އީވާ ނެތަސް ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގާ، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނެތަސް ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުން ކޮށްފިއެވެ.

އެ ކޯޓުން ބުނީ ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށެވެ.

ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނު އަސާސީންނާއި ގާނޫނުން އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ މައްސަލައިގައި ރައީސާއި ނައިބު ރައީސް ނޫން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މަޖލީހުގެ ރިޔާސަތު މަޖިލީހުގެ ރައިސާއި ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުން ކަނޑައަޅަންޖެހޭ 5 މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ

1 ޚިޔާލު

  1. ސްޕްރީމް ކޯޓަށް އިހްތިރާމް ކުރަމެވެ. ނަމަވެސް އެއްޗެއްގައި ސާފު ބަހުން ލިޔެފައި އޮންނަ އެއްޗެއް އެހެން ގޮތަކަށް މާނައެއް ނުކުރެވޭނެއެވެ. މިސާލާކަށް "މިފަދަ މައްސަލައެއްގައި ގޮތް ނިންމާނީ ސްޕްރީމްކޯޓުން" ނެވެ. މިގޮތަށް އޮއްވައި ، އެފަދަ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށައެޅުމުން ބޭރުކޮށްލީމާ، ނުވަތަ އަލަށްވެސް، ރާއްޖޭގެ ޝަރުޢީ ނިޒާމު ތެރޭ ހިމެނޭ އެހެން ކޯޓަކަށް އެމައްސަލަ ހުށައަޅައިގެން ގޮތެއް ނިންމިދާނެ ހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.