މުގާބިލާ - 9

(10 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ދެން އީމާންކަމުގެ ވާހަކަ ދައްކަމާ ބަހީ. އީމާންކަން ބަލިކަށިވީމާ މީހާ ޝިރްކާ ދިމާއަށް ދަމައިގަންނާނޭ ވާހަކަ ކުރީންވެސް ބުނިން. އީމާންކަން ބަލިކަށި ކުރުމަކީ އަހަރެންގެ ޚާއްސަ މަސައްކަތެއް. އެއީ ވަރަށް ފަސޭހަވެސް ކަމެއް. އީމާންކަން ބަލިކަށި ވަނީ ބިރާއި ޝައްކާއި ވަސްވާހާއި ރައްކާތެރިކަން ގެއްލިދާނޭ ކަމަށް ޖެހިލުންވާން ފެށީމާ. އާދަމުގެ ދަރިންނަކީ... ޚާއްސަކޮށް އީމާންކަމުގެ އަހުލުވެރިންނަކީ ފަސޭހައިން ބިރުގަންނަ ބައެއް ނޫން. އަހަރެންގެ ފުރަތަމަ މަސައްކަތް ހަނދާން ކުރޭ. އެއީ މިހާރުވެސް ކާމިޔާބު ކަމާއެކު ބޭނުން ކުރެވޭ އުކުޅެއް. އާދަމުގެފާނު ހުންނެވީ ސުވަރުގޭގެ ހުރިހައި ނިއުމަތަކަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ނުލާހިކު އުފާފުޅުން. އެކަލޭގެފާނަށް ވަސްވާސް ދޭން އަހަރެން ކުޅަ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވި. އަހަރެން ޙައްވާގެފާނާ ދިމާއަށް އެނބުރުނީ އެހެން ވެގެން. އަހަރެންގެ މަސައްކަތް ކާމިޔާބުވި. އާދަމުގެ ދަރީން ހައްލައިލާން އެންމެ ކުޅަދާނައީ އޭނާ ކަހަލަ އާދަމުގެދަރީން. ޚާއްސަކޮށް އިދިކޮޅު ޖިންސަށް އެކަން ފަސޭހަ ވާނެ. އާދަމުގެފާނު ސުވަރުގެއިން ނެރެލެއްވީ މަނާ ގަހުން ފަރީއްކުޅުއްވުމުގެ ސަބަބުން. އަހަރެން އެކަން ކުރުވީ ޙައެްވާގެފާނު މެދުކުރުވައިގެން. އެޔާއެކު އެކަލޭގެފާނަށް ޖެހިވަޑައިގަތީ ބަނޑުފުޅުގެ އާލާސްކަންފުޅު. އާދަމުގެ ދަރިޔާ އަބަދުވެސް ހުންނާނީ ރިޒުގާ ހެދި ފިކުރު ބޮޑު ވެފައި. ދުނިޔޭގައި ލެހެއްޓެވިހައި ދުވަހަކު ރިޒުގު ދެއްވާނޭ ކަމަށް ﷲ އަންގަވައިފައިވާ އިރުވެސް އިންސާނާ ހުންނަނީ ރިޒުގު ނުލިބޭނޭ ކަމަށް ހީކޮށް ގަންނާ ކުރައްވާ ބިރަކުން ކޮންމެ ކަމެއްވެސް ކުރާން ތައްޔާރަށް. މީސްމީހުންނަށް ވައި އެޅުވުމާއި މަކަރުހެދުން ފަދަ ކަންތައްތައް ކުރަނީ އެހެން ވެގެން. އެންމެ ފަހުން ގޮސް މީހުންގެ ފައި ބުޑަށް ވެއްޓި ސަޖިދަ ޖަހާ ހިސާބަށްވެސް އެމީހުން އެބަދޭ. އެއީ ޝަރީކު ކުރުން. އިންސާނާ ޝިރުކާ ދިމާއަށް ގެންދާން އަހަރެމެންނަށް ލިބިފައިވާ މުހިއްމު އެއް ހަތިޔާރަކީ އަންހެނުން. އާދަމުގެފާނަށް ސަލާމަތްވެވަޑައި ނުގެންނެވުނު ކަމަކުން އެކަލޭގެފާނުގެ ދަރިންނަށް ސަލާމަތް ވެވޭނީ ކިހިނެއް؟"

"ރިޒުގު ނުލިބިދާނެތީ އިންސާނާ ގަންނަ ބިރުގެ ސަބަބުން އޭނާ މަޑުމަޑުން ޝިރުކާ ދިމާއަށް ގެންދޭ. އެޔާއެކު އެހެން ނުބައި ސިފަތައްވެސް އޭނާގެ ކިބައިގައި އަށަގަނޭ. އެ ސިފަތަކުގެ ސަބަބުން އޭނާ ﷲ އާ ދުރަށް ގެންދޭ. އެއީ އީމާންކަން އިތުރަށް ބަލިކަށިވުން. މި ބުނެވުނު އިތުރު ނުބައި ކަންތައްތަކުގެ ތެރޭގައި ފައިސާގެ ދަހިވެތިކަން ހިމެނޭ. ފައިސާގެ ދަހިވެތިކަން ހިތުގައި ހަރުލީމާ ހަރާން ހަލާލުގެ ތަފާތު ނެތިގެން ހިނގައިދޭ. ވައިއެޅުވުމާއި، ދޮގުހެދުމާއި، މަކަރުހެދުމާއި، އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ފައިސާއާއި މުދަލުގެ ދަހިވެތިކަމުގެ ނަތީޖާ. މި ނުބައި އަމަލުތަކުގެ ސަބަބުން އިންސާނާގެ ރޫހު ކަފާސްވެ ހިތް ހަރުވެދޭ. އިންސާނާއަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ކަމުގެ ތެރެއަށް ނޭނގި ހުރެ އޭނާ ވެއްޓިގެންދޭ. އެއީ ރިޒުގު ދެއްވުމަކީ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ސިފަފުޅެއްކަން ހަނދާން ނެތުން. އޭނާ ފަދަ އެހެން އިންސާނަކަށް ރިޒުގުގެ ވެރިކަން ދީގެން އެމީހެއްގެ ފަހަތުން ދުއްވައިގަންނަނީ. އެއީ ޝިރްކު. ޝަރީކު ކުރުން. ނަތީޖާއަކީ ހެޔޮ އަމަލާ ދުރަށް އިންސާނާ ޖެހުން. އެއީ އާދަމުގެދަރިޔާ އަހަރެންގެ އަޅަކަށް ވާ ހިސާބު."

"މުދަލުގެ ދަހިވެތިކަމަކީ ނުރައްކާތެރި ބައްޔެއް. އެ ބަލި ގިނައިން ޖެހެނީ ފައިސާވެރިންނަށް. ނަތީޖާއަކީ އެ ދަހިވެތިކަމުގައި އެހެން މީހުންގެ މަތީން ހަނދާން ނައްތައިލުން. ދެން މުޖުތަމައު ފަގީރު ވަނީ. ނިކަމެތި ފަގީރުންނަކީ ރޫހާނީ ގޮތުން މުއްސަނދި ބައެއް. އެކަމަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މުއްސަނދިންގެ ފައި ބުޑަށް ވެއްޓިގަންނާން ތައްޔާރު ވަނީ. އެންމެ ފަހުން ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަކީވެސް ބުރައަކަށް ވެގެން ހިނގައިދޭ. އެއީ އަހަރެމެންގެ ކާމިޔާބީ."

"އެހެންވީމާ އަހަރެމެން ރެޔާއި ދުވާލު މަސައްކަތް ކުރަމުން ގެންދާންވީ ޝިރްކު ފަތުރާން. އަހަރެން މި ބުނެދިން ނުކުތާތަކުގެ މައްޗަށް ވަރަށް ބޮޑަށް ސަމާލު ވެގެން މަސައްކަތް ކުރިއަށް ގެންދޭ."

ހުރިހައި ޝާއިތާނުން ހަރު އަޑުން ނަޣަރާ ކުރާން ފެށްޓިއެވެ. އެޔާއެކު ފައިތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިލިއެވެ. އިބިލީސް އެކޮޅުކޮޅުން ހުރެ ނޯށުން އަލިފާން ނެރޭން ފަށައިފިއެވެ.

* * *

ގަޑިން ބަރާބަރު އަށެއް ޖެހި ތަނާ ސުލައިމާން ފަރްޒާނާގެ ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ.

އޭގެ ކުރީން އޭނާ ފަރްޒާނާގެ އޮފީހަށް ފޯނު ކުރިއެވެ. އަށެއް ޖަހާއިރަށް އަންނާށޭ ބުނީ ފަރްޒާނާއެވެ. ސުލައިމާން ހަތްގަޑިބައިގައި ގެއިން ނުކުމެއްޖެއެވެ.

މަގު އޮތީ ގާތްގަނޑަކަށް ހުހަށް ކަހަލަ ގޮތަކަށެވެ. ސުލައިމާން ކުޑަކޮށް ބިރުގަތެވެ. ދެކޮޅު ރަނގަޅަށް ބަލައިލުމަށް ފަހު ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވީ ފަރްޒާނާއެވެ. "އެތެރެއަށް ވަދޭ."

ސުލައިމާން އެތެރެއަށް ވަދެއްޖެއެވެ. ފަރްޒާނާ ދޮރު ލައްޕައިލިއެވެ. އަދި ސޯފާއަށް އިޝާރާތް ކޮށްފައި ބުނެލިއެވެ. "އިށީނދޭ."

ސުލައިމާން އިށީނުމަށް ފަހު ކޮޓަރި ތެރެއަށް ރަނގަޅަށް ބަލައިލިއެވެ. އެއީ އާދައިގެ ކޮޓަރިއެކެވެ. އެނދު ހުރީ ފާރުގައި ޖައްސައިފައެވެ. އޭނާ އިށީނދެގެން އިން ސޯފާ ބަހައްޓައިފައި ހުރީ އެނދުގެ ކުރިމަތީގައެވެ. ސޯފާއާއި އެނދާ ދެމެދު ކުޑަކުޑަ މޭޒެއް ބަހައްޓައިފައި ހުއްޓެވެ. ކުޑަދޮރުގައި ދަމައިފައި ހުރި ފޮތިގަނޑު ބަލައިލީމާވެސް ބައު ވެފައިވާކަން އެނގެއެވެ.

"ސުލައިމާނަށް ތިޔަ އާދެވުނީ ހާދަހާ ލަހަކުންނޭ. އަހަރެން ހީކުރީ ހަނދާން ނެތުނީ ކަމަށް." ފަރްޒާނާގެ އަޑަށް އޭނާ ސިހުނެވެ.

އޭނާ ފަރްޒާނާއާ ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. މިހާރު އޭނާ ފެންނަނީ ކުރީ ދުވަހު ފެނުނު ގޮތަކަށް ނޫނެވެ. ލައިގެން ހުރީ ސާދާ ހެދުމެކެވެ. މޫނުމައްޗަކު މޭކަޕްގެ އަސަރެއް ނެތެވެ. ސާލުގެ އެއްބައި އޮތީ ބޮލުގައެވެ.

ކުރީން ފެނުނު ވަރަށްވުރެ މިރޭ މާ ރީތިކަމަށް ފާހަގަ ކުރެވެއެވެ.

"ނައިސް މާ ލަސްވީ ކީއްވެގެން؟" ފަރްޒާނާ އެނދުގައި އިށީނދެއްޖެއެވެ.

"އަންނާނޭ ވަގުތެއް ނުވީ." ސުލައިމާން ޖަވާބު ދިނެވެ. "މިހާރު މިހިރީ އައިހެއްނު؟"

"އަހަރެން ކޮށްދޭންވީ ކޮން ކަމެއް؟ ކާނީ ބޯނީ ކޯނޗެއް؟"

"އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަރެން މި އައީ ކައިގެން ބޮއިގެން. އަހަންނަށް ހެޔޮކޮށް ހިތާން ބޭނުމިއްޔާ މާ ދުރުގައި އިނީ ކީއްވެގެން؟"

"ދުރެއް ނޫނެއްނު؟ މިހިރީ ކުރިމަތީގައި ފެންނާން."

"މިތަނަށް... އަހަރެންގެ ގާތަށް އައިސްބަލަ."

ފަރްޒާނާ ތެދުވެގެން އައިސް ސޯފާގައި އިށީނދެއްޖެއެވެ. "ކޮންމެވެސް އެއްޗެއް ބޯން ވާނެ. ސައި ތަށްޓެއް ހަދަންތަ؟"

"ނޫނޭ. ހަދާނެ ކަމެއް ނެތް." ސުލައިމާން އޭނާގެ އަތުގައި ހިފަހައްޓައިލިއެވެ. އަދި އަނެއް އަތުން އޭނާގެ އަތްތިލައިގައި ފިރުމާން ފަށައިފިއެވެ.

ފަރްޒާނާ ދެކޮޅެއް ނުހަދައެވެ. "އަހަންނަކަށް ތިޔަކަން އެހައި ރަނގަޅެއް ނޫން. މިގެއަށް އައި ފުރަތަމަ ފަހަރު..."

"މިއީއަކީ ފަހު ފަހަރެއް ނޫން." ސުލައިމާން ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.

ފަރްޒާނާގެ މަޑުމަޑުން އޭނާގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. "ތިޔަހެން ނުހަދާ."

ސުލައިމާން ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ދެން އަހަރެން ގެނައީ ކީއްކުރަން؟ އެވެސް އެކަނިވާ ވަގުތެއް ބަލާފައި..."

"އަހަރެން ބޭނުންވީ ސުލައިމާނާ ވާހަކަ ދައްކާން. ވަރަށް ގިނަ ވާހަކަ. އަހަރެންގެ ވާހަކަ ކިޔައިދޭން އަދި ސުލައިމާންގެ ވާހަކަތައް އަހާން."

"އެއީ ކީއްވެގެން؟"

"އެއީ ދެމީހުން އެކީގައި ދިރިއުޅޭން ފަށާން ޖެހޭތީ..."

"ތިޔައީ ކިހިނެއް ބޮލަށް ވަން ޚިޔާލެއް؟" ސުލައިމާން ހައިރާން ވިއެވެ.

"މިއީ ޚިޔާލެއް ނޫން. އަހަންނަށް ޔަގީންވާ ކަމެއް."

"އެންމެ ރަނގަޅު. އެހެން ވެއްޖެއްޔާ ހަމައެކަނި ވާހަކަ ދައްކާނީއެއް ނޫނެއްނު؟ އެހެން ކަންތައްވެސް... ދެމީހުން އެކަކު އަނެކަކަށް އެނގި ދަސް ވާން ވާނެނު؟" ސުލައިމާންގެ އަތް އަނެއްކާވެސް ދިމަދިމާއަށް ދާން ފަށައިފިއެވެ.

"ނޫން ސުލައިމާން..."

"ވެގެން އުޅޭ ގޮތް އަހަންނަށް އެނގޭ. ފަރްޒާނާއަކީ އަބުރުވެރި ކުއްޖެއް. ލަދުހަޔާތަކީ ފަރްޒާނާގެ ގަހަނާ. ތިޔަ ޖެހިލުންވުމަކީ ތަބީއީ ކަމެއް. މިހާރުވެސް ތިޔަ އިނީ އަހަންނާ ގާތްވާ ހިތުން ކެތްތެރިކަން ކޮޅުން ލާފައި. އަހަންނަށް އެކަން އެނގޭ. ވަގުތު ބޭކާރު ނުކުރޭ." ސުލައިމާންގެ އަޑުގައި ހުރީ ޝައިތާނީ އަސަރެވެ. އަނެއްކާވެސް އަތް ހޫރިގެންފިއެވެ.

"ސުލައިމާން. ތިޔަ ވިސްނަނީއަކީ ރަނގަޅަކަށް ނޫން. ސުލައިމާނަށް އަހަރެން ތިޔަ ފެންނަނީ ވަރަށް ވިޔާނުދާ ކުއްޖެއްގެ ގޮތުގައި. ދޯ؟"

ސުލައިމާންގެ ޖަޒުބާތު އެއް ފަހަރުން ފިނި ވެއްޖެއެވެ. "ފަރްޒާނާ އަމިއްލައަށް ބުނެބަލަ. އަހަރެން ފަރްޒާނާޔާ މެދު ދެކޭންވީ ކިހިނެއް؟"

"ތިޔަ ބުނާން އުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ."

"ފަރްޒާނާގެ މަންމަ ކޮންމެ ދުވަހަކު ހަސްފަތާލަށް ދޭ." ސުލައިމާން ބުނެލިއެވެ. "އެހެންވީމާ އަހަރެން މިއީ ފަރްޒާނާގެ ފުރަތަމަ މެހުމާނަކަށް ނުވާނެ."

"ކީކޭ..؟ ތިޔަ ބުނީ..." ފަރްޒާނާއަކަށް ޖުމުލަ ނިންމައެއްވެސް ނުލެވުނެވެ. ރޮވިއްޖެއެވެ. "ސުލައިމާން ތިޔަ ކަހަލަ އެއްޗެކޭ ބުނެފާނޭ ކަމަކަށް ހިޔެއް ނުކުރަން. ތިޔަހެން ވިސްނާނޭކަން އެނގުނު ނަމަ އަންނާށެކޭ ނުބުނީމުސް. އަހަރެން ސުލައިމާނާ މެދު އުއްމީދު ކުރީ އެހެން ގޮތަކަށް. ވަރަށް ގިނަ ހުވަފެން ދުށިން. ސުލައިމާންގެ ހިތަށް ނުބައި ޚިޔާލެއް ވަންނާނޭ ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން."

އޭނާ ރޯން ފެށީމާ ސުލައިމާން ކަންބޮޑު ވެއްޖެއެވެ. ކުއްލިއަކަށް ގޮނޑިން ތެދުވެއްޖެއެވެ. "އަހަރެން ދަނީ..."

އޭނާ ސުލައިމާންގެ އަތުގައި ހިފަހައްޓައިލިއެވެ. "ނޫނޭ... އަހަރެންގެ ވާހަކަ އަޑު އަހައިފައި ދޭ."

"ފަރްޒާނާ ތިޔަ ރޮނީނު؟ ވާހަކަ ދައްކަނީއެއް..."

"އެންމެ ރަނގަޅު.ދެނެއް ނުރޯނަން. އިށީނދޭ." ފަރްޒާނާ ކަރުނަ ފޮހެލިއެވެ.

"އަހަރެންގެ ހިތަށް ނުބައި ޚިޔާލެއް ވަންނާނޭ ކަމެއް ކުރާކަށް ބޭނުމެއް ނޫނޭ ބުނީމެއްނު؟"

"އާނ. މިއަދުގެ ކަންތައް އަހަންނަކަށް ރަނގަޅަކަށް ނުވިސްނޭ. އެކަމަކު ކުރީ ދުވަހުގެ ކަންތައް ވިސްނޭ. ހިލޭ ބަޔަކާ އެކީ ކުއްލިއަކަށް ކާރަށް އެރީމާ އެމީހުންވެސް އަދި ސުލައިމާންވެސް ނުބައި ގޮތަކަށް ވިންނައިފާނޭކަން އެނގޭ."

"އެހެން ވެއްޖެއްޔާ ކާރަށް އެރީ ކީއްވެގެން؟"

"އެ ފުރުސަތު ނަގައިލާން ބޭނުން ނުވީ."

"ކޮން ފުރުސަތެއް؟" ސުލައިމާން އަނބުރައިގަންނަ ގޮތް ވާހެން ހީވިއެވެ.

"ސުލައިމާނަށް ތައާރަފު ވެލުމުގެ ފުރުސަތު."

"ފުރަތަމަ ފެނުމާއެކު ހުވަފެންވެސް ދެކޭން ފެށީތަ؟ އަދި އަހަންނާ އެކީ ދިރިއުޅުން ވޭތު ކުރުމުގެ ޚިޔާލުވެސް ކުރީތަ؟" ސުލައިމާން ވިހަ ގޮތަކަށް އަހައިލިއެވެ.

"އެއީ ފުރަތަމަ ފަހަރެއް ނޫން. އަހަރެން ސުލައިމާން ދެކޭތާ އެތައް މަހެއް ވެއްޖެ. ސުލައިމާން ކުރިއަކުން އަހަންނާ ދިމާއަކަށް ނުބަލާ. އެއީ ފުރަތަމަ ފެނުމެއް ނޫން. އެކަމަކު ފުރަތަމަ ފެނުމާއެކުވެސް އަހަންނަށް ސުލައިމާން ދެކެ ލޯބި ވެވިއްޖެ." ފަރްޒާނާ އިސް ދަށަށް ޖަހައިލިއެވެ. "އެ ދުވަހު ސުލައިމާން އަހަންނަށް ސަމާލުކަން ދިނީމާ އަހަންނަށް ނުހިފެހެއްޓުނީ."

ސުލައިމާން ފުން ނޭވައެއް ލިއެވެ. މިއީ މިހައިތަނަށް އޭނާ ނުދެކޭ ކަހަލަ އަންހެން ކުއްޖެކެވެ. ފަރްޒާނާއަކީ ރަނގަޅު ކުއެްޖެކޭ ރިޟްވާނާއި ޢަދްނާނާ ދެމީހުން ގާތު އޭނާ ބުންޏެވެ. އޭރުވެސް އޭނާގެ ހިތުގައި އޮތީއަކީ އެހެންނެއް ނޫނެވެ. އެކަމަކު އެއީ އަބުރުވެރި ރަނގަޅު ކުއްޖެކޭ މިހާރު ހިތަށް އަރާން ފަށައިފިއެވެ.

"ސުލައިމާނަކީ އަހަރެން ލޯބިވީ ފުރަތަމަ މީހާ ކަމަށް އަހަރެން ހުވައި ކުރަން. އެހެން އެއްވެސް ފިރިހެނަކާ އެއްވެސް ކަހަލަ ގުޅުމެއް ދުވަހަކުވެސް ނުބާއްވަން." އޭނާ އަސަރާއެކު ބުނެލިއެވެ.

"އަހަރެންގެ ފަރާތުން ފަރްޒާނާ ބޭނުން ވަނީ ކޮން ކަމެއް؟" ސުލައިމާން ފޫހި ރާގަކަށް އަހައިލިއެވެ. އޭނާއަކީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެކެވެ. ލޯތްބަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ.

(ނުނިމޭ)

10 ޚިޔާލު

  1. Hurihaa bai effaharaa kiyaa nimmmaalaifin.dhera gotheh midhimaavee.hafthaa aku effaharu viyyaa dhen kiyaalan libeynee.emme faharaku genesdhey iru miahvure dhigukoh nuleveynetha, Naeem beybey

    Reethivaane vaahaka eh vaththaru ebajahaa.heyo nesyhaiy eba dheyey dhoa ibulees ves

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.