އިންޑިޔާގައި ބަޑިބޭހުގެ ތަކެތި އުފައްދާ ފެކްޓަރީއެއް ގޮވައި 15 މީހުން މަރުވެެއްޖެ

ބަޑިބޭހުގެ އުފެއްދުންތައް ގޮވުމުގެ ސަބަބުން ބިމާ ހަމަވި ފެކްޓަރީ

އިންޑިޔާގެ ދެކުނުގައި ބަޑިބޭހުގެ ކުޅިވަރަށް ބޭނުންކުރާ ތަކެތި އުފައްދާ ފެކްޓަރީއެއްގައި ބާރުގަދަ ގޮވުމެއް ގޮަވުމުގެ ސަބަބުން 15 މީހުން މަރުވެ، 20 މީހުން ވަރަށް ބޮޑަށް ފިހިއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

ޓެމިލްނާޑޫގައި ވެރިރަށް ޗެންނާއީގެ ދެކުނުން 520 ކިލޯމީޓަރު ދުރުުގައި އޮންނަ ވިރުދުނަގަރް ޑިސްޓްރިކްޓްގެ އަޗަންކުލަމް އަަވަށުގައި ހިނގި މިހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ކައިރި އަވަށްތަކުގެ ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމުުގައި ފުލުހުންގެ ފަރާތުން ވާހަކަދެއްކި އޮފިސަރު ރާޖް ނާރަޔަނަން މައުލޫމާތު ދިނެވެ.

މަދޫރާއި ސަރަހައްދުގެ ޑެޕިއުޓީ އިންސްްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އެސް ރާޖެންދްރަން ވިދާޅުވި ގޮތުގައި މި ހާދިސާގައި މަދުވެގެން 15 މީހަކު ވަނީ މަރުވެފައެވެ.

އަނދާފައިވާ 11 މީހެއްގެ ހަށިގަނޑު ފެކްޓަރީ  ތެރެެއިން ފެނިފަައި ވާއިރު، އިތުރު މީހުން މަރުވެފައި ވަނީ ސައްތޫރް ގަވަމެންޓް ހޮސްޕިިޓަލަށް ގެންދިޔަ ފަހުންނެވެ. ފުލުުހުން ބުނީ އަދައިގެންދިޔަ މީހުންގެ ހަށިތައް ދެއްޔަށް ވެފައިވާތީ އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމުގައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ވެއްޓިފައިވާ 'ސްރީ މާރިޔައްމަން ފަޔާވާކްސް' ފެކްޓަރީގެ އިމާރާތުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ތިބުން ވަރަށް ގާތެވެ.

"ހަދިސާ ހިނގިއިރު ފެކްޓަރީގައި ފަންސާހެއްހާ މީހުން މަސައްކަތްކުރަމުން ދިޔަ." ޑިސްޓްރިކްޓް ފަޔާ އޮފިސަަރ ގަނޭސަން މައުލޫމާތު ދިނެވެ.

އަލިފާންނިވާ މީހުން މައުލޫމާތު ދިން ގޮތުގައި ފެކްޓަރީގެ ދިހަ ކޮޓަރިއެއް ވަނީ ބިމާ ހަމަވެފައެވެ. ފެކްޓަރީ ހުރި އަވަށުން ޚަބަރު ލިބޭ ގޮތުގައި ބަޑިބޭހުގެ ކުޅިވަރުގައި ބޭނުންކުރާ ތަކެތި އެ ފެކްޓަރީގައި ރައްކާކޮށްފައި ހުރި 6 ކޮޓަރި، ކޮޓަރިއަކަށް ފަހު ކޮޓަރިއެއް ގޮވާފައެވެ.  

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މިހާދިސާގައި މަރުވި ކޮންމެ މީހެެއްގެ އާއިލާއަށް 2 ލައްކަ ރުޕީސް (42 ހާސް 400 ދިވެހި ރުފިޔާ) އަދި ބޮޑަށް އަނިޔާވި ކޮންމެ މީހަކަށް 50 ހާސް ރުޕީސް (10 ހާސް 600 ދިވެހި ރުފިޔާ) ޕްރައިމް މިނިސްޓާސް ނޭޝަނަލް ރިލީފް ފަންޑުން ދިނުމަށް ނިންމެވިކަން އިއުލާންކުރައްވާފައެވެ. އަނެއްކޮޅުން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު އެޑައްޕަޑީ ޕަލަނިސްވާމީ ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 3 ލައްކަ ރުޕީސް (63 ހާސް 600 ދިވެހި ރުފިޔާ) އަދި ބޮޑަށް އަނިޔާވި ކޮންމެ މީހަކަށް 1 ލައްކަ ރުޕީސް (21 ހާސް 200 ރުފިޔާ) ދިނުމަށް އެ ސްޓޭޓުން ނިންމާފައިވާ ކަން ފާހަގަކުރައްވާފައެވެ.

ބަޑިބޭހުގެ ކުޅިވަރުގައި ބޭނުންކުރާ ތަކެތި އުފެއްދުމަކީ އިންޑިޔާގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިއެކެވެ. އަދި ގަވާއިދާ ޚިލާފަށް ހިންގާ މިފަދަ ވިޔަފާރިތައް ގިނަވެ އޭގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. އެއީ އެފަދަ ތަންތަނުގެ އުފެއްދުންތައް ހަގުހެޔޮ ވީމަވައެވެ.

އިންޑިޔާގައި ކައިވެނި ޕާޓިތައް ފަދަ ހަފުލާތަކުގައި ހަވާއެރުުވުން ފަަދަ ބަޑިބޭހުގެ ކުޅިވަރު ކުޅުމަކީ އާއްމު ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.