ވޯލްޑް ބޭންކުން ރާއްޖެއަށް ދިހަ މިލިއަން ޑޮލަރުދީފި: ރައީސް

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. އެގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު މިހާރުވަނީ ދިވެހިރާއްޖެއަށް ދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ދަރުބާރޫގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުން ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އިގްދިސާދު ވަރަށްބޮޑަށް ހީނަރުވަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ހީނަރު ކަމުގެ ސަބަބުން އެހެން ވިޔަރިތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ބޮޑަށް ކުޑަކުރެވޭތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެބަލިން ސަލާމަތްވުމަށް ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނޭކަން ގަބޫލުކުރައްވާ  ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. "މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ޢާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސް އެޅޭކަން އަޅުގަނޑަށް ވެސް އެނގޭ. ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވަންވީ، މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަން. އަދި ހާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިހާރުވެސް މިއަންނަނީ އަޅަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ކަމުގައި މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ، މި ބަލި ފެތުރިދާނެ އެންމެހައި ދޮރުތައް ބަންދުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.