އިންޑިޔާގެ ތެލަންގާނާ ސްޓޭޓްގެ ވެރިރަށް ހައިދަރުއާބާދުގެ ނަންޕައްލީ އެގްޒިބިޝަން ގްރައުންޑްސްގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އޯލް އިންޑިޔާ އެގްޒިބިޝަންގެ ގިނަ ސްޓޯލްތަކެއްގައި ރޯވެ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވެއްޖެއެވެ.
ރޭ 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި މަހޭޝް ކޯޕަރޭޓިވް ބޭންކުގެ ސްޓޯލްގައި އަލިފާންރޯވެ، އެގްޒިބިޝަންގައި ހުރި ގިނަ ސްޓޯލްތަކަކަށް އަލިފާންގަނޑު ފެތުނު އިރު އެ މައުރަޒު ބެލުމަށް ވަދެ، އެވަގުތު އެތަނުގެ ތެރޭގައި 22 ހާހާ، 24 ހާހާ ދެމެދުގެ އަދަދަކަށް މީހުން ތިބިކަމަށް ވެއެވެ.
ގްރޭޓާ ހައިދަރުއާބާދު މުނިސިޕަލް ކޯޕަރޭޝަން ޒޯނަލް ކޮމިޝަނާ މުޝައްރަފު ފާރޫޤީ ވިދާޅުވި ގޮތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ.
ވަގުތީ ފޭލިގެތަކެއް ޖަހާފައި ހުރި އެގްޒިބިޝަން ގްރައުންޑުގައި ފެތުރުނު އަލިފާންގަނޑުން 200 އެއްހާ ސްޓޯލް އަނދައިގެން ގޮސްފައިވާ އިރު އޭގެ ސަބަބުން މީހަކު މަރުވެފައި ނުވިޔަސް، ސްޓޯލްތަކުން މުދާ ސަލާމަތްކުރަން މަސައްކަތްކުރި ހަތް މީހަކަށް އުސްމާނިއްޔާ ހޮސްޕިޓަލުގައި ފަރުވާދީފައި ވެއެވެ.
ހައިދަރުއާބާދުގެ ބޭގަމް ބާޒާރު ޕޮލިސް ސްޓޭޝަނުގެ އޮފިސަރަކު އިންޑިޔާ ޓުޑޭ ޓީވީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ވިއްސަކަށް މިނެޓުގެ ތެރޭގައި ފަސް ހަ ސިލިންޑަރު ގޮވައިގެން ދިޔަ އަޑު އިވުނެވެ.
"ނުމާއިޝް" ގެ ނަންދެވިގެން މިފަހަރު ކުރިއަށްދާ އިންޑަސްޓްރިއަލް އެގްޒިބިޝަން 45 ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތެވެ. އިއްޔެއަކީ އެ އެގްޒިބިޝަނުގެ 31 ވަނަ ދުވަހެވެ. އިންތިޒާމުކުރާ ފަރާތުން ކުރިން ބުނެފައި ގޮތުގައި އެގްޒިބިޝަނުގައި 2500 އެއްހާ ސްޓޯލް ހުންނާނެއެވެ.
އޮފިޝަލުންނާ ހަވާލާދީ އިންޑިޔާގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެގްޒިބިޝަނުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ލިބުނު ގެއްލުން 200 މިލިނަށް އިންޑިއަން ރުޕީސް (2.8 މިލިއަން އެމެރިކާ ޑޮލަރު) އަށްވުރެ މަތިވާނެއެވެ.