އެމްޑީޕީ ދަފްތަރު ސައްޙައެއް ނޫން، ނުފޫޒު ބޭނުންކޮށްފައިވާކަން ހާމަވޭ: ޑރ. ޖަމީލް

އެމްޑީޕީ މެމްބަރުންގެ ދަފްތަރު ސައްހަ ނޫން ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އާއި ބައެއް އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން އެމްޑީޕީގައި ހިމެނޭ ކަމަށް ދެކެވެމުންދާ ވާހަކާ ބެހޭ ގޮތުން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. ޢަބްދުﷲ ޚަލީލާއި، ދިއްދޫދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު އަބްދުއް ލަތިފާއި، ތިމަރަފުށީ ދާއިރާގެ، ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުﷲ ރިޔާޒުގެ ފޮޓޯއާއެކު ކުރައްވާފައިވާ ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ އެމްޑީޕީން ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށްފައިވާކަން އެއިން ހާމަވެފައިވާ ކަމަށެވެ.

ރައްޔިތުންނަށް އޮޅުވާލައިގެން އެޕާޓީއަށް މީހުން ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް ކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެއެވެ. އެއީ ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އެމްޑީޕީ ދަފްތަރު ސައްހައެއް ނޫން. ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށްފައިވާކަން މިއޮތީ ހާމަވެފައި. ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީ އަށް ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް. މިއީ ފުރިހަމަ ތަހުގީގެއްކޮށް، ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށުގެ އަމަލެއް،" ކުރިން ދެންނެވި ތިން ބޭފުޅުންގެ ފޮޓޯއާއެކު ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ބެހޭ ގޮތުން ޑރ. ޚަލީލް ވިދާޅުވީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި ނެތްކަމަށެވެ. އެހެންނަމަވެސް  އެމްޑީޕީގެ ވެބްސައިޓުގައި އޭނާގެ އައީޑީ ނަމްބަރު ޖަހައިގެން "ސަރޗު ކުރުމުން" އޭނާގެ ޒާތީ ހުރިހާ މައުލޫމާތެއް އެއިން ފެނުނު ކަމަށެވެ.  "އެއީ ވެގެންވާނެ ގޮތެއްނޫން. އެގޮތަށް އަޅުގަނޑުގެ ޒާތީ މައުލޫމާތު އެމްޑީޕީ ވެބްސައިޓުން ފެނިގެންނުވާނެ. އަޅުގަނޑު ތުހުމަތު ކުރަނީ އެގޮތަށް އެވަނީ ޑީއެންއާރުގެ ޑޭޓާބޭސް އެމްޑީޕީން "ވަގަށްނަފާއިވާތީ" އޭ،" ޚަލީލް ވިދާޅުވިއެވެ. އޭނާގެ އިތުރުން ކުރީގެ އެމްޕީ ޙަސަން މުފީދުގެ ނަން ވެސް އެމްޑީޕީގެ ދަފްތަރުގައި ވަނީ ހިމެނިފައެވެ.

މި މައްސަލާގައި ލަތީފް ކުރައްވާފައިވާ ޓުވޯޓެއްގައި ވިދާޅުވެފައިވަނީ އޭނާއާ ބެހޭ މައުލޫމާތު "ވަގަށް ނަގައިގެން" އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި ވުމަކީ ޖިނާއީ ކުށެއް ކަމަށެވެ. ޢަބްދުﷲ ރިޔާޒުގެ ނަން އޭނާ އެދިވަޑައިގެން މިހާރުވަނީ އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.