މާލެއަށްވުރެ ރަނގަޅަށް ތަރައްގީކޮށްފައިވާ ރަށެއް ދުނިޔެއަކުނެތް: ރައީސް ނަޝީދު

ދުނިޔޭގައި ހުރި ރާއްޖެފަދަ އެހެން ގައުމުތައް ތަރައްގީކޮށްފައިވާ ގޮތަށް ބަލާއިރު މާލެއަށްވުރެ ރަނގަޅަށް އެކަންކޮށްފައިވާ ރަށެއް ދުނިޔޭގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ވިއަދު ރާއްޖެ މަހާސިންތާގައި މިއަދު ދެއްވި ޕްރެސެންޓޭޝަނެއްގައެވެ.

"ދުނިޔޭގެ އެހެން ހިސާބުތަކުގައި ހުރި ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތައް ތަރައްގީ ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ކިހިނެއްތޯ ބައްލަވާއިރު، ސީޝެލްސްއަށް ބެއްލެވިޔަސް ވެސް ކެރީބިއަން ބައެއް ރަށްރަށަށް ބެއްލެވިޔަސް ޕެސިފިކް އައިލެންޑުގެ ބައެއް ރަށްރަށަށް ބެއްލެވިޔަސް، މިހުރިތަނަކާ އަޅާބެއްލެވިޔަސް އަޅުގަނޑަށް ޔަގީން ކަށަވަރު (މިރަށް މާލެ) އަށްވުރެ ރަނގަޅަށް އެކަން ކޮށްފައި އޮތް ރަށެއް ހަގީގަތުގައި ދުނިޔެއަކުނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށެއްގެ ތަރައްގީއާ ބެހޭ ގޮތުން ވާހަކަދައްކަވާނަމަ އެމަނިކުފާނަށް އެންމެ ކަމުދަނީ މާލޭގެ ވާހަކަ ދައްކަވަން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ވަނީ 1967 އާއި 1984 އާ ދެމެދު ދިހައެއް ނުވަތަ ވިހި ގުނަ އިތުރުވެފައި ކަމަށެވެ. ކުރިން މާލޭގައި ކަންކަން ގޯސްކޮށް ހިނގާފައިވާ ކަމަށާއި އަދި މިހާރުވެސް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން އެހެންވެފައިވަނީ ކީއްވެތޯ ވެސް ބެއްލެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެން މާލޭގައި ވެރިކަން ކުރަމުންދާތީ އެއިން ލިބޭ ބާރެއް އެއްވެސް ޝައްކެއްނެތް މިންވަރަށް އޮންނާނެ ކަމަށެވެ. މާލެ ތަރައްގީވުމުގެ ބާރަކަށް އެކަންވެސް ވެދާނެއެވެ. ރައީސް ނަޝީދު ވިދާޅުވީ 1960 އާއި 1980 އާ ދެމެދު މާލޭގެ އެއްފަރާތުން ހެދުނީ ބޮޑުފާލަން ކަމަށާއި އަނެއް ފަރާތުން ހެދުނީ ރިސޯޓުތައް ހިންގާނެ އޮފީސް ތައް ކަމަށެވެ. އޭގެ އިތުރަށް މާރުކޭޓާއި ކުއީން އޮފްދަ ނައިޓްފަދަ ރެސްޓޯރެންޓު ވެސް ހެދިގެން ދިޔަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިފާނު ވިދާޅުވީ ރަށްރަށުގެ ބަނދަރު ހަދާއިރުވެސް ބަނދަރެއްގެ އބަދަލުގައި ބަނދަރު މައްޗެއް ހެދުން މުހިންމު ކަމަށެވެ. އެގޮތަށް ހަދާއިރު ބާޒާރެއް ހުންނަން ޖެހޭކަމަށް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނދަރުމައްޗެއްނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާލެވެސް ތަރައްގީވުމުގެ ފަހަތުގައި އޮތީ ބަނދަރުމަތި ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.