އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އަނާޖް މަންޑީ ސަރަހައްދުގައި ހުންނަ ކާޑްބޯޑު ފެކްޓަރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން 43 މީހުން މަރުވެ 50 މީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، 5 ފަންގިފިލާގެ މި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ދިއްލީގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.
ދިއްލީ ފަޔާ ސާވިސްގެ ޑިރެކްޓަރު އަތުލް ގަރްގް ވިދާޅުވީ ފަތިހު 5 ޖެހިއިރު، އެ އިމާރާތުގައި ރޯވި އިރު ފެކްޓަރީގައި މަސައްކަތްކުރާ 60 އާ 70 އާ ދެދެމުގެ މީހުން އެ އިމާރާތުގައި ނިދާފައި ތިބި ކަމުގައެވެ.
"އެއީ ބޮޑު އަލިފާންގަނޑެއް. އަލިފާން ނިވާ 50 އަށްވުރެ ގިނަ ލޮރީ އަހަރުމެން ފޮނުވިން. އަހަރުމެން ބޯ ދުމުގެ ސަބަބުން ހޭނެތިފައި ތިބި 56 މީހުން ހޮސްޕިޓަލްތަކަށް ފޮނުވިން.
ލޯކް ނާޔަކް ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު ކިޝޯރް ސިންގްއާ ހަވާލާދީ އިންޑިޔާގެ ނިއުސް އެޖެންސީއަކުން ބުނެފައިވާ ގޮތުގައި ގިނަ މީހުން ދުމުގެ ސަބަބު ނޭވާ ހާސްވެގެންނެވެ.
އެ ހޮސްޕިޓަލުގައި 15 މީހަކަށް ފަރުވާދެމުން ދާއިރު، އެކަކުގެ ހަށިގަނޑުގެ %50 އަށް ވުރެ ބޮޑަށް ވަނީ އަނދައިގެން ގޮސްފައެވެ. އޭނާގެ ހާލު ދެރައެވެ. ނުވަ މީހަކަށް އެކިވަރަށް އަނދައިގެން ފަރުވާދެމުން ދާއިރު، ބާކީ ތިބި މީހުންނަށް ފަރުވާ ދެނީ ދުމުގެ އަސަރުކޮށްގެން ލިބުނު ގެއްލުމަށެވެ.
އަލިފާނުގެ ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވަނީ ހާދިސާ ހިނގިތަނަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ދިއްލީގެ ސަރުކާރުން މިހާރު ވަނީ މި ހާދިސާ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ.
"މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް. އަހަރެން މިހާރު ވާނީ މެޖިސްޓްރޭޓުންގެ ފަރާތުން ކުރެވޭ ތަހުގީގެއް ފެށުމަށް އަމުރުކޮށްފައި. މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 10 ލައްކަ ރުޕިސް (220 ހާސް ދިވެހި ރުފިޔާ) އަދި ޒަޚަމްވި ކޮންމެ މީހެއްގެ އާއިލާއަށް 1 ލައްކަ ރުޕިސް (22 ހާސް ދިވެހި ރުފިޔާ) ބަދަލުގެ ގޮތުގައި ދެވޭނެ. އަދި ޒަޚަމްވި މީހުންގެ ބޭސްފަރުވާގެ ޚަރަދުވެސް ދޭނީ ސަރުކާރުން،" ހާދިސާ ހިނގިތަނަށް ޒިޔާރަތްކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޗީފް މިނިސްޓަރު ކެޖްރިވާލް ވިދާޅުވިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ މިހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.
"ދިއްލީގެ ރާނީ ޖާންސީ ރޯޑުގައި، އަނާޖް މަންޑީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބިރުވެރި ހާދިސާއެއް. ލޯބިވާ މީހުން ގެއްލިގެން ދިޔަ އާއިލާތަކަށް ހަމްދަރްދީ ވަން. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދެން." މޯދީ ކުރެއްވި ޓުވީޓެއްގައި ވެއެވެ.