ނިއުދިއްލީގެ ހޮޓަލެއްގައި ރޯވެ 17 މީހުން މަރުވެއްޖެ

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ކަރޯލް ބާޣު ސަރަހައްދުގައި ހުންނަ ހޮޓަލެއްގައި އަލިފާން ރޯވެ 17 މީހުން މަރުވެއްޖެއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އަދި ދެ މީހަކު މަރުވީ އަލިފާންގަނޑުން ސަލާމަތްވާންވެގެން ޓެރެސް މަތިން ފުންމާލުމުންނެވެ.

ދިއްލީގެ އެންމެ ތޮއްޖެހިފައިވާ އެއް އަވަށުގައި ހުރި އަރްޕިތު ޕެލެސް ހޮޓަލުގައި ރޯވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

ފުލުންހުނާއި، އަލިފާންނިވާ މީހުން ޔަގީންކޮށްދޭ ގޮތުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 17 އަށް އަރާފައި ވާއިރު، 6 މީހަކު ވަނީ ޒަޚަމްވެފައެވެ.

ދިއްލީގެ މެދުތެރޭގައި ބަޖެޓު ހޮޓެލްތައް ގިނަ ސަރަހައްދުގައި ހުރި އެ ހޮޓަލުގައި ރޯވެފައި ވަނީ ފަތިހު 4:30 ހާއިރުއެވެ. އަދި އަލިފާން ރޯވި ޚަބަރު ލިބުމާއެކު އަލިފާން ނިވާ 24 ފަޔާބްރިގޭޑް އެ ސަރަހައްދަށް ދިޔަ ނަމަވެސް، އަލިފާން ރޯވެފައިވާ ހިސާބު މަތިކަމުން ހަރުގަނޑުތައް ބަހައްޓައިގެން އެ ހިސާބަށް އެރުނީ ބައި ގަޑިއިރު ފަހުންނެވެ.

ހޮޓަލުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި 65 ކޮޓަރީގެ އެ ހޮޓަލުގައި ތިބި 150 މީހުންވެސް އެވަގުތު ތިބީ ނިދާފައެވެ. އަދި އަލިފާން ރޯވި ސަބަބެއް ނޭނގެއެވެ.

"ހޮޓަލަށް ހުއްދަ ދީފައި އޮތީ ހަތަރު ފަންގިފިލާ ހަދަން. އެމީހުން ވަނީ އެއަށްވުރެ މަތީގައި ޓެރެސްއަކާ ބަދިގެއެއް ހަދާފައި. މިއީ ފަރުވާކުޑަކަން. ތަހުގީގު ކުރިއަށް އެބަދޭ. ކުށްވެރިވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން." ހޮޓަލުގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ދިއްލީގެ ހޯމް މިނިސްޓަރު ސަތިޔަންދްރަ ޖޭން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.