ސަރުކާރުގައި ތިއްބަސް އެތިބެވެނީ ރައްޔިތުންގެ މަޤާމްތަކެއްގައިކަން ހަނދާން ކުރަންޖެހޭ: ޓޫރިޒަމް މިނިސްޓަރ

މިނިސްޓަރ ޢަލީ ވަޙީދު: ފޮޓޯ މޯލްޑިވްސް ޓައިމް

ސަރުކާރުގައި ނުވަތަ ކައުންސިލެއްގައި ތިބިކަމަށްވިޔަސް އެތިބެވެނީ ރައްޔިތުންގެ މަގާމުތަކެއްގައިކަން ހަނދާން ކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު (ބަލަކް) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަގާމުތަކެއްގައި ތިބޭއިރު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެމީހުންނާ އެއްކޮށް ބައިވެރިވެގެން ޚިދުމަތްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ދެކެންޖެހޭ ކަމަށެވެ. ކައުންސިލްތަކުން ވެސް ކަންކަން ނިންމާއިރު އެންމެ ފުރަތަމަ ރައްޔިތުންނާ މަޝްވަރާ ކުރަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއާއެކު އެމީހުންގެ ބައިވެރިވުމާއެކު ނިންމޭ ކޮންމެ ނިންމުމެއް ވެގެންދާނީ ރައްޔިތުންނަށް އޭގެ މަންފާއާއި ބާރުވެރިކަން ލިބިގެންދާނޭ ނިންމުމަކަށް ކަމަށެވެ.

" ﷲ އިރާދަކުރެއްވިއްޔާ ފެށިގެން މިދާ އައުއަހަރު ލާމަރުކަޒީ ޤާނޫނުގެ ބާރުވެރިކަމާ އެއްކޮށް ޖަރީޒާ ރާއްޖޭގެ ފުރަތަމަ ބަޖެޓާ އެއްކޮށް ދިވެހިރާއްޖެ ބަދަލުވެ އިންގިލާބީ ބަދަލަކަށްދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ނާރެހަކީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގައި ޢާއްމު ރައްޔިތުން މުއްސަނދިކުރުވާ ސިނާޢަތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "މިސިނާޢަތް ޕްރޮޓެކްޓް (ހިމާޔަތް) ކުރުމަކީ ވެސް ދިވެހިރައްޔިތުން މިއަދު ޢަޒުމް ކަނޑައަޅަންވީ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބާރުވެރިކަން ފެށިގެން އަންނަނީ އެމީހަކާ ހިސާބުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑު ދެކޭގޮތުގައި ބާރު ފެށިގެން އަންނަނީ ތިމާއާ ހަމައިން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ބާރުގަދައީ ރައްޔިތުންގެ ބާރު ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އެބާރު ބޭނުން ކުރުމުގައި އަޅުގަނޑުމެން އަޒުމް ކަނޑައަޅަންޖެހޭ ބާރަކީ ބައިވެރިވުމާއެކު ބޭނުން ކުރަންޖެހޭ ބާރެއް. ކައުންސިލްތަކަށްވެސް މިނިސްޓްރީތަކަށް ވެސް މިއޮންނަ ބާރުތަކުގައި އެންމެ ފައިދާހުރި ގޮތަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ބާރުގެ ބޭނުންކުރުން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.