ތިމާވެއްޓަށް އަޅައިނުލައިފިނަމަ ކުރިއަށްއޮތް ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމަށް ހުރަސްއެޅިދާނެ: ރައީސް

ރާއްޖޭގެ ތިމާވެއްޓަށް އަޅައިނުލައިފިނަމަ ކުރިއަށްއޮތް ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެޅިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދުފެށި ތިމާވެށީގެ ޙަރަކާތް "ގޯ ގްރީން" އިފްތިތާހު ކޮށްދެއްވުމުގެ ޙަރަކާތުގައެވެ. މި ޙަރަކާތަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން ފެށި ޙަރަކާތެވެ.

ރައީސް ވިދާޅުވީ ކްލީން މޯލްޑިވްސްއަކީ ކިތަންމެ ހަނގު ޖަމިއްޔާއެއް ކަމަށްވިޔަސް އެޖަމިއްޔާއިން ތިމާވެއްޓަށް ކޮށްދެއްވަމުން ގެންދަވަނީ ފާހަގަކޮށްލެވޭ ޚިދުމަތެއްކަން މިއަދުގެ ޙަރަކާތުން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. "ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި މިކުރާ މަސައްކަތުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކްލީން މޯލްޑިވްސްގެ ފަރާތުން ކުރަމުން އެބަގެންދޭ،" ރައީސް ވިދާޅުވިއެވެ. މިފަދަ އިތުރު މަސައްކަތްތަކެއް އެޖަމިއްޔާއިން ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޙަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައެވެ. މިޙަރަކާތުގައިވަނީ އެއްހާސް ގަސް އިންދައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 500 ރުކާއި 500 މަގޫގަހެވެ. މި ޙަރަކާތުގައި އެޗުޑީސީއާއި ސަރުކާރުގެ ބައެއް އޮފީސްތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެ ގަސްއިންދައިފައެވެ.

ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ މިޙަރަކާތުގައި އެޗުޑީސީގެ ނާސަރީއަށް ވެސް 500 ރުކާއި ހަމަ އެ ޢަދަދަށް މަގޫގަސް ހަދިޔާކޮށްދީފައެވެ. އަދި ބެނެފިޓް، ނަމަކަށްކިޔާ ޖަމިއްޔާއަކުންވެސް ވަނީ 11 ހިތިގަހާއި 6 އޯކިޑް ގަސް އެޗްޑީސީއަށް ހަދިޔާކޮށްފައެވެ.

މިޙަރަކާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ރުކެއް އިންދަވައި ދެއްވައިފައެވެ. އަދި އެމަނިކުފާނުވަނީ ކްލީން މޯލްޑިވްސް އިން ރާއްޖެއަށް އަލަށް ތަޢާރަފުކޮށްފައިވާ ތިމާވެއްޓާ ރައްޓެހި "އިކޯ ފްރެންޑްލީ ބޭގް" ވެސް އިފްތިތާޙު ކޮށްދެއްވައިފައެވެ. އެ ޖަމިއްޔާގެ ފަރާތުންވަނީ އޭގެ ކޮތަޅެއް ރައީސަށް ހަދިޔާ ކުރައްވައިފައެވެ. ކޮތަޅު ހަދިޔާކޮށްދެއްވީ ކްލީންމޯލްޑިވްސްގެ ރައީސާ ޢާއިޝަތު މަލީހާ ޒަމީނާއި، ނާއިބު ރައީސާ ރައުނާ ޢަލީ ޝަރީފެވެ.

މިއީ ހުޅުމާލެ ފޭސް ދޭއްގައި މީހުން އާބާދު ވުމުގެކުރިން އެތަން ފެހިކުރުމަށް ކްލީން މޯލްޑިވްސްއިން ހިންގި ޙަރަކާތެކެވެ. ތިމާވެއްޓާ ގުޅުންހުރި މިފަދަ އިތުރު ޙަރަކާތް ހިންގުމަށް އެޖަމިއްޔާއިން ވަނީ ރާވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.