ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފި

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ނުވަތަ އެމްއޯޔޫއެއްގައި ސޮއިކުރައްވައިފިއެވެ. އެމްއޯޔޫގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. ލޯކް ސަބާގެ ފަރާތުން ސޮއިކުރެއްވީ ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއެވެ.

މި އެމްޔޫގައި މައިގަނޑުގޮތެއްގައި ވަނީ ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހި ކުރުމަށް ބާރު އެޅުމާއި ޒާމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއެރުވުމެވެ. މަޖިލީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް ބޭނުންވާ އޮނިގަނޑެއް އެކުލަވާލުން ވެސް މިއެއްބަސް ވުމުގައި ހިމެނެއެވެ. ބަރުލަމާނީ ކަންކަމުގައި ބައިނަލްއަޤްވާމީ ގޮތުން އެއްބާރުލުން ދިނުމާއި މަޢުލޫމާތު ބަދަލުކުރުން ވެސް އެއްބަސް ވުމުގައި ހިމެނެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ރާޖްޔާސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްގެ ތިރީގެ، ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާގެ ދަޢުވަތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ ޢަބްދުﷲއާއި މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޡިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަޠީފްއާއި ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބުއާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙުސައިން ޝަހީމްއާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރ މުޙައްމަދު އަސްލަމާއި ތިމަރަފުށި ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޟްއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު، ފާތިމަތު ނިޔުޝާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.