2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަން ޖެހޭ 10 މެމްބަރަކު ވަޑައިގެންނެތުމުން ބަޖެޓް ބަހުސްނިންމާލައިފިއެވެ. ބަހުސްގައި ބައިވެރިވަޑައިގެންނަވަންޖެހޭ 10 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ވަޑައިގެން ނެތުމުން ހެދުނު ދަންފަޅީގައިވެސް ބަހުސް ކުރިއަށް ނުގެންދެވުނެވެ.
އިއްޔެގެ ނިޔަލަށް 76 މެމްބަރުން ވަނީ ބަޖެޓްގެ ބަހުސް ގައި ވާހަކަ ދައްކަވައިފައެވެ. އެހެންކަމުން 87 މެމްބަރުން ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ދެން ވާހަކަ ނުދައްކަވާ ތިއްބެވީ 10 މެމްބަރުންނެވެ. މަޖިލީހުގެ ރައީސަށް ބަހުސްގައި ބައިވެރި ވަޑައެއް ނުގެންނެވޭނެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން ޢަފީފު ވިދާޅުވީ، ބަޖެޓް ބަހުސްގައި ހުރިހާ މެމްބަރުން ބައިވެރި ވަޑައިގެންނެވުމަކީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު އެދި ވަޑައިގެންނެވުމެއް ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ދެވަނަ ފަހަރަށްވެސް ބަޖެޓް ބަހުސް ކުރިއަށް ގެންދެވުމަށް ބެއްލެވިއިރު ވާހަކަ ދައްކަވަން ބޭނުންވުޅުވާ އެއް ވެސް މެމްބަރަކު މަޖިލީހުގައި ވަޑައިގެންނެތެވެ. އެހެންކަމުން ރިޔާސަތުން ބަހުސް ނިންމާލެއްވީއެވެ.
2020 ގެ ބަޖެޓްގެ ބަހުސް މަޖިލީހުގައި ފެށްޓެވީ މިމަހު 12 ވަނަ ދުވަހުއެވެ. ބަޖެޓު ބަހުސް މަޖިލީހުގައި ފެށްޓެވި ފުރަތަމަ ދުވަހު ހަވީރު ފަހެއް ޖެހުމާ ހަމައަށް ޖަލްސާ ކުރިއަށް ގެންދެވިއެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް ދެއްވުމަށް ނިންމަވައިފައި ވަނީ 15 މިނެޓްގެ އެންމެ ފުރުޞަތެކެވެ.
ބެޖެޓްގެ ބަހުސް ގައި ގިނަ މެމްބަރުން ވަނީ ބަޖެޓަށް ތާއީދު ކުރައްވައިފައެވެ. ނަމަވެސް ބައެއް އިޞްލާޙުތައް އަންނަން ޖެހޭ ކަމަށާއި އިތުރު ތަފްޞީލު ހިމަނަން ޖެހޭކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކުރައްވައިފައެވެ.
2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޢަދަދަކީ 37.5 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެއީ ހިލޭއެހީއާއި ޓެކުހާއި ޓެކުހަށް ނުހިމެނޭ އާމްދަނީން ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރެވެ.
ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ވެސް އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައިވަނީ ރިކަރަންޓަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ ޚަރަދުގެ 59 އިންސައްތައެވެ. ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެހެނިހެން ކެޕިޓަލް ޚަރަދުތަކަށް ކަނޑައަޅައިފައިވަނީ 5 ބިލިއަން ރުފިޔާއެވެ.