ޗައިނާއާއެކު ވެފައިވާ ފްރީޓްރޭޑް އެގްރިމެންޓަކީ ބުއްދިވެރިކަމެއް ކަމަށް މިހާރަކުވެސް ނުދެކެން- ރައީސް ނަޝިދު  

ޗައިނާއާއެކު ކުރީ ސާރުކާރުން ވެފައިވާ ފުރީޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ބުއްދިވެރިކަމެއްކަމަށް މިހާރުވެސް ކުރިއަކުން ވެސް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑަކީ ވިޔަފާރީގެ އެއްބަސް ވުމަކީ ވިޔަފާރީގައި ހަމަހަމަކަން އޮންނަ ޤައުމުތަކުގެ މެދުގައި އެކުލަވާލާ އެއްޗެއްކަމުގައެވެ. ޗައިނާއާއި ދިވެހިރާއްޖޭގެ މެދުގައި ވިޔަފާރީގެ ތަފާތުކަން ވަރަށް ބޮޑުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެއްބަސްވުން ތަންފީޒުކުރާ ހިސާބުން އަގުހެޔޮށް ތަކެތި ލިބެން ފެށުމުން ހުރިހާ އެއްޗެއް ވެސް ރާއްޖެއަށް އެތެރެކުރާނީ ހަމައެކަނި ޗައިނާއިން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ނުލިބޭނެކަން ފާހަގަކުރެއްވިއެވެ. ޗައިނާއިން ރާއްޖެ އަށް އެއްޗެހި އެތެރެކުރާވަރާ ގާތަށްވެސް ރާއްޖެއިން ޗައިނާ އަށް އެއްޗެތި ބޭރުނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެންމެ ބޮޑުމައްސަލައަކަށް ވާނީ ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެހެން ޤައުމުތަކަށް ރިއެކްސްޕޯރޓްކުރުން ކަމަށް ފާހަގަ ކުރެއްވިއެވެ.

މިދިޔަ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ސީފުޑު ބޭރުކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނަކަމަށް ވިދާޅުވެ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ، ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުތަކަކީ ޚިޔާލީ ފޮލާއެއް ކަމަށް ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

ސަރުކާރުން އިޢްލާންކުރައްވައިފައިވާ އިޤްތިޞާދީ ޕެކޭޖާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރ ސަޢީދު ވިދާޅުވީ މިދަނޑި ވަޅަކީ ޗައިނާއާއި ރާއްޖެއާ ދެމެދު މިދިޔަ ސަރުކާރުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަންވީ ވަގުތުކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.