ޓެކްސްއާބެހޭ ބިލެއް ފާސްކުރާއިރު ވިޔަފާރިވެރިން "ފުނޑިގެން ނުދާނެ ގޮތަށް" ޓެކްސް ނެގޭނެހެން ވިސްނަންޖެހޭ ކަމަށާއި، ޓެކްސް ނެގުމަކީ ވިޔަފާރިވެރިން ދަރަނިވެރިވެ، ގެދޮރު ވިއްކާލާ ހިސާބަށް ދުއްވާލުން ނޫން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ހުށަހެޅުއްވި އާންމުދަނީ އިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގައި، ބިލު މިހާރު ފަރުމާ ކޮށްފައި އޮތްގޮތާބެހޭ ގޮތުން ވާހަކަ ދައްކަމުން ހުސެން ވިދާޅުވީ ސަރުކާރުން ހުށަހެޅި އާންމުދަނީން ޓެކްސް ނެގުމުގެ ބިލަށް އޭނާ ތާއީދު ކުރައްވަނީ އިސްލާހު ތަކަކާވެސް އެކުގައި ކަމަށެވެ.
ޙުސެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީން ވެފައިވާ އެއް ވައުދަކީ ޓެކްސް ނެގުން ކަމަށެވެ. އެމްޑީޕީން ރައްޔިތުން ކައިރީގައި ވެފައިވާ އެ ވައުދާއެކު އެމްޑީޕީގެ 65 މެމްބަރުން މަޖިލީހަށް ފޮނުވުމުން ވައުދަށް އިޙްތިރާމްވެސް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މިއަދު ހުށަހެޅި އާންމުދަނީން ޓެކްސް ނެގުމުގެ ބިލުގައި ބުނެފައި އޮތްއެއްޗެއްވެސް އޭނާއަށް ވަރަށް ސާފު ކަމަށެވެ.
"ހަތަރު ލައްކަ އަށްޑިހަ ހާސް ރުފިޔާ އަހަރަކުޖެހޭ މީހާ އަތުން ޓެކްސްއެއް ނުނެގޭ. ސުން ޕަސެންޓް. އެއަށްވުރެ އެއް ރުފިޔާ އިތުރު ވެއްޖިއްޔާ، ނޫނީ އެއަށްވުރެ އެއް ހާސް ރުފިޔާ އިތުރު ވެއްޖިއްޔާ، އިތުރުވާ އެއް ހާސް ރުފިޔާއިން މިހާރު މިއޮތީ އަށް ޕަސެންޓްގެ ޓެކްސްއެއް ނަގާގޮތަށް. މުޅި ޖުމްލަ އަދަދުގެ ތެރެއަކުންނޫން. ހަތަރު ލައްކަ އަށްޑިހާ ހާހަށްވުރެ އިތުރު ވެގެން މަހެއްގެ މައްޗަށް ސާޅީސް ހާސް ރުފިޔާ ލިބޭ ކަމަށްވެއްޖިއްޔާ އެއްހާސް ރުފިޔާއިން އަށް ޕަސެންޓްގެ ޓެކްސްއެއް ދައްކަންޖެހެނީ. މުޅި ޖުމްލަ އަދަދަކުންނޫން. އެބައި އަޅުގަނޑަށް ސާފު" ޙުސައިން ވިދާޅުވިއެވެ.
ޙުސައިން ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގައި އެހެން އޮތް ކަމަށްވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީން ވައުދުވީ އިންކަމް ޓެކްސް ނަގާނީ 65 ހާސް ރުފިޔާ މަހަކު އެންމެ މަދުވެގެން ލިބޭ މީހެއްގެ އަތުން ކަމަށެވެ.
"މިހިސާބުންނޭ ފަށާނީ. އެވަރު ލިބޭމީހާގެ އަތުން އެއަށްވުރެ އިތުރުވާ އެއްޗަކުން 3.5 ޕަސެންޓޭ ނަގާނީ. އަޅުގަޑު ވަރަށް ބޮޑަށް އެދެން ކޮމިޓީ މަރުޙަލާގައި ދިރާސާ ކުރައްވާއިރު ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަކަށް މިކަން ކުރުމަށް. މަގްސޮދެއް ކަމަށް އަޅުގަނޑުމެން ރައްޔިތުންނަށް ދަންނަވަމުން ގެންދިޔައީ ޓެކްސްގެ ނިޒާމު ފުރިހަމަވާނީ ވަށާޖެހޭ ޓެކްސްގެ ނިޒާމަކަށް ބަދަލުވެގެންނޭ" ޙުސައިން ވިދާޅުވިއެވެ.
އަނދުން ޙުސައިން ވިދާޅުވީ ޓެކްސްއަކީ ނަގަންޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް ޑެވިޑެންޑުން ޓެކްސް ނެގުމަކީ މިވަގުތަށް ބަލާއިރު ކުރަންވާވަރު ކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ގިނަފަހަރަށް ޑެވިޑެންޑުން ބޭނުން ކުރެވިފައި ހުންނާނީ އާންމު ގޮތެއްގައި ޓެކްސްގެ ނިޒާމު މިހާރު މިރާއިން ހަމަޖެހިފައި އިންއިރުގައި އެ ކުންފުންޏެއްގެ ވިޔަފާރީގެ ސްކޭލަށް ބަލާފަ މުސާރަ ކަނޑައެޅޭނީ. އެއަށްވުރެ ބޮޑު މުސާރަ ކުންފުނިން ދެމުންގެންދިޔަ ކަމަށްވިޔަސް އެކައުންޓު ކުރެވެމުންދާނީ މީރާއަށް ގަބޫލު ކުރެވޭ އަދަދު އެއީ މުސާރައިގެ ގޮތުގައި. ބާކީ ނެގޭ އެއްޗެއް އެމީހެއްގެ ޑެވިޑެންޑުގައި ޖެހެމުންދާނީ. އެހެންވީމާ ބުކްސް އަންނައިރު، އޮޑިޓް ހެދިގެން އަންނައިރުގައި އެމީހަކަށް ޑެވިޑެންޑުގެ ގޮތުގައި ޖަހާފައި އިންނަ އެއްޗެއް އިންނާނީ ބޮޑުބައި އޭނާގެ ދިރިއުޅުމަށް ޚަރަދު ކުރެވިފައި. މަސް ނިންމާލާއިރު ނޫނީ އަހަރު ނިންމާލާއިރު އޭނައަށް އޭގެން ޓެކްސް ދައްކަން އަންގައިފިނަ އޭނަ ޖެހޭނީ އަނބިދަރިން ވިއްކަން، އޭނަ ޖެހޭނީ އޭނަގެ ގެ ވިއްކަން" ބިލުގެ ބަހުސްގައި ހުސައިން ވިދާޅުވިއެވެ.
އަނދުން ޙުސައިން ވިދާޅުވީ ޑެވިޑެންޑަކީ ޓެކްސް އެމައުންޓެއް ކަމަށެވެ.
"އެއީ ކުންފުނިން ޓެކްސް ދައްކާފަ އެމީހާއަށް ދޭއެއްޗެއް. އެމީހާ އެކަމަށްޓަކައި މަސައްކަތް ކުރަނީ" އޭނާ ވިދާޅުވިއެވެ.
ފުޅާދާއިރާއެއްގައި ވިޔަފާރިވެސް ކުރައްވާ އަނދުން ޙުސައިން ވިދާޅުވީ ޓެކްސް ފަދަ މުހިންމު ބިލަކާބެހޭ ގޮތުން ވާހަކަ ދައްކަންޖެހޭނީ ތަޖުރިބާއާވެސް އެކުގައި ކަމަށާއި، ޓެކްސްގެ ކަންކަން ކުރަންޖެހޭނީވެސް ވަރަށް ޒިންމާދާރު ކަމާއެކުގައި ކަމަށެވެ.
"ކަންކަން ކުރަން ހަވާލު ވުމަކީ ވަރަށް ޒިންމާދާރު ވާންޖެހޭކަމެއް" ޙުސައިން ވިދާޅުވިއެވެ.
އާންމުދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގައި މިއަދު ވަނީ ވަރަށްގިނަ މެމްބަރުން ވާހަކަ ދައްކަވާފައެވެ. ގިނަ މެމްބަރުންވެސް ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން ފޮނުވާފައި މިހާރު އޮތް ބިލަށް ކޮމިޓީ މަރުޙަލާގައި އިސްލާހު ތަކެއް ގެންނަން ޖެހެއެވެ.