މުގާބިލާ - 22

(23 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ކަލެއަށް ތިޔަ ފައިސާ ލިބުނީ ތިމަންނާޔަ ހެދިއޭ ބުނެފާނަމޭ ރިޟްވާންގެ ހިތަށް އެރިއެވެ. އެކަމަކު ހިންދިރުވައިލައިފައި ހިމޭނުން ހުރީއެވެ.

ތިން މީހުން ބާޒާރަށް ހިނގައްޖެއެވެ. ރިޟްވާާންގެ ކްރެޑިޓް ކާޑު އޮތީ ޖީބުގައެވެ. އެކަމަކުވެސް ކާޑުގެ ޖާދޫ އޭނާއަށް ފެނުނެވެ. ސުލައިމާން އޭނާ ބޭނުންވީ ހުރިހައި އެއްޗެއް ގަނެދިނެވެ. ހީވާ ގޮތުގައި ފައިސާ ހުސްވެދާނެތީ އޭނާ އެއްގޮތަކަށްވެސް ކަންބޮޑެއް ނުވެއެވެ. ތަޅައިބުރުވަނީއަކީ ވަކި ގޮތެއް ބަލައިގެންނެއް ނޫނެވެ. ބާޒާރުކޮށް ނިމިގެން ދިޔައީ ބޮޑު ރެސްޓޯރަންޓަކަށް ކާށެވެ. ކެއުމުގެ ބިލުވެސް ދެއްކީ ސުލައިމާނެވެ. ކައި ނިމިގެން އައީ ގެއަށެވެ.

"މި ޢަދްނާން އަހަރެން ދައްކާ ވާހަކަ ގަބޫލެއް ނުކުރޭ." ގެއަށް އައިސް ސުލައިމާން ބުންޏެވެ.

"އެއީ ތެދެއް. މީނާ މި ކިޔަނީ ކީކޭކަން އެނގޭތަ؟ ބުނީ ވަޒީފާ ދޫކޮށްލާށޭ. ފައިސާ މިހިރީއޭ. އުފަލުގައި ތިން މީހުންނަށް އުޅެވިދާނެއޭ. އެކަމަކު އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން." ޢަދްނާން ބުންޏެވެ. "ކަލޭ ވިޔަފާރިއެއް ފައްޓައިފައި އަހަންނަށް ރަނގަޅު ވަޒީފާއެއް ދީފިއްޔާ އަހަރެން ގަބޫލު ކޮށްފާނަން."

ޢަދްނާންގެ ވާހަކަ ވެގެން ދިޔައީ ރިޟްވާންވެސް ހައިރާންވީ ވާހަކައަކަށެވެ.

"ވިޔަފާރީގެ ބައިވެރިއަކަށް ވުން ކިހިނެއް ވާނެ؟" ސުލައިމާން އަހައިލިއެވެ.

"ތިޔައީވެސް ރަނގަޅު ގޮތެއް. އެކަމަކު ވިޔަފާރީގައި ބައިވެރިވާން ދޭނޭ ފައިސާއެއް އަހަރެންގެ އަތަކު ނެތް. އަހަންނަށް ކުރެވޭނީ މަސައްކަތް."

"ތިޔަކަމާ ވިސްނާނީ." ސުލައިމާން ރިޟްވާނާ ދިމާއަށް ބަލައިލިއެވެ. "މާދަމާ އޮތީ ކޮން ކަމެއް؟"

"މާދަމާ އައު ވަޒީފާއަށް ނުކުންނާނީ."

"އަހަރެން ދެއްކި ވާހަކަ ކަލެއަކަށް އަޑެއް ނީވޭތަ؟ ކަލޭ ބައިވެރި ނުވާނީތަ؟"

"އަހަރެން ދިރިއުޅޭނީ އަހަރެންގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކުން."

އެ ދެމީހުން ހިނގައްޖެއެވެ. އެރޭ ވަރަށް ގިނަ އިރު ވާންދެން ރިޟްވާން ނުނިދިފައި އޮތެވެ. ދިހަ ކުރޯޑު ރުފިޔާ ލިބުނީމާ އޭނާއަށް ކުރެވުނު ހަމައެކަނި ކަމަކީ ދަރަނި އަދާކުރުމެވެ. އުފަލެއްވެސް ނުވިއެވެ. އޭނާ ވިސްނަމުން ގެންދަނީ ސުލައިމާނަށް ލިބުނު ފައިސާޔާ މެދުގައެވެ. ޝައިޠާނާގެ މުންތަޚަބަކީ އޭނާއެވެ. އެކަމަކު ގިނަ ފައިސާ ލިބުނީ ސުލައިމާނަށެވެ.

އޭނާއަށް ނިދުނީ މެންދަންވީ ފަހުންނެވެ.

މީގެ ދެތިން ދުވަހެއްގެ ކުރިއަށް ބަލާނަމަ އޭނާ ދެކެނީ ހުވަފެނެވެ. ގޮނޑޮދޮށާ ކައިރި ހިސާބެއްގައި ހުންނަ އޭނާގެ ބޮޑު ސިންގާ ގަނޑުވަރެއް ކަހަލަ ގެއެއް ހުވަފެނުގައި ފެނެއެވެ. އެކަމަކު މިހާރު އޭނާ އެހެރީ އެފަދަ ގެއެއް ގަނެލެވޭ ފެންވަރަށް ވާސިލު ވެފައެވެ.

އޭނާ އަލަށް އާބާދުކުރާ ހިސާބަކަށް ގެއެއް ބަލައިލާން ހިނގައްޖެއެވެ. އެކި ދައްލާލުންނާ ވާހަކަ ދައްކައި ބެލުމަށް ފަހު ރީތި ގެއެއް ޚިޔާރުކޮށްފިއެވެ.

"މި ގޭގެ އަގަކީ ހަ ކުރޯޑު ރުފިޔާ." ދައްލާލު ބުންޏެވެ. "އެކަމަކު ފަސް ކުރޯޑު ބަޔަށް ލިބިދާނެ."

ރިޟްވާން ދިޔައީ ސިއްސައިގެންނެވެ. ގެއެއް އެހައި އަގު ބޮޑު ވެދާނެއެކޭ އޭނާގެ ހިތަކަށްވެސް ނާރައެވެ.

"މި ގޯތީގެ އަގަކީވެސް ދެ ކުރޯޑު ބައި." ދައްލާލު އޮޅުންފިލުވައި ދިނެވެ. "ގޭގެ ވެރިމީހާޔާ ވާހަކަ ދައްކަންތޯ؟"

"ގެ ވަރަށް ރަނގަޅު. އަހަރެން ފަހުން އަންނާނަން."

ރިޟްވާން ވިސްނާން ފަށައިފިއެވެ. ހިތަށް އެރިއެވެ. ފަސް ކުރޯޑުބައި ދީފައި ގެ ގަނެލީމާ ބާކީ އޮންނާނީ މަދު ފައިސާކޮޅެކެވެ. އެއީ މުޅިއަކުން ރަނގަޅު ގޮތަކަށް ނުވާނެއެވެ. އެ ވަގުތު ކުއްލިއަކަށް ހަނދާނަށް އައީ ޝައިޠާނާގެ ވާހަކައެވެ. ގެ ގަންނާން އަތުގައި ހުރި ފައިސާ ޚަރަދު ކުރަނީ ކީއްކުރަން ހެއްޔެވެ؟ އޭނާއަށް އަދި ދެ ކަމަކަށް އެދެވިދާނެއެވެ. އެހެންވީމާ ގެއެއް ހޯދައިދޭށޭ ބުނެލީމާ މައްސަލަ ނުލާހިކު ރީތިކޮށް ހަމަޖެހިގެން ހިނގައިދާނެއެވެ.

ގޭގެ އެދުން ހިތުގައި ހިނގައިގަތްވަރުން އެހެން އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.

ޝައިޠާނާ ގެންނާނޭ ގޮތް ހަނދާނަށް އައީމާ ކުޑަކޮށް ޖެހިލުން ވެއްޖެއެވެ. ހިތަށް އެރިއެވެ. ކިހައި ބޮޑު ނުފޮރުއްޕާނެއް ހެއްޔެވެ؟ މިއަދު މި ޖެހެނީ ޝައިޠާނާގެ ތަސްބީހަ ކިޔާށެވެ. ފުރަތަމަ ފަހަރު ޝައިޠާނާ އައީވެސް އޭނާ ތައުބާގެ މަގުމަތީގައި އުޅެނިކޮށެވެ. އެކަމާ އޭނާ ކުޑަ ހިނދުކޮޅަކަށް ދެރަވިއެވެ. އެކަމަކު އެ ވަގުތު އޭނާގެ ސިކުނޑީގެ ތެރެއިން އަޑެއް އިވުނެވެ. ﷲ އޭނާގެ ތައުބާ ގަބޫލު ނުކުރެއްވީއެވެ. އަދި ގަބޫލު ކުރެއްވި ނަަމަވެސް އެއްފަހަރާ ހަމަ ވަގުތުން އޭނާގެ ދަރަނީގެ ކަންތައް ހައްލު ވެގެން ދިއުމަކީވެސް ލާޒިމު ކަމެއް ނޫންތާއެވެ. ޝައިޠާނާގެ ސަބަބުން މާ ފަސޭހައިން މައްސަލަަ ހައްލު ވެއްޖެއެވެ.

އޭނާ އެ ހުރިހައި ޚިޔާލެއް ސިކުނޑިން ނެރެ އެއްލައިލުމަށް ފަހު ޝައިޠާނާގެ ތަސްބީހަ ކިޔާން އިށީނދެއްޖެއެވެ.

ސަތޭކަފަހަރު ޝައިޠާނާގެ ނަން ކިޔުމާއެކު ކުރީ ރެއެކޭ އެއްފަދައިން ދޮރުގެ ތެރެއިން ފުރޭނިގެން އެ މަލްޢޫނު އެތެރެއަށް ވަދެއްޖެއެވެ. "އަވަހަށް ބުނޭ. ކޮށްދޭންވީ ކޮން ކަމެއް؟"

ރިޟްވާން ވަރަށް ވިސްނައިފައި އޭނާގެ ބޭނުން ތަފުސީލުކޮށް ކިޔައިދޭން ފަށައިފިއެވެ.

* * *

ސުލައިމާން އޮތީ ފުން ނިދީގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް ހޭލެވުނީ މީހަކު އޭނާގެ ކޮނޑުގައި ހިފައި ހަލުވައިގަތީމައެވެ. އޭނާ ލޯ ހުޅުވައި ބަލައިލިއެވެ. އެނދުގެ މަގަތުން އިށީނދެގެން އިނީ ކުރީރޭ އޭނާއަށް ވިހި ކުރޯޑު ރުފިޔާގެ ޗެކު ދިން މީހާއެވެ. އޭނާ ތެދުވެއްޖެއެވެ. "ކޮންފަދަ ބޮޑު ބަލާވެރިކަމެއް. ދެން އަހަންނަށް އަރާމުގައި ނިދިޔަވެސް ނުދޭނީތަ؟"

"ކަލެއަކީ ހާދަހާ ޝުކުރުވެރިނުވާ މީހެކޭ ދޯ؟" ޝައިޠާނާ ނުރުހުންވެފައި ބުނެލިއެވެ.

"އަހަރެން ޝުކުރުވެރި ނުވަނީ ﷲ އަކަށްނު..؟ އެކަމާ އަހަރެން ލަދުވެސް ގަނޭ. ކަލެއަށް އަހަރެން ދުވަހަކުވެސް ޝުކުރުވެރިއެއް ނުވާނަން."

"އެއީ ކީއްވެގެން؟"

"އަހަރެން ކަލޭ ގާތަކުން ކަމަކަށްވެސް އަދި އެއްޗަކަށްވެސް ނޭދެން. ކަލޭ އަހަންނަށް އެ ޗެކު ދިނީ ކަލެއަށް މެދުވެރިވީ މަޖުބޫރީ ހާލަތެއްގެ ސަބަބުންކަން އަހަންނަށް ކަށަވަރު."

"އާނ... ކަލޭ ތިޔައީ ވަރަށް ބުއްދިވެރި ޗާލާކުވެސް މީހަކީމުތާ."

"ކަލޭ މިތަނަށް ކޮފިގަތް ބޭނުމުގެ ވާހަކަ ދައްކާ. ތިޔަ އައީއަކީ އަހަންނަށް ތާރީފުކުރާކަށް ނޫނެއްނު؟" ސުލައިމާން ފޫހިކަމާއެކު ބުނެލިއެވެ. އެޔާއެކު އެހެން ޚިޔާލެއް ބޮލަށް ވަނީމާ އަނެއްކާވެސް ބުންޏެވެ. "ކަލޭ ދިން ފައިސާގެ ބަދަލުގައި އަހަރެން ލައްވައި އެއްވެސް ކަމެއް ކުރުވަން ނޫޅޭތި. އެރޭވެސް އަހަރެން ބުނިން. ޗެކާ ހަވާލުވާނީ އެއްވެސް ޝަރުތެއް ނުކުރަަންޏާއޭ. ކަލޭ އެއްބަސްވެސްވީމު."

"އަހަރެން މިއައީ ކަލޭ އަތުން އެއްޗެއް އަތުލާކަށް ނޫން. އަދި ކަމެއް ކުރުވާކަށްވެސް ނޫން. މި އައީ އެއްޗެއް ދޭން."

"އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ކަލޭ ތިޔަ އުޅެނީ ކޮންމެވެސް ނުބައި ނުލަފާ ރޭވުމެއްގެ ތެރޭގައި. އަހަރެން މަޅިއެއްގައި ޖައްސަން."

"މިޔަކު މަކަރެއް ރޭވުމެއް ނެތް. އަހަރެން މި އައީ ކަލޭގެ ހައްގެއް ކަލެޔާ ހަވާލު ކުރާން. މީގެ ބަދަލުގައި އަހަރެން ކަލޭގެ ފަރާތުން އެއްވެސް ކަމަކަށް ނޭދޭނަން. ކަލޭގެ މަސައްކަތް މިހާރުވެސް ނުލާހިކު ރަނގަޅު."

"އަހަރެން މިހާރުވެސް މިހިރީ ލަދުން. އިތުރަށް އަހަރެން ލަދުގަންނަވަން ނޫޅޭ. ބޭކާރު އަނގަ ނުތަޅައި ކަލޭ އައި ބޭނުމުގެ ވާހަކަ ދައްކާ."

ޝައިޠާ އޭނާއަށް ފޯރުކޮށްލީ ތަޅުދަނޑިފައްޗެކެވެ.

ސުލައިމާން ނުއެއް ހިފައެވެ. "ތިޔައީ ކޮން ބޮނޑިވަރެއް؟"

"މިއީ ކަލޭގެ ގޭގެ ތަޅުދަނޑިފަތި." ޝައިޠާނާ ބުންޏެވެ. "ގޮނޑުދޮށާ ކައިރި ހިސާބެއްގައި ދެ ހާސް ގަޒުގެ ބިމެއްގައި ކަލޭގެ ބޮޑު ގެއެއް ހުންނާނެ. ދެ ބުރީގެ ގެއެއް. ދެވަނަަ ބުރީގެ ހާމަފެންޑާއަށް ނުކުތީމާ ގޮނޑުދޮށާއި މޫދުގެ ހިތްގައިމު މަންޒަރު ފެންނާނެ. ގެއަށް ބޭނުންވާ ހުރިހައި އެއްޗެއް މިހާރު ގޭގައި ހުންނާނެ."

"އަހަރެން ތިޔަ ތަޅުދަނޑިފައްޗަކު ނުހިފާނަން." ސުލައިމާން ދެ އަތް ހިއްލައިލިއެވެ. "ކަލޭ ތިޔަ އުޅެނީ ވައްކަމުގެ ތުހުމަތުގައި އަހަރެން ހައްޔަރު ކުރުވަންތަ؟"

"ކަލޭ ހަމަ ހަގީގަތުގައިވެސް ވަރަށް ބުއްދިވެރި." ޝައިޠާނާ ކަރުދާސްތަކެއް އޭނާއަށް ފޯރުކޮށްލިއެވެ. "މިއޮތީ ގޭގެ ރަޖިސްޓަރީއާއި މިލްކުވެރިކަމުގެ ލިޔުން."

ސުލައިމާން އެ ކަރުދާސްތައް އަތުލައިގެން ބަލައިލިއެވެ. އެއީ ހަމަ ހަގީގަތުގައިވެސް ރަނގަޅު ލިޔުންތަކެކެވެ. 324 ނަންބަރު ކޮށީގައި ހުރި ގޭގެ ވެރިއަކަށް އޭނާ ވަނީ ވެފައެވެ.

"ތަޅުދަނޑީގައި ހިފާ." ޝައިޠާނާ އަނެއްކާވެސް ތަޅުޑަނޑިފަތި ފޯރުކޮށްލިއެވެ.

"ތިޔަކު ނުހިފާނަން. ކަލޭ އަމިއްލައަށް އަހަންނާ އެކީ ގޮސް އަހަންނާ ގެ ހަވާލު ކުރޭ." ސުލައިމާން ބުންޏެވެ. "އެކަމަކު ދިއުމުގެ ކުރިން ތިޔަ ކުޅޭ ކުޅިގަނޑުގެ ހަގީގަތް ކިޔައިދީ."

"އަނބު ކައި. ގަސް ގުނަނީ ކީއްކުރަން؟"

"ގުނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް."

"އެންމެ ރަނގަޅު. އަޑުއަހާ. އެންމެ ވިޔާނުދާކޮށް އުޅޭ މީހުންގެ ތެރެއިން ކޮންމެ އަހަރަކު އަހަރެމެން މީހަކު ހޮވަން. އެއަށްފަހު އެމީހަކު އެދޭ ތިން ކަމެއް ފުރިހަމަކޮށްދެން. އެކަމަކު އެމީހަކަށް ކޮށްދޭ ކަމެއްގެ ދެގުނަ އެމީހާގެ އެންމެ ބޮޑު ދުޝްމިނަށް ލިބޭގޮތް ހަދައިދެން. ކަލޭގެ ނަސީބު ރަނގަޅު ކަމުން މި އަހަރު ހޮވުނީ ކަލޭގެ އެންމެ ބޮޑު ދުޝްމިނު. އޭނާ ފުރަތަމަ އެދުނީ ދިހަ ކުރޯޑު ރުފިޔާއަށް. ކަލެއަށް ވިހި ކުރޯޑު ރުފިޔާ ދިނީ އެހެން ވެގެން. އޭނާ ދެން އެދުނީ އެއްހާސް ގަޒުގެ ގެއަކަށް. ކަލެއަށް ދެހާސް ގަޒުގެ ގެއެއް މި ދިނީ އެހެން ވެގެން."

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.