ބޯޑަރު ހުޅުވާލުމާއެކު 50 އިންސައްތަ ރިސޯރޓް ހުޅުވާލާނެކަމަށް ބެލެވޭ: ޓޫރިޒަމް

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރ ހުޅުވާލުމާއެކު ރާއްޖޭގެ 150 އެއްހާ ރިސޯރޓްގެ ތެރެއިން 50 އިންސައްތަ ރިސޯރޓްގެ ޚިދުމަތް ފަށާނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ބޯޑަރ ހުޅުވާލާ ތާރީޚް އިޢުލާން ކުރެއްވުމުގެ ކުރިންވެސް 41 ރިސޯރޓެއް ހުޅުވާލާނެ ކަމުގެ ޔަޤީންކަން ދެއްވައިފައިވާއިރު ބޯޑަރު ހުޅުވާ ތާރީޚް އިޢްލާން ކުރިފަހުންވެސް 30 ރިސޯރޓެއް ހުޅުވާލާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށެވެ. އުއްމީދު ކުރައްވަނީ ރާއްޖޭގެ ރިސޯރޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ރިސޯރޓް ޖުލައިމަސް ތެރޭގައި ހުޅުވާނެކަމަށް، ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބައެއް ރިސޯރޓްތައް ސެޕްޓެމްބަރ އޮކްޓޫބަރ ހިސާބުވެސް ހުޅުވާލާނެކަމަށް ވިދާޅުވެފައިވާކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބޯޑަރު ހުޅުވާލުމުން އެ ރިސޯރޓްތައްވެސް ހުޅުވުން އަވަސް ކުރާނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ. 

ގެސްޓް ހައުސް ތަކުން ވެސް ޖުލައި މަސްތެރޭގައި ހުޅުވާލަން ބޭނުންވި ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގެސްޓް ހައުސްތައް ހުޅުވުން އޯގަސްޓަށް ފަސްކުރެވުނީ ޓެގް ޓީމުގެ ލަފާގެ މަތިން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ. ގިނަބަޔަކު ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވަމުން ދިއުމާއިއެކު، ރަށްރަށުން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނުމުގެ ފުރުޞަތު އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ފަސް ސަރަޙައްދެއް ކޮވިޑަށް ފަރުވާ ދިނުމަށް ތައްޔާރީ ޙާލަތަށް ގެނެވިފައިވާ ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.