވެސް އެއްޗެއް ނެތެއްނު މިތާ. އިންގްލެންޑަށް ގޮސް އާ ދިރިއުޅެމެއް ފެށޭނެ. އަހަރެން އެކަމާ ގުޅޭގޮތުން މީހަކާ ވާހަކަ ދައްކައިފިން. އޭނާ ހުރީ ހުރިހާ ކަމަކަށް އެހީވާ ގޮތަށް."
މަންމަ ހައިރާންވިއެވެ.
"މަންމާ، މިތާކު އަހަރެންގެ އެއްވެސް ހައިސިއްޔަތެއް ނެތް. އެން.ސީ.އޭ އަކީ ކިބުރުވެރި، ބޮޑާ، މުއްސަނދިންގެ ތަނެއް. އެއީ އަހަރެމެންނާ އެކަށީގެންވާ ތަނެއް ނޫން. އެތާ އުޅެނީ އަޝްރާފުން. އެމީހުން އަހަންނަކާ ވާހަކައެއް ނުދައްކާ. އިންގްލެންޑުގެ ސްކޫލަކުން ޖާގަ ލިބޭ އިރަށް ބައިނަލްއަގުވާމީ ފެންވަރުގައި އަހަރެންގެ މަސައްކަތް ފާހަގަކުރަން ފަށާނެ. މިތާކު އަހަންނަކަށް އެއްވެސް ފުރުސަތެއް ނެތް."
"މަރިޔަމް، އިންގްލެންޑަކު އަހަރެން ދަންނަ މީހެއް ނޫޅޭ. އަހަރެމެން ވަރަށް އެކަނިވެރި ވާނެ." މަންމަ ބެލީ މަރިޔަމަށް ވިސްނައިދެވޭތޯ އެވެ.
"މަންމާ މިތާ ވެސް އަހަރެމެންގެ ބަޔަކު ނޫޅޭ. އަހަރެމެން މިއުޅެނީ އެކަނި." މަރިޔަމް ބުންޏެވެ.
"މަރިޔަމް، އަހަންނަކަށް އެނބުރި އިންގްލެންޑަކަށް ނުދެވޭނެ."
"އެހެންވެއްޖެއްޔާ އަހަރެން ފޮނުވައިދީ."
"ކިހިނެއް ދަރިފުޅު އެކަނި ފޮނުވާނީ؟ އެތާ ބޮޑު ޖަންގައްޔެއް އޮންނާނެ."
"މަންމާ، މަންމަ ތިއުޅެނީ ކޮން ގަރުނަކު ކަމެއް އަހަންނަކަށް ނޭނގޭ..." މަރިޔަމް ހަޅޭއް ލަވަން ފެށިއެެވެ. އޭނާގެ ރުޅިވެރިކަން ކޮޅުން ލީއެވެ.
"ދަރިފުޅު ވިސްނާލަބަލަ." މަންމަ ބެލީ މަރިޔަމަށް ވިސްނައިދޭށެވެ. "ދަރިފުޅު މިހާރު ތިދަނީ މި ގައުމުގައި ހުރި އެންމެ ރަނގަޅު ކޮލެޖަށް. ކިޔަވައި ނިމުމުން ދަރިފުޅު މީހަކާ އިންނާނެ..."
"އާނ! މަންމަ އިނދެގެން އުޅޭ ކަހަލަ މިހަކާ އިންނާނީ!" މަރިޔަމް ހަޅޭއްލަވަމުން ދިޔައެވެ. "ނޫން، އަހަންނަކަށް މި ފަގީރު ހާލަތަކު ނޫޅެވޭނެ."
"ދަރިފުޅަށް ރަނގަޅު އާއިލާއެއްގެ މީހަކާ ކާވެނިކުރެވިދާނެ."
"އަހަރެންނާ އިންނަން ހަނި ގޯޅިތަކުން ވަދެގެން، މި ޖިފުޓި ގަނޑަށް އަންނާނީ ކާކު؟"
މިއީ މަރިޔަމް އެގޮތަށް ވާހަކަ ދެއްކި އަޑު ޚަދީޖާއަށް އިވުނު ފުރަތަމަ ފަހަރެވެ.
"ދަރިފުޅާ. މީހުން އިންނަނީ މީހުންނާ، ގެއާއި މުދަލަކާ ނޫން. ދަރިފުޅާ އިންނަ މީހަކު ލޯބިވާނީ ދަރިފުޅު ދެކެ، ދަރިފުޅު އުޅޭތަން ދެކެއެއް ނޫން."
"މަންމަ ތިއުޅެނީ ކޮން ދުނިޔެއަކު؟ މިހާރު މީހުން ބަލާނެ ދިރިއުޅޭ ތަނަށްވެސް... ގޭގައި ހުންނަނީ ކިތައް ކޮޓަރިތޯ، ގޭގެ ހާލަތަކީ ކޮބަިއތޯ، ހުރިހާ އެއްޗެއް ބަލާނެ. ހުރިހާ ކަމެއް ފާހަގަކުރާނެ." ހަރުކަށި ރާގަކަށް މަރިޔަމް ބުންޏެވެ. އޭނާ ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.
"ފައިސާ އާއި މުދަލަށް ބަލައިގެން މީހުންނާ އިންނަ މީހުން ބައިތިއްބާ މަރިޔަމް. އަހަރެމެން އެކަހަލަ މީހުން ބޭނުމެއް ނޫން. އެހެން އައިސްފައި ހާލަތު ބަލާފައި، ކާވެނީގެ ހުށަހެޅުން އަނބުރައި ގެންދާ މީހުން ދިޔަދީ. އަހަރެމެންނަށް މުހިއްމީ އަހަރެމެން މިއުޅޭ ހާލު އެނގިތިބެ އަހަރެމެންނާއެކު ދެމިތިބޭނެ ބަޔަކު. މަންމަ ބޭނުންވަނީ ދަރިފުޅު އެކަހަލަަ އާއިލާއެއްގެ މީހަކާ އިންނަން."
"މަންމަގެ ދިރިއުޅުން ތި ހޭދަކުރަނީ މި ހަތަރުފާރު ތެރޭ. މީހުން އުޅޭ ގޮތެއް މަންމައަކަށް ނޭނގޭނެ. ތި ހުވަފެނީ ދުނިޔެއިން ނުކުމެ ހަގީގަތާ ކުރިމަތިލާ. މަންމަގެ މަރިޔަމާ އިންނާށޭ ކިޔާފައި މިތަނަކަށް އެއްވެސް ޕްރިންސެއް ނާންނާނެ. އެހެން މީހެއް ވެސް ނާންނާނެ... އަހަރެން އިންގްލެންޑަށް ފޮނުވައިދީ. މަންމަގެ ވާހަކައިން މަރިޔަމަށް ކުރި އަސަރެއް ނެތެވެ.
"ދަރިފުޅު ކިޔަވާ ނިމުނީމާ، މި ޖިފުޓިއާއި ފިހާރަ ވިއްކާފައި ރަނގަޅު ހިސާބަކުން ގެއަކަށް ބަދަލުވެވިދާނެ." މަންމަ ބެލީ މަރިޔަމް ހަމައަކަށް އެޅުވޭތޯއެވެ.
"ކޮން ފެންވަރެއްގެ ތަނަކަށް؟" މަރިޔަމް ހަޅޭއްލަވައިގަތެވެ. " އެއް ކޮޓަރީގެ ބަދަލުގައި ދެ ކޮޓަރި ހުންނަ ގެއަކަށްތަ؟ ހެޔޮނުވާނެ މަންމާ، އަހަންނަށް ރަނގަޅު މުސްތަގްބަލެއް ލިބެން އޮއްވާ އެކަމަށް ހުރަސް ނާޅާ. އެ ފުރުސަތު ހޯދައިދީ. މަންމަގެ ހަޔާތް ބަރުބާދުކޮށްލިހެން އަހަރެންގެ ހަޔާތް ބަރުބާދުކުރަން ނޫޅޭ. އިންގްލެންޑަށް ގޮސް އަހަންނަށް އާ ދިރިއުޅުމެއް ފެށޭނެ. އަހަންނަށް މީހަކަށް ވެވޭނެ."
"އެތަނުގައި އުޅެން ޖެހޭނީ ރޮބަޓެއް ހެން. ދަރިފުޅު މެޝިނަކަށް ބަދަލުވާނެ."
"އެއީ މައްސަލައެއް ނޫން. އަހަންނަށް އެނގޭހައިވެސް އެއްޗަކީ އިނގިރޭސި ރައްޔިތުންކަން ލިބިއްޖެނަމަ އަހަންނަށް ބައިނަލްއަގުވާމީ މައިދާނުން ފުރުސަތު ލިބޭނެކަން. އެގޮތަށް ފުރުސަތު ފަހިވެއްޖެނަމަ އަހަންނަށް އިތުރަށް ކުރިއަށް ދެވޭނެ."
މަންމަ ހިމޭނުން އިނެވެ. މަރިޔަމާ ޒުވާބު ކުރުމުގެ ބޭނުމެއް ނެތްކަން އޭނާއަށް އެނގުނެވެ. އެެހެން ނަމަވެސް އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތައް ހޭދަކުރި ތަނަށް ދާން މަރިޔަމް އުޅުމުން އޭނާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. އެހެންކަމުން ދުވަހަކުވެސް މަރިޔަމް އިންގްލެންޑަށް ނުފޮނުވަން ނިންމިއެވެ. ޑިގްރީ ނުނިމެނީސް އަމުދުން ނުފޮނުވުމަށެވެ. ދޭތެރެއަކުން މަރިޔަމް އެ މައުޟޫއު ނަގާނެއެވެ. އެކަމަކު އޭނާގެ ހަޅޭއްލެވުމާއި ބޮޑާ ހޭކުމަކުން މަންމަގެ ނިންމުން ބަދަލެއް ނުކުރިއެވެ. އޯގާތެރިކަމާއެކު ވިސްނައިދެނީ ކިޔެވުމަށް ސަމާލުކަން ދިނުމަށެވެ. އެހެން ނޫނީ އަނގައިން ނުބުނެ އިންނަނީ އެވެ.
***
ޒަނީނާ ވަކިން އުޅެން ޖެހުނު ތިން އަހަރު، އެންމެ ފަހަރަކުވެސް ޚަދީޖާ ނޫރް އޭނާގެ ދަރިފުޅު މަތިން ހަނދާނެއް ނުނެތެއެވެ. މަޒްހަރް އޭނާ އުރައިގެން ދާން ފެށުމުން ދަރިފުޅު ރުއިރުއިން ޚާދީޖާގެ ކަންފަތުގައި ގުގުމައެވެ. ކޮންމެ އުފަންދުވަހަކު އޭނާގެ ފޮޓޯއަށް ބަލަން އިނދެ އޭރަކު ހުންނާނެ ގޮތެއް ޚިޔާލަށް ގެނެއެވެ. ދަރިފުޅު އަނބުރައި ލިބޭތޯ ދުއާ ކުރުން ދުވަހަކު ހުއްޓައެއް ނުލައެވެ.
އަމިއްލަ ދަރިއެއް ހުންނަ ވާހަކަ އޭނާ މަރިޔަމް ގާތު ދުވަހަކުވެސް ނުބުނެއެވެ. މަރިޔަމް ގެ ގޮތް އެނގޭތީ އޭނާއަށް އިތުރު ހިތްދަތިކަން ދޭން ބޭނުންނުވީ އެވެ. އަދި ފިރިމީހާ ޚަދީޖާ ދޫކޮށްފައި ދިޔަ ސަބަބެއް އޮޅުންފިލުވަން ވެސް މަރިޔަމް ބޭނުންވެދާނެތީއެވެ. އޭނާގެ މާޒީ އާ ބެހޭ ގޮތުން އިތުރަށް މަރިޔަމަށް އޮޅުންފިލުވައިދޭން ވެއްޖެނަމަ ޚަދީޖާގެ ޒަޚަމްތަކަށް އާރޯކަން ލިބޭނެއެވެ. އެ ހުރިހައި ކަމަކަށްވުރެ ބޮޑަށް، މަރިޔަމަށް އޭނާގެ ހަގީގަތް އެނގިއްޖެނަމަ އޭނާގެ ދެކެ ނަފްރަތު ކުރަން ފަށާފާނެތީ ޚަދީޖާ ބިރުގަތެވެ. އެހެންކަމުން އޭނާ ނިންމީ މާޒީގެ އެއްވެސް ވާހަކައެއް މަރިޔަމާ ހިއްސާނުކުރާށެވެ.
ޒަނީން މަތިން ހަނދާންވެގެން މާޔޫސްވާ ކޮންމެ ފަހަރަކު ޝުޖާއު އޭނާގެ ހިތްހަމަޖައްސައިދެވޭތޯ ބަލައެވެ. ނަމަވެސް ޝުޖާއު ނިޔާވުމުން ޒަނީންގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައިނުލެވޭނޭ ކަން ޚަދީޖާއަށް އެނގުނެވެ. "މިހާރު އޭނާ އުޅޭނީ މީހަކާ އިނދެގެން ކަން ނޭނގޭ... ދަރިއެއް ނެތް ކަމެއް ވެސް ނޭނގޭ... އޭނާގެ މަންމަ ދުނިޔޭގައި ހުރިކަން އެނގޭބާ؟ އަހަންނާ ބެހޭ ގޮތުން އޭނާ ގާތު މަޒްހަރް ބުނީ ކީކޭ...؟" އެ ޚިޔާލުތަކާ ދުރަކަށް ޚަދީޖާއަކަށް ނުދެވެއެވެ.
(ނުނިމޭ)
ވަރަށް ސަޅި
Vaahaka nimey iru Mazharah Maryam ge mammage hageegaiy en'gigen nimen beynun vanee.Eyrun Mazhar veradhu heevaane lakka varah
Dhuniyeyge edhumaaigen marudhan nujehey meeheh viyyaa Shujaa kahala firiaku libunu kamattakaa Kadheejaa shukuru verivi gothah shukuru verivaane.ekahala meehaku libeynee varah naseeb ran'galhu meehakah.
Mazharah vure haasbai ran'galhu Shujaa.fageeras umurun dhottas heyo.vaahaka varah furihama.aneh bayah inthizaaru kuran
dhuvaskolhakah fahun anekkaaves vaa
kiyaalnlibuneemaa vvvufaavejje dhen vaahaka nemenee dhoo
adhi mazharaadhimaavaaneh kamah unmeedhukuran
vhaka vvvreethi kuriah onna bayah vvvunmeedhukuran
V reethi